Support Us

ވާހަކަ: ޔުކްތާ – އެޕިސޯޑު 2

"ބޭބެ ފަޔަށް ކިހިނެއްވީތަ؟"

"ނޭނގެ. ހިނގާފައި އަންނަނިކޮށް ހަމަ ކުއްލިއަކަށް ވީގޮތެއްމީ. ދެން ލަސްނުކޮށް އަވަހަށް ތެޔޮފުޅި ގެނެސްދީ."

"އަން މިއޮތީ." ޔުކްތާ ތެޔޮފުޅި ދިއްކޮށްލިއެވެ.

"ބޭބެގެ ފައިގައި ތިއުނގުޅައެއް ނުދޭނަންތަ؟" މަޑުމަޑުން މުންޑު މައްޗަށް ނަގަމުން ރިހޭފައި އޭނާ ދެއްކިއެވެ.

"ޔުކްތާ ޚިޔާލެއް ނެތި ތެޔޮ އުނގުޅައިދިނެވެ. މިކަމުގެ ނުބައި ފައިދާ ނަގަން ރާވަމުން ދިޔަ ރައޫފު މަޑުމަޑުން މުންޑު ހިއްލަމުން ދިޔައެވެ. ރައޫފުގެ ޝައިތޯނީ ކަރު ހިއްކުމަށް ފިނި ރާހަތެއް ހޯދުމަށެވެ. ޔުކްތާއަށް އޭނާގެ ވަޚުޝީކަން ކުއްލިއަކަށް އިހުސާސް ކުރެވުނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެ ފިރިހެންމީހާގެ އަމަލު ތަކުން ނުރައްކާތެރި ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް ކުރެވުނެވެ. އަދި އިސާހިތަކު ނޫން ކަމަށް ހަދައި ބޭރަށް ނިކުތެވެ. ނަމަވެސް މިކަމެއް އޭނާގެ މަންމަ ގާތަކު ނުބުނެއެވެ. އަދި ދިވެހި ގިނަ ކުދިން ފަދައިން މާ ބޮޑު ކަމަކަށް ނުހަދައި އެކަން ސިއްރު ކޮށްފިއެވެ.

"ކަލޭމެންނަށް އަދި ހޭއަރުވާލާނަން. ދެން ފެންނައިރަކުން ގާބުރިއަކުން ލަޑާނަން." ކުދިން ތަކަކާއި ދިމާއަށް މަރީ ވަރަށް ރުޅިއަސްގެން ހުރެ އެއްޗިހިކިޔެވެ.

"ދެން އަޅާނުލާ." ކުނިތައް އުކާލާފައި އަންނަނިކޮށް  މިމަންޒަރު ފެނުމުން ޔުކްތާ ހަމައެކަނި ވާހަކަ ދައްކާ މަރީ އާއި ދިމާއަށް ބުންޏެވެ.

"އެމީހުން މިއަދު ހެނދުނުން ފެށިގެން އުޅުނީ މަ ގެންދާނަމޭ ކިޔައިގެން. މަ ލައްވާ ރުކުން ކިހާއް އެޅުވީ. މަ ދިޔައީ ރިހާކުރު ގަންނަންވެސް. އެންމެ ފަހު ވަގުތު އެ ނަސްމާ ބުނެގެން މަ ނުގެންދިޔައީ. އަދި ބަހައްޓާފައި ހިނގައިދާނެތީ ސައިނުބޮއި އައީވެސް." އަދިވެސް އޭނާ ރުޅިމަޑެއް ނުވެއެވެ. މި އެކަހެރި ކޮށްލުމަކީ މަރީއަށް ވަރަށް ގިނައިން ކުދިން ހަދާގޮތެކެވެ.

"މިތާ މަޑުކުރޭ އިގޭ. އަހަރެން އަންނާނަން އެއްޗެއް ހިފައިގެން." ޔުކްތާ މަރީއަށް ހަމްދަރުދީ ވެވުނެވެ. އޭނާ ދުވެފައި ގޮސް ހުނި ރޮއްޓެއްގައި ރިހާކުރު ކޮޅެއް އުނގުޅައިގެން ގެނައެވެ. ބަނޑުހައިވެފައި ހުރި މަރީ އަވަސް އަވަހަށް އެ ކާލިއެވެ.

"ކޮބާ މިއަދު ރިފްގާ." އެއީ މަރީއާއި އެކު ބައެއް ފަހަރު އުޅޭ ކުއްޖެކެވެ.

"އޭނާ ވާހަކަ ނުދައްކާ. އެއީ ވަރަށް ގޯސް ކުއްޖެއް. މިއުޅޭ ކޮރު މޫސަ ބައިވަރު ސުޕާރީއާއި ކޯކު ދޭނަމޭ ބުނީމަ އެގެއަށް ދިޔައީ. އެކުއްޖާ އަށް ވަރަށް އަނިޔާ ކޮށްފަޔޯ ހުރީ. ހެދުމުގައި ބައިވަރު ލޭ ހުރީމަ އެކުއްޖާ ބައްޕަރުޅި އައިސްގެން ކޮރުމޫސައަށް ހަޅޭއްލެވީ. އަދިއޮފީހަށްވެސް ގެންދިޔަ. އެކަމަކު މިއަދު އެމީހާ މަސްބާނަން މިތާހުރި."  މަރީ ކިޔައިދިނެވެ. މަރީގެ ހިތުގެ ޝަކުވާއަކީ އެނުބައި މޫސަ ބަންދު ނުކުރީމައެވެ. އެމީހާއަށް އަދަބު ނުދިނީމައެވެ. މާދަމާ އޭނާގެ ކޮއްކޮއަށް އެހެން ނުހަދާނެ ކަމުގެ އިތުބާރެއް ނެތް މީހެއް މިނިވަންކަމާއެކު އުޅެން ދޫކޮށްލީމައެވެ. އެ ކުޑަކުއްޖާއަށް މައްސަލަތައް ނިމޭގޮތާއި ބޭއިންސާފުން ނިޔާ އިއްވޭ މައުލޫމާތެއް އެނގިފައެއްނެތެވެ.

"ކޮންތާކު އެމީހާ ޖެހީ؟ ސުޕާރީއާއި ކޯކު ދީފައި ކީއްވެ އެމީހާ ތޮޅުނީ؟" ޔުކްތާގެ ނޭނގޭ ސިކުނޑިއަށް އެވާހަކަ ގަބޫލެއް ނުކުރެވުނެވެ. ކުޑަކުދިންނަށް ގޯނާކުރާ މީހުން އެކުދިންނަށް ހަދިޔާ ދީ ގާތް ކުރެއެވެ. އެކަމަކު ޔުކްތާގެ ހޭލުންތެރި ކަމެއް ނެތުމުން މިކަމެއް ނޭނގެއެވެ.

"ނޭނގެ. އަހަންނަށްވެސް އަޑުއިވުނީ ބަޔަކު އެވާހަކަ ދައްކަނިކޮށް." މަރީ ދޮގުހެދީއެވެ. އޭނާ އެކަހަލަ ވާހަކަ ދައްކަން ފޫހިވެއެވެ. އެވަރަށްވެސް ބުނެވުނީ ޔުކްތާ އޭނާއަށް ރަނގަޅުވީމައެވެ.

"މާދަން އަހުރުމެން ގެއަށް އަންނައްޗޭ އިނގޭ. ބައިވަރު ހެދުންތަކެއް ހުންނާނެ. މަންމަ ގާތު އަހާލާފައި މަރީއަށް ދޭނަން." ޔުކްތާގެ ރީތި ގިނަ ހެދުން ތަކެއް މިހާރުވެސް ނުލާ އެބަހުއްޓެވެ. އޭނާ އެއިން ހެދުން ކޮޅެއް މަރީއަށް ދޭން ބޭނުންވެއެވެ.

"މިރޭ ބޯޓުން މިއުޅެނީ މާލެ ދާން. ދޮންބައްޕަ މިނިވަން ވެގެން މަންމައާއި އެންމެން ގޮވައިގެން ދަނީ." މަރީ ދާހިތް ނުވިއަސް ދާން މަޖުބޫރެވެ. މިރަށުގައި އޭނާ ބަލާނެ އެހެން މީހަކު ނެތެވެ.

"އޭރުން އަހަރެން ވަރަށް ފޫހިވާނެ." ޔުކްތާ ހަމައެކަނި ވާހަކަ ދައްކާލާ ގާތްކަން ބާއްވާ މަރީ ދާތީ ދެރަވިއެވެ.

ރައޫފު ނައިސް ހުރެ ދެހަފްތާ ފަހުން ދަނޑިވަޅު ބަލާފައި އަނެއްކާވެސް އެނިޔަތުގައި ޔުކްތާ ގާތަށް ހިނގައްޖެއެވެ. ޗުއްޓީ ދުވަސްކޮޅުކަމުން ޔުކްތާ އިނީ ޓީވީ ބަލާށެވެ. އަބަދުވެސް މީހުން ނުވަންނަ އެގޭގެ ފެންޑާގައި އޭނާ އިނީ އެކަންޏެވެ. ބޭރުން މީހަކު ސަލާން ގޮވާލުމުން ނަފީސާ ދިޔައީ ބޭރަށެވެ. އެހެންކަމުން ރައޫފުގެ ރޭވުމަށް އިތުރު ފަސޭހަ ކަމެއް ލިބުނެވެ. އެއީ  ނަފީސާ ޓީވީ ބަލަން ނައިސް ދެން ދާނީ ނިދަންކަން ރައޫފަށް ޔަގީން ވާތީއެވެ. ޔުކްތާއަށް ވަނީ ރޯގާޖެހިފައެވެ. އޭނާގެ ނޭފަތުން އަރިދަފުސް ފައިބާތީ އިރުއިރުކޮޅާ ނޯއްދަމާލައެވެ.

"ކޮއްކޮ ރޯގާ ޖެހުނީދޯ، ގެނޭ ބޭބެ ނޭފަތް ފޮޅާލަދޭނަން." ޔުކްތާއާއި ޖެހިގެން ހުރި ގޮނޑީގައި ރައޫފު އިށީނެވެ.

"އައްޗީ އަހަރެންނަށް އެކަނި ފޮޅަން އެނގޭ." އޭނާ މިހާރު ރައޫފު ދެކެ ފޫހިވެއެވެ.

"އާދެބަލަ." އޭނާ ޔުކްތާގެ ކުޑަކުޑަ އަތުގައި ހިފާ އޭނާގެ ގާތަށް ގެނައެވެ. ޔުކްތާ ސަލާމަތްވޭތޯ ގަދަހެދިއެވެ. ނަމަވެސް އެބާރުގަދަ ރައޫފުގެ އުނގުތެރެއަށް އެކުޑަކުޑަ ޔުކްތާ ލާ އޭނާގެ ހަށިގަނޑުގައި ފިރުމަން ފެށިއެވެ. އެމީހާގެ އަތް ޚާއްޞަކޮށް ޔުކްތާގެ މޭމަތީގައި ހަރަކާތްކުރަން ފެށިއެވެ. އޭނާވަނީ ވަރަށް ހާސްވެފައެވެ. އަދި ބިރުވެސް ގެންފައެވެ. ކުއްލިއަކަށް ފޮޅުވާލާފައި ޔުކްތާ ބޭރަށް ދުއްވައިގަތެވެ. ހިނދުކޮޅެއްގެ ތެރޭގައި މިވީ ހުރިހާ ކަމެއް މަންމަ ގާތު ބުނެފިއެވެ. ނަމަވެސް ނަފީސާ ވަނީ ކުރިއްސުރެ ފެށިގެން ވެސް ރައޫފާ ނުހަނު ހިތާވެފައެވެ. ރައޫފުގެ އޯގާތެރިކަމާއި އަޅާލުމާއި އޭނާގެ ރަނގަޅުކަން ފިޔަވައި އިތުރުއެއްވެސް ކަމެއް އޭނާއަކަށް ފާހަގައެއް ނުކުރެވުނެވެ. މިހުރިހާ ކަމެއްވީ ރައޫފުގެ ކުރިމަތީގައި ކަމަށްވުމުން އޭނާއަށް ލިބުނީ އިތުރު ހިތްވަރެކެވެ. އޭނާގެ މަކަރުވެރި ރޭވުމުގައި ދެމައިން ޖެއްސުމަށް ލިބުނު ބާރަކަށެވެ.

ޔުކްތާގެ ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ. ރޭގަނޑުގެ އަނދިރީގައި އޭނާ ދުވެފައި އަޒީދައްތަމެން ގެއަށް ދިޔައެވެ. ގެހުރީ ފަޅަށްކަން އެނގިހުރެވެސްމެއެވެ. އެގެއަކީ ހަމައެކަނި އޭނާގެ އިހުސާސްތަކާއި ވޭން ދަނެގެންގެއެވެ. އަޒީދައްތައަކީ އޭނާގެ އެކަނިވެރިކަމާއި ހިމޭންކަން ފިލުވައިދިން މިދުނިޔޭގައި ހުރި ހަމައެކަނި މީހާއެވެ. ކަނުއަނދިރީގައި ބިރުގެ އެއްވެސް ކަންފުޅެއްނެތި އޭނާގެ ހުރިހާ ހިތާމައެއް ކަރުނަތަކެއްގެ ސިފައިގައި ހިމޭންކަމުގެ ތެރެއަށް ހިފެހެއްޓުމެއްނެތި ބޭރުވެގެން ހިނގައްޖެއެވެ.

ބައްޕަ އާދައިގެ މަތިން ބޮޑުކަންލި ބޭނުމަށްޓަކައި ވީއެހެން އަތޮޅެއްގައެވެ. އެހެންޏާ އަބަދުވެސް ބައްޕަ ހޯދާނެ ކަމުގެ ބިރެއް މިރެއަކު ޔުކްތާގެ ނެތެވެ. ކިތަންމެ ލަސްވިޔަސް މަންމަ ހޯދަން ނާންނާނޭކަން އޭނާއަށް އެނގެއެވެ. އޭނާއަށްވުރެ ބޮޑަށް މަންމަ ރައޫފަށް އިތުބާރު ކުރެއެވެ. އެވާހަކަ މަންމަގާތު ދެއްކުމުން މަންމަ ހުރީ ރުޅިއައިސްފައިކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ގެއަށް ދާންނުކެރި ހުރެފައިނަމަވެސް ހިނގައިގަތީ ގެއަށް ދިޔުމަށެވެ. މުޅި ރަށްވަނީ ފުންނިދީގައެވެ. އޭނާއަށް ގެއަށްދެވުނީ އެގާރަ ޖަހަނިކޮންނެވެ. ސިއްރުސިއްރުން އޭނާ ގެއަށް ވަނެވެ. ހިމޭން ކަމުގެ ތެރޭން މަޑުމަޑުން ބަޔަކު ހޭއަޑަށް އޭނާ ސިހިއްޖެއެވެ. އެއީ ކޮންބައެއްގެ ސަކަރާތެއްކަން ބެލުމުގެ ޝައުގުވެރިކަން  އުފެދުނީ އެއްވެސް ސަބަބެއްނެތިއެވެ. ދެލޯބޮޑުވެ މުޅިހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައީ މަންމައާއި ރައޫފުގެ ނިވާކަމެއް ނެތް ހަށިގަނޑުގެ ގައިގޯޅިކަން ފެނިފައެވެ. ފައިން ވާގިދިއުމާއި ގައިންބާރު ހުސްވެގެން ދިޔައީ އެދެމީހުންގެ ހުނުމާއި ފިރުމުންތައް ދެކެފައެވެ. ބޮލަށް އެނބުރުން އަރާ ވެއްޓެން އުޅޭހެން ހީވާތީ އޭނާ އަވަހަށް ދިޔައީކޮޓަރިއަށެވެ.

އޭނާ ކިތަންމެ ކުޑަނަމަވެސް އެއީ ގޯސްކަމެއްކަން އެނގެއެވެ. ޚާއްޞަކޮށް އެމީހާ ޔުކްތާއާއި ކުރާ އުނދަގޫތަކުން އޭނާއަށް އުޅެންވެސް އުނދަގުލެވެ. ނަމަވެސް މަންމަ ރުހިގެން އެމީހާއާއި މާގާތްކަން ބާއްވާކަން އެނގުމުން އެކުޑަކުޑަ ޔުކްތާގެ ހިތް ފަޅައިގެން ދާހާވެއެވެ. އޭނާގެ ވާހަކަތައް އަހާނެ މީހަކު ނެތްކަން ޔަގީންވެ އެކަނިވެރި ވެއްޖެ ކަމުގެ އިހުސާސް އޭނާއަށް ކުރިއެވެ.

މިހާރު ޔުކްތާ ބިރުގަނެއެވެ. ނިދަން އުނދަގޫވެއެވެ. ނިދާފައި އޮންނައިރު އެނދަށްވެސް ހީސްލެވެއެވެ. ގިނަވަގުތު އަނދިރީގައި ހޭދަކުރެއެވެ. އަވަސް އަވަހަށް ރުޅި އާދެވެއެވެ. ގިނަގިނައިން ފެންވަރައެވެ. މިބަދަލާމެދު އޭނާގެ މަންމަ ކީ އެއްޗިއްސެވެ. ބައްޕަ ކުރީ އަނިޔާއެވެ. އެއްވެސް މީހަކަށް މިއީ އޭނާ ގަސްދުގައި ހަދާގޮތެއް ނޫން ކަމެއްކަން ގަބޫލެއް ނުކުރެވުނެވެ. އޭނާއަށް ޖިންސީ އަނިޔާތަކެއް ލިބެމުން ދަނީކަމެއް އިހުސާސެއް ނުކުރެވެވުނެވެ. ޖިންސީ އަނިޔާ ލިބޭކުދިން ދެނެގަންނާނެ އަލާމާތްތަކަކީ މިއީކަމެއް ނޭނގެއެވެ. ރާއްޖޭގައި ތިބި މިކަހަލަ ގިނަކުދިން ފަދައިންނެވެ.

ނަމަވެސް ޔުކްތާ މަންމައަށް ކުރަމުން އައި އިހުތިރާމާއި ލޯބި ހިނދު ކޮޅަކަށްވެސް ބީވެގެން ނުދެއެވެ. އަދި ހަމަ އެހެންމެ މަންމަގެ ބަލި ދިޔައީ ކުރިއަށް ވުރެންވެސް ގޯސްކޮށް ކަމުން ޔުކްތާ މަންމައަށް އެހީތެރިވަމުން ދިޔައީ ކުރިއަށް ވުރެވެސް ބޮޑަށެވެ. ނަމަވެސް އޭނާގެ ދިރިއުޅުން ވަނީ ހައްލުކުރަން އުނދަގޫ މައްސަލަގަނޑެއްގެ ތެރޭގައެވެ. އަދި މިހާރަކަށް އައިސް ރައޫފުގެ ޢަމަލުތައް ހުންނަގޮތުން ބިރުގަނެއެވެ. ނިދަން ލިބޭ ވަގުތުކޮޅު ރަނގަޅަކަށް ނުނިދެއެވެ.  އޭނާގެ ބައްޕައަށް އެވާހަކަތައް ކިޔައިދީފިނަމަ ވެދާނެ ގޮތެއް ނޭނގޭތީ ބުނާކަށްވެސް ނުކެރުނެވެ. ބައްޕައަކީ ރުޅި ގަދަ މީހެކެވެ. މަންމަ ރައޫފުގެ ހަޑިމުޑުދާރު ޢަމަލުގެ ވާހަކަ ގަބޫލުނުކުރި އިރު ބައްޕަ ވަކި ގަބޫލު ކުރާނެ ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި މަންމައާއި ރައޫފުގެ ގުޅުމުގެ ވާހަކަ ބައްޕަގާތު ބުނެފިނަމަ މަންމައަށް އިންތިހާއަށް އަނިޔާ ކުރާނެކަން އޭނާގެ ޅަވިސްނުން ގަބޫލުކުރުވައެވެ. މަންމަގެ ބަލިވުމުގެ އަސްލަކީ އެއީކަން އޭނާއަށް އިހުސާސް ކުރެވެއެވެ.

ކުއްލިއަކަށް މަންމަގެ ހާލު ދަށަށް ދާންފެށިއެވެ. އަނގައިން އަންނަން ފެށިލޭ މަނާނުވެ އެތެރެހަށްޓަށް އެތައް ވޭންތަކެއް ލިބުނެވެ. މިގޮތަށް ސިއްހީ މަރުކަޒުގައި ތިން ދުވަހު އޮތުމަށްފަހު ނިޔާވީއެވެ. ޔުކްތާއަށް ވަނީ ނުހަނު ފުން އަސަރެއް ކޮށްފައެވެ. ނުވަ އަހަރު ވަންދެން އެކު އުޅުނު މަންމަ ނުހަނު ބަލިހާލުގައި ލޯމަތިން ބީވީމައެވެ. މަންމަގެ ކެއްސުމާއި ވޭނާއި ކެކުޅުމުގެ އަޑު އޭނާގެ ކަންފަތުން ފިލައިގެން ނުދެއެވެ. މަންމަ ބަލި ނުވާއިރު ކޮށްދީފައިވާ މަސައްކަތްތަކާއި ކިޔެވުމަށް ވެދިން އެހީތަކާއި އެކީގައި ހޭދަކުރެވުނު ހިނދުކޮޅުތައް އޭނާއަށް ސިފަވަނީއެވެ. ނަމަވެސް ހިތްވަރު ކޮށްލައިގެން ހުރީ ރައޫފުގެ އުނދަގުލުން ސަލާމަތްވާނެތީ އުފަލުންނެވެ. އަދި އެ ދެ މީހުންގެ ފާފަކުރުން ހުއްޓި ގޭތެރެ އަމާން ވާނެތީއެވެ. މަންމައާއި ބައްޕަގެ ޒުވާބުކުރުމާއި ހަނގުރާމައިގެ އަޑުފަށްގަޑުން ސަލާމަތް ވެސް ވީތީއެވެ.

މަންމަ ނިޔާވުމަށްފަހު މަހެއްހާ ދުވަސް ޔުކްތާއަށް ދިޔައީ ވަރަށް ހިމޭންކޮށެވެ. ބައްޕަވެސް މަހަށް ނުގޮސް ޔުކްތާގެ ގާތުގައި ހުރެލުމަށްފަހު އަތްމަތި ދަތިވާތީ މަހަށްދާން ފެށިއެވެ. ކިތަންމެ ރުޅިގަދަޔަސް ޔުކްތާ އެކަނި ބެހެއްޓުމަށްފަހު ދާން އޭނާ ދެރަވެއެވެ. ކިތަންމެ ހިތް ހަރަސް ރޭގަނޑު ކުޑަ އަންހެން ކުއްޖެއް ނިދަން ބާއްވާފައި ދާކަށް އޭނާގެ ހިތްހަމައެއް ނުޖެހެއެވެ. ކިތަންމެ އެއްޗިހި ކިޔަސް ރޭގަނޑު ރަށުން ބޭރުގައި ހުރުމަކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް މަހަށް ނުގޮސް ދިރިއުޅުން ހަމަޖައްސާ ނުލެވޭނެތީ އޭނާ މަހަށް ދިޔައީއެވެ.

ޔުކްތާ ނިދަން އޮތީ ހުރިހާ ތަނެއް ތަޅުލައިގެންނެވެ. ނަމަވެސް ނިދި ޖެހެލިވަގުތު މީހަކު ގައިގާ އަތްލިހެން ހީވެގެން ސިއްސައިގެން ހޭލެވުނެވެ. އޭރު ހިޔަންޏެއްގެ ސިފައިގާ ހުރި މީހާ ހިނދުކޮޅެއްގެ ތެރޭގައި ރަނގަޅަށް ފެނި އެއީ ރައޫފުކަން ޔަގީންވެއްޖެއެވެ. ހަޅޭލަވަން ހުޅުވާލި އަނގަޔަށް ފޮތިގަނޑެއް ކޮށްޕާ ޔުކްތާގެ ދެއަތުގައި ރައޫފު ބާރަށް ހިފެހެއްޓީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެ ބާރުގަދަ އަތުގެ ތެރެއިން ސަލާމަތްވެވޭތޯ ގަދަ ހަދަމުން ދިޔަ ޔުކްތާއަށް ކާމިޔާބެއް ނުހޯދުނެވެ. އޭނާ ތެޅިފޮޅުނެވެ. އަނގައިން އަޑު ނުނިކުތް ނަމަވެސް ކަރުން ހަން ދާވަރަށް އޭނާ ހަޅޭއްލެވިއެވެ. ސަލާމަތަށް އެދި އާދޭސްކޮށް ރުޔެވެ. ރަހުމަތާ ހަމްދަރުދީއަށް އެދި އެދެލޮލުން ހޫނު ކަރުނަތައް ފޭބިއެވެ. ނަމަވެސް އެ އަޑުއަހާނެ އެއްވެސް މީހަކު ނުވިއެވެ. ޔުކްތާގެ ހެދުން އިރާލާ ޖަނަވާރެއް ފަދައިން އެ ނުލަފާ މީހާ ޔުކްތާގެ އިއްފަތްތެރިކަން ފޭރިގެންފިއެވެ. ހަށިގަނޑުގައި އެތައް ޒަޚުމު ތަކެއް އުފަން ކުރުވާފައެވެ. ރައޫފުގެ ހަށިގަނޑުގެ ހުރިހާ ބާރެއް ތޭރަ އަހަރުގެ ކުޑަކުޑަ ޔުކްތާގެ ދިރިއުޅުމުގެ ހުރިހާ އުންމީދެއް ކަފުން ކޮށްފައި ހެމުން ނުކުމެއްޖެއެވެ. ރޭގަނޑުގެ ހިމޭންކަމާއި އަމާންކަން ޔުކްތާގެ ވޭނީ އާހަށް ފުރަގަސް ދެމުންނެވެ. ކަނު އަނދިރީގެތެރޭގައި ބޮޑު ސިއްރެއް ގޮތުގައި ސިއްރު ކުރަމުންނެވެ.

(ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ވަރަށް ޝައުގުވެރިވާ ހިސާބަކަށް ގޮސް ނިންމާލާފައިވަނީ. ސިއްރު ފަޅާއަރާނީ ކިހިނަކުންބާވައޭ ހިތަށް އަރާ……

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *