ފޯޅަވަހި ހޯދާން އުޅެނީ، ރާއްޖެއަށް އޮންނަ ސައްތައިން ސައްތަ އިސްލާމީ ޝަރަފު ނައްތައިލާން ކަމަށް ބައެއް މީހުން ބުނާތީ ހިތާމަކުރަމެވެ. ފޯޅަވަހި ހޯދާން އުޅޭ ސަބަބަކީ، އިސްތިޢުމާރުގެ ކުރީގައި އެއީ، ދިވެހީންގެ ތަނެއް ކަމަށް ވާތީއެވެ. ތާރީޚީ ހެކިތަކުންނާއި ބައިނަލް އަގުވާމީ ހަމަތަކުންވެސް އެކަން ސާބިތުކުރެވޭން އޮންނާތީއެވެ!
އިސްތިޢުމާރުގެ ކުރީގައި ރާއްޖެ އޮތް ގޮތާއި އޭރު ރާއްޖޭގެ ސިޔާދަތުގައި ހިމެނޭ ތަނަވަސް އިމާއި އަތޮޅުތަކާއި ރަށްތަކުން ބައެއް ތަންތަން، އިސްތިޢުމާރީންގެ ގަދަބާރުގައި އަތުލައިގަތުމަށްފަހު، އެތަންތަން އަނބުރައި ރާއްޖެއަކަށް ނުދެއެވެ. އެ ތަންތަން ވަނީ އެހެން ގައުތަކަށް މިލްކުކޮށްދީފައެވެ. އަދި ބައެއް ތަންތާނގައި ވަކި ދައުލަތް ހަދައިދީފައެވެ. އެގޮތުގައި އިސްތިޢުމާރީން ވަނީ ރާއްޖޭގެ އިމުން އުނިކޮށްފައިވާ މިންވަރާއި އަތުލައިގެންފައި ނުދީ ހުރި ތަންތަން، ތާރީޚު ކިޔަވައި ނުދޭތީވެ އަހުރެމެންގެ ފަހުގެ ޖީލުތަކަށް އޮންނަނީ ނޭނގިއެވެ. އެފަދަ ތާރީޚީ ކަންކަން ރާއްޖޭގައި ކިޔަވައެއް ނުވެސްދެއެވެ.
އެހެން އެކަންކަން ހުރުމުން، އިސްތިޢުމާރީން ގަދަބާރުން އަތުލައިގަތް ހުރިހައި ތަނެއް އަނބުރައި އަހުރެމެނާ ހަވާލު ނުކުރާހައި ހިނދަކު އަހުރެމެނަކީ ފުރިހަމަ މިނިވަންކަން ލިބިފައިވާ ބައެއް ކަމަކަށް ނުވާނެކަން ޔަގީނެވެ.
ރާއްޖޭގައި މިހާރު ފާހަގަކުރާ މިނިވަންދުވަހަކީ، ހަމައެކަނި އައްޑޫގަމުން އިނގިރޭސީން ފޭބުމާމެދު ރާއްޖެއާއި އެމީހުންނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގައި ސޮއިކުރި ދުވަސް ކަމަށްވާ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.
އެކަމަކު އެ ސޮޔާއެކު އެމީހުން އައްޑޫ ގަމަކުން ފައިބައިގެނެއް ނުދިޔައެވެ. އެމީހުން ގަމުން ފައިބައިގެން ދިޔައީ އޭގެ 11 އަހަރުފަހުން، 29 މާރިޗު 1976 ގައި ކަމަށްވާތީ، 26 ޖުލައި 1965 ގައި އެގްރީމަންޓުގައި ސޮއިކުރިއެއްކަމަކު ސޮއިކުރި ދުވަހަކީ، މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރެވޭނެ ކަމަކަށް ނުވިސްނެއެވެ.
އޭގެ އިތުރުން އިސްތިޢުމާރީ ގޮތުން އަތުލާފައިވާ މަލިކާއި އޭގެ އުތުރުން ހުރި ރަށްތަކާއި ރާއްޖޭގެ ހުޅަނގުން ހުރި ރަށްތަކާއި ފޯޅަވަހީގެ އަތޮޅުތައް ދިވެހީންނާއި ހަވާލު ކުރުމުންނޫނީ ރާއްޖެ މިނިވަންވީކަމަށް ނުވާނެއެވެ. އެހެނީ، ގައުމުގެ އަތާއި ފަޔާ ބަނދެ ހިފަހައްޓާ ބަހައްޓާފައި އެންމެ އަތެއް މޮހެލައި ދޫކޮށްލުމަކީ، މުޅިގައުމުގެ އަތްފައި މޮހެލައި މިނިވަންކުރީ ކަމަށް ނުވާނެތީއެވެ!
އެކަމަކު، އެކަންކަން ނޭނގޭނަމަ އެބަޔަކަށް ނުލިބި ހުރި ގައުމީ ހައްގުތަކާއި މިނިވަންކަން ހޯދާކަށެއް ނޫޅޭނެކަން ޔަގީނެވެ. ނުވެސް އުޅެވޭނެއެވެ! ބަޔަކަށް އެބައެއްގެ ތާރީޚު ކިޔަވައިނުދެވުމުގެ އުނިކަމާއި އެކަމުން ލިބޭ ދެރަޔާއި ގެއްލުންތަައް މިހާރު މިދަނީ ފެންނަމުން ހާމަވަމުންނެވެ!
ފޯޅަވައްސަކީ ފެށުނީއްސުރެވެސް ދިވެހީންގެ ތަނެކެވެ. ދިވެހިންގެ ފަޅުރަށްތަކެކެވެ. ފަޅުރަށްރަށަކީ މީހުން ދިރިއުޅޭ ތަންތަނެއް ނޫނެވެ. އެތާނގައި ތިބީ ޗާގޯސިއަނުންނޭ ބަޔަކު ކިޔަސް އަދި އެހެން ކިޔައިގެން ބަޔަކު އަޑުގަދަކުރިޔަސް، އިނގިރޭސީން އެތަނާ ހަވާލުވިއިރު އެތާނގައި ތިބެގެން އުޅެނީ، ފަރަންސޭސީން އަޅުންގެ ގޮތުގައި އަޅުމަސައްކަތް ކުރުވުމަށްޓަކައި ދުނިޔޭގެ އެތަން މިތަނުން އަތުލައިގަނެގެން ގަދަކަމުން ގެނެސް ބައިތިއްބާފައި ތިބި އަޅުންތަކެކެވެ.
ފޯޅަވައްސަކީ އެއްވެސް އިރަކު ދައުލަތެއްގެ ގޮތުގައި އޮތް ތަނެއް ނޫނެވެ! އަދި އެއީ، އެއްވެސް އިރަކު އެއްވެސް ބަޔަކު ތަނެއް ކަމަށް ނުވާތީ، އެތާނގެ ރައްޔިތެއްގެ ހައްގު ބަޔަކަށް ދޭނޭ ފަރާތެއް ނުހުންނާނެއެވެ! އަދި ރައްޔިތެއްގެ ހައިސިއްޔަތު ދޭނޭ ސަރުކާރެއްވެސް އެފަދަ ތަނަކު ނޯންނާނެއެވެ!
ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ދިވެއްސަކަށް ވެވެނީވެސް، އިސްލާމަކަށް ވެގެންކަމަށްވާތީ، ފޯޅަވަހި ރާއްޖެއަށް ލިބިއްޖެ ހިނދަކު، އެބުނާ މީހުންނަށް ރާއްޖޭގެ ރައްޔިތުކަން ދޭން ލާޒިމު ވިޔަސް، އެމީހުންނަށް ދިވެހިރައްޔިތެއްގެ ހައްގު ދިވެހި ދައުލަތަށްވެސް ދެވޭނީ އެމީހުން އިސްލާންދީން ގަބޫލުކޮށް އިސްލާމް ދީނަށް ވަދެއްޖެ ނަމައެވެ.
އެފަދަ ދުވަހެއް ދައްކަވައިފިނަމަ އެމީހުންކުރެ ކާފިރުންނަށް އިސްލާމީ ދައުވަތުދީ އެބައިމީހުން އިސްލާމްދީނަށް ވެއްދޭވަރުގެ ގާބިލުކަން ހުރި މޮޅު އެތަކެއް ސަތޭކަ ދަންނަބޭކަލުން މިރާއްޖޭގައި މިއަދު އެބަ ތިއްބެވެ.
އެހެންވީމާ، އެކަންކަމުގެ ހައްލު ހޯދޭނޭ ހާސް ގޮތް ފެންނާން ހުއްޓައި އެޒާތުގެ ދެކޮޅުނުޖެހޭ ވާހަކަ ހިތަށް ވައްދައި ކަންބޮޑުވެ ހާސްވެގެން އުޅޭނޭ ޖާގައެއް ނެތެވެ. މިރާއްޖޭގައި އިސްލާންދީން ނޫން ދިީނަކަށް އުޅުމުގެ ޖާގަ އެއްވެސް ބަޔަކަށް އެއްވެސް އިރަކު ނުދޭނަމެވެ. އިސްލާމަކަށް ވެގެންނޫނީ އެކަކަށްވެސް ދިވެހިރައްޔިތަކަށް ވިޔަކަވެސް ނުދޭނަމެވެ.
ތަންތަން ހޯދައި ފަތަޙަކުރާ އިސްލާމީ އުސޫލަށް ބަލާއިރު، މާތް ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައިވެސް އަދި ޞަޙާބީންގެ ޒަމާނުގައިވެސް ތަނެއް ފަތަޙަކުރައްވައި އިސްލާމީ ދައުލަތުގެ ދަށަށް ތަންތަނާއި ރަށްރަށް ވައްދާއިރު އެތަނެއްގައި ތިބެނީހުސް އިސްލާމުންނެއް ނޫންކަން ސާބިތުވެއެވެ. ނަމަވެސް، އެފަދަ ތަންތަން ފަތަޙަ ކުރެވުމުގެ ފަހުން އެފަދަ ތަންތާނގައި ތިބޭ މީސްތަކުން އިސްލާމްދީނަށް ވެއްދެވެއެވެ.
ޔަމަނާއި، ޝާމާއި، ޢިރާޤާއި، އިރާން، ފަދަ ތަންތަން ފަތަޙަ ކުރެއްވީ އެތަންތާނގެ ތައްޔިތުން އިސްލާމްދީނަށް ބަދެ ތިބީތީއެއް ނޫނެވެ. އެހެންވީމާ، އެޒަމާނުގައި އެފަދަ ކަންކަމުގައި ޢަމަލު ކުރައްވާފައިވާ އިސްލާމީ އުސޫލު ވަރަށް ރަނގަޅަށް ފެންނާން އެބަ އޮތެވެ.
އަދި އެހެން ނޫނަސް މިހާރުވެސް ފޯޅަވަހި އޮތީ ފަޅުރަށްތަކެއްގެ ގޮތުގައެވެ. އެތާނގައި އިސްތިޢުމާރީން ގަދަބާރުން ގެނެސްގެން ގެންގުޅުނު އަޅުންތައްވަނީ އިސްތިޢުމާރީން އަމިއްލައަށް އެތަނުން ބާލައި ބޭރުކޮށްފައެވެ. އެމީހުންގެ އަސްލު ގައުމަށް އެމީހުން ފޮނުވައިވެސްދީފައެވެ. އެ ނޫން މީހުން މޮރިޝަސްއަށް ގެންގޮސް އެތާނގައި އެމީހުންނަށް ދައުލަތެއްވެސް ހަދައިދީ މިނިވަންވެސް ކޮށްދީފައެވެ.
އެހެންވީމާ، ފޯޅަވަހި ހޯދާން އުޅުމަކުންވެސް އަދި ފޯޅަވަހި ލިބުމަކުންވެސް ދިވެއްސަކަށް އެހެން ދީނަކަށް އުޅުމުގެ ހައްގެއް ލިބިއެއް ނުދޭނެއެވެ! ދިވެހިރައްޔިތަކަށް ވަންޏާ އެމީހަކު ނުވަތަ އެބަޔަކަށް ލާޒިމުވާނީ ދިވެހި ރައްޔިތަކަށް ވުމުގެ ކުރީގައި އިސްލާމް ވާށެވެ.