Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 13

"އެހެންވީއިރު ތިއީ މާޔާއަށް ކުރެވޭ އެންމެ މޮޔަ ކަންތައް." އެންމެން ދެކޮޅު ހެދިއަސް ޝީތު ދެކޮޅުވެރިވެދާނެ ކަމަށް މާޔާ އުއްމީދެއް ނުކުރެއެވެ. މާޔާ ހައިރާންވީ މިކިއަލް ކައިވެނިކޮށްގެން އުޅޭކަން ޝީތުއަށްވެސް ނޭނގި އޮތީމައެވެ. މިކިއަލް ތަޢާރަފް ކޮށްދެމުން އެއީ ޝީތުގެ ވަރަށް ގާތް އެކުވެރިއެއް ކަމުގައި ބުނެފައިވާތީ އިތުރަށް މިކިއަލް އާއި ބެހޭގޮތުން ޝީތުއަށް އެއްޗެއް ނޭނގި އޮވެދާނެއޭ އޭނާގެ ހިތަކަށް ނާރައެވެ.

"އަހަރެންގެ މަޤާމުގައި ޝީތު ހުރި ނަމަ ކިހިނެއް ހަދާނީ؟" މާޔާ އަހާލިއެވެ. އެސުވާލާއި މެދު ވިސްނަން ފަޅި ސިކުންތެއްގެ މިންވަރުގެ ޝީތު ހޭދަނުކުރިއެވެ. ހީވަނީ އޭނާގެ ދުލާއި ހަމަޔަށް އޭގެ ޖަވާބު އައިސް ނިމިފައިވާހެންނެވެ.

"ވައި ވުޑް އައި ޓޭކް ހާފް؟" ޝީތު ކުރީ ސުވާލެކެވެ. ބާލީހެއް ނަގައި އުނގުމަތީ ބާއްވާފައި އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން ޝީތު ހަމަޖެހިލިއެވެ. އޭނާ ވަރަށް ތަފްސީލްކޮށް މީހެއްގެ ފިރިއަކާއި ރައްޓެހިވުމުގެ ހިތިކަން މާޔާއަށް ކިޔައިދިނެވެ.

** **

މިކިއަލް އާއި ޖެހިގެން މާޔާ ހުރިއިރު އޭނާގެ ސިކުނޑީގައި ވަނީ ޝީތު ދެއްކި މިސާލުތަކެވެ. މިކިއަލް މާޔާ ކުރެ ރަނގަޅުހޭ އަހާލުން ފިޔަވައި އިތުރު އެއްޗެއް ނާހައެވެ. ހަމަހިމޭންކަމާއި އެކު ދެމީހުން އެކަކު އަނެކަކުގެ އަތުތެރޭ ޖެހިފިތިގެން ތިބިކަމެވެ.

"މިކިއަލް" މާޔާ މަޑުމަޑުން ގޮވާލުމުން މިކިއަލް ހޫމްއެއް ލައްވާލިއެވެ.

"އަހަރެން ގޮވައިގެން މިކިއަލް އަށް ފިލަން ކެރިދާނެތަ؟" މާޔާގެ ހިތް އެއްވެސް ކަމަކާއި އެއްބަހެއްނުވެއެވެ. ޝީތު ދެއްކި ވާހަކަތަކުން އެހިތުގެ ހަމަޖެހުން ގެއްލުނު ކަމުގައިވިއަސް އޭނާ ޤަބޫލުކުރަނީ އޭނާއަށް ހިތްހަމަޖެހުން ލިބޭނީ ހަމައެކަނި މިކިއަލްގެ ފަރާތުން ކަމެވެ. އެއީ މީހެއްގެ ފިރިއަކަށްވިއަސް ބަތްތަށީގެ އެއްފަޅި ކާންޖެހުނު ކަމުގައި ވިއސް މާޔާއަށް ވަރިހަމައެވެ. އޭނާ އަކީ އަމިއްލަ އެދުން ބޮޑު މީހެއް ނޫނެވެ. އޭނާއަށް ހައްޤު މިންވަރު ލިބެނިކޮށް އެ ނިމުނީއެވެ.

"ވީ ވިލް ފޭސް އިޓް ޓުގެދަރ." މިކިއަލް އިނގިލިތަކުން މާޔާގެ ބުރަކަށީގައި ފިރުމައިލިއެވެ. ދުނިޔެއަށް ފިލުމަކީ ފިނޑިކަމެއްގެ ގޮތުގައި މިކިއަލް ދެކެއެވެ.

"މާޔާ އާއި ބެހޭގޮތުން އަހަރެން އަންހެނުން ކައިރީ ބުނެފިން، ޝީ އިޒް ލިޓްލް އަޕްސެޓް، އެކަމަކު އަހަރެމެންނަށް ހުރަސް އަޅާ މީހަކަށް އޭނަ ނުވާނެ." މިކިއަލް އަނެއްކާވެސް އުއްމީދު އާކޮށްދެމުން ދިޔައީ އޭނަ އާއި އެކު ކުރިއަށް ދެވިދާނެކަމެވެ.

މާޔާއަށް ހުރެވުނީ ދެކަފިމަގެއްގެ ކުރިމަތީގައެވެ. ބައެއް ފަހަރު އެނބުރި ދާން އޭނާގެ ހިތަށް އަރައެވެ. އެކަމަކު އެކަނިވެރި ދިރިއުޅުމާއި އޭނާގެ މަންމަ ދެކެ ވާ ފޫއްސެއްގެ ބޮޑުކަމުން މިކިއަލް ދެއްކި މަގަކުން ހިނގަން އޭނާގެ ހިތް އެއްބަސްވަނީއެވެ. ކޮންމެ ހާލެއްގައި އުޅެންވިއަސް އެ ފުރާޅުދޮށުން ސަލާމަތްވާން އޭނާ ބޭނުމެވެ. ޝީތު އެގެއިން ނިކުންނަ ދުވަހަކުން އޭނާ މުޅިން އެކަނިވާނެއެވެ. ޔޫނުސްއަށް ހުރިހާ ކަމަކަށް ފަސޭހަވީއެވެ.

"ހިނގާ މެރީކުރަން." މާޔާ މިފަހަރު މިކިއަލްގެ މޫނަށް ބަލައިލިއެވެ. މާބޮޑު އަސަރެއް ފާޅުނުކޮށް ހުރެފައި މިކިއަލް ބޯޖަހައިލިއެވެ. އޭނާގެ ޖަވާބު އަންނަނީ އިތުރަށް މާޔާއަށް ޝަކުވާ ނުކުރެވޭނެ ގޮތަށެވެ. އެހާ ފަސޭހައިން މިކިއަލް އެއްބަސްވާނެ ކަމަށް މާޔާ ހިޔެއް ނުކުރެއެވެ.

"އެކަމަކު މިކިއަލް ޖެހޭނެ އަންހެނުން ވަރިކުރަން." މާޔާގެ ޝަރުތާއި އެކު އޭނާގެ ކޮނޑުން މިކިއަލްގެ އަތް ނެއްޓުނެވެ.

"މާޔާ ބިރުގަންނަނީ އެއްވެސް ކަމެއް މަދުވެދާނެތީތަ؟" މިކިއަލް ނުރުހުންވިއެވެ. އޭނާގެ އަޑާއި ރާގުން އެކަން އެންމެ ރަނގަޅަށް މާޔާއަށް ފާހަގަވިއެވެ.

"މިކިއަލް ބުނީމެއްނު އަންހެނުންނާއި އަހަންނާއި ތެރެއިން މީހަކު ނަގަންވެއްޖެނަމަ މިކިއަލް އިޚްތިޔާރުކުރާނީ އަހަރެންނޭ.." މިކިއަލް ލޯބިވާވަރު އިމްތިހާނުކުރަން މާޔާގެ ހިތް ބާރުއަޅަމުން ދިޔައެވެ. އިރުކޮޅަކު ވިސްނުމަށްފަހު މިކިއަލް ދިން ޖަވާބުން މާޔާއަށް އިހްސާސްވީ އޭނާގެ ހިތްމަތީ ބަރުއެއްޗެއް ބޭއްވިހެންނެވެ.

"އަހަރެން ނޭދެން އަހަރެންގެ ދަރިފުޅު ނިކަމެތިވާކަށް، އަހަރެން އަންހެނުން ދޫކޮށްލާ ހިސާބުން އޭނަ ދާނީ ދަރިފުޅު ގޮވައިގެން، އެކުއްޖާ ބައްޕައެއްގެ ލޯބިނުލިބި ބޮޑުވާން އަހަރެން ބޭނުމެއް ނޫން، މާޔާ އަށް ހީވޭތަ އެއީ އެންމެ ރަނގަޅު ގޮތްހެން؟" ބައްޕައެއްގެ ލޯތްބޭ ބުނި ހިސާބުން މާޔާގެ ވިސްނުން މުޅިން ހުއްޓުމަކަށް އައެވެ. އެއީ ކުއްޖެއްގެ ނަޞީބުން އުނިވާނެ އެންމެ ބޮޑު ނިއުމަތެވެ. އެކަން މާޔާއަށްވުރެބޮޑަށް އެނގޭނެ މީހަކު ނުހުންނާނެއެވެ.

"އަހަރެން ވަރަށް އަވަހަށް މާޔާ އާއި މެރީކުރާނަން، އެކަމަކު އަހަރެމެން ދެމީހުންވެސް މާޔާގެ މަންމަ ރުހުން ލިބޭތޯ މަސައްކަތްކުރަންޖެހޭނެ، އަހަރެމެންގެ ދިރިއުޅުން އާރާސްތުވެ އުފާވެރިކަން ލިބޭނީ މައިމީހާގެ ހެޔޮ އެދުމާއި ދުޢާއިން، މާޔާގެ މަންމައަށް ހެޔޮވިސްނުން ލިބޭތޯ ދުޢާކުރޭ، ހެއްދެވިފަރާތް ހުރިހާކަމެއްވެސް ދެނެވޮޑިގެންވޭ، ކެއްތެރިންވާނެ، އެހެން މީހުންނަށް ކަންކަން ވެގެންދާހާ ފަސޭހަގޮތަކަށް ނޫން އަހަރެމެންނަށް މިދަނީކީ،" މިކިއަލް ދިން ނަޞޭހަތުން މާޔާގެ ހިތް ހިސާބަކަށް ސާފުވެގެން ދިޔައެވެ. ޝަކުވާ މަދުވެގެން ދިޔައެވެ. ހިތްހަމަޖެހުންލިބުނެވެ.

*****

މަޑުމަޑުން ކަންތައް ހަމައަކަށް އެޅެމުންދާހެން ހީވެއެވެ. ޝަރުމީލާ މަދުމަދުން ވާހަކަ ދައްކަން ފެށިއެވެ. އެގޭތެރޭގައި އެންމެ ދެކެވެނީ ޝީތުގެ ކައިވެންޏަށް ތައްޔާރުވާތީ އެކަމުގެ ވާހަކަތަކެވެ. މާޒީންގެ އާއިލާއިން އެގެއަށް އަންނަ އައުން އިތުރުވެފައިވާތީ އެމީހުންގެ ކުރިމަތީ ޝަރުމީލާ މާޔާއަށް ޚާއްސަ އިސްކަމެއް ދޭންފެށިއެވެ.

މިކިއަލް ބުނެފައިވަނީ ޝަރުމީލާ ހިތް ރުހެންދެން އެދެމީހުން ބައްދަލުނުކުރުމަށެވެ. ވަކިވުމެއްނުވާ އެދެހިތުގެ ގުޅުން ރޭރޭ ގުޅުވައިދެނީ މިނެއްނެތް ފޯނުކޯލުތަކާއި މެސެޖުތަކުންނެވެ.

ޝީތުގެ ޕާޓީ އޮތް ރެޔެވެ. ޕާރޓީ ހޯލްތެރެވަނީ ހަލަބޮލިވެފައެވެ. ޒިންމާއެއް އުނިވެދާނެކަމުގެ ބިރަށް ޝަރުމީލާ އާއި ޔޫނުސް ތިބީ ނުތަނަވަސްވެފައެވެ. މެހެމާނުންނާއި ސަލާމްކުރުމުގައި ޝީތު އާއި މާޒީން އަވަދިނެތި ތިއްބެވެ. އެމީހުންނަށް ލިބެމުން ދިޔަ ތަހްނިޔާތަކުގެ ސަބަބުން މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

ޖޫސްތައްޓެއް ހިފައިގެން އޭގެ ރަހަބަލަމުން ދުރުގައި މާޔާ ހުއްޓެވެ. ޝީތުއަށްޓަކައި އޭނާ ހުރީ އުފަލުންނެވެ. މިރޭ އެކަނި ހުންނަންޖެހުނަސް އޭނާގެ ހިތަށް މާޔޫސްކަމެއް ނުލިބެއެވެ.

"ހެއި"

ފިރިހެނެއްގެ އަޑާއި އެކު މާޔާ ފަސްއެނބުރުނުއިރު އޭނާގެ ކުރިމަތީ އައިސް ހުއްޓުނީ ރާމީންއެވެ. ކަޅު ޖިންސަކާއި އެކު ހުދު ގަމީހެއްގައި ރާމީން ހުރީ ޕާރޓީގެ ތީމްކުލަ ފެހިކުލައިގެ ޓައިއެއް އަޅައިގެންނެވެ.

"މާޒިންގެ ފެމެލީތަ؟" ފެހިކުލައަކީ އެއާއިލާއަށް ލިބުނު ކުލައަށްވާތީ މާޔާއަށް އަހައިލެވުނެވެ.

ރާމިން އަޅައިގެން ހުރި ޓައިއަށް ބަލާލާފައި ދެން ބަލައިލީ ޕާރޓީގައި ދެން ތިބި މީހުންނަށެވެ. ހިނިއައިސްހުރެ ދެފަރާތަކަށް ބޯހޫރުވާލިއެވެ.

"ޕާރޓީ ކާޑަށް ބަލާފައި އަހަރެން ސެލެކްޓްކުރީ،" ރާމީން ބުނެލިއެވެ. އޭނާ މާޔާގެ ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ކަޅި ހިންގާލިއެވެ. ނިތްކުރިން ފެށިގެން ވަކި ހިސާބަކަށް ގަތާފައި ވިއަސް ބޮލުގެ އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. ރަންކުލައިގެ ހެދުމާއި ގުޅުވައިގެން ރީތި މާތަކުގެ ބޭންޑެއް ބޮލުގައި އަޅާފައިވުމުން މާޔާ ރީތިކަން ފާހަގަވިއެވެ. ހެދުން ބައްޓަމަށް ހިފާފައިވުމާއި އޭނާގެ ހެދުން ފައިތިލަ އާއި ހަމަޔަށް ފޮރުވިފައިވާތީ ވަރަށް ރީތިކަމަށް ދައްކައެވެ.

"މާޔާ މަންމަ ބުނީމައި އަހަރެން ހުރީ އަންނާކަށް ނޫން، އެކަމަކު ފަހުން އައީ މާޔާ އާއި ވާހަކަ ދައްކާލަންހިތުން." ރާމީން ވާހަކަ ދައްކަން ފެށުމުން މާޔާ އަށްހުރެވުނީ ސުވާލު އުފެދިފައެވެ. އެ ޕާރޓީއަށް އަންނަން ޝަރުމީލާގެ ފަރާތުން ދައުވަތު ލިބުނު ޚަބަރުން އޭނާ ހައިރާންވިއެވެ.

"ހިނގާ ބޭރަށް" އެތެރޭގެ ހަލަބޮލިކަމުގެ ސަބަބުން އަރުގައި ހުރި ބާރެއްލާފައި ވާހަކަ ދައްކަން ޖެހޭތީ މާޔާ އެދުނި ބޭރަށް ދިއުމަށެވެ. މާޔާ އާއި އެކު ހިނގައިގަންނަމުން ރާމީން ފަސްއެނބުރި ބަލައިލިއިރު އެދިމާލަށް ބަލަން ހުރި ޝަރުމީލާ ފެނުނެވެ.

މަޑުންމަޑުން ހިނގާފައި ދެމީހުން ގޮސް ރަސްރަނި ބަގީޗާގެ ތެރެއަށް ވަދެ އެތަނުގައި އިށީނެވެ. ރާމީން އަހައިލީ މިކިއަލް އާއި މާޔާ އަދިވެސް ވާހަކަ ދައްކަންތޯއެވެ. އޭނާ ދޭ ޖަވާބު ރާމީން ގެންގޮސް މަންމައަށް ފޯރުކޮށްދޭނެއޭ ހިތަށް އެރުމުން ޖަވާބު ދޭން ފަސްޖެހެވުނެވެ.

"އަހަރެން ނުދެކެން މިކިއަލް އަތްބެއް ހުރުމަކީ މައްސަލައެއް ކަމަކަށް." ދޮގު ހެދުމަކީ މާޔާއަށް ފަސޭހަކަމެއް ނޫނެވެ. އޭނާ ބޭނުންވާ ގޮތް އަދި މަންމަގެ ނުރުހުމާއި އެކުވެސް އޭނާގެ އަޒުމް ބަދަލުނުވާނެކަން މަންމައަށް އެނގެންޖެހޭ ކަމަށް މާޔާއަށް ޤަބޫލުކުރެވޭތީ ހިތަށް އެރީ އެއްވެސް ކަމެއް ސިއްރުނުކޮށް ރާމީންއަށް ކިޔައިދޭށެވެ. ޝަރުމީލާ މާބޮޑަށް ރާމީންއަށް އިތުބާރުކުރާކަން އޭނާއަށް މިރޭ ހާމަވެއްޖެއެވެ.

"އެހެންވީއިރު އަހަރެން އެވާހަކަ ބުނެގެން މިކިއަލް އަހަރެން ނެރެންޖެހޭނެ ކަމަށް މާޔާ ޤަބޫލުކުރަންތަ؟" ރާމީން ހިތްހަމަނުޖެހުނުކަން އެނގެއެވެ. ރާމީން އާއި މިކިއަލް ދެމެދުގައި މައްސަލަޖެހުނީ ކީއްވެކަމެއް ނޭނގެއެވެ.

"މިކިއަލް އަށް ހީވީ ކަންނޭނގެ އަހަރެން އޭނަ ދޫކޮށްލާފައި ދާނެއޭ ރާމީން އެހެން ބުނެގެން." މާޔާއަށް ހީވަނީ އެހެންނެވެ. އެ ނުތަނަވަސްކަމުގެ ސަބަބުން މިކިއަލްއަށް ނިންމުނުގޮތަކީ އެއީ ކަމަށް ވެދާނެއެވެ.

"ނޫން." ރާމީން މޫނު އަނބުރާލީ ތަންކޮޅެއް ދުރުގައި ފެންނަން އޮތް ކަނޑުގެ ރާޅުތަކާއި ދިމާލަށެވެ.

"ރާމީން. މިކިއަލް އަންހެނުންނަށްވެސް މިހާރު އެނގޭނެ އަހަންނަކީ ކާކުކަން." މާޔާ ބޭނުންވީ ރާމީން ހިތުގައި ހުރި ޝައްކުތައް ދުރުކޮށްދޭށެވެ. އޭނާ އާއި މިކިއަލްގެ ނަމަކީ ދުރުނުވާނެހެން ލިޔެވިފައިވާ ނަމެކޭ އޭނާގެ ހިތް ބުނެއެވެ.

"މާޔާއަށް ކެރޭނެތަ މިކިއަލްގެ ފޯނު ދައްކާށޭ ބުނަން؟" ރާމީން ސާބިތުކޮށްދެން ބޭނުންވަނީ ކޮންކަމެއްކަން ނޭނގިފައި މާޔާއަށް އިނދެވުނެވެ. މިކިއަލްގެ ފޯނުގައި ވަރަށް ގިނަ ކަންތައް ސިއްރުކޮށްފައި ހުންނާނެހެން ރާމީންގެ ވާހަކައިން ހީވިއެވެ.

މިކިއަލްގެ ފޯނަކީ އަބަދުވެސް މިކިއަލްގެ ޖީބުގައި އޮންނަ އެއްޗެކެވެ. ޝައްކުގެ ނަޒަރުން މާޔާ އެފޯނުގައި އަތްލަންވީ ސަބަބެއް ނެތެވެ.

"އަހަރެން ބުނެދީފާނަން މިކިއަލްގެ ފޯނުގެ ކޯޑު، މާޔާ އަމިއްލައަށް ބަލާފައި އަހަންނަށް ގުޅާ." ރާމީން ތެދުވަމުން ބުނެލިއެވެ. އޭނާ ދިއުމުގެކުރިން ޕާރޓީ ހޯލަށް ގެންގޮސްދޭނަމޭ ބުންޏެވެ. މިކިއަލް ފޯނުގެ ކޯޑު ރާމީން ބުނެދިނެވެ. އަދި އެއްފަހަރު ނަމަވެސް ބަލާފައި ވަކި ގޮތެއް ނިންމާށޭ ބުނެލިއެވެ.

** **

ޕާރޓީ ނިމިގެން އައިސް ކޮޓަރިއަށް ވަދެވުމާއި އެކު މާޔާއަށް ހަމަނޭވާ ލެވުނު ފަދައެވެ. އޭނާ ހުރީ އެކަނިވާން ބޭނުންވެފައެވެ. ކުޑަ ވަގުތުކޮޅެއްގެ އުފާވެރިކަމަށްފަހު ރާމީން ދެއްކި ވާހަކައިން އޭނާގެ ހިތްވަނީ ނުތަވަސްކަމުގެ ކަނޑަކަށް ގެނބި ޣަރަގުވެފައެވެ.

މިކިއަލްގެ ނަންބަރަށް އޭނާ ގުޅަން މަސައްކަތްކުރިއެވެ. ފޯނު ބިޒީކޮށްލާފައި މިކިއަލް މެސެޖެއް ފޮނުވިއެވެ. މިވަގުތު އޮފީސް ބައްދަލުވުމެއްގައި ކަމަށާއި ވަރަށް އަވަހަށް ގުޅާނެކަމުގައި އެ މެސެޖުގައި އޮތެވެ. މެސެޖު ކިޔާފައި މާޔާ ތެދުވެ އެނދުގައި އިށީނެވެ. އޭނާގެ ހިތްހަމަނުޖެހުން އަނެއްކާވެސް އިތުރުވެގެން ދިޔައެވެ. ކޮންމެ ރެއަކު މިގަޑީގައި އެ އޮފީހުގައި ބައްދަލުވުން އޮވެދާނެކަމާއި މެދު ޝައްކު އުފެދުނެވެ.

ރާމީންގެ ނަންބަރަށް މާޔާ ގުޅާލިއެވެ. ރާމީން ފޯނު ނެގުމާއި އެކު މާޔާ ސުވާލުކުރީ މިކިއަލް އުޅޭ އޮފީހާއި ބެހޭގޮތުންނެވެ. ކުޑައިރުކޮޅަކު ހުއްޓުން އަރާފައި ރާމީންއަށް ހުރެވުނުކަން މާޔާއަށް ފާހަގަވިއެވެ. އަދި ޖެހިލުންވެފައިހުރިކަންވެސް ފާހަގަވިއެވެ.

"މާޔާއަށް ކެރޭނެތަ އަހަންނާއި އެކު ދާން؟" ރާމީން އަހައިލިއެވެ.

މާޔާ ބަލައިލީ ގަޑިއަށެވެ. މެންދަމު އެކެއްޖެހީއެވެ. މި ދަންވަރު އޭނާ ރާމީން އާއި އެކު މިކިއަލް ހުރިތަނެއް ބަލަން ދިއުމަކީ ކުރެވޭ ރަނގަޅުކަމެއްތޯ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނެވެ.

"މި ނިކުންނަނީ." ރާމީންއަށް ޖަވާބު ދީފައި މާޔާ ބަލައިލީ ޝަރުމީލާމެން ނިދާކޮޓަރީގެ އަލި ހުރިތޯއެވެ.

އެމީހުން ނިދީކަން މާޔާއަށް އެނގެއެވެ. އޭނާ ގެއިން ނިކުންއިރު ރާމީން އިނީ ސައިކަލުގައި އެގޭ ދޮރުމަތީގައެވެ.  މާޔާ އައިސް އިށީނުމުން ރާމީން މިސްރާބުޖެހީ މިކިއަލް ހުންނާނެކަން އޭނާއަށް ޔަޤީންވާ ތަނަށެވެ.

****

މަގުތައް ވަނީ ފަޅުވެފައެވެ. ހިމޭންކަން ވެރިވެފައެވެ. ރާމީން ދޭތެރެއަކުން ސައިކަލުގެ ލޯގަނޑަށް ބަލައިލާއިރު ފެންނަނީ މާޔާ ކަންބޮޑުވެފައި އިންނަތަނެވެ. ދެލޮލަށް ގިނަވާ ކަރުނަތައް ސިއްރުން ފޮހެލާތަނެވެ.

ސައިކަލު އައިސް މަޑުކުރީ ގެސްޓްހައުސްއެއްގެ ކުރިމައްޗަށެވެ. ރާމީންގެ ސައިކަލު މަގުގެ އެއްކައިރީ ބަހައްޓާފައި މާޔާ ކައިރީ އެތެރެއަށް ދާން ބޭނުންތޯ އަހާލިއެވެ. މާޔާ ބަލައިލީ އޭނާ ދެންމެ ދަތުރުކޮށްފައި އައި މަގަށެވެ. ދުވެފައި އެނބުރިދާން ހިތަށް އެރިއެވެ.

"ހިނގާ." ދެވަނަ ފަހަރު އޭނާ ބޭނުންވީ މިކިއަލް އެތަނުގައި ކުރާ ކަމެއް ބަލާށެވެ. ރާމީންގެ ފަހަތުން އޭނާ ހިނގައިގަންނަން ފިޔަވަޅު ނެގިއިރު ދެފައި ތުރުތުރު އަޅައެވެ.

ރާމީން ގޮސް ހުއްޓުނީ އޭނާއަށް ޔަޤީންވާ ކޮޓަރީގެ ދޮރުމަތީގައެވެ. އޭނާ ޓަކިދިންހާއިރުން އެކޮޓަރީގެ ދޮރު ހުޅުވާފައި ހުއްޓުނީ މިކިއަލްއެވެ. ރާމީން ފެނުމުން މިކިއަލްގެ މޫނަށް އައިބަދަލު މާޔާއަށް ފެނުނެވެ. ރާމީންގެ ފަހަތުގައި ހުރި މާޔާވެސް މިކިއަލްގެ ލޮލުގައި އަޅައިގަތެވެ. އޭނާ ކުރިއަށް ޖެހިލާފައި ފެނުނީ ރާމީން ލައިގެން ހުރި ޓީޝާރޓްގައި ހިފައިގެންތަނެވެ. ދެއަތުން ގިރުވާނާއި ޓީޝާރޓްގެ ބަޔަކާއި އެކު ހިފާ ކައިރިއަށް ދަމައިގަތެވެ.

"ކަލޭ ކައިރީ އަހަރެން ބުނީމެއްނު އަހަރެންގެ ކުރިމައްޗަށް އައިސްގެން ނުވާނެއޭ" މިކިއަލް ދެދަތްޕިލަ ޖައްސާލިވަރުން ހީވަނީ ކޯކަށިގަނޑު ނެއްޓިގެން ހިނގައިދާނެހެންނެވެ. ދެލޯ ހަނިކޮށްލާފައި މާޔާއަށް ބަލައިލިގޮތުން މާޔާ އަށް ހިންދިރުވާލެވުނެވެ. ފިނޑިނުވެ މިކިއަލްގެ އަތުން މިނިވަންވާން ރާމީންއަށް އެނގެއެވެ. މިކިއަލް ކޮއްޕާލާފައި އޭނާ ސަލާމަތްވިއެވެ.

"އަހަރެން މިއައީ ކަލޭގެ އަތުން އެއްޗެހިތަކެއް ހޯދާކަށް ނޫނޭ، އެކަމަކު ބުނަން މިރޭ މާޔާއަށް އެނގޭނެ ކަލޭގެ ވަޒީފާއަކީ ކޮބައިކަން." ރާމީން ދޫ ބަންދުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަން އަންގަން ބޭނުންވިއެވެ.

ރާމީންގެ އަނގަމަތީ ގޮށްމުށުން ޖަހަން މިކިއަލް އަތް ނެގިއެވެ. އެކަން ކާމިޔާބުނުވީ ރާމީން މިކިއަލް އަތުގެ ކުޑަހުޅުގައި ހިފަހައްޓާލުމުންނެވެ.

"ރާމީން، ހިނގާ ދާން.." ކުޑަކޮށް ހުޅުވިފައި ހުރި ދޮރުން އެކޮޓަރީގައި ތިބި ބޭރު ދެ އަންހެން ކުދިން ފެނުމާއި އެކު މާޔާ އަހަން ބޭނުންވި އެއްވެސް އެއްޗެއް ނެތެވެ.

"މާޔާ" މިކިއަލް އޭނާގެ ނަމުން ގޮވައިލީ އަޑުހަރުކޮށެވެ. އޭނާ އައިސް ހުރި ރުޅި މާޔާއަށް ފެނެއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3432
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *