Support Us

ވާހަކަ: މަންމަގެ ދޮން ކަނބުލޮ

(މިއީ ހަޤީޤީ ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

އަހަރެން އިސްތިރިކުރަން ހުރިއިރު އުމުރުން ތިން އަހަރުގެ އައިކާ އިނީ އައިޕެޑް ނަގައިގެން ޑާންސް ސްޓެޕެއް ފަރިތަ ކުރާށެވެ. އަވަދިނެތި ހެދުމުގައި ހުރި ރޫތައް ފިލުވަމުން ދިޔަޔަސް އަހަރެންގެ އެއްލޯ ހުންނާނީ އަބަދުވެސް އައިކާއާ ދިމާއަށެވެ. އެންމެ މިނިޓެއްގެ ތެރޭ މުޅި ކޮޓަރިތެރެ ފަސާދަ ކޮށްލުމަކީ އައިކާއަށް އެއްވެސް ކަމެެއް ނޫނެވެ. އަބަދުވެސް ފާރަވެރިވެ ހުންނަން ޖެހެނީ އެހެންވެއެވެ. އެއީ އާދަޔާ ޚިލާފަށް ސިޔާސަ ކުއްޖެކެވެ. ކިތަންމެ ފަހަރަކު އަހަރެން ވަރުބަލިވެސް ވެއެވެ. އެކަމަކު އައިކާއަށް ނޭނގޭނެހެން ބަލަހައްޓައިގެން ހުންނައިރު، ބައެއްްފަހަރު ވަރަށް ލޯބި ކަންތައްވެސް ކޮށްލައެވެ. އެކަނިމާއެކަނި ޓީޗަރަކަށް ވެގެންވެސް އުޅެފާނެވެ. ހަމަ ރީތިކޮށް ހުރެލާފަ، ކައިރިޔަށް އައިސް ބައްދާލަފާނެއެވެ. ލޯބި ވާހަކަތައްވެސް ދަައްކައެވެ. އިނގިރޭސިންނާ ދިވެހިންނާ އަދިވެސް ގޮތް ނޭނގޭ އެތައް ބަހެއް މަސްހުނިކޮށްގެން ލޯބިވާވަރު ކިޔައިދީފާނެއެވެ. ނިދިން ހޭލެވޭއިރު އަހަރެން ކައިރީގަ ފެންނަން އޮތިއްޔާ ކޮލުގަ ހިފާލާ، ގައިގަ ފިރުމާލާފަ ލޯބިކޮށް ހީނލަފާނެއެވެ. އެފަދަ ކޮންމެ ކަމަކުން އަހަރެންގެ ހިތް ލޯބިން ފުރިގެން ގޮސް ބަނޑުންވެއެވެ.

އެއްލި ކަޅިއަކުން ވަރަށް ލޯބި ވައްތަރެއް ޖައްސަމުން ނަށާލިތަން ފެނުނެވެ. އަހަރެން ކައިރިޔަށް ވަރަށް ހިނި އަންނަ ގޮތްވިއެވެ. އަހަރެން ބަލަން ހުރިކަން އެނގޭއިރަށް ހުއްޓާލިއެވެ. އެވަގުތު "މަންމިގެ ދޫނިގަނޑާ"އޭ ކިޔާފަ ގޮސް ބައްދާލީމެވެ. އޭރު ޖެހިގެން ހުންނަ އެޕާރޓްމަންޓުގަ އުޅޭ އަފީފާއްތަ އައިސް ވަންނަނީއެވެ.

"ދެމައިން މާލޯބިވެފަ ކޮން ވަޑާމެއް؟" އަފީފާއްތަވެސް އައިކާއަށް ވަރަށް ވަރު ހުރެއެވެ. އަފީފާއްތަ އައިގޮތަށް އައިސް އިށީނީ ސޯފާގައެވެ.

"އައިކާ އެއްކަލަ ޑާންސް ސްޓެޕް ދައްކާލަބަލަ އަފީފާއްތައަށް،" އަހަރެން ހުރީ އެޖެއްސި ވައްތަރުތައް ލޯބިކަމުން އަދިވެސް އެއްފަހަރު ބަލާލާ ހިތްވެފައެވެ. އައިކާ ހިތަށް އަރައިފިއްޔާ ދެން ނުވެސް ކުރާނެއެވެ. ވީވެސް އެހެންނެެވެ. އާދޭސް ކޮށްކޮށްވެސް ނުކުރިއެވެ. އެންމެ ފަހުން އަހަރެން ރުޅި އަންނަކަމަށް ހެދުނީމެވެ.

"މަންމި ދެން ނުގަންނާނަން އައިސް ކްރީމެއް. މިހާރު ހުރި ކަޕްވެސް އަފީފާއްތައަށް ދޭނީ. އަފީފާއްތަ ދޭ ހިފައިގެން އިނގޭ" އަހަރެން އެހެން ބުނީމަވެސް ހުރީއެވެ. ނުކުރިއެވެ. އަހަރެންެވެސް ދެން އަޅާނުލާ ހުރީއެވެ. ކުއްލިއަކަށް އައިކާ އެގޮތަށް ނަށަން ފަށައިފިއެވެ. އަފީފާއްތަ ބިނދިބިނދިފަ ހެވުނެވެ. ލޯބިކަމުންނާ އެހަދާލާ ގޮތުން މަޖާކަމުންނެވެ.

"ކީއްވެ މަންމި ބުނީމަ އޭރު ނުނެށީ؟" އަހަރެން ޝަކުވާ ކުރީމެވެ.

"އެއީ އައިކާ އޭރު ހުރީ އެހެން ޢާލަމެއްގައޭ،" ހީވެސް ނުކުރާ ކަހަލަ މަޖާ އެއްޗެހި ބުނެލާ އައިކާގެ އެޖުމްލައިން އަހަރެންނާ އަފީފާއްތަވެސް ބާރަށް ހީނގަނެވުނީ އެއްފަހަރާއެވެ. އިރުކޮޅެއް ފަހުން އަފީފާއްތަ ސުވާލު ކޮށްލިއެވެ.

"އިތުރު ކުއްޖެއް ހޯދާކަށް ނުވިސްނަންތަ؟"

"އާނ. ނުވިސްނަން. މިހާރުވެސް މިއުޅެނީ އެކަކު އޮބިނޯވެގެން،" އަހަރެންގެ އެޖަވާބުން އަފީފާއްތަ ކުޑަކޮށް ހައިރާންވާ ގޮތްވިކަން އަހަރެންނަށް އެނގުނެެވެ. ވިހެއުމުގެ ކަންތަކުގައި އުފުލި ވޭނާ ކެކުޅުން އެނގޭނީ އަހަރެންނަށެވެ. އަދިވެސް އެ އިޙްސާސްތައް ހަމަ އެގޮތަށް އެބަހުއްޓެވެ. ހިތަށް އެރިއެވެ. މިއީ އަސްލު އަހަރެން ދައްކަންވެސް ޖެހިފަ އޮތް ވާހަކައެކެވެ. އަފީފާއްތަ އަކީ ސީދާ އާއިލާ މީހެއް ނޫނަސް  އަމިއްލަ ދައްތައަކަށް ވުރެވެސް ގާތްމީހެކެވެ. މީހުންނާމެދު ޖަޖްކުރާ ގޮތެއް ނުހުންނާނެވެ. އެއީ ހުޅުވާލެވިފަވާ ސިކުނޑިއެކެވެ. ބޮޑު ފަސް ދަރިންގެ މަންމައަކަސް އެއީ ކިޔަވައިގެން އިން ތަހުޒީބު އަންހެނެކެވެ. ލައްކަ ދުވަހެއް ވަންދެން ހިތުގަ އުފެދިފަވާ ނުތަނަވަސް ކަމެެއް ހިއްސާކޮށްލަން އެއީ ހަމަ އެންމެ ރަނގަޅު ފަރާތްކަމުގަ އަހަރެންނަށް ޤަބޫލު ކުރެވުނެވެ.

އަހަރެން އައިކާ އޭނަގެ މާމައާ އިރުކޮޅަކަށް ހަވާލު ކޮށްފަ އައިސް ސޯފާގެ އަނެއް ކޮޅުގަ އަފީފާއްތަ އާއި ޖެހިގެން އިށީނީމެވެ.

"ދުވަސްކޮޅެއް ވެއްޖެ އަސްލު މިވާހަކަ ކޮންމެވެސް މީހެެއް ކައިރީ ބުނަން ބޭނުންވެފަ ހުންނަތާ. އަހަންނަށް އެނގޭ އަފީފާއްތަ އަހަރެން ޖަޖް ނުކުރާނެކަން. އައިކާ ލިބުނު ދުވަސް އެއީ އަހަރެންނަށް އެންމެ އުފާވެރިކަން ލިބުނު ދުވަހެކޭ ނުބުނެވޭނެ. އެކަމާ ވަރަށް ދެރަވެސް ވޭ. އެހެން އެވީ ކީއްވެބާ؟ އަފީފާއްތައަށް ކިހިނެތް ފީލްވީ ފުރަތަމަ ދަރި ލިބުނު ދުވަހު؟"

އަަހަރެން އިނީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފަ އެވެ. އަފީފާއްތަ ހިނިތުންވެލި އެވެ. ތީ އެހާބޮޑު މައްސަލައެއް ނޫން އަސްލު. އަފީފާއްތައަށް ފުރަތަމަ ދަރި ލިބުނު ދުވަހު ވަރަށް އުފާވި. ބުނެދޭން ނޭނގޭ އުފާވެރިކަމެއް އިހްސާސް ކުރެވުނު. އެކަމަކު ދެވަނަ ދަރި ލިބުނު ފަހަރު ތިބުނާ ގޮތްވި ހަމަ އަފީފާއްތައަށްވެސް" އެޖަވާބުން އަހަރެންގެ ހައިރާންކަން ވީ ހަޤީޤަތުގަ އިތުރެވެ. އަހަރެން ވަރަށް ފުންކޮށް ސުވާލު އުފެދިފަވާ ގޮތަކަށް އަފީފާއްތަގެ މޫނަށް ބަލާލީމެވެ. އަފީފާއްތަ ހިނި އައިސްފަ ބުންޏެވެ.

"ތި ސުވާލުގެ ޖަވާބު ދޭނަމޭ. ފުރަތަމަ ކިޔައިދީބަލަ އަނާގެ ތަޖްރިބާ."

އަހަރެން ފުން ނޭވާއެއް ލީމެވެ. ދެން ކިޔައިދޭން ފެށީމެވެ.

ބަނޑުބޮޑުވީއްސުރެން ދަރިފުޅަށްޓަކައި އަހަރެން އައީ ހަށިގަނޑަށް ފައިދާހުރި ހުރިހާ އެއްޗެއް ކަމުންނެވެ. އަހަރެންނަކީ ކޮންމެ ކޮންމެ އެއްޗެއް ކާވެސް މީހެއް ނޫނެވެ. އެކަމަކު ދަރިފުޅަށްޓަކައި އެކަންވެސް ކުރީމެވެ. އެންެމެ ފަހުން އިންތިޒާރު ކުރި ދުވަސް އައިސް ޖެހެެން ވަރަށް ކައިރި ވެއްޖެއެވެ. ދަރިފުޅު ނިދާނެ އެނދު ރޭވީވެސް އަހަރެންނާ އަހަރެންގެ ފިރިމީހާ ރިޒާމެވެ. ބަނޑުގެ ވޭންވަރު ގަދަވެގެން ހޮސްޕިޓަލަށް ގެންދިިޔައީ މެންދުރުގެ ވަގުތެއްގައެވެ. ޑޮކްޓަރުން ދިިޔައީ ތަދުކުރާ އިންޖެކްޝަން ޖަހަމުންނެވެ. ހިފާހިފާ އަހަރެން އޮތީ ދެވަރުން އެއްވަރު ވެފައެވެ. ފެންފޮދެއްހާ ހިސާބުވެސް ބޯނެވަރު ނެތިފައެވެ. އިރުކޮޅަކުން ބުނީ ބޭބީއަށް ޕުއްޕުލެވިފަ ހުރިވާހަކައެވެ. އެހެންވެ އެންމެ ރައްކާތެރި ގޮތަކީ ދެން ސިޒޭރިއަންއަކަށް ދިއުން ކަމަށް ވާތީ އަހަރެން އެގޮތަށް ވަގުތުން އެއްބަސްވީމެވެ. ސިޒޭރިއަންއަށް ދާން ޖެހޭތީ އެއްވެސް އެއްޗެއް ކެއުން ބުއިން މަނާ ކުރެވުނެވެ. އަހަރެންނަށް ޖެހުނީ އެހުރިހާ ކަމަކަށް ރުހިގެން އޮންނާށެވެ.

ދެބަ ދޭތެރޭގަ އޮތް އަހަރެންނަށް ލޯހުޅުވާލެވުނީ ކުޑަމީހާ ރޮއެގަތް އަޑަށެވެ. ނަރުސް އަހަރެންގެ ދަރިފުޅު އަހަރެންނަށް ދައްކާލިއެވެ. ގެނެސް އަހަރެންގެ ކޮލުގައި އޭނަގެ މޫނު  ކާއްތާލިއެވެ. އަހަރެން ބަލަހައްޓައިގެން އޮތީމެވެ. ހާދަ ދޮނޭ ހީވަނީ ބައްޕަހެނޭ ހިތަށް އެރުން ފިޔަވާ އެއްވެސް އެއްޗެއް އަހަރެންގެ ހިތަކަށް ނާރައެވެ. އުފަލެއްވެސް ދެރައެއްވެސް ނުވެއެވެ. އެކަމަކު ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް އިޙްސާސް ކުރެވުނެވެ. ތަންކޮޅެެއް ފަހުން އަހަރެން އެއްފަރާތުގަ ހުރި އެނދުގަ އޮތްއިރު އަނެއް ފަރާތުގަ ހުރި އެނދުގަ އައިކާ ބާއްވާފަ އޮތެވެ. އަހަރެން ބަލަހައްޓައިގެން އޮތީމެވެ. އިތުރު އިހްސާސެއް ކުރެވޭތޯއެވެ. ނުވަތަ ވޭތޯއެވެ. އަހަރެން ކަޅިޖަހާނުލާ ބަލަން އޮތްތަން ފެނިގެން ނަރުހެއް އައިސް، އައިކާގެ އެނދު ގެނެސް އަހަރެންގެ އެނދާ ޖެހިގެން ވާގޮތަށް ބެހެއްޓިއެވެ. އަހަރެން ދެންވެސް އޮތީ އެ މައުސޫމް މޫނަށް ބަލަހައްޓައިގެނެވެ. ވަކި ޚާއްސަ ތަފާތެއް އިހްސާސް ކުރެވުނުހެނެއް ހީއެއް ނުވެއެވެ. އަހަރެން އެކަމާ ހައިރާންވެސް ވިއެވެ.

އޭގެ ހަފްތާއެއް ފަހެވެ. އެއީ މެންދަމުގެ ވަގުތެކެވެ. އަހަރެންނަަށް އާންމުކޮށް ނިދޭ އެވަގުތަކީ ކޮންމެވެސް ވަރަކަށް ހޭލެވިފަ އޮތް ވަގުތެކެވެ. ކުއްލިއަކަށް އައިކާ އަޑެއް ލައްވާލިހެން ހީވިއެވެ. އަހަރެން ތެދުވެ ބަލާލީމެވެ. އައިކާ އެއޮތް ގޮތަށް އޮތެވެ. ޔަޤީން ކޮށްލަން އަހަރެން ކައިރިވެލީމެވެ. އައިކާ ނޭވާ ނުލާކަން އިހުސާސް ކުރެވުނެވެ. ނަގާފަ ކުޑަކޮށް ތަޅުވާލީމެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ދެލޯ ހުރީ މެރިފައެވެ. ވަގުތުން ރިޒާމަށް ގޮވީމެވެ. ރިޒާމުވެސް ފުންމައިގެން ތެދުވިއެވެ. އައިކާއަށް ގޮވާ ހެދިއެވެ. އެއްވެސް ހަރަކާތެއް ނެތެވެ. އެހިސާބުން އަހަރެން ގޮތް ހުސްވިއެވެ. ހަތަރު އުދަރެސް ފެނު ޖެހުނުހެން ހީވިއެވެ. އެއްވެސް އިޚްތިޔާރެއް ނެތި ދެލޮލުން ކަރުނަތައް ފައިބާ ގަތެވެ. މުޅިމީހާ ހުރިތަނަށް ގަނޑުވިއެވެ. ރިޒާމް އައިކާގެ ނޭފަތުގަ އަނގަ ޖަހާފަ ބާރަށް ދަމަން ފެށިއެވެ. ނޭފަތުގަ ހަރުލާފަ ހުރި ބުއްކޮޅެއްގެ އެތިކޮޅެއް ނުކުތެވެ. ރިޒާމް ދެތިން ފަހަރަކު އެގޮތަށް ކަންތައް ކުރިއެވެ. އަނެއްކާވެސް އައިކާ ނަގާފަ ތަޅުވަން ފެށިއެވެ. ކުއްލިއަކަށް އުނދަގޫ ގޮތަކަށް ބާރު އަޑަކާއެކު އައިކާ ނޭވާލާން ފެށިއެވެ. ރިޒާމް ގޮސް އައިކާ ބޭއްވީ އަހަރެމެން ނިދާ އެނދުގައެވެ. އަހަރެމެން ދެމީހުންވެސް ބަލަހައްޓައިގެން ތިބީއެވެ. އިރުކޮޅަކުން ހަމައަކަށް އެޅި ބަރާބަރަށް ނޭވާލާން ފެށިއެވެ. މިފަހަރު އަހަރެންނަށް ރޮއެގަނެވުނީ އުފަލުންނެވެ. ﷲއަށް ޙަމްދު ކުރީމެވެ. އެރޭ އެއީ އަހަރެން އައިކާ ދެކެ ލޯބިވާވަރު އަހަރެންނަށް އިޙްސާސް ކޮށްދިން ރެއެވެ. އޭގެ ކުރިން އެހެނިހެން ކަންކަމުގައި ރޮއެހެދި އަހަރެންގެ ހިތް އެރޭ ރޮއެގަތީ މައިވަންތަކަމުގެ ޖަޒްބާތުންނެވެ. މައިމީހާއާއި ދަރިއާ ދެމެދު އުފެދިގެން އަންނަ ޖަޒްބާތުގެ އަޖާއިބުން ފުރިގެންވާ ޤުދުރަތުގެ ނިޒާމް އުފެދެމުން އަންނަ ގޮތުގެ ފުރިހަމަކަން އެރޭ އަހަރެންނަށް ކިތަންމެ ރަނގަޅަކަށްވެސް އިހްސާސް ކުރެވުނެވެ. އައިކާ އެންމެ ފުރަތަމަ ހީލި ދުވަސް އަދިވެސް އެއްވެސް ފަނޑުކަމެއް ނެތި، އިއްޔެ ހިނގިކަމެެއް ފަދައިން އަހަރެންގެ ހިތުގައި ތަސްވީރު ކުރެހިފަ އެބަހުއްޓެވެ. އައިކާ އެންމެ ފުރަަތަމަ ކީ "މަންމަ" އެއްވެސް ނޫނެވެ. މާމައެވެ. މަންމަ ކިޔަންފެށީ މާފަހުންނެވެ. އައިކާގެ ގައިން ދުވާ ވަސް އެއީ އަހަރެންގެ ނަފްސަށް ތާޒާކަން ގެނެސްދޭ ވަހެކެވެ.

އަހަރެން ދެއްކި ވާހަކަތައް ވަރަށް ޝައުޤުވެރިކަމާއެކު އަފީފާއްތަ ކަނުލާ އަޑުއަހަން އިނެވެ. އެއަށްފަހު ހިނިތުންވެލާފަ ބުންޏެވެ.

"އަނާ! ބަނޑުބޮޑުވުމަކީ ވަރަށް ގިނަ ހޯމޯނަލް ޗޭންޖެސް އަންނަކަމެއް. އެހެންވީމަ ނަފްސާނީ އެތައް ކަމެެއްވެސް ތަހައްމަލް ކުރަންޖެހޭ. ވިހާފަހުން އެދިމާވާ ނަފްސާނީ ކަންތަަކަށް ކިޔަނީ ޕޯސްޓް ޕާޓަމް ޑިޕްރެޝަން. އެއީ ވަރަށް ކޮމޮން ކަމެއް. އެކަމުގެ ސަބަބުން ވަަރަށް ގިނަ ފަހަރު ހަމަ ދަރިފުޅާ އެޓޭޗް ނުވެވިގެން އުޅޭ.. ބައެއް މީހުނަށް ފުރަތަމަ ދަރި ލިބޭއިރު. އަނެއްބަޔަކަށް ދެވަނަ ދަރި ލިބޭއިރު. އަހަރެންނަށް އެކަން ލައްވާލީ ދެވަނަ ދަރި ލިބުނުއިރު. ގިނަ މީހުންނަށް ވާގޮތަކީ ގިލްޓް ފީލްވަނީ. އެހެންވެ އެހެން ނުބުނަނީ. އަސްލުއެއީ އެއްވެސް މައްސަލައެއް ނޫން. އެއީ ހަމަ އަންނަ ފޭސްއެއް. އެކަމަކު މިހާރު ވަރަށް ގިނަ ބަޔަކު އެބަ ހޭލުންތެރިވެސް ވޭ." އަފީފާއްތަ އަހަރެންގެ ކޮނޑުގަ އަތްބާއްވާލިއެވެ.

އަފީފާއްތަގެ އެވާހަކަތަކުން ވަރަށް ބޮޑު ތަސައްލީއެއް ލިބުނެވެ. އަހަރެންނަށް މި އެނގުނީ ކުރިން ނޭނގޭ ކަމެކެވެ. އަހަރެންނަށް އަހަރެން ދިރިއުޅޭ މުޖްތަމަޢު ވިސްނައިދީފަ އޮތީ ފުރަތަމަ ދަރި ލިބޭ ދުވަސް އެއީ  އަބަދުވެސް ވަރަށް އުފާވެރި ދުވަހަކަށް ވާންޖެހޭނޭ ގޮތަކަށެވެ. ހާލަތު ނިޔާ ކުރާ ގޮތުން އެންމެނަށް އެގޮތަށް އެކަން އެއް އުސޫލަކުން ތަޖްރިބާ ކުރަން ނުލިބިދާނެއެވެ. ފުރަތަމަ ދުވަސް އުފާވުން ލާޒިމެެއްވެސް ނޫނެވެ. އެހެނަސް އޭގެ މާނައަކީ ދަރިފުޅުދެކެ ލޯބި ނުވުމެއްވެސް ނޫނެވެ. ހަމަގައިމުވެސް އަހަރެން އައިކާދެކެ އިންތިހާއަށް ލޯބިވަމެވެ. ވިހޭ ދުވަހުވެސް އަދި މިއަދުވެސް އަހަރެންމީ އައިކާގެ މަންމައެވެ. އައިކާ އެއީ އަހަރެންގެ ދެލޮލުގެ ނޫރެވެ. މަންމަގެ ދޮންކަނބުލޮއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
243
ޚިޔާލު ފާޅުކުރައްވާ!

6 Responses

  1. ވަރަށް ރީތި. މިއީ ހަމަ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެއް. އެކަމް އެހާ އެވެއަރ ކަމެއްނޫން. ޝަބީބްގެ ކޮންމެ ވާހަކައަކުން މިފަދަ ކޮންމެސް އިބްރަތެއް ހާސިލްވޭ. ވަރަށް ފުރިހަމަ.

  2. ވަރަށް ހިތްގައިމު. މިއީ އަޅުގަނޑުގެ ރައްޓެއްސަކަށްވެސް ދިމާވި ކަމެއް. ގެނެސްދީފައި އޮތްގޮތް ވަރަށް ފުރިހަމަ. ބާރަށް ކުރިއަށް.!!

  3. މިކަހަލަ ކުރު ވާހަކަތަކުން މުޖުތަމަޢު ހޭލުންތެރި ކުރުވަން ތިކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަސް!

  4. މާޝާﷲ. ކޮންމެ ޓޮޕިކަކަށް ލިޔުނަސް ހަމަ މޮޅީއޭ ގެނެސްދީފަ ހުންނަލެއް. ކިޔާހިތްވާ ގޮތަށް އަދި މަންޒަރު ސިފަވާނެހެން އެކި މައުޟޫއަށް ލިޔެވޭ ކުރުވާހަކަތައް ހުށަހަޅައިދިނުމަކީ ކޮންމެކޮންމެ ލިޔުންތެރިއަކަށް އެހާ ފަސޭހައިން ކުރެވޭނެ ކަމެއްނޫން. ކުރުވާހަކަތައް ނުފެންނަނީ އެހެންވީމަ ކަމަށްވެސް ވެދާނެ. މިލިޔުންތެރިޔާގެ މުސްތަޤްބަލް ވަރަށް އުޖާލާކޮށް ފެންނަނީ. ތަފާތު ގިނަ ވާހަކަތައް ފެންނާނެކަމަށް އުއްމީދުކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *