ކަންކަން ޙައްލު ކުރުމުގައި އެންމެ ރަނގަޅު ގޮތަކީ، ކަންކުރާ ފަރާތަށާއި އެކަމުން ލާބަ ލިބޭ ފަރާތަށް އެކަމަކުން އެންމެ ފައިދާ ހުރި ގޮތަށް އެކަމެއް ކުރުމެވެ.
"ހިޔާ"، "ފެސިލިޓީ"، "ޖަލު" ފަދަ ނަންތަކަކީ، ފިޠްރަތީ މިނިވަންކަން ނޯންނަ ގޮތެއްގައި އިންސާނުން، ނުވަތަ ހައިވާނުން، ނުވަތަ ދޫނިސޫފާ ސޫފި ވިޔަސް ގެންގުޅޭން ހަދައިފައި ހުންނަ ތަންތަނަށް ކިޔާ ނަންނަމެވެ. އެއީ، މާތްރަސްކަލާނގެ މި ދުނިޔޭގައި ދިރޭތަކެތި ލެއްވެވި ފިޠްރަތީ ޠަބީޢަތާ މުޅީން ޚިލާފު ވަސީލަތްތަކެވެ.
އެފަދަ ތަންތާނގައި ވަކި ހުދޫދެއްގައި ހިފަހައްޓައި ބަންދުކޮށްގެން އިންސާނުންނާއި ހައިވާނުންވިޔަސް ގެންގުޅުމަކީ، އެކަން ކުރާ ފަރާތް ފާފަވެރިވުމާ ވަރަށް ކައިރީގައިވާ ކަމެކެވެ.
ހިމަޔަތްދޭ ނަމުގައިވިޔަސް އެފަދަ ތަންތާނގައި މީހުން ނުވަތަ ދިރޭތަކެތި ގެންގުޅުމަކީ އެ ތަކެތީގެ މިނިވަންކަން ނިގުޅައިގަނެވި އަނިޔާގެ ރަހަ އިހުސާސް ކުރުވޭ، ޖަލުފަދަ ގިންތީގެ ތަންތަނެވެ.
މި މާލޭގައިވެސް ކުރި ކުށަކާ ގުޅިގެން ކޮށްފައިވާ ހުކުމަކާ ނުލައި ކޮށިކޮށީގައި (ޖަލެއް ފަދައިން) ބަންދުކޮށްގެން ދޫނީ ގެންގުޅޭތީވެސް ފެނެއެވެ. އެފަދަ ތަނަކީ ދުނިޔޭގައި ވައިރޯޅިފަށްވެސް ވަންނަ ގޮތަށް ހުންނަ ތަންތަނެއްވެސް ނޫނެވެ. އެފަދަ ނާޚުލުޤީ ވަސީލަތްތަކެއް ގާއިމުކޮށްގެން ބުޅާތައް ބެލެހެއްޓުމަށްވުރެން، އެ ކަންކުރާ ފަރާތަށާއި ބުޅާތަކަށް މާ ހެޔޮކޮށް ހިތޭން ހުރި، މާ ހެޔޮ ލުއިފަސޭހަ ވަސީލަތްތައް ބައިވަރެވެ.

މާލެއަކީ އަދި ބައެއް ރަށްރަށަކީ، އެންމެ ކުޑަމިނު ހޭޅިފަށްވެސް ފައިސާ ލިބޭ ތަންތަނުގެ ގޮތުގައި ކުއްޔަށް ދީފައިވާ ތަންތަން ކަމަށްވާތީ، ބުޅާތައް ދިރިއުޅޭންވެސް އަދި ނިދައި ފާހާނާކަމުދާންވެސް އޮތީ މަގުމައްޗެވެ. އެ ހާލަތަށް އެތަކެތި ވައްޓައިލީ ހަމަ އަހުރެމެން އިންސާނުންނެވެ.
އެހެން ކަމަށް ވެގެންވިޔަސް، ބުޅާތައް އަހުރެމެން ދިރިއުޅޭ ވެށީގައި ބޭތިއްބޭން ނެތް ކަމަށް ވެއްޖެނަމަ ރާއްޖޭގެ އެފަދަ ރަށްރަށުގައި އުޅޭ ބުޅާތައް ދިރިއުޅުމަށްޓަކައި ޚާއްޞަ ރަށެއް ކަނޑައެޅުން މާ އައުލާކަން ބޮޑެވެ. ނުވަތަ ދައުލަތުގެ ފުދުންތެރިކަން ހުރީވިއްޔާ ފަޅެއް ހިއްކައި އެތާނގައި ރަށެއް އުފައްދައިގެންވެސް އެތާނގައި މިނިވަންކަމާއެކު ބުޅާތަކަށް ދިރިއުޅެވޭނޭ ވެއްޓެއް ގާއިމުކޮށްދެވިދާނެއެވެ.
އެއާއެކު އެ ރަށެއްގެ ބޭނުން ހިފައިގެން އެ ރަށަކުން އާމްދަނީ ހޯދައިގެން ބުޅާތައް ބަލަހައްޓައިދިނުމަށް ޝަރުޠުކޮށްފައި ދައުލަތުގެ ފަރާތުން މީހަކަށް ނުވަތަ ކުންފުންޏަކަށް އެރަށެއް ވަގުފުކޮށްދީ ފަތެއް ލިޔެފައިވެސް ދެވިދާނެއެވެ. އެ ފަރާތަކުން އެރަށެއްގައި ދަނޑު ހައްދައިގެން ނުވަތަ ޕިކްނިކު އައިލެންޑެއް ހަދައިގެން ނުވަތަ ލޯކަލް ޓޫރިޒަމް އުފައްފައި އާމްދަނީ ހޯދައިގެންވެސް ބުޅާތައް ބެލެހެއްޓިދާނެއެވެ. އަދި އެ ތަކެއްޗަށް ލޯބިކުރާ މީހުން އެތަކެތި ދެކެލުމުގެ ބޭނުމުގައި އެރަށަށް ޒިޔާރަތް ކުރެވޭނޭ ގޮތާއި އެގޮތުން ޒިޔާރަތްކުރާ މީހުންގެ ފަރާތުންވެސް ރަށްވެރިޔާއަށް އާމްދަނީ އިތުރު ކުރެވޭނޭ ވަސީލަތްތައް ގާއިމު ކުރެވިދާނެއެވެ. އަދި އެރަށާ ކައިރި ރަށްރަށުން އުކައިލާން ބޭނުންވާ ކާނާގެ ބާކީ، އެ ރަށަށް ގެނެސްގެން ބުޅާތަކަށް ކާންދެވޭނޭ ނިޒާމެއްވެސް ގާއިމު ކުރެވިދާނެއެވެ.
އެ ރަށެއްގައި ބުޅާތަކަށް ވާރޭ ހިޔާވެވޭނޭ ގޮތްތަކެއް ހަދައިފައި ފެނާއި ކާނަޔަށް ނުޖެހި އުޅެވޭނޭގޮތް ހަދައިފީވިއްޔާ އެތަކެތި އެރަށެއްގައި ދިރިއުޅޭނީ އުޅޭނީ ނިކަން އުފަލުގައެވެ. ބަންދުކޮށްފައިވާ ހިޔާއަކަށް އެތަކެތި ލައިފިނަމަ އެތަކެތި އުޅޭނީ ހިތްދަތި ވޭނެއްގައެވެ. ބަލިމަޑުކަމުންވެސް އެތަކެތި މިންޖެއް ނުވާނެއެވެ.
މިއަދު އަހުރެމެން ފިޠްރަތީ ނިޒާމު ނޭނގުމުގެ ވަލަކަށް ވަދެވިފައި ތިބި މިންވަރުގެ ސަބަބުން، އެފަދަ ކަންކަން ނޭނގިފައި ތިބެވޭތީ، ކާނާގެ ބާކީ، އެއްވެސް އަސަރެއް ނެތި އުކައިލެވޭ ނަމަވެސް، އެއީ، އިސްލާމްދީނުގައި އެކަން އޮންނަ ގޮތެއްނޫނެވެ.

ބިމަށް ވެއްޓޭ ކާއެތިކޮޅެއްގެ ވެލިފޮޅާލައިގެން ނުކެވޭ ހާލާތެއްގައިނަމަ އެ އެއްޗެއް ކޮންމެވެސް ހައިވާނަކަށް ކާންދޭން މާތްރަސޫލާ އިރުޝާދުފުޅު ދެއްވާފައިވާކަން، ދަންނަބޭކަލުން ނިކަން ރަނގަޅަށް ދެނެވަޑައިގަންނަވާނެއެވެ. އަދި އެތަނެއްގައި ޖަނަވާރު ދިރިއުޅެ އެތަނަކުން އެ ތަކެއްޗަށް އޯގާތެރިކޮށް ހިތޭހައި ހިނދަކު އެތަނަކަށް ޚާއްޞަ އިލާހީ ރައްކާތެރިކަމެއްވެސް އޮންނަކަން ދަންނަބޭކަލުންނަށް ވަންހަނާވެވަޑައެއް ނުގަންނަވާނެއެވެ.
އެހެނަސް، މިއަދު އަހުރެމެން ހުޅަނގުގެ ތަހުޒީބުން ތަހުޒީބުވުމުގެ ސަބަބުން ކާނާގެ ބާކީ ކާންދެވެނީ ޑަސްބިން ތަކުގައިވާ ކަޅުކުލައިގެ ނުވަތަ އެހެންވެސް ކުލަކުލައިގެ ކޮތަޅުތަކަކަށް ކަމެެއްވެސް އަހުރެމެނަކަށް މޭރުމެއް ނުވެއެވެ.
އެކަމަކު އަހުރެމެން ދިވެހީންނަކީ، އިހުޒަމާނުއްސުރެވެސް، ގޭދޮށުގައި މިނިވަންކަމާއެކު އުޅެވޭ ގޮތަށް ކުކުޅުހާވެސް ގެންގުޅުނު ބައެކެވެ. އޭގެ ސިއްރަކީ، އުކައިލެވޭން ހުންނަ ކާނާގެ ބާކީ އެތަކެއްޗަށް ކާންދިނުމެވެ. ކާނާގެ ބާކީ، އުކައިނުލުމަށް އޮންނަ އިސްލާމްދީނުގެ މަތިވެރި އުސޫލުގައި ދެމިތިބުމުގެ ބޭނުމުގައެވެ.
ނިކަން ވިސްނައިލައިފައި ޖަވާބެއް ދީބަލާށެވެ! މި ދުނިޔެއަކީ ހަމައެކަނި އިންސާނުން ދިރިއުޅުމަށް ޓަކައި އެކަނި އުފެއްދެވި ދުނިޔެއެއް ހެއްޔެވެ؟ މި ދުނިޔޭގައި ފަނިފަކުސަތަކާއި ދޫނިސޫފާ ސޫފިތަކާއި ހައިވާނުތަކާއި ޖަނާވާރުތައް ލެއްވެވީ މި ދުނިޔޭގެ ވެރި މާތްރަސްކަލާނގެ ނޫން ހެއްޔެވެ؟އެހެންކަމުން އެކަލާނގެ އެ ހުރިހައި ތަކެއްޗަށް ގަސްގަހާ ގެއްސާއި އެހެން ގޮތްގޮތުން ރިޒުޤު ނުލައްވައި ދޫކޮށްލައްވައިފައި ވާނޭ ކަމަށް ގަބޫލު ކުރެވެނީހެއްޔެވެ؟
އެކަމަކު އަހުރެމެންނަކު އެކަންކަން އެނގޭކަމަށް ނަހަދަމުއެވެ. ގަސްގަހުން ނުކުންނަ ގޮވާންކޮޅާއި މޭވާކޮޅާއި އޮއްޓަރުތައްވެސް ބިނދެލައިގެން ގެނެސް ގުދަންކޮށް ފޮރުވައިގެން ކައިބޮއި ހަދަމުއެވެ. ކާނާގެ ބަކީ، ކަޅު ކޮތަޅުތަކަށް ކާންދެމުއެވެ. މާތްރަސްކަލާނގެ ލެއްވި ފިޠްރަތުގެ ހަމަތަކަށް ޣާފިލުވީމުއެވެ. އަދި އެފަދަ ކަންކަމާމެދު އިހުމާލުވެސް ވީމުއެވެ. އެކަމަކު އެކަމެއް ހިތަކަށް ނާރައެވެ. އަދި އިސްރާފުކުރުމޭ ބުނެވޭ ބަހުގެ ގަޤީޤީ މާނައަކީ، ކައިފައި ބާކީވާ ވަރަށް ވުރެ އިތުރަށް ކައްކާފައި އެއިން ބައެއް ބާކީކޮށްފައި އުކައިލުމަށް ކިޔާ ނަމެއް ނޫނެވެ.
އެހެނެއްކަމަކު އެއީ، އިރުކޮށްތަށް ފުދޭ މިންވަރަށްވުރެ އިތުރަށް ކާނާ ރައްކާކޮށް، އެކަލާނގެ ލެއްވި އެހެން ތަކެތީގެ ރިޒުގު ގުދަންކުރާ ކުރުމަށް ކިޔާ ނަމެކެވެ.
އިންސާނާޔަށްވެސް އިރުކޮއްތު ފިޔަވައި ދިރޭތަކެތީގެ ރިޒުޤާއެކު ދުނިޔޭގައި ލެއްވި ކާނާގެ ބާވަތްތައް ފޮރުވައި ގުދަންކުރުމަކީ، މާތްރަސްކަލާނގެ މި ދުނިޔެ އުފައްދަވައި މި ދުނިޔޭގައި އިންސާނުންނާއި ދިރޭތަކެތި ލެއްވެވި ޠަބީޢީ އަޞްލު މަޤްޞަދާ ޚިލާފުވުމެކެވެ.
މާތްރަސްކަލާނގެ މި ދުނިޔޭގައި ރިޒުޤުގެ ގޮތުގައި ލެއްވި ތަކެއްޗަކީ، ކައިބޮއި ހަދާ ގޮތުގައި މާތްރަސްކަލާނގެ މި ދުނިޔޭގައި ލެއްވި ދިރޭ ތަކެތީގެވެސް ހަމަހަމަ ޙައްޤެކެވެ. މިފަދަ ޚުލުޤީ ކަންކަން ދެނެގަނެ ޠަބީޢަތުގައި އަށަގެންނެވުމަކީ އިންސާނާޔަށް ލާޒިމުވެގެންވާ ކަމެކެވެ.
ކިތަންމެ ގިނަ ޖަމިއްޔާތަކަކާ މަޝްވަރާ ކުރިކަމަށް ވިޔަސް ކަންކަން ރަނގަޅަށް ކުރެވޭނީ، ހުރިހައި ނަޒަރަކުންވެސް ވިސްނައިފައި ރަނގަޅުކަންކަން ކުރީމައެވެ.
އަހުރެން އަހުރެންގެ ގައުމަށްޓަކައި މިވާހަކަ ހާމަކޮށްފީމެވެ.
