ގައުމުގެ ކުޑަކުދީން މާދަމާއަށްޓަކައި ހަރުދަނާ ގޮތެއްގައި ބިނާ ކުރުމަކީ، ގައުމުގެ ޙައްޤުގައި މިއަދުގެ ބޮޑަތިމީހުންގެ ބޮލުގައި އެޅިފައި އޮތް އެންމެއިސް މަސްއޫލިއްޔަތެވެ. އަދި އެއީ، އެންމެ ބޮޑު ގައުމީ އަމާނާތް ކަމުގައިވެސް ވެއެވެ.
ރިވެތި އަޚުލާޤާއި އިސްލާމީ ތަރުބިއްޔަތުގެ އަސަރު އެދެވޭ ގޮތެއްގައި ދަރީންގެ ކިބައިގައި އަށަނުގަންނަ ސަބަބާއި އެކަމުގައި ވެވިފައިވާ، ވެވޭ، އިހުމާލަކީ ކޮބައިތޯ ބަލައި ވިސްނައި އެކަންކަން މިހާރު ހުރި މިޞްރާބު ބަދަލު ކުރާކަށެއް އެހެން ގައުމެއްގެ ބަޔަކު މިތާކަށެއް ނާންނާނެއެވެ.
ދިވެހީންގެ ބަސްވެސް ނެތި، އުވި، ހިނގާއްޖެއެވެ.
ދޮށީ ޢުމުރުގެ މީސްކޮޅެއް ދިވެހި ބަހުގައި ހިފައިގެން ތިއްބެއް ކަމަކު، ޒުވާން ޖީލުތަކުގެ މެދުގައި ދިވެހިބަހެެއް ނެތެވެ. ދިވެހިބަސް ބޭނުމެއް ނުކުރެއެވެ. ދިވެހިބަހުން ބުނާ މަދު އެއްޗެއް މެނުވީ ފަހުމެއް ނުވެއެވެ!
ދާދިފަހުން މާލޭގެ ސްކޫލެއްގެ ގްރޭޑު ދިހައެއްގެ ކުދީންކޮޅެއްގެ އަދަބިއްޔާތުގެ ކުލާހެއްގައި ޅެން ކިޔަވައިދޭން އުޅުމުގެ ތެރޭގައި، އެދުވަހުގެ މޫސުމީ ހާލަތު ހިމެނޭ ގޮތުން ޅެންބައިތެއް ހެދުމުގައި ވާރޭގެ "ކެރި" އެނގުނު އެއްވެސް ދަރިވަރަކު ނެތްކަން އެނގި ވަރަށް ދެރަވެ އަދި ހައިރާންވާންވެސް ޖެހުނެވެ!
އެ ނުކުތާގައި ބަސްފޮތްވެސް އޮތީ ޣާފިލުކަންމަތީގައެވެ. ކެރީގެ މާނަވެސް އެ ފޮތުގައި އޮތީ ރޯ މަރުގޯސްކޮށެވެ. އެހެން އެކަންކަން ހުރުމުގައި ކިޔަވާ ކުދީން ކުރާނޭ ކަމެއް އޮންނާނޭ ހެއްޔެވެ؟ ނޯންނާނެއެވެ!
ކުށް އޮތީ، މައިންބަފައިންނާއި މުދައްރިސުންގެ ފުށުގައެވެ. އެ ކުދީންނަށް ފޯރުކޮށް ނުދެވޭ އެއްޗެއް އެކުދީންނަށް ނުފޯރާނެއެވެ!
ދަރީން ތޫނުފިލި ބަޔަކަށް ވުމުގައި މާދަރީބަހުގެ ދައުރު މުހިންކަމަށް ވިޔަސް ދަރީންނަށް މާދަރީބަހެއް އުނގަންނައެއް ނުދެވެއެވެ.
ތަންކޮޅެއް ކުރީން ދިވެހި އަދީބުން ލިޔާ ތަކެތީގައި ދިވެހިބަހުގެ ހަމަތައް ފުރިހަމަޔަށް ފެންނަމުން އައިސްފައިވިޔަސް، މިއަދު އެކަން ހުރީ އެހެންނަކުންނެއް ނޫނެވެ! އޭގެ ދިމާ އިދިކޮޅަށެވެ!
ފަހުގެ އަދީބުންކަމަށް މުޖުތަމާއަށް ހީވާގޮތަށް މަތިފަޑީގައި ބަސް އުފުލާ ފަރާތްތަކުން ލިޔާ ތަކެތީގައިހުރި، ފިކުރީ އުނިކަން އިންތިހާއެވެ. އެހެން އެކަން ހުންނަ ނަމަ، އެފަދަ ފުރާޅެއްގެ ދަށުން ދަރިވަރުވާ ދަރިވަރުންގެ ހާލަތު ހުންނާނެގޮތް ކޮންމެހެން ބަޔާންކުރާކަށެއް ނުޖެހޭނެއެވެ.
މިޒަމާނަކީ، ދަށްމިނު އޯލެވެލް ފެންވަރަށް ކޮންމެ ކުއްޖަކު އުނގެނޭން ލާޒިމު ކުރެވިފައި އޮތް ޒަމާނެއްކަމަށް ވިޔަސް، އަސާސީ ތައުލީމު އުނގެނޭން ލާޒިމުވީ ޖީލުތަކުގައި ތިބި ދިވެހީންގެ ކިބައިގައި ދިވެހިބަސް ހަރުލާފައިހުރީ ދިވެހިބަހުން ރަނގަޅަށް ވާހަކަ ދައްކައި އުޅެލެވޭ މިންވަރަށެވެ.
ބޮޑަތިމީހުންނަށާއި ވެރީންނަށާއި މައިންބަފައިންނަށް އިޙްތިރާމް އަދާކުރާން ދަނެއެވެ.
އުޅެމުން ދިޔައީ ޚުލުޤީ އިމެއްގެ ތެރޭއެވެ.
އަތަކު ސަނަދެއް ނޯވެއެވެ.
އެކަމަކު މާލޭގެ އޮފީސްތަކާއި ރަށްރަށުގެ އޮފީސްތަކާއި ރާއްޖޭގެ ނައިބުގެތައް (ޝަރުޢީކޯޓުތައް) ހިންގިއެވެ.
ހިސާބު ކިތާބު ރަނގަޅަށް ތަރުތީބަކުން ބެލެހެއްޓިއެވެ.
ކީރިތި ޤުރުއާނުގެ ނައްޞުން އަންގަވާފައިވާ ފަދައިން ވެރީންނަށް ބޯލެނބިއެވެ.
މައިންގެ ޒިންމާތަކާއި ގެވެހި މަސައްކަތްތައް އަންހެންދަރީންނަށް ވަރުތަކޮށް ދިނެވެ.
ބަފައިންގެ މަސްޢޫލިއްޔަތާއި ކުރާ މަސްކަތްތައް ފިރިހެން ދަރިންނަށް ފޯރުކޮށް ދިނެވެ.
އެކަމަކު އެފަދަ ކަންތައްތައް އިހާއި މިހާރާ އަޅައި ބަލައިފިއްޔާ ހުރި ތަފާތު އުޑާ ބިމާ ދެމެދުގައި ވާހައި ތަފާތު ބޮޑެވެ.
މިހިރަ މިހިރަ ކަންކަމާމެދު ފިކުރު ހިންގައި ގައުމުދެކެ ޙަޤީޤަތުގައި ލޯބިވާ މީހަކު، ބަޔަކު، ވެރިޔަކު، މިއަދަކު، ތިއްބެކޭ ނުބުނެވޭކަށެއް ނެތެވެ.
އެހެވީމާ، ކުޑަކުދީންގެ ދުވަސް މިއަދު ފާހަގަކުރާއިރު، ފަރުދީ ގޮތުންނާއި ރަސްމީގޮތުންވެސް މިކަންކަމަށް ވިސްނައި މި ގައިމު، މާދަމާ ހާވާލުވާންތިބި، ޅަފަތުގެ ކުދީން އިސްލާމީ ތަރުބިއްޔަތުގެ މަތީގައި، ދިވެހި ބަހާއި ދިވެހި ސަގާފަތުގެ މަތީގައި ބިނާކުރުމުގެ އިޚްލާޞްތެރި ނިޔަތަކުން ވިސްނައި ހެޔޮ މިޞްރާބަކަށް މިޞްރާބު ކުރުމަކީ، މުޅި ދިވެހި އުންމަތަށް އޮތް ގައުމީ ވާޖިބެއްކަމަށް ނޫނީ އަޅުގަނޑަކަށް ނުވިސްނެއެވެ.
