އިންސާނުން ބިމުގައި ލައްވައި އެއުރެމެންގެ ދުނިޔެވީ ޙަޔާތުގެ ޢަމަލުތަކަށް، އުޚުރަވީ ޙަޔާތުގައި ފުރިހަމަ ޖަޒާ ދެއްވާނޭކަން ނަބިއްޔުންނާއި ރަސޫލުން މެދުވެރި ކުރައްވައި މާތްﷲ ސުބްޙާނަހޫ ވަތަޢާލާވަނީ ކީރިތި ޤުރުއާނުގެ ޒަރީޢާއިންވެސް އެއުރެމެންނަށް އަންގަވައިފައެވެ. އެއީ، ހެޔޮ ޢަމަލަކުން ޒައްރެއްގެ މިންވަރު ކަމަށް ވިޔަސް އަދި ނުބައި ޢަމަލަކުން ޒައްރެއް މިންވަރުކަމަށް ވިޔަސް އެއްވެސް ތަފާތެއް ނެތް ގޮތެއްގައެވެ.
އެހެނެއްކަމަކު، އެއުރެމެން ކުރެ ގިނަ މީހުނެއް އެކަމެއް ނުދަންނަ ފަދައެވެ.
ފަހެ، ކައިބޮއި ހަދައި، ބިމުގައި ދިރިއުޅޭ ތަކެތީގެ ގޮތުގައި މި ދުނިޔޭގައި މާތްﷲ ލެއްވިހައި ދޫނިސޫފާ ސޫތްޕާއި ޙައިވާނުތަކާއި މަސްމަހާމެއްސާއި ފަނިފަކުސަ ތަކަކީވެސް މި ދުނިޔޭގައި މާތްﷲ ލެއްވި ތަކެއްޗެވެ. އެ ތަކެއްޗަށް އޯގަތެރިވެ އަޅައިލައި ކާންބޯންދީ ރަޙުމު ކުރުމަކީ، އިންސާނިއްޔަ ޚުލުޤެކެވެ.
ޚާއްޞަކޮށް އޭގެ ރިޒުޤު ހޯދުމަށް އުދުހިފައި ނުދެވޭ ޙައިވާނުތަކަށް އަޅައިލައި ރަޙުމު ކުރުމަކީ ލާޒިމު ކަމެކެވެ.

އަމުދުން މާލެ ފަދަ، އެތަކެތި ދިރިއުޅޭނޭ ވެއްޓެއް ނެތް، ތޮއްޖެހިފައިވާ ތަނެއްގައި، އަދި ކޮންމެ ގޭބިސީއަކުުން ބާކީވާ ކާނާގެ ބާކީ، ޑަސްބިންތަކަށް ބަނޑުބޮޑުވާންދެން ކާންދީ ހަދާ ތަނެއްގައި އެފަދަ ޙައިވާނެއްގެ އަރުތެރެއަށް ލާނޭ ކާއެއްޗެއް، ބޯނޭ ފެންތިކެއް، މީހަކު ނުދިނީވިއްޔާ ލިބޭނޭ އެއްވެސް ފަދައެއް، ގޮތެއް، ނޯންނާނެކަން، ބުއްދިއާއި އިންސާނިއްތުކަމުގެ ވިންދު، އަމަށުން ހުރި މީހަކަށް ވިއްޔާ ވަންހަނާއެއް ވާނޭހެނެއް ހިޔެއްނުވެއެވެ.
އަދި އެތަކެތި ލެއްވެވީވެސް އިންސާނުން ފަދަ އުންމަތް ތަކެއްގެ ގޮތުގައިކަމާއި އެ ތަކެއްޗަކީވެސް އެކަލާނގެ ޙަޟްރަތަށް މަޙްޝަރު ކުރައްވާނޭ ތަކެތިކަންވެސް ސޫރަތުލް އަންޢާމުގެ 38 ވަނަ އާޔަތުގައި މާތްﷲ އަންގަވާފައިވާ ހިނދު، އިސްލާމަކަށްވިއްޔާ އެކަން ވަންހަނާ ވާނެއެކޭ ހީއެއް ނުވެއެވެ.

އެފަދައިން، އެ އެއްޗެއްގެ މެއިގަނޑުގައި ތެތްކަމެއްވާ ކޮންމެ އެއްޗަކާމެދު ވެވޭ އިޙްސާންތެރިކަމަކީވެސް އެކަމަށް އަޖުރު ދެއްވާނޭ ކަމެއްކަން، ކީރިތި ރަސޫލާ ﷺ ގެ ފުށުން ބުޚާރީއާއި މުސްލިމު ރިވާކުރެއްވި (ތިރީގައި އެވާ) ޙަދީސް ފުޅުންވެސް އެ އޮތީ އެނގޭށެވެ.
އަދި ތިމަންކަލޭގެފާނުގެ ވެރިކަން ހިނގާ އިމުތެރޭގައި މަގު ގެެއްލިގެން ބަކަރިއެއް މަރުވިޔަސް އެކަމުގައި މާތްﷲ ގެ ޙަޟްރަތުގައި ތިމަންކަލޭގެފާނު ޒިންމާ އުފުއްލަވާން ޖެހިވަޑައިގަންނަވާނޭކަމަށް ދެކެވަޑައިގަންނަވާ ކަމަށް، އިސްލާމީ ދެވަނަ ޚަލީފާ عمر بن الخطاب رضي الله عنه ވިދާޅުވި ކަމުގައި މަޝްހޫރުވެފައި ވެއެވެ.
އެހެންކަމަށްވާއިރު، އަހުރެމެން ފަދަ ސައްތައިން ސައްތަ އިސްލާމުން ދިރިއުޅޭ ވެއްޓެއްގައި ދިރިއުޅޭ ޙައިވާނެއް ހައިހޫނެއްގައި ޖެހި، ބިކަހާލުގައި ދުނިޔޭން ވަކިވެގެންދާން ޖެހުމަކީ، ވަރަށް ދެރަކަމެކެވެ. އެހައިމެ ހިތާމަހުރި ކަމެކެވެ.
