އަފްޣާނިސްތާނަށް ނިސްބަތްކޮށް އާންމުކޮށް ކިޔައި އުޅެނީ، "އެމްޕަޔަރތަކުގެ ގަބުރުސްތާނު" ކަމުގައެވެ. މި ޖުމްލަ އުފެދިފައިވަނީ ފާއިތުވި ދެ ޤަރުނުގެ ތެރޭގައި އިނގިރޭސިވިލާތާއި ރޫސީވިލާތާ އަދި އެމެރިކާ ފަދަ ބޭރުގެ އަސްކަރީ ބާރުތަކާ ދެކޮޅަށް، ޒަމާނީ މާގިނަ ހަތިޔާރުތަކަކާ ނުލައި ހަނގުރާމަކޮށް، އެ ބާރުތައް އަފްޣާނިސްތާނުގެ ބިމުން ފައްސަލާފައިވާތީއެވެ. އަފްޣާނީންނަކީ އަންޒަމާނުއްސުރެ ސާބިތު، ކެރޭ، އަދި ހިތްވަރުގަދަ ބައެއް ކަމަށް ތާރީޚު ހެކިދެއެވެ.
އިސްކަންދަރު އައުޡަމް ނުވަތަ އެލެގްޒެންޑަރ ދަ ގްރޭޓް، ދުނިޔޭގެ ދެބައިކުޅަ އެއްބައި ފަތަޙަކުރީ އެންމެ ހަ އަހަރު ދުވަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ޕަޝްތޫންނުންނާއި ދެކޮޅަށް ހަނގުރާމަކޮށް ޕަޚުތޫންޚުވާ ނުވަތަ އަފްޣާނިސްތާން ފަތަހަކުރުމަށް އަހަރުތަކެއް ނެގިއެވެ.
ކޮންމެއަކަސް، އަފްޣާނިސްތާން ފަތަހަ ނުކުރެވި ދިގުލައިގެން ގޮސްފައިވާކަން އެލެގްޒެންޑަރގެ މަންމާފުޅު އޮލިމްޕިއަސްއަށް އެނގިވަޑައިގެން، އެލެގްޒެންޑަރއަށް ސިޓީފުޅެއް ފޮނުއްވިއެވެ. އަދި އެ ސިޓީފުޅުގައި ލިޔުއްވާފައިވެއެވެ. "ދަރިފުޅާއެވެ. ދަރިފުޅު މުޅި ދުނިޔޭގެ ދެބައިކުޅަ އެއްބައި ފަތަޙަކުރީ އެންމެ ހަ އަހަރު ދުވަހުގެ ތެރޭގައެވެ. އެކަމަކު، އެންމެ ޤައުމެއް ފަތަޙަނުކުރެވި، މިހާރު ކިތައް އަހަރު ވެއްޖެ ހެއްޔެވެ؟"
އެލެގްޒެންޑަރ، އޭނާގެ މަންމާފުޅު އޮލިމްޕިއަސްގެ ސިޓީއަށް ޖަވާބު ދެއްވަމުން ލިޔުއްވާފައިވެއެވެ. "މަންމާފުޅާއެވެ. އަޅުގަނޑު ކުރިމަތިލައިގެން މި އުޅެނީ ސިންގާތަކުގެ ބިމާއި އެވެ. އަދި މިއީ ވަރަށް ހިތްވަރުގަދަ ބައެކެވެ. އަޅުގަނޑުގެ ސިފައިން އަޅާ ކޮންމެ ފިޔަވަޅެއްގައި ކުރިމަތިވަނީ އެކަތައިގެ ފާރުތަކެވެ. މަަންމާފުޅާއެވެ. ޔޫނާނުގައި މަންމާފުޅު ރައްކައުވެވަޑައިގަތީ އެންމެ އިސްކަންދަރު އައުޡަމެކެވެ. މިތަނުގެ ކޮންމެ މަޔަކުވެސް ވިހަނީ އިސްކަންދަރު އައުޡަމެކެވެ."
މިއީ އަފްޣާނިސްތާނުގައި ހުންނަވާފައި އެލެގްޒެންޑަރ، އޭނާގެ މަންމާފުޅު އޮލިމްޕިއަސްއަށް ލިޔުއްވި ސިޓީއަކުން ނަގާފައިވާ ވާހަކައެކެވެ. އެލެގްޒެންޑަރ، މެސެޑޯނިއާ އިން ފެށިގެން އަފްޣާނިސްތާނާއި ހަމައަށް އޮތް ސަރަޙައްދުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަތަޙަ ކުރެއްވިއެވެ. އެކަމަކު، އަފްޣާނިސްތާނު ފަތަޙަ ކުރެއްވުމަށް ހަތަރު އަހަރު ވަންދެން ހަނގުރާމަ ކުރެއްވިއެވެ. ވަކިން ޚާއްސަގޮތެއްގައި ޕަޝްތޫނުންގެ ގަބީލާތަކާއި ދެކޮޅަށް ކުރެއްވި ހަނގުރާމައިގައި، އެލެގްޒެންޑަރއަށް ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެން ފުރާނަފުޅު ސަލާމަތްވީ ކިރިޔާއެވެ. އަފްޣާނިސްތާން ފަތަޙަ ކުރެއްވުމަށްފަހު، އެ ގައުމުގެ ކަންކަން ހަމައަކަށް އެޅުއްވުމަށްޓަކާ އިތުރު ދެ އަހަރު، އެލެގްޒެންޑަރ އަފްޣާނިސްތާނުގައި މަޑުކުރެއްވިއެވެ. އަފްޣާނީންގެ ޖެހިލުން ކުޑަކަމާއި ހިތްވަރުގަދަކަން، އެލެގްޒެންޑަރ އެކިފަހަރު މަތިން ވިދާޅުވެފައިވާ ބަސްފުޅުތަކުން ހާމަވެއެވެ. ތިރީގައި މިވަނީވެސް، އަފްޣާނީންނާއި ބެހޭގޮތުން އެލެގްޒެންޑަރ ވިދާޅުވެފައިވާ ވަރަށް މަޝްހޫރު ބަސްފުޅެކެވެ.
"ކޯބުރާގެެ ވިހައިންނާއި، މިނިކާވަގުގެ ދަތްތަކުންނާއި އަދި އަފްޣާނީންގެ ބަދަލުހިފުމުން، މާތްކަލާނގެ ތިބާ ދުރުކޮށް ދެއްވާށި!"
މިހާރު "ކަންދަހާރުގެ" ނަމުން މަޝްހޫރު ސަހަރަކީ، އިސްކަންދަރިއްޔާގެ ނަމުގައި، އެލެގްޒެންޑަރ ބިނާކުރެއްވި ސަހަރެކެވެ. އެލެގްޒެންޑަރ ރަސްމީކޮށް ކައިވެނި ބައްލަވައިގަތީ ދުނިޔޭގެ އެންމެ ރީތި އަންހެނާ ކަމަށް، ބުނެވޭ ރުޚުސާނާ ނަމަކަށް ކިޔާ އަފްޣާން ރަސްދަރިކަނބަލަކާއެވެ. ރުޚުސާނާ ދެކެ އެލެގްޒެންޑަރ ވަރަށް ލޯބިފުޅުވިއެވެ. މި ކައިވެނިފުޅުން ފިރިހެން ބޭފުޅަކު ލިބިވަޑައިގަތެވެ. ފަހުން، އެ ދަރިކަލުން މަޝްހޫރުވެ ވަޑައިގަތީ އެލެގްޒެންޑަރ 4 ގެ ނަންފުޅުންނެވެ.
