Support Us

ކޮލަމް: ދިނަށަ

ކޮލަމް: ދިނަށަ: ކެތި ނަކަތާއެކު ހުޅަނގު މޫސުމުގެ ވިއްސާރަ

މިއަދަކީ މިއަހަރުގެ ހުޅަނގު މޫސުމުގެ ކެތި ނަކަތުން ފުރަތަމަ ދުވަހެވެ.

ކެއްޗަކީ ހުޅަނގު މޫސުމުގެ ތިންވަނަ ނަކަތެވެ.

މިއަދު މޫސުން ރަނގަޅެއް ނޫނެވެ. ވިއްސާރައެވެ.

ކެރީގެ އަސަރު ފޯރައެވެ. ވިދައެވެ. ގުގުރައެވެ. އުޑުމަތި ބަނައެވެ.

ވައި ޖެހެނީ، މުރިނގު އަސްތަމާނާއި ގަލްބު އަސްތަމާނާ ދެމެދުން 18 ކިލޯމީޓަރާއި 33 ކިލޯ މީޓަރާ ދެމެދުގެ މިނެއްގައެވެ.

ޖޯގުރަފީ ގޮތުން ބަލާއިރު މިއަދަކީ، ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން، ހުޅަނގު މޫސުމުގެ ވިއްސާރަ ފެށޭ ނަކަތް ކަމަށްވާ ކެތީގެ ދުވަހެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރަކީ، ކެއްޗަށް އިރު ވަނީއްސުރެ ހެއި ނަކަތް ހުސްވުމާ ދެމެދުގައި ހިނގާ ދުވަސްތަކެވެ!

ދުނިޔެ އެ، ސޯލާ ސިސްޓަމެއްގައި އޮންނަ ސޯލާ ސިސްޓަމްގައި އިރުގެ ވަށައިގެން ދުނިޔެ ހިނގާ ފަލަކުގައި އެ ދުވަހަކު ދުނިޔެ އޮންނަ ތަނުގެ ގޮތުން ދުނިޔޭގެ ވެށީގެ ނިސްބަތުގައި ދުނިޔޭގެ ވަށައިގެންވާ ބުރުޖު (މިޞްރާބު) ތަކާއި ދުނިޔެ އޮންނަ ސޯލާސިސްޓަމުގައި ގުރަހަތައް އެތުރިފައި ހުންނަ ބުރުޖުތަކާއި ނަކަތެއްގެ ގޮތުންނާއި، އެ ބުރުޖަކާއި ނަކަތެއްގައި ހަނދު ހިނގާ ގޮތުން، އެކި އަހަރަށް އެއް ނަކަތަކުން ފާޅުވާ މޫސުމީ ތާސީރު އަނެއް އަހަރެއްގެ އެނަކަތެއްގެ މޫސުމީ ތާސީރާ ތަފާތުކޮށް ފާޅުވާ ފާޅުވުމަކީ، މޫސުން ތަފާތުވުން ކަމަށް، މިޒަމާނުގެ ރަސްމީ އިދާރާ ތަކުންވެސް ހާމަކުރާތީ ފެނެއެވެ! ކިޔާތީ އިވެއެވެ!

އެހެނަސް، އެކަންކަމަކީ އެފަދައިން ހުރިކަމެއް ނޫނެވެ!

ފަހެ، ކައުނީ ފިޠުރަތަކީ ކައުނުގެ ވެސްވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ ތަޤްދީރު ކުރައްވާފައިވާ ގޮތުގެ މަތީގައި ކުޑަވެސް ބަދަލެއް އައުމެއް ނެތި ހިނގަހިނގާ ހުންނަ ކަންކަމެކެވެ. ނުވަތަ އެއީ، ފިޠްރަތީ އާދައެކެވެ!

އަހުރެމެންގެ އަތަކު އެންމެ ހާަސް އަހަރުގެ މޫސުމީ ރެކޯޑުވެސް ނެތެވެ. ފަންސާހަކަށް އަހަރުގެ ރެކޯޑެއްވެސް ނެތެވެ!

އެ ހާލަތުގައި ކަން އޮއްވައި މޫސުން ތަފާތުވެޔޭ ކިޔުމަކީ ހެޔޮވާ ވަރުގެ ކަމަކަށް ވާނޭ ހެއްޔެވެ؟ މި ދެކެވެނީ އިހާއި ފަސް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ތަޤްދީރު ކުރައްވާފައި ހިސާބެއްގެ މަތީގައި ލައްވާފައިވާ ނިޒާމެއްގެ ވާހަކަ ވިއްޔާއެވެ!

ފަހެ، ނަމާދު ތާވަލުތަކުން، އެއްވަގުތު ދެ އަހަރެއްގެ އެއް މަހެއްގެ އެއް ދުވަހަކަށް ތަފާތެއް އާދޭ ހެއްޔެވެ؟ ނާދެއެވެ! ނުވެސް އަންނާނެއެވެ! އެހެންވީމާ، އެއިންވެސް އެނގެނީ ފަހެ، ކޮންކަމެއް ހެއްޔެވެ؟

އެއިން އެނގެނީ، މާތްރަސްކަލާނގެ ލައްވައި ތަޤްދީރު ކުރެއްވި ކައުނީ ކަންކަމަކީ ބަދަލެއް އަންނަ ކަންކަމެއް ނޫންކަމެވެ!

އެބަހީ، އެކަލާނގެ ކަނޑައަޅުއްވާފައިވާ، ނެތި ފަނާވެދިއުމުގެ އަސަރުން ކައުނު ސަލާމަތްވާނެ ވާހަކައެއް ނޫނެވެ! އެހެނެއް ކަމަކު، އެފަދަ އަސަރެއް ކައުނީ ކަމަކުން އެނގޭ މިންވަރަށް ފައުޅު ކުރައްވައިފިނަމަ، މީސްތަކުން މިއުޅޭ ދިރުއުޅޭ އާދައިގެ ހާލަތުގައި ދިރިއެއް ނޫޅެވޭނެއެވެ.

ހަމައެކަނި ދުނިޔެއާއި އިރާ ދެމެދުގެ މިނުގެ ގޮތުގައި މިހާރު ލައްވާފައިވާ އެންމެ ކައިރި މިނާއި އެންމެ ދުރުމިނާ ދެމެދުގެ މިނަށް އެހެން ބަދަލެއް މިންވަރު ކުރައްވައިފިނަމަ މިހާރު ދުނިޔޭގައި ކަންކަން ހިނާ ނިޒާމު މިހާރާ އެއްގޮތަށް އޮންނާނެ ހެއްޔެވެ؟ ނޯންނާނެކަން ޔާގީނެވެ!

ފަހެ، މޫސުމީ އާދައިގެ ހާލަތަށް ނަޒަރުކޮށް ބަލާއިރު، ފުރަހަޅަ، އުތުރުގަޅަ، ލައިގަތީމާ ނޫނީ، އައްޔޫޤު އިރާނުން ވައި ޖެހިފައި، ހަޅަ ނުޖަހާ ހެއްޔެވެ؟

ފުރަހަޅަ، އުތުރުހަޅައިގައި ނޫން އެހެން ނަކަތަކެއްގައި އައްޔޫގު އީރާނުން ވައިޖެހިފައި ހަޅަ ޖަހާ ހެއްޔެވެ؟

މިފަދަ ކަންކަމުގެ މިންވަރެއް ކައުނީ ޒާތުން ދެތުމަކާ ނުލައި، އަހުރެމެން މޫސުން ދިމައެއް ނުވޭ، އެކި އަހަރު އަހަރަށް މޫސުން ފެށެނީ އެކި ދުވަހުގައޭ ކިޔައިގެން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސްލެއްގެ މައްޗަށް ބުރަވެ ދެއްކޭ ވާހަކަތަކެއް ނޫނެވެ! އެފަދަ ވާހަކަތައް ގަބޫލުކުރުމީ ހެޔޮ ގޮތެއްވެސް ނޫނެވެ.