Support Us

ވާހަކަ: ޔުކްތާ – އެޕިސޯޑް 1

(މިއީ 2009 ވަނަ އަހަރުގެ ގައުމީ ވާހަކަ ލިއުމުގެ މުބާރާތުން ހޮވި އެންމެ މޮޅު ވާހަކައެވެ.)

އުމުރުން އެންމެ ނުވަ އަހަރުގެ ޔުކްތާ ވަނީ ހާސްވެފައެވެ. އޭނާގެ އެކުޑަ އަތްތިލަ ވަނީ އޭނާގެ މަންމަގެ އަތާ ޖޯޑު ކުރެވިފައެވެ. އޭނާގެ ދެލޯ ވަނީ ކަރުނުން ތެމިފައެވެ. އެ ކުޑަކުއްޖާއަށް ވަނީ ވާނުވާ ނޭނގި އޮޅިފައެވެ.

"މަންމަ މިއަދު މާބޮޑަށް ބަލީތަ؟" އަބަދުވެސް ފަތިސް ނަމާދަށް ތެދުވާ މަންމަ އަށެއްޖެހިއިރުވެސް ނުތެދުވާތީ ޔުކްތާ ވަނީ އުދާސް ވެފައެވެ.

"ދަރިފުޅު މިއަދު ގޭގެ މަސައްކަތްތައް ކޮށްލަދީ." މަންމަ ނަފީސާއަށް ވާހަކަދެއްކުނީ ވަރަށް އުނދަގުލުންނެވެ.

"ޔާރައްބީ. މަންމަގެ އަނގައިން މިއަންނަނީ ކޮންލެއެއް؟" އެއްގޮތަކަށްވެސް ވާނުވާ ނޭނގޭ ޔުކްތާވަނީ ނުހަނު ހާސްވެފައެވެ.

"ވަރަށް އަވަހަށް ރަނގަޅުވެދާނެ، ދަރިފުޅު ހާސްނުވޭ، މަންމައަށް ފެންފޮދެއް ގެނެސްލަދީ" ގަސްދުގައި ނަފީސާ އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް އޮޅުވާލިއެވެ. މިއަކީ އަދަކު އިއްޔެއަކު ހިނގިކަމެއް ނޫނެވެ. މީގެ ދުވަސްތަކެއްގެކުރިން ފެށިގެން މިހާތަނަށް ލިބެމުން ދިޔަ އަނިޔާތަކަށް ކެތްކުރުމުގެ ނަތީޖާއެވެ.

ނަފީސާއަކީ މަޑުއްވަރީގެ އެދުވަސްވަރުގެ އެންމެ ރީތި އަންހެންކުދިންގެ ތެރޭގައި ހިމެނޭ ރީތި ކުއްޖެކެވެ. އޭރު މީދޫއަށް މަސްވެރިކަމުގައިދިޔަ އުމަރަށް ނަފީސާ ނުހަނު ކަމުދިޔައެވެ. އަދިނަފީސާގެ އާއިލާއާއި ދެކޮޅަށް އުމަރާއި ކައިވެނިކޮށް ލޯބިވާ މައިންބަފައިން ދޫކޮށް އަބަދަށްޓަކައި އުޅުމަށް ވަޢުދުވަމުން ނަފީސާ މީދޫއަށް ދިރިއުޅުން ބަދަލުވިއެވެ. ނަމަވެސް އުމަރާއެކު ނަފީސާއަށް ތެދުވެރި ކަމާއެކު އުޅެވުނީ މަދުދުވަސް ކޮޅަކުއެވެ. އާދައިގެ ކުދިކުދި ކަންތައްތަކާއި އަވަސްއަވަހަށް ރުޅިއަންނަ އުމަރު އޭނާއަށް އަނިޔާކުރުންވީ މުޅިއާއިލާ ދޫކޮށް އެއްވެސް ތިމާގެމީހެއްނެތް މީދޫގައި އުޅުން ހިތްދަތިކަމަކަށެވެ. އަދި އަވައްޓެރިންނާއި ގުޅުންކުޑަކަމުންނާއި ރަހްމަތްތެރިން މަދުކަމުން އޭނާއަށްވަނީ ނުހަނު އެކަނިވެރިކަން ލިބިފައެވެ.

އުމަރުގެ މަދު ރައްޓެހިންގެ ތެރެއިން ހިމެނޭ އުމުރުން ދުވަސްވީ ރައޫފަކީ އަބަދުވެސް އެގެއަށް އަންނަ ހިތް ހެޔޮމީހެކެވެ. ނަފީސާގެ ހާލާމެދު ވިސްނާ އެކަމާ ދެރަވާ މީހެކެވެ. ނަފީސާއާއި ގާތްކަން ބަހައްޓާ އަޅާލާމީހެކެވެ. އޭގެ ނަތީޖާއަށް ވެގެންދިޔައީ ރަހުމަތްތެރިކަމަށްވުރެން މާގާތް ގުޅުމެއް އެދެމެދުގައި އުފެދުމެވެ. އުމަރު މަސްވެރިކަމުގައި ރަށަށް ނާންނަ ރޭތަކުގައި ނަފީސާގެ އެކަނިވެރިކަން ފިލުވައިދެނީ ރައޫފުގެ އޯގާތެރިކަމުންނެވެ. ހިތްދަތިކަން ދުރުކޮށްދެނީ ރައޫފުގެ ހޫނު ބީހުންތަކުންނެވެ. އެސިއްރު ގުޅުން މާތްކަލާނގެ ފިޔަވައި އެއްވެސް ފަރާތަކަށް ނޭނގެއެވެ.

އާދައިގެމަތިން ނަފީސާގެ ސިއްހީ ހާލަތު މަޑުމަޑުން ރަނގަޅުވެއްޖެއެވެ. އޭނާއަށް މިކަންތައްތައް އާކަމަކަށްނުވާތީ މާބޮޑު ކަމަކަށް ނުހަދައެވެ. ކޮންމެފަހަރަކުވެސް މޭގައި ރިއްސުމާއި ވަރުބަލިކުރުމާއި އަދިބައެއްފަހަރު އަނގައިން ލޭއައުމުން އާދައިގެ ޕެނެޑޯލް ގުޅައެއް ކާލަނީއެވެ. މާބޮޑުކަމަކަށް ހަދައިގެން އުމަރުގާތު ބުނެފިނަމަވެސް އެދެވޭ ސަމާލުކަމެއް ނުލިބޭނެކަން އެނގޭތީއެވެ. އެހެންނަމަވެސް އެއްވެސް މަސައްކަތެއްކުރުމުގެ ހިތްވަރެއް އޭނާގެ ކިބަޔަކު ނުވެއެވެ. މިހާރު ގޭގެ ހުރިހާ މަސައްކަތްތަކެއްހެން ކުރަނީ ކުޑަކުޑަ ޔުކްތާއެވެ. އުމުރުން އެގާރަ އަހަރުގެ ޔުކްތާ ހުންނަނީ ސިއްޙަތު ރަގަޅުކޮށެވެ. އެއުމުރުގެ ކުދިންނަށްވުރެ ފަލަކޮށް އުމުރަށްވުރެން ބޮޑުކޮށެވެ. ދިގުއިސްތަށިގަނޑަކާއި ރީތި މޫނެކެވެ. ރަށުގެ އެހެންކުދިންނަށްވުރެ ރީތިވެފައި ދޮނެވެ.

ޔުކްތާއަކީ މުރާލި ކުއްޖެއްވެސްމެއެވެ. މަންމަދެކެ ނުހަނުލޯބިވާ މަންމަގެ ހުރިހާ މަސައްކަތްތައް މަންމަގެ އިރުޝާދުގެމަތިން ބަރާބަރަށް ކުރެއެވެ. ފަތިހުތެދުވެ ސައި ކެއްކުމަށްފަހު މުޅިގެއާއި ގޯތިތެރެ ސާފުކުރުމަށްފަހު އެފަކީރަށް ސްކޫލަށް ދެވެނީ ގަޑިޖެހިގެންނެވެ. ބާރަގަޑި ފަންސާހުގައި ސްކޫލު ނިންމުމަށްފަހު ގެއަށްގޮސް ކައްކާ ހެދުމަށްފަހު މަންމަ ކަނޑާފައި ހުންނަ ބައެއްހެދުން ފެހޭތޯ މަސައްކަތް ކުރެއެވެ. ގޭގެ ހުރިހާމަސައްކަތްތައް ނިންމަމުން ކިޔެވޭތޯ ގަދައަޅާ މަސައްކަތް ކުރަމުން ޔުކްތާ ދަނީ ރަގަޅު ނަތީޖާއެއް ލިބޭތޯއެވެ. ނަމަވެސް އެ ކުއްޖާއަށް ހިތްވަރުކުރެވުނީ ވަކިވަރަކަށެވެ. ހެނދުނު އެއްވެސް އެއްޗެއް ނުކައިހުރުމުގެ ސަބަބުން ނޭނގިނަމަވެސް ފިލާވަޅުތަކަށް ދޭންވާ ސަމާލުކަން މަޑުމަޑުން ގެއްލެމުންދެއެވެ. އެކަށީގެންނުވާވަރަށް ބުރަ މަސައްކަތްކުރުމުން އެނިކަމެތި ހަށިގަނޑު ވަނީ ވަރުބަލިވެފައެވެ.

އިރުއޮއްސުމުން ނަމާދު ކޮށްލައިގެން ޤުރުއާން ކިޔެވުމަށާއި ނޭނގޭ ފިލާވަޅުތައް ހެދުމަށްޓަކައި ގެއާއި މާދުރުނޫން ގެއެއް ކަމުގައިވާ އަޒީއްތަ ގެއަށް ދެއެވެ. އަޒީއްތަކިޔަނީ އެގޭ އަޒީޒާ އަށެވެ. އެއީ ޔުކްތާއަށް އަށް އަހަރުން ފެށިގެންވެސް ޤުރުއާން ކިޔަވައިދޭ އޭނާދެކެ ނުހަނު ލޯބިވާ މީހެކެވެ. އަދިނޭނގޭ ފިޅާވަޅުތައްވެސް ބުނެދެނީ އޭނާއެވެ.
އަޒީޒާއަކީ މުއްސަނދި މީހެކެވެ. އޭނާއާއި ފިރިމީހާ ހިއްސާވާ ފިހާރަތައް މާލޭގައި ހުރެއެވެ. އެމީހުންވަނީ މާލެއިން ބޮޑު ގޯއްޗެއް ގަނެގެން ރަނގަޅު ފެންވަރަކަށް ހަދާފައެވެ. ނަމަވެސް އަޒީޒާ ވޭތުވެދިޔަ ހަތަރު އަހަރުން ފެށިގެން ރަށުގައި ދިރިއުޅެނީ އޭނާގެ މުސްކުޅި ބައްޕަ ނިޔާވުމުން ނިކަމެތި މަންމަ ހިތުގައި ނުޖެއްސުމަށްޓަކައެވެ. ވާބަލި ޖެހިފައިވާ އޭނާގެ މަންމައަށް ބޭސް ކުރުމަށެވެ.

"ޔުކްތާ؟" ހުޅުވާލާފައި އަތް ފޮތްމަތީގައި ބޯޖަހައިގެން ނިދިފައި އޮތް ޔުކްތާއަށް އާރިޒް މަޑުމަޑުންގޮވާލިއެވެ. އާރިޒަކީ އަޒީޒާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެއީ ނަވާރަ އަހަރުވެފައިވާ އިސްކޮޅުން ދިގު ރީތިކުއްޖެކެވެ. އޭނާ ދަނީ މެލޭޝިޔާގައި ވިޔަފާރީގެ ރޮގުން ޑިގުރީ ނެގުމަށް މަސައްކަތް ކުރަމުންނެވެ. މިހާރު ވަނީ ޗުއްޓީއެއްގައި އޭނާގެ މަންމަގާތުގައި ހުރެލުމަށް އައިސްފައެވެ.

"މަންމާ، މަންމަ ކިޔަވައިދެނީ މިކަހަލަ ކުދިންނަށްތަ؟ ޔުކްތާއާއި ދިމާއަށް ހިނގަމުން އަންނަ އަޒީޒާއާއި ދިމާއަށް އާރިޒު ބުންޏެވެ.

"ނޫން ދަރިފުޅާ، މީވަރަށް ހިތް އަލި މޮޅުކުއްޖެއް."

"އެކަމަކު އަޅުގަނޑަށް ފެންނަ ކޮންމެފަހަރަކު މިކުއްޖާ އިންނަނީ ނިދާފަ." އާރިޒު މަލާމާތް ކޮށްލިއެވެ.

"ޔުކްތާއަށް މިހާރަކަށް އައިސް އަބަދު ނިދެނީ ކީއްވެ؟" ނިދިއައިސްގެން ލޯރަތްވެފައިވާ ޔުކްތާގާތު އަޒީޒާ އެހިއެވެ.

"އެއީ ކަންނެތްކަމުން." ޔުކްތާއަށްވުރެކުރިން އާރިޒު ވާހަކަދެއްކިއެވެ.

"އަޅުގަނޑު ދެން މިރޭދަނީ. އާރިޒު ބޭބެ ގާތު ބުނުއްވާ އަޅުގަޑަށް މަލާމާތްކުރަންޏާ ދެން ނާންނާނަމޭ." ޔުކްތާ އާރިޒްދެކެ ލަދުގަނެއެވެ. އޭނާ އަބަދުވެސް ޔުކްތާއާ ދިމާކުރެއެވެ. ފިލާވަޅުހަދާއިރު ނިދާތީއެވެ. މޫނުގައި ގަނޑުގަނޑަށް ފުށްހުންނާތީއެވެ. ވާހަކަދައްކާއިރު ރާގުބޮޑުކަމުންނެވެ.

އާރިޒު އައިފަހުން ވަރަށް ގިނަރޭރޭ ޔުކްތާ ވަރަށް އަވަހަށް ގެއަށްދެއެވެ. އޭނާ ކޮންމެވެސް އެއްޗެކޭކިޔާ ޔުކްތާ ދެރަކޮށްލައެވެ. ނޫނީ ލަދުގަންނަވާލައެވެ. އާރިޒު ގިނަފަހަރަށް ޔުކްތާ ލަދުގަންނަވާލެވުމުން ހުންނަގޮތް މަޖާވަނީއެވެ. އޭނާގެ މަންމަ އެއްޗިހި ގޮވަންދެން ޔުކްތާ ރަކިކުރެއެވެ. ނޫނީ އޭނާއަށް ރޮވެންދެން ދިމާކުރެއެވެ. ކޮއްކޮއެއްގެ ލޯބިލިބިފައިނުވާ އާރިޒް ޔުކްތާ ދެކެވަނީ ކޮއްކޮއެއްދެކެ ވާލޯތްބެވެ. އަނެއް ދުވަހު އޭނާ ކިޔަވަން އައުމުން މާފަށްވެސް އެދެއެވެ. އަދި ބައެއްފަހަރު ހަދިޔާވެސް ދެއެވެ. އެހެންކަމުން އޭނާއަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބެއެވެ.
އާރިޒު އައިތާ ދެ ހަފުތާ ތެރޭގައި އޭނާގެ މާމަ ވަރަށް ބަލި ވެއްޖެއެވެ. ރަށުން އެކަށީގެންވާ ފަރުވާ ނުލިބުމުން އަޒީޒާ ނިންމީ މަންމަގެ ނުރުހުމުގައިވެސް މާލެ ގެންދިޔުމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ލޯންޗެއް ކުއްޔަށް ހިފައިގެން އެތިން މީހުން މާލެ ދިޔައެވެ. މިކަމުން އެންމެ އަސަރުކުރީ ކުޑަކުޑަ ޔުކްތާ އަށެވެ. އަޒީޒާ ދިޔުމުން އޭނާއަށް ކިޔެވުމުގައި އެހީތެރިވާނޭ މީހަކު ނެތްތާނގައި ހެޔޮހިތުން އަނގައިން ބުނާ މީހަކުވެސް ނެތެވެ.

ހުކުރު ދުވަހުގެ ހެނދުނެވެ. ހިކި ދިޔަވަރުގައި ފަޅުގެ ބޮޑު ހިސާބެއް އޮތީ ހިކިފައެވެ. މާދުރަށް ހިކިފައިވާ ގާތަކުގެ ފަރުހަކިވަސް ދުވައެވެ. މާދުރުނޫން ހިސާބެއްގައި ކޮނެފައި އޮތް ފަޅުތެރޭގައި އޮތް ކޮރަކަލި އައިނަކުން ރިހި ދަޅައަރަނީ އެއަށް ހަމަލަދޭ ހަނދިތަކުން ސަލާމަތްވާން ފުންމާލާއިރުއެވެ. މުޅި ހިސާބު ކަޅުކޮށްލާފައިވާ ދަހި މަސް އައިނުން ދެތިން ކުއްޖަކު ކުދި ދޮށި ތަކަކުން ކޮރަކަލި ބާނަނީއެވެ. ރާޅުޖަހާފަށަށް އަޅާފައި ހުރި ކުނިތައް ކާން ކާޅުތައް ހޭބޯނާރާ އުޅެއެވެ. ހެނދުނުގެ މަސައްކަތް ނިންމާލުމަށްފަހު ޔުކްތާ ދިޔައީ ބަދިގޭގެ ކުނި އުކާލުމަށްޓަކައި ގޮނޑުދޮށަށެވެ. އޭނާ ކުނިތައް އުކާލުމަށްފަހު ބާލިދީ ދޮވެލާ ދާން ހިނގައިގަތެވެ.

"ޔުކްތާ، މިއޮތީ ފަންހާމަހެއް." މަރީގެ އަތުގައި ދަބަރު ޖަހާފައިވާ އަލަނާސި ދަޅެއްގެ އެތެރެ ދައްކާލިއެވެ.

"ކާކު ހިފީ." ރާޅުޖަހާ ފަށާއި މާދުރުނޫން ހިސާބެއްގައި ބާލިދީ ބަހައްޓާފައި މަސްބަލާލިއެވެ.

"މަ. ގާ ކައިރީގައި އިންދާ މިދަޅު ޖަހައިގެން ހިފީ." ފެންތައް އޮއްސާލަމުން މަރީ ބުންޏެވެ.

"ތިމަސް މަރާނުލާ." ބިންމަތީގައި ތެޅިތެޅިއޮތް މަސް ފެނިފައި ޔުކްތާ ދެރަވިއެވެ.

"މީ އެވަރު އެއްޗެއްތަ؟" މަރީ ފައިން އަރާ އެކުޑަކުޑަ މަސް ޗިސް ކޮށްލިއެވެ.

"ބާލިދީ އެއޮއް އޮޔާދަނީ." ޔުކްތާއަށް ކުއްލިއަކަށް އޮޔާގެންދާ ބާލިދީ ފެނުމުން ރޮވިއްޖެއެވެ. ބާލިދީ ނުލިބިއްޖެނަމަ ބައްޕަ ރުޅިއަންނާނެ ކަން އޭނާއަށް އެނގޭތީ ބިރުންނެވެ.

"ދެން ހުއްޓާލާ. އެވަރުކަމަކާވެސް މީހުން ރޮއިތަ؟" މޫދަށް އެރެމުން ދިޔަ މަރީ ގޮވާލިއެވެ. އިރުކޮޅެއްގެ ތެރޭގައި މަރީ އެބާލިދީ ގެނެސް ޔުކްތާ އަތަށް ދީފިއެވެ.

"އޭތް ފިރިހެން މަރީ." އެހެން ދިޔަ ކުދިންތަކެއް މަރީއަށް ގޮވާލިއެވެ.

"ގާ ގަނޑަކުން ޖަހާފާނަން އިނގޭ. ފޮނިވެގެން އުޅޭނެ ކަމެއްނެތް." މަރީ ހުރީ ވަރަށް ރުޅިއައިސްފައެވެ. ރަށުމީހުން މަރީ އަށް ކިޔަނީ ފިރިހެން މަރީއެވެ. އޭނާ ގިނަ ވަގުތު އަތިރިމަތީ އުޅޭތީއެވެ. އެއުމުރުގެ އަންހެން ކުދިންނާ ޚިލާފަށް މޫދުގައި ގިނަ ވަގުތު އުޅޭތީއެވެ. ފިރިހެންކުދިން ފަދައިން އަތިރިމަތީގައި ދުވެ މަސް ހިފާ ހަދާތީއެވެ. ބާހެދުން ގަނޑެއްލައިގެން ގިނަފަހަރު ފައިވާނަށްވެސް ނާރާ ހަޑިކޮށް ހުންނާތީއެވެ.

މަރީގެ މަންމައަކަށް އެއީ މައްސަލައެއް ނޫނެވެ. މަރީގެ މަންމަ ދޮންބައްޕައާއި އިންފަހުން މަރީގެ ދިރިއުޅުން މުޅިން ބަދަލުވީއެވެ. އެއްވެސް މީހަކަށް އޭގެ ހަގީގަތެއް ނޭނގެއެވެ. އަދި އެކުޑަ ކުއްޖާއަށް އެހާބޮޑު ބަދަލެއްއައީ ކީއްވެތޯވެސް ބަލާނެ މީހަކު ނުވެއެވެ.

ހަގީގަތަކީ މަރީއަކީ ބައްޕަ ނޭނގޭ ކުއްޖަކަށްވުމެވެ. ދޮންބައްޕައަކީ މަސްތުވާތަކެތީގެ ކުށުގައި ރަށަށް އަރުވާލާފައިވާ ކުށްކުރުން ގިނަ މީހެކެވެ. ފާޅުނުވެ އޮތްކަމަކީ ދޮންބައްޕަގެ ސިއްރު އަނިޔާ ކުރުން މަންމަ ގަބޫލު ނުކުރުމެވެ. މަރީގެ އަމިއްލަ ގުނަވަންތަކަށް ދޮންބައްޕަގެ ބާރު ފޯރުވުމެވެ. މަރީ ގަބޫލު ނުވިނަމަ ނުގަބޫލުގައެވެ. އަނިޔާވެރި ކަމާއެކީގައެވެ. ހަމަހުގައި މަރީގެ ކޮއްކޮ އަދި ބައްޕަގެ އުފަންދަރި ނެޕީ ޖަހައިދޭތަން އޭނާ އަށްފެނެއެވެ. ނަމަވެސް ނެޕީޖެހުމުގެ އިތުރަށް ކުރަމުންދާ ކަންތައް ދެ ދުވަހަކު ފެނިގެން ދިއުމުން އޭނާ މަންމަގާތު ޝަކުވާކުރުންވީ އޭނާކުރި ނުބައި ޢަމަލަކަށެވެ. އެކަމުގައި އޭނާ ކުށްވެރިއަކަށް ވީއެވެ. ދޮންބައްޕަގެ އަނިޔާތައް އިތުރުވީއެވެ. އުފަން މަންމަ އިރުބާރު ކުރީ އޭނާގެ ފިރިމީހާ އަށެވެ. އޭގެ ހިތި އަސަރު މަގުމައްޗަށް ނިކުތުމަށް އޭނާއަށް މަޖުބޫރު ކުރުވީއެވެ. މުޖުތަމަޢުގައި ތިބޭ އެކަހަލަ އެހެންކުދިން ފަދައިން މަލާމާތާއި ފުރައްސާރަ ރައްދުވީއެވެ. އެކަނިވެރިކަމާއި އެކަހެރި ކޮށްލުން އޭނާއަށް މަސްހިފުމާއި އެނޫންވެސް އެފަދަ ކަންތަކުގައި އުޅުން ހާލަތު މަޖުބޫރު ކުރުވީއެވެ. އެހެންކަމުން ފިރިހެން މަރީއަށްވެސް ވީއެވެ. ރުޅިގަދަވުމާއި ދިރޭތަކެތި މެރުން އާދަޔަކަށް ވީއެވެ.

މެންދުރުފަސްވެ އަސުރަށް ގޮވަން ކައިރިވަނީއެވެ. ކުޑަކުޑަ ޔުކްތާ އިނީ ގޭގެ ޖަނބުރޯލު ގަހުގެ ހިޔަލުގައި ކުރުބައެއް ހަދާށެވެ. ބޮޑު ލަކުޑި ގަނޑެއްގެ ކައިރީގައި ކުޑަ ގޮނޑިއެއްގައި އިށީދެގެންނެވެ. ނަފީސާ ވެސް ފެންވެރުމަށްޓަކައި ގިފިލީގައި އުޅޭތީ، ޔުކްތާ ފިޔަވައި އެއްވެސް މީހެއްގެ ހިލަމެއްނުވާ ގޯތިތެރޭގައި އޭނާ އިނީ އެއްވެސް ޚިޔާލެއްނެތިއެވެ.

"ކަނބުލޯ" ޔުކްތާ ދިޔައީ ސިއްސައިގެންނެވެ. އަދި ރައޫފު ފެނުމުން ނޫންކަމަށް ހަދާލިއެވެ.

"ބޭބެއަތަށް ދީބަލަ ތިކުރުބާ ހަދާލަން." ރައޫފު އަތްދިކޮށްލަމުން ބުންޏެވެ.

ޔުކުތާ އެއްވެސް އެއްޗެއްނުބުނެ ރައޫފާއި ހަވާލުކުރިއެވެ. ޔުކްތާއާއި ކުރިމައްޗަށް ވާގޮތަށް ލަކުޑިގަނޑުގެ އަނެއްފަރާތުގައި އުޑަފައިން ވާގޮތަށް ރައޫފު އިށީނެވެ. ހުދު މުންޑެއް ލައިގެން ކުރުކޮށް އަރުވާ ޖަހާފައިވާތީ ރައޫފުގެ ހަށިގަނޑުން ޔުކްތާއަށް ފެނިގެންނުވާނެ ތަންތަން ފެނިގެންދިޔައެވެ. ޔުކްތާ ނުފެންނަ ކަމަށްހަދާ މަޑުމަޑުން އިނީއެވެ. އެ މޮޔަކުއްޖާ ހީކުރީ އެކަމެއް ރައޫފަކަށް ނޭނގޭނޭ ކަމަށެވެ. ނަމަވެސް ހުރިހާ ކަމަކީވެސް ރައޫފުގެ ރޭވުމެވެ. އޭނާގެ މަގުސަދަކީ މަޑުމަޑުން ރައޫފުގެ ރޭވުންތެރި މަޅީގައި ޔުކްތާ ޖެއްސުމެވެ. ފުރަތަމަ ތަންކޮޅެއް ދުރުދުރުންނެވެ. ޝިކާރަ ކޮށްލުމުގެ ކުރިން ޝިކާރައަށް ފަރިތަވެލުމަށެވެ.

އޭގެ ދެދުވަސްފަހެވެ. އަޒީދައްތަ ނެތުމުން ހުރިހާ ފިލާވަޅުތަކެއްވެސް ހަދަންޖެހެނީ އެކަނިކަމަށްވުމުން ޔުކްތާ އިނީ ފިލާވަޅުތައް ހަދާށެވެ. އޭނާ ފިލާވަޅަށް ދީފައިވާ ޝައުގުވެރިކަން ކުއްލިއަކަށް ހުއްޓުނީ މަޑުމަޑުން ކޮރުޖަހަމުން އަންނަ ރައޫފާ ދިމާއަށެވެ. ޔުކްތާގެ މިބަލާލުން ރައޫފުގެ މަކަރުވެރި ހިތަށް ދަނޑިވަޅުގެ ބޭނުން ރަގަޅަށް ހިފުމުގެ ޝައިތޯނީ ރޫހު އުފެދިގެން ދިޔައެވެ. ކުރިއަށްވުރެން ބޮޑަށް ކޮރުޖަހަން ފެށިއެވެ. ހަށިގަނޑުގައި ވޭނީތަދެއްގެ ރިހުން ހުރިކަމުގެ ނުބައި ވައްތަރު މޫނަށްޖައްސަމުންނެވެ.

"ކޮއްކޯ ބޭބެގެ ފައިގާ ތެޔޮކޮޅެއް އުނގުޅަދީފާނަންތަ؟" ކިޔަވާމޭޒުގެ ފަހަތުގައި ހުރި އެދެއްގައި އޮށޯންނަމުން ރައޫފު ބުންޏެވެ.
(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ހާދަ މޮޅު ތަފާތު ވާހަކައެއް. ވަރަށް ހިތްގައިމު. މިކަހަލަ ވާހަކަތަައް ގިނަގިނައިން ކިޔަން ލިބޭނަމަ ކިހާ ރަނގަޅު. "އަދިވެސް" އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

  2. ހާދަ ރީތި ވާހަކައެއް. ބޭބެ ގެ ފައިގާ ކޮންކަހަލަ ތެލެއްބާ އުގުޅަން މިއުޅެނީ. ރައޫފުގެ ބައި ގެނެސްފަވާ ގޮތް ވަރަށް ކަމުދޭ. އަނެއްބަޔަށް އިންތިޒާރު ކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *