Support Us

ކޮލަމް ގަލަން: ސިޔާސީ ލީޑަރެއްގެ ސިފަތައް- 24

ހިތްވަރުގަދަކަން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ ހިތްވަރުގަދަކަމުގެ ސިފައެވެ. އެއާ ނުލައި އެ މީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ.

ހިތްވަރުގަދަކަމަކީ ކޮބައި ހެއްޔެވެ؟

އެއީ އުނދަގޫތަކާއި ދަތިކަންތައްތައް މެދުވެރިވާ ހިނދު އީމާންކަމުގެ ޖޯޝާއި ހިތްވަރު ކުރިޔަށް ނެރެގެންހުރެ އެ ކަމަކާ ކުރިމަތިލުމެވެ.

ސިޔާސީ ލީޑަރުންގެ ހިތްވަރުގަދަކަމުގެ ނަމޫނާ

އެއް ރެޔަކު މަދީނާގެ އަހުލުވެރީންނަށް ބާރު އަޑެއް އިވުނެވެ. އަދި އެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދުނެވެ. ފަހެ މީސްތަކުން އެ އަޑާ ދުރަށް ދާން ފެށްޓިއެވެ. އަދި ކީރިތި ރަސޫލާ ﷺ އަށް އެ މީހުންނާ މަގުމަތީން ބައްދަލުވިއެވެ. އަދި އެ މީހުން މަޑުކުރުވާގެން އެ މީހުންގެ ތެރޭ އިސްވެ ހުންނަވައިގެން އެ އަޑު އިވުނު ތަނާ ދިމާލަށް އެ ކަލޭގެފާނު ހިންގަވަން ފެށްޓެވިއެވެ. އަދި ހަދީސުކުރައްވަމުން ގެންދެވިއެވެ. «لَمْ تُرَاعُوا.. لَمْ تُرَاعُوا»[1]، މާނައީ: ތިޔަބައިމީހުން ބިރުނުގަންނާށެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ.

ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން ހިތްވަރުގަދަކުރަންޖެހޭ މުހިންމު ކަންތައްތައް

  • ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް نهي ކުރުމުގައި ހިތްވަރުގަދަކުރުން

ކީރިތި ރަސޫލާ ﷺ ގެ أخلاقފުޅަކީ މަޑުމައިތިރި ކަމާއި تواضع ވެރިކަމާއި ރުޅި މަޑުކުރެއްވުމެވެ. ނަމަވެސް الله ގެ އަމުރުފުޅެއްގެ حرمة މީހަކު ކަޑާލާތަން ފެނިވަޑައިގެންފި ނަމަ އެ މީހަކަށް އެ ކަމެއް މަނާކުރައްވައެވެ.

ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވިއެވެ. عَنْ أَبِي سَعِيدٍ الخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «مَنْ رَأَى مِنْكُمْ مُنْكراً فَلْيُغيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبهِ، وَذَلَكَ أَضْعَفُ الْإِيمَانِ»[2]، މާތް الله ރުއްސުންލެއްވި أَبو سعيد الخُدْري ގެ ކިބައިން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ހަދީސުކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. އެ ކަލޭގެފާނު ހަދީސުކުރެއްވެވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެއްޔާ ފަހެ އެ ކަން އަތުން މަނާ ކުރުމުގެ ކުޅަދާނަކަން ލިބިގެންވާނަމަ އެ ކަން އަތުން މަނާކުރާށެވެ. ފަހެ (އަތުން މަނާކުރުމުގެ) ކުޅަދާނަކަން ލިބިގެންނުވާ ނަމަ ދެން ދުލުން މަނާކުރާށެވެ. ފަހެ (ދުލުން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ ނަމަ) ހިތުން އެ ކަމަކީ ނުބައި ކަމެއް ކަމުގައި ދެކޭށެވެ. އެއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ.

  • ތިމާގެ ކުށަށް إعتراف ވުމުގައި ހިތްވަރުގަދަ ކުރުން

ސިޔާސީ ލީޑަރުން އަބަދުވެސް ބުރަވާން ޖެހޭނީ حق އާ އެއްކޮޅަށެވެ. އެއީ އެކަމުގެ ސަބަބުން ތިމާގެ نفس ކުށްވެރިވި ކަމުގައި ވިޔަސް މެއެވެ. ކުށައް އެއްބަސްނުވެ ތިމާގެ ބަސް ގަދަކުރުމަށް ޓަކައި މަސައްކަތްކުރާ މީހާއަކީ ހިތްވަރުބަލި އަދި ފިނޑި މީހެކެވެ. ތިމާގެ ކުށަށް اعتراف ވެ حق އަށް رجوع ވެ އަދި ވެވުނު ކުށުގެ މައްޗަށް ދެރަވެ اللهއަށް توبة ވާމީހާ އަކީ ހިތްވަރުގަދަ މީހެކެވެ. އަދި އެ ކަމުގެ ސަބަބުން ތަރައްގީގެ ميدان ގައި ދުވަހުން ދުވަހެއް ކުރިއަށް ޖެހިގެންދާނެ މީހެކެވެ. نبي ބޭކަލުންގެ ސީރަތަކީ ވެސް ކުށައް اعترافވެ الله އަށް توبة ވުމެވެ. ސަލާމުލެއްވި އާދަމުގެފާނު އެ ކަލޭގެފާނުގެ މައްޗަށް ސުވަރުގެއިން حرام ކުރެވުނު ގަހުން ފަރިއްކުޅުއްވެވުން ހިނދު އެކުށަށް اعتراف ވެ استعفار ދަންނަވާ توبة ވެވަޑައިގަތެވެ. އެހެންކަމުން اللهُ سُبْحَانَهُ وَتَعَالى އެ ކަލޭގެފާނުގެ توبة قبول ކުރައްވައި معاف ދެއްވިއެވެ.

ހިތްވަރުގަދަކޮށްގެން އުޅުމަށް ކީރިތި ރަސޫލާ ﷺ ގެ އަގުމާތްވި إرشاد ތަކުން ގޮވާލައްވާފައި ވެއެވެ. ފަހެ ހަދީސުކުރެއްވިއެވެ. عَنِ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنَ الْمُؤْمِنِ الضَّعِيفِ وَفِي كُلٍّ خيْرٌ، احْرِصْ عَلَى مَا ينْفَعُكَ، وَاسْتَعِنْ بِاللَّهِ وَلَا تَعْجِزْ، وَإِنْ أَصَابَكَ شَيْءٌ فَلاَ تَقُلْ: لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا، وَلَكِنْ قُلْ: قَدَّرَ اللَّهُ، وَمَا شَاءَ فَعَلَ، فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَان»[3]، މާތް الله ރުއްސުންލެއްވި أبوهريرة ގެ ކިބައިން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވެވިއެވެ. ގަދަފަދަ مُؤْمِن އަކު ބަލިކަށި مُؤْمِنއަކަށް ވުރެ الله ގެ حضرة ގައި މާތްވެގެން ވެއެވެ. (އަދި ދަންނާށެވެ.) އީމަން ކަމުގެ ހައިސިއްޔަތުން ދެމީހުން ވެސް ހެޔޮ ވެގެންވެއެވެ. ތިބާއަށް ފައިދާ ކުރަނިވި ކަންތައްތައް ކުރަން މަސައްކަތް ކުރާށެވެ. ތިބާ ކުރާ މަސައްކަތުގެ ކާމިޔާބަށް الله ގެ حضرة ން އެދޭށެވެ. އަދި މަސައްކަތް ކުރުމަށް ނުކުޅެދި ނުގަންނާށެވެ. އަދި ދެރަކަމެއް ކުރިމަތި ވެއްޖެއްޔާ މިވެނިކަމެއް ތިމަންނައަށް ނުކުރެވުނު ނަމަ މިހެން ކަން ނުވިހޭ، އެވެނި ކަމެއް ނުކުރެވުނުނަމަ އެހެން އެ ކަން ނުވިހޭ ބުނަމުން ނުގެން ދާށެވެ. ނަމަވެސް އެފަދަ مصيبة އެއް ދިމާވެއްޖެއްޔާ އެއީ الله އިރާދަކުރެއްވި ގޮތަށް ނިމިގެން ދިޔައީއޭ' ބުނާށެވެ. ސަބަބަކީ ފަހެ ހަމަކަށަވަރުން މިހެން ނުވި ނަމައޭ އެހެން ނުވި ނަމައޭ ބުނެ އުޅުމަކީ މީހާ شَّيْطَان ގެ عَمَل ތަކަށް މަގުފަހިވެގެން ހިނގައިދާނެ ބަހެކެވެ.

 

[1] رواه البخاري، كتاب الجهاد والسير، باب الحمائل وتعليق السيف بالعنق، (2908)، ومسلم، كتاب الفضائل، باب في شجاعة النبي عليه السلام وتقدمه للحرب، (1532).

[2] رواه مسلم، كتاب الإيمان، باب بيان كون النهي عن المنكر من الإيمان، (78).

[3] رواه مسلم، كتاب القدر، باب في الأمر بالقوة وترك العجز والاستعانة بالله وتفويض المقادير لله، (2664).