Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 12

"މިހާރު ވަރަށް ތަޖުރިބާވެސް ލިބިފައެއްނު ހުންނާނީ، ދެން ކުރާ މީހާއަކީ ކާކުތޯ ކީއްކުރަން ބަލަނީ؟ އައި ވިލް ގިވް ޔޫ އެނީތިން." މާޔާގެ ކަންފަތް ދޮށުގައި ޔޫނުސް ބުނެލިއެވެ. ހަރަކާތެއް ގެންނަން ނޭނގިފައި މާޔާ ހުއްޓާ އެނދާއި ދިމާލަށް ޔޫނުސް ކޮއްޕާލިއެވެ. އޭނާގެ ހަށިގަނޑަށް ޔޫނުސްގެ ބަރު އިހްސާސްވިއެވެ. ދެލޯ މަރާ ބާރުކޮށްލެވުނުއިރު ލޮލަށް ގިނަވެފައިވާ ކަރުނަތައް ހޯސްލާފައި އަންނަން ފަށައިފިއެވެ.

** **

އެނބުރެމުން ދިޔަ ފަންކާއަށް ބަލަން ޔޫނުސް އުންޑުން އޮތެވެ. އޭނާ އަދިވެސް އޮތީ ހުސްގަޔާއެވެ. ޔޫނުސްއަށް ފުރަގަސްދީގެން އޮވެ މާޔާ ރޮމުން ދިޔައެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ބާލީސް ތެމެމުން ދިޔައެވެ. ދެލޯ ހުޅުވާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ޔޫނުސް އޭނާއަށް ކުރީ ބައްޕައެއްގެ ލޯބިދޭން ވައުދުވެ އެމަޤާމަށް އަންނަ ފިރިހެނަކު ކުރާނެވަރުގެ ކަމެއް ނޫނެވެ. މުޅި ހަށިގަނޑުގައި ގަދަ ރިހުމެއް އުފެދިފައިވިއެވެ.

ގަދަ ޖައްސައި ޔޫނުސްގެ ކިބައިން ސަލާމަތްވާން މާޔާ މަސައްކަތްކުރިއެވެ. ޔޫނުސްއަށް ކުރި ނުލިބޭނެހެން ހީވުމުން މާޔާގެ މޫނުގައި ދެފަހަރު ޖަހާ އެނދުމައްޗަށް ވައްޓާލިއެވެ. މޫނުމައްޗަށް އަނދިރިވެ ގައިގެ ހަކަތަ ދޫވެގެން ދިޔައެވެ. ޔޫނުސް ހިތްހަމަޖެހެންދެން އޭނާ އޮތީ ފަރާތަކަށް ހަރަކާތްކޮށްލަންވެސް ނުކުޅެދިފައެވެ.

މިހާރު އޭގެފަހުން ގަޑިއިރެއްވެއްޖެއެވެ. ޔޫނުސް އެކޮޓަރިން ދާން ބޭނުން ނުވާ ފަދައެވެ. އެހެން އޮވެފައި ދައްކަނީ މާޔާ އަޑުއަހަން ލަދުގަންނަ ޒާތުގެ ވާހަކައެވެ. ޔޫނުސްގެ ޅަފުރައިގެ ވާހަކައެވެ.

** **

ދޮރުގައި ޓަކިދިން އަޑަށް މިކިއަލް ދެލޯ ހުޅުވައިލިއެވެ. އޭނާގެ ކަޅި ހުއްޓުނީ ފާރުގައި އިން ގަޑިއަށެވެ. ފަތިހު ހަތަރެއްޖެހީއެވެ. މި ފަދަ ގަޑިއެއްގައި އެކޮޓަރީގެ ޓަކިދޭނެ މީހަކު ނުހުންނާނެއޭ ހިތަށް އެރިއެވެ. އެނދުން ތެދުވުމުގެ ކުރިން އޭނާ ފޯނުވެސް ބަލައިލިއެވެ. ފޯނަށް އެއްވެސް މީހަކު ގުޅާފައި އޮތްތޯ ބަލައިލިއެވެ.

ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރި މާޔާ ފެނިފައި މިކިއަލް ތަން ދެއްކީ އެތެރެއަށް ވަންނާށެވެ.

"ކީއްކުރަން؟" ދޮރު ލައްޕާފައި މިކިއަލް އެނބުރުނުއިރު މާޔާ ގޮސް އެނދުގައި އިށީންނަނީއެވެ. އޭނާގެ ސުވާލާއި އެކު މާޔާ އިސްޖަހައިލިއެވެ. ދެން ފެނުނީ ދެކަކޫމަތީ އުޅަނބޮށި ވިއްދާފައި މޫނުގައި އަތް އަޅައި ރޯންފެށިތަނެވެ.

މީގެ ދެދުވަހެއް ކުރިން މާޔާ ފޮނުވި މެސެޖުގެ މަތިން މިކިއަލް ހަނދާން އެބަހުއްޓެވެ. މިކިއަލް ގުޅިއިރު މާޔާގެ ފޯނު ނިއްވާލާފައި އޮތުމުން އޭނާ ދައްކަން ބޭނުންވި އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ސަބަބު އޭނާއަށް އެނގެއެވެ. އެހެންވެ އިތުރަށް މާޔާ ހޯދާކަށް މިކިއަލް ނޫޅެއެވެ.

"މާޔާ." މިކިއަލް އެދިމާލަށް އަންނަމުން ގޮވާލިއެވެ. މިކިއަލް އާއި މާޔާ ވަކިވާ ވާހަކަ ދައްކާނީ ހިތާއި ދެކޮޅަށްކަން އެނގެއެވެ. އޭނާ އާއި ހެދި އެއްވެސް އަންހެންކުއްޖަކު މިހާ ލޯބިނުވެއެވެ. އެ މެސެޖަކީ ޝަރުމީލާގެ ނުފޫޒުން ލިބުނު މެސެޖެއްކަންވެސް އެނގެއެވެ. މާޔާ އާއި ވަކިވުމަކުން މިކިއަލް ދެރައެއް ނުވެއެވެ. އެކަމަކު އޭނާގެ ކުރިމައްޗަށް އައިސް މާޔާ ރޯތީ އޭނާ ހަމްދަރުދީވެއްޖެއެވެ.

މާޔާގެ ކުރިމަތީ ދެކަކޫ ޖަހަމުން މާޔާގެ ދެއަތުގައި ހިފާ އޭނާ ދުރުކޮށްލަން މަސައްކަތްކުރިއެވެ.

މާޔާ ރޮނީ ކީއްވެތޯ މިކިއަލް އަހާލިއެވެ. މާޔާ އިސްޖަހައި މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލިއެވެ. އެވަގުތު މާޔާގެ ކަރުދޮށުގައި ރަތްވެފައި އިންތަން ފެނުނެވެ.

"އޭނަ އަހަރެން." މާޔާ ހުއްޓާލިއެވެ. އޭނާއަށް ބުނާކަށް ނުކެރުނެވެ. "އޭނާ"ގެ ނަމުން މާޔާ މުޚާތަބުކުރީ ކާކު ބުނެދެންކަމެއް މިކިއަލްއަކަށް ނޭނގުނެވެ. އޭނަ އާއި ރުޅިވެފައި ދެދުވަސްތެރޭގައި މާޔާ އެހެން މީހަކާއި ގުޅުނީބާއޭ ހިތަށް އެރިއެވެ. އެކަމަކު މާޔާ ހިތްވަރުކޮށްފައި ކަން ވީގޮތް ބުނުމުން މިކިއަލް ސިހުނެވެ. އޭނާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

މާޔާ އަނެއްކާވެސް ރޯންފެށި އަޑުއަހާފައި މިކިއަލް ތެދުވެ މާޔާގެ ކައިރީ އިށީނެވެ. މާޔާ ގެނެސް އޭނާގެ ދެއަތުން ވަށާލިއެވެ. މާޔާގެ ދެކޮނޑުގައި ފިރުމާލިވަގުތު މަޑު އާހެއް އިވުނެވެ. ހެދުން ތިރިކޮށްލާފައި މިކިއަލް ބަލައިލިއިރު އެތަން ހުރީ ނިޔަފަތި އަޅާފައެވެ.

މާޔާ އަމިއްލައަށް ހުއްޓާލަންދެން މިކިއަލް އިނީ އެދެއަތުގެ ތެރޭ މާޔާ ހިފަހައްޓާލައިގެންނެވެ.

"ހީ މައިޓް އެޓޭކު ޔޫ ޓުމޯރޯ" މިކިއަލްގެ މޫނަށް މާޔާ ބަލައިލީ ސިހިފައެވެ. އޭނާއަށް މިކިއަލް ހަނދާންކޮށްދިނީ މިރޭގެ އަނިޔާވެރިކަމެވެ. މާޔާ ރޯންފަށައިފާނެކަމުގެ ބިރު މިކިއަލް ހިތުގައި އޮތެވެ. މާޔާގެ އަތްތިލައިގައި އޭނާ ހިފަހައްޓާލިއެވެ.

"އެންމެ ރަނގަޅުގޮތަކީ އެއްވެސް މީހެއްގެ ގާތުގައި ތިވާހަކަ ނުދެއްކުން." މިކިއަލްގެ މަގްސަދަކީ ކޮބައިކަން ނޭނގި މާޔާ ހިތް ނުތަނަވަސްވިއެވެ. ސިއްރުކުރަން ބުނަނީ ކީއްވެކަމެއް ނޭނގެއެވެ.

"ނޫން، މިކިއަލް، އަހަރެން ބޭނުންވަނީ ރިޕޯރޓްކުރަން." ދެވަނަ ފަހަރަށް ޔޫނުސްގެ ސޫރަވެސް ދެކެން މާޔާ ބޭނުމެއް ނޫނެވެ. އެނބުރި ގެއަށް ދާކަށް މާޔާ ބޭނުމެއް ނޫނެވެ. އެ އަނިޔާވެރިކަމުގެ ވަކިދަށުގައި ޝިކާރަވާން ބޭނުމެއް ނޫނެވެ.

"މާޔާއަށް ހީވޭތަ ރިޕޯރޓްކުރުމުން ކާމިޔާބުވާނެހެން، އޭނަ ނޫނެކޭ ބުނެފިއްޔާ، މިހާރު މާޔާގެ ހަށިގަނޑުގެ ބޭރުން ފެންނަން ހުރި މަދު ނިޝާނެއް ނޫނީ ނެތް، ސާބިތުނުވާ ކަމެއް ހިފައިގެން ހިނގުމަކީ ބޭކާރުކަމެއް، އެންމެންނަށް އެކަން އެނގި ލޭބަލް ވާނީ މާޔާ، އެކަމަކު ޔޫނުސް ހުންނާނީ މިނިވަންވެފައި،" މިކިއަލް އެބުނީ ރަނގަޅު ވާހަކައެވެ. މާޔާ އަހައިލީ އޭނާ ދެން ކަންތައްކުރަންވީ ކިހިނެއްތޯއެވެ.

މިކިއަލް މާޔާގެ އަތަށް ދިނީ ކުޑަ ކެމެރާއެކެވެ. އެނދު ފުރިހަމައަށް ފެންނަ ތަނެއްގައި ކެމެރާ ބަހައްޓަން މިކިއަލް ލަފާ ދިނެވެ. އަދި ދެވަނަ ފަހަރަށް ޔޫނުސް އަންނަންދެން އިންތިޒާރުކުރަން ބުންޏެވެ.

"މިކީ" މިކިއަލްގެ ގައިގައި ބައްދާލަމުން މާޔާއަށް އެ ނަން ކިޔުނީ އޭނާއަށް ވީ އެންމެ ލޯބިންނެވެ. އޭނާގެ ނިތްކުރީގައި މިކިއަލް ތުންފަތް ޖައްސާލިއެވެ.

"މާޔާ އަހަންނާއި ރުޅިއެއްނު." މިކިއަލް ހަނދާންކޮށްދިނެވެ. މާޔާ ފޮނުވި މެސެޖުމަތިން ހަނދާންވުމުން މިކިއަލް އާއި ދުރަށް ޖެހެވުނެވެ. އޭނާއަކީ ކިހާބޮޑު މޮޔައެއް ހެއްޔެވެ؟ މިކިއަލް އާއި ރުޅިވެފައި ހިމާޔަތް އެދި އަންނަންޖެހުނީ މިކިއަލް ކައިރިއަށެވެ.

"ޔޫ ހޭވް ވައިފް؟" މާޔާ އިނީ މިކިއަލްގެ މޫނަށް ބަލަހައްޓައިގެންނެވެ. އެސުވާލާއި އެކު މިކިއަލް ބުމަ އަރުވާލާފައި ހިމޭންވިއެވެ. އެކަމަކު އިންކާރުކުރުމަކާއި ނުލައި އެއްބަސްވިއެވެ.

"އަހަރެން މާޔާ ދެކެ ވަރަށް ލޯބިވޭ." މިކިއަލް ތެދުވެގެން ގޮސް ކުޑަދޮރުގެ ކައިރީ ހުއްޓުނެވެ. ބަސްހުއްޓިފައި މާޔާއަށް އިނދެވުނެވެ. އެއީ ކިހާ ބުއްދި ޤަބޫލުނުކުރެވޭ ވާހަކައެއްކަން މިކިއަލް ވިސްނާލިނަމަ އެނގުނީހެވެ. މިކިއަލް އަނބިމީހާއަށް ވަފާތެރި ނުވެ އޭނާއަށް ވަފާތެރިވާނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ.

"އަތްބަކު ހުރުމަކީ އަހަންނަށް މާޔާ ދެކެ ލޯބިނުވެވޭނެ ސަބަބެއްތަ؟ އަހަންނާއި އަންހެނުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް ނެތް، އެހެންނަމަ އަހަރެން އޭނާ ބަހައްޓާނީ އަހަރެންގެ ގާތުގައި، އަހަރެން މާޔާ ދެކެ ލޯބިވަން، އެއީ ސަމާސާއެއް ނޫން، އަހަރެންގެ އަންހެންނާއި މާޔާގެ ތެރެއިން މީހަކު ނަގަން ޖެހުނު ދުވަހަކުން އަހަރެން ހިފާނީ މާޔާގެ އަތުގައި،" މިކިއަލްގެ އަޑުގައި ރިހުމެއް ހުއްޓެވެ. މިކިއަލްގެ ކުރިމަތީ މާޔާ ހުއްޓުނުއިރު އޭނާއަށް މިކިއަލްގެ ދެލޮލުން ކަރުނައިގެ ތެތްކަން ފެނުނެވެ.

"މިކިއަލް އަތްބަކު ހުންނަކަން އަހަންނަށް ސިއްރުކުރީ ކީއްވެ؟" މާޔާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ. މިކިއަލް އެހެން ބުނިނަމަ ހިތުން ރުހުމުން އޭނާއަށް މިކިއަލް ދެކެ ލޯބިވުމަކީ ނާދިރުކަމެއްކަން އެނގެއެވެ.

"އަހަރެން ބޭނުމެއް ނޫން މާޔާ ގެއްލޭކަށް." މާޔާގެ ކޮލުގައި މިކިއަލް އަތްޖައްސާލިއެވެ. އޭނާގެ މޫނަށް މިކިއަލް ބަލައިލިއެވެ. މިކިއަލްގެ މޫނުން ނުތަނަވަސްކަން ފެންނަންހުއްޓެވެ. ކުރިއަށްވުރެބޮޑަށް ފެންކަޅިވެފައވާތަން ފެނުނެވެ.

"ހުރިހާ ކަމެއް ވުމަށް ފަހުގައިވެސްތަ؟" މިކިއަލްގެ އަތްތިލައިގައި މާޔާ އަތްޖައްސާލިއެވެ. މިކިއަލްގެ ހިތް ބަދަލުވެދާނެތީ އޭނާ ހިތްބިރުގަތެވެ.

"އިޓް އިޒް ނޮޓް ޔުއަރ ފޯލްޓް، އޭނަ ހިތުން ނުފިލާ ވަރުގެ ބޮނޑިއެއް އަހަރެން ދޭނަން، އޭނަ އަށް އެ ކުޅެވުނީ އަލިފާނާއި، އަހަރެން ނޭވާލާ ހިނދު އޭނާ ހަމަޖެހުނަކަ ނުދޭނަން." މިކިއަލް ދެކެ ކުރިއަށްވުރެ ބޮޑަށް ލޯބިވެވުނެވެ. އޭނާގެ ހައްޤުގައި މިކިއަލް ތެދުވާނެކަން އެނގުމުން އޭނާއަށް ރައްކާތެރިކަން އިހްސާސްވިއެވެ. ލޯތްބަކީ އެއީ ނޫންހެއްޔެވެ؟ މާޔާ ދެކެ މިކިއަލް ފޫއްސެއް ނުވިއެވެ. މާޔާ ދެއްކި ވާހަކަ މިކިއަލް ޤަބޫލުކުރީ އެއްވެސް ޝަރުތަކާއި ނުލައެވެ. ލޯބި ކިޔަނީ އިތުބާރަށެވެ.

ދުނިޔެ އެންމެން އެއްފަރާތަކަށް ޖެހި މިކިއަލްގެ ނުބައި ވާހަކަ ދެއްކިއަސް މާޔާ ދެން ޤަބޫލެއް ނުކުރާނެއެވެ.

** **

މާޔާ އެނބުރި ގެއަށް ދިއުމުގެ ގަސްތެއް ނެތެވެ. މިއަދު މިކިއަލް އޮފީހަށްވެސް ނުދާ ދުވަހެކެވެ. މާޔާ ފެންވަރައިގެން ނިކުތްއިރު މިކިއަލް ހުރީ ސައިހަދާފައެވެ. ސައިބޯން ތިއްބާ ދޮރުގައި މީހަކު ތަޅައިގަތެވެ. އެއްފަހަރު ހީވީ ފައިން ޖަހައި ދޮރު ވައްޓާލަފާނެހެންނެވެ.

މިކިއަލް ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ޝަރުމީލާއެވެ. ނިކަން ބާރަށް މާޔާގެ ނަމުން ގޮވާލަމުން ޝަރުމީލާ އެތެރެއަށް ބަލައިލިއެވެ. މޭޒުދޮށުގައި އިން މާޔާ ތެދުވިތަން ފެނިފައި ޝަރުމީލާ އަމުރުކުރީ އޭނަ އާއި އެކު އައުމަށެވެ. މާޔާ ތެދުވެގެން ހިނގައިގަތުމުން މިކިއަލް ހުރީ އެދެމައިންނަށް ތަންދީފައި ދުރުގައެވެ.

ގެއަށް ވަދެވުމާއި އެކު މާޔާއަށް ޝަރުމީލާގެ ހިތްހަމަޖެހޭވަރަށް އެއްޗެހި ކިޔެވެ. އޭނާ ރަށުގައި ނެތުމުން ގޭގައި މަޑުނުވާކަން ޝަރުމީލާއަށް އެނގޭކަމުގައި ބުންޏެވެ. ސިޓިންރޫމްގައި އިން ޔޫނުސް މާޔާގެ ލޮލުގައި އަޅައިގަތެވެ. ޝަރުމީލާ ކުއްލިއަކަށް ރަށަށް އައުމުގެ ފަހަތުގައި ޔޫނުސް ވާނެކަން މާޔާއަށް އެނގެއެވެ.

ޝަރުމީލާގެ ކުރިމަތީ އެއްވެސް ކަމެއް ހާމަކުރާކަށް މާޔާ ބޭނުމެއް ނޫނެވެ. އަމިއްލަ ދިފާއުގައި އެންމެ ލަފްޒެއްވެސް މާޔާ ނުބުންޏެވެ. އޭނާއަށްވުރެ ބޮޑަށް މަންމަ އިތުބާރުކުރާނީ ޔޫނުސްއަށްކަން އެނގެއެވެ. މަންމަގެ ފަރާތުން މަދަދެއް ލިބޭނެކަމަށް އުއްމީދުކުރުމަކީވެސް ބޭކާރުކަމެކެވެ.

"މީގެ ފަހުން މިގޭ ދޮރުން މާޔާ ނިކުންނަންޖެހޭނީ މިއީ މަންމަކަން ހަނދާންނައްތާލާފައި." އައިސް ހުރި ރުޅީގައި ޝަރުމީލާގެ ބުއްދި ގޯސްކޮށްލައިފިއެވެ. މަންމަގެ މޫނަށް މާޔާ ބަލައިލިއެވެ. އޭނާ މުޅިން މާޔޫސްވެގެންދިޔައެވެ. އެންމެ ކުޑަމިނުން އެގެއިން ނިކުންނަން ޖެހުނު ސަބަބު މަންމަ އަހައިލިނަމަ އެކޮނޑުގައި ބޯއަޅާލައިގެން އޮވެ ކިޔައިދިނީހެވެ. މާޔާ ކައިރީ ކޮޓަރިއަށް ވަންނާށޭ ޝަރުމީލާ ބުނީ ހިތަށް އައި ހުރިހާ އެއްޗެއް ކިޔާފައެވެ. ބައްޕައެއްގެ އެހީތެރިކަން ނުލައި ބޮޑުކުރި ކުއްޖެއްގެ ކިބައިން ފަޚުރުވެރިވާނެ އެއްވެސް ފުރުޞަތެއް ނުލިބޭކަން ޝަރުމީލާ ބުނެލިއިރު އެއީ މާޔާ އެންމެ ހިތުގައި ޖެހުނު ޖުމްލައެވެ.

** **

ކޮލެޖަށް ދިއުމުގެ ހުއްދަވެސް މާޔާއަކަށް ނުލިބުނެވެ. އެގެއިން ނިކުންނަން ޝަރުމީލާ ހުއްދައެއް ނުދިނެވެ. ކޮލެޖަށް ދާން ތައްޔާރުވެގެން ނިކުން ދުވަހުވެސް ޝަރުމީލާ ބުނީ އެއީ މަންމަކަން ހަނދާންނައްތާލާފައި ދާން ބޭނުންނަމަ ދާންވީ ކަމުގައެވެ.

މާޔާ ކޮޓަރިއަށް އައިސް އެތައް ގަޑިއިރެއްވަންދެން ރުޔެވެ. މަންމަގެ ކުރިމަތީ ހުރެ އޭނާ ރުއިމަށްވުރެ އެކަނިވެ އޮވެ ރޯން ހިތަށް ފަސޭހަވީމައެވެ. އޭނާ އޮހޮރާ ކަރުނައިގެ އަގުވަޒަންކުރާނެ މީހަކު ނެތްކަން މާޔާއަށް އެނގެއެވެ.

އެންމެ ހިތްދަތިވިވަގުތުތަކުގައި މިކިއަލްގެ މެސެޖެއް ނައިނަމަ ފަހަރުގައި ގޯހެއް ހެދުނީހެވެ. ބައެއް ފަހަރު ރޯންއޮވެ މަރުވާން އޭނާ ހިތަށް އަރައެވެ. އެކަމަކު ކޮންމެ ރެއަކު ރޭވެ އަލިވިލޭއިރު މިކިއަލް ލޯބިވާ ކަމަށްބުނެ މެސެޖުކޮށްފައި އޮވެއެވެ.

ޝަރުމީލާ އައިފަހުން އެކޮޓަރިއަށް ޔޫނުސް ވަދެނުލައެވެ. ހަމައެކަނި މަންމަ ހުރީތީ އޭނާއަށް ލިބުނު ރައްކާތެރިކަމަކީ އެއީއެވެ. އެއްވެސް ވާހަކައެއް ނުދައްކަން މާޔާ ހުރީ އަމިއްލަ ނަފްސަށް ވައުދުވެގެންނެވެ. މިކިއަލް އޭނާއަށް ދިން ކެމެރާ އިނީ މިކިއަލް އެދުނު ފަދައިން އަލަމާރިމަތީ ނުފެންނާނެހެން ބެހެއްޓިފައެވެ.

** *

ހަފްތާއެއް ދުވަސް ފާއިތުވީ ފަހުން ޝަރުމީލާ ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ބުނަނީ ޝީތު މެދުވެރިކޮށެވެ. ކުރިން އޮތް ފަދަ އެކުވެރިކަމެއް ދެކޮޓަރިއަކަށް ބަދަލުވި ފަހުންނެއް ނެތެވެ. މާޔާ އަބަދު ދެރަވެފައި އިންނާތީ ޝީތު އެކަން ފާހަގަކުރިއެވެ.

"މިކިއަލް އާއި ބައްދަލުކުރެވޭނެ ގޮތް އަހަރެން ހަދައިދީފާނަން." ކިރިޔާވެސް މާޔާގެ މޫނުމައްޗަށް ހިނިތުންވުމެއް އައީ އެއަޑު އަހާފައެވެ. ޝީތު ބުނީ އެކޮޓަރިއަށް ނިދަން އައުމަށެވެ. ޝީތުގެ ކޮޓަރިން ބެލްކަންޏަކީ އެންމެ ފުރަތަމަ މިކިއަލް އާއި މާޔާ ބައްދަލުކުރިތަނެވެ.

ޝީތުގެ ކޮޓަރިއަށް ނިދަން ދާ ވާހަކަ ބުނުމުން އެކަމާއި ޝަރުމީލާ އެއްބަސްވިއެވެ. އެދެމީހުން ރާވާފައިވާ ގޮތް ކުޑަކޮށްވެސް ޝަރުމީލާއަކަށް ނޭނގެއެވެ. މިކިއަލްއަށް ގުޅިއިރު މިކިއަލް ވީ އޮފީހުގައެވެ. އެކަމަކު ރޭގަނޑު ބާރައިގެ ކުރިން އަންނާނެ ކަމުގައި ބުންޏެވެ. އެހާއިރު ވަންދެން ޝީތު އާއި ވާހަކަ ދައްކަން އިންއިރު ޝީތުގެ ދިރިއުޅުމަށް އައި ބދަލުތައް ޝީތު ކިޔައިދިނެވެ. ޝާއިފް ރުޅިވުމުން މިހާރު ޝީތު އުޅެނީ މާޒިން ކިޔާ ޒުވާނަކާއި ރައްޓެހިވެގެންނެވެ. އަދި ވަރަށް އަވަހަށް ކައިވެނިކުރާ ވާހަކަ ބުންޏެވެ. ކައިވެންޏަށްފަހު ޝީތު އެގެއިން ބަދަލުވަނީ މާޒިން ކުއްޔަށް ނަގާ އެޕާރޓްމެންޓަށެވެ.

ޝީތުއަށް ހަރުދަނާ ޒުވާނަކާއި ބައްދަލުވި ކަމަށްޓަކައި މާޔާ އުފާކުރިއެވެ.

"މެރީ ކުރަން އަހާނީ މާޒިން އަސްލުވެސް ލޯބިވާތީ." ކައިވެނީގެ ވާހަކަ އަހާފައި މިކިއަލް މީހަކާއި އިނދެގެން އުޅޭކަން މާޔާ ހަނދާންވިއެވެ. މިކިއަލް ދުވަހަކުވެސް އޭނާގެ ކައިރީ ކައިވެނިކުރަން ބޭނުންވަނީ ކޮންދުވަހަކުންތޯއެއް ނާހައެވެ. މިރޭ އެސުވާލު މިކިއަލް އާއި ކުރަން މާޔާ ހިތަށް އެރިއެވެ.

"އަހަރެން މިކިއަލް ކުރެ އަހާނަން އަހަރެމެން މެރީ ކުރާނީ ކޮން ދުވަހަކުންތޯ؟" މާޔާއަށް މިކިއަލް އާއި ބައްދަލުކުރުމުގެ ހުއްދަ ނެތްއިރު ކައިވެންޏާއި ހަމަޔަށް ދިއުމަކީ ކިހާ ބޮޑު ހުރަހެއް ކަމެއް ނޭނގެއެވެ.

"ވެރީ ސޫން." މާޔާގެ އަތުގައި ޝީތު އަތްޖައްސާލިއެވެ. މާޔާ ކަންބޮޑުވެފައިވާތީ އެކަން ދުރުކޮށްދެން ޝީތު ބޭނުމެވެ. އެއީ އޭނާ ހިތްހަމަޖައްސައިދެން ބުނި އެއްޗެއްކަން މާޔާއަށް އެނގެއެވެ.

"މިކިއަލް ހުރޭ އަތްބެއް." އެއީވެސް އެ ކައިވެންޏަށް އޮތް ހުރަހެކެވެ. ޝީތު ދެލޯ ބޮޑުކޮށްލައިގެން އިރުކޮޅަކު އިނެވެ. ދެން އަހައިލީ އޭނާއަށް މި އިވުނީ ރަނގަޅަށްތޯއެވެ.

"އެހެންވީއިރު ތިއީ މާޔާއަށް ކުރެވޭ އެންމެ މޮޔަ ކަންތައް." އެންމެން ދެކޮޅު ހެދިއަސް ޝީތު ދެކޮޅުވެރިވެދާނެ ކަމަށް މާޔާ އުއްމީދެއް ނުކުރެއެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
326133
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *