Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މަދުން ފެންނަ ފަލަކީ އެއްއުއިވުމެއް!

އެއީ ފަލަކީގޮތުން އެހައި އާންމު ކަމެއް ނޫނެވެ. މަދު ހާލަތެއްގައި ފެންނަ ކަމެކެވެ؛ މި އޭޕްރީލް މަހުގެ 25 ވަނަ ރޭ ޒުހުރަތާއި ހަނދާއި ޒުހުލު އެއްއުއިވެއެވެ.

އެރޭ ފަތިހު މާލޭ ގަޑިން 04:33 ގައި ޒުހުރަތާއި ޒުހުލު މީންޏަ ރާހީގެ ފަސްބަދުރުވަ ނަކަތުގެ ފަސް ދަރަޖަ އަށާޅީސް ދަގީގުގައި އެއްއުއިވާނެއެވެ. ހަމަ އެވަގުތު އެ ނަކަތުގެ ތިން ދަރަޖަ ސާޅީސް ހަތް ދަގީގުގައި ހަނދުވެސް ހުރެއެވެ. ހަނދު ހުންނަނީ ޒުހުރަތާއި ޒުހުލާ ދެމެދުގައި އެ ދެ ގުރަހައަށް ވުރެން ދެ ދަރަޖަ އެކެއް ދަގީގު ތިރިއަށްޖެހި ތިނެސްކަނަކަށް ވާގޮތަށް އެ ތިނެތި ފެންނާނެ ގޮތަށެވެ. ހަނދުގެ ހުޅެވި ދެކުނަށް އަރިކޮށް ހުންނައިރު ހަނދާ ދިމާޔަށް އަޅުގަނޑުމެން ކުރިމަތިލައިގެން ހުރެ ބަލާނަމަ، އަޅުގަނޑުމެންގެ ކަނާތްފަރާތާ ހަނދުން ދިމާވާ ހަނދުގެ ހުޅެވީގެ ތުނޑާވި ފަރާތުގައި ހުންނާނީ ޒުހުލެވެ. އޭގެ އިދިކޮޅު ފަރާތުގައި ހުންނާނީ ޒުހުރަތެވެ.

އެރޭ މާލޭ ގަޑިން 03:35 ގައި ހަނދު މާލެއަށް އުދަވިނަމަވެސް، އެ މަންޒަރު އެންމެ ރީތިކޮށް މާލެއަށް ފެންނަނީ ފަތިހު 04:31 ގައެވެ. އެގޮތުގައި ފަތިހު 05:35 ވާންދެން ރީތިކޮށް އެ މަންޒަރު ފެންނާނެއެވެ. އަދި އިރުގެ ދޯދީގެ ސަބަބުން ފަތިހު 05:37 ގެ ފަހުން ޒުހުލު ފަނޑުވެ ނުފެންނާން ފަށާނެއެވެ.

ހަނދާއި ޒުހުރަތާއި ޒުހުލު ހުންނާނެ މިސްރާބަކީ، މުރިނގު އީރާނުގެ ދެކުނު ފަޅިއެވެ.

ޖެހިގެން އަންނަ 26 ވަނަ ރޭ، އެ ގަޑި ޖެހޭއިރު ހަނދު ހުންނާނީ، ޒުހުރަތާއި ޒުހުލާއެކު ބައްދަލުވި ރާއްސާއި ނަކަތްވެސް ފަހަނަޅައި ކުުރިޔަށްގޮސް މޭސަ ރަހީގެ ރޭވަ ނަކަތުގެ ފަސް ދަރަޖައިގެ ތެރޭގައެވެ. ހަނދު އެރޭ އުދަވާނީވެސް ފަތިހު 04:23 ގައެވެ.

އެރޭ ސަލްމާނު މިސްކިތަށް ފަތިސްނަމާދަށް ދާނަމަ އެ މަންޒަރު ބަލައިލުމުގެ ފުރުޞަތު ތަނަވަސްވާނެއެވެ.

އެރޭގެ މޫސުމަށް ބަލާއިރު އެއީ، ބުރުނު ނަކަތުގެ ދެވަނަ ރޭކަމަށްވާތީ ވިއްސާރަވާން ޖެހުނުކަމަށް ވިޔަސް ވިއްސާރަވުން ނާދިރުކަމަށް ފެނެއެވެ. އެކަމަކު އާންމު މިންވަރަށް ވުރެން ވިލާ ގިނަވާނެ ކަމަށް ފެނެއެވެ. ހީވާގޮތުން ބުރު ނަކަތުގެ ވިއްސާރައިގެ އަސަރު ފެންނާން ފަށާނީ މޭމަހުގެ ތިނެއް ހިސާބުގައެވެ.