މިއަދަކީ، ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރާ ދުވަސް ކަމުގައި ވީހިނދު؛
* ދިވެހިބަހާމެދު،
* ދިވެހިބަހަށް ވަމުންދާ ގޮތާމެދު،
* ޒުވާން ޖީލުތައް ދިވެހިބަހާ ދުރަށް ޖެހެމުންދާ ސަބަބާމެދު،
* ބަސް ކިޔަވައިދެވޭ މިންވަރާމެދު،
* ބަހުގެ ބެލެނިވެރި ފަރާތްތަކުން ދިވެހިބަސް ދިރުވުމަށްޓަކައި ކުރާ ކަންތައްތަކާއި ކަން ކުރާ ގޮތާމެދު،
* އައުލަފުޒު ދިވެހިބަހަށް ވައްދާ ގޮތާމެދު،
* ދިވެހިބަސް ދިރުވޭނޭ ގޮތްތަކާއި ސަބަބުތަކާމެދު،
* ބަހަށް ކިލަނބުކަން ނުފޯރައި އަމަށުން ހުރި ބަހުރުވަތަަކުގެ މިންވަރުތައް ހޯދައި ރައްކާތެރި ކުރެވޭނޭ ގޮތަކާމެދު،
ދިވެހި ދައުލަތުގެ ޒިންމާދާރު ހުރިހައި ފަރާތްތަކާއި މުއައްސަަސާތަކާއި އަމިއްލަ ފަރުދުންނާއި ދިވެހި ހުރިހައި ކިޔަވާ ކުދީން، ވިސްނައި ފިކުރު ހިންގައި ދިވެހިބަސް ދިރިދެމި އޮތުމަށްޓަކައި ކުރެވިދާނެ ކޮންމެ ކަމަކަށް އަމަލީ ގޮތުން އިސްކަމެއް ދޭން ޖެހިފައިވާކަމަށް އަޅުގަނޑު ދެކެމެވެ.
އަދި، ޖީސީއީ އޯލެވެލް ދިމާޔަށް ދިއުމަށްޓަކައި، އިނގިރޭސިބަހުން އުނގެނުމުގެ ފަށާ ތަޢުލީމީ ނިޒާމެެއް ރާއްޖޭގައި ބިނާކޮށްފައި އޮންނަކަމަށް ވިޔަސް، ސީދާ ދިވެހިބަހުން އެކަންކަމެއް ކިޔަވައިދެވޭން ހުރި ދިވެހިވަންތަ ކަންތައްތައް އޯލެވެލް އާ ދިމާޔަށް ދަތުރުކުރާ މަގުމަތީގައިވެސް ދިވެހިބަހުން ދަސްކުރެވޭނޭ ކަންތައްތަކަކާއި މިންވަރެއް ލާޒިމު ކުރެވިފައި އޮންނާން ވެެއްޖެކަމުގައިވެސް ދެކެމެވެ.
އެގޮތުން:
* މަސްވެރިކަމުގެ ބާވަތްތަކުގެ ނަންތައް،
* މަސްވެރިކަމާ ގުޅޭ ތަކެއްޗާއި ކަންކަމާއި ބާވަތްތައް،
* ރައިވެރިކަމާއި އެކަމުގެ އާލާތްތަކާއި ތަކެތީގެ ނަންތައް،
* ދަނޑުވެރިކަމުގެ ބާވަތްތަކާއި ތަކެތީގެ ނަންތައް،
* ބޭސްވެރިކަމުގެ ބާވަތްތަކާއި އާލާތްތަކާއި ތަކެތީގެ ނަންތައް،
* ކެއްކުމުގެ ބާވަތްތަކުގެ ނަންތައް،
* ހަވާދުގެ ބާވަތްތަކާއި ތަކެތީގެ ނަންތައް،
* ކާބޯތަކެތީގެ ބާވަތްތަކާއި ނަންތައް،
* ތެދުއުއިވަޑާމުގެ ބާވަތްތަކާއި އާލާތްތަކުގެ ނަންތައް،
* މާވަޑާމުގެ ބާވަތްތަކާއި އާލާތްތަކުގެ ނަންތައް،
* ލިޔެލާޖެހުމުގެ ބާވަތްތަކާއި އާލާތްތަކާއި ތަކެތީގެ ނަންތައް،
* ތިލޭރުކަމުގެ ވާވަތްތަކާއި އާލާތްތަކުގެ ނަންތައް،
* ކަނބުރުވެރިކަމުގެ އާލާތްތަކާއި ތަކެތީގެ ނަންތައް،
* ފަންގިވިނުމާއި އާލާތާއި ތަކެތީގެ ނަންތައް،
* ތޮށަލި، މުޅި، މުޅޯށި، ވިޔުންފަދަ ފަނުން ވިޔާ ތަކެތީގެ ބޭނުންތަކާއި ތަކެތީގެ ނަންތައް،
* ގޮށި، ބަތްޕޮޅި، ހަލަނި، މުކައްބަ ފަދަ ތަކެތި ވިޔުމާއި ބާވަތްތަކުގެ ބޭނުންތަކުގެ ނަންތައް،
* ކުނާ، ސާންތި، ސަޓާ ފަދަ ތަކެތި ވިޔުމާއި އެތަކެތީގެ ބޭނުމާއި އާލާތްތަކުގެ ނަންތަކާއި ތަކެތީގެ ނަންތައް،
* ކުރަހަނިކަމުގެ ނަންތައް،
* ކަސަބު، ބާދަލާ، ވިޔުމުގެ އާލާތްތަކާއި ތަކެތީގެ ނަންތައް،
* ފެހުމާއި ޖަރީކުރުމަށް ބޭނުންކުރާ ތަކެތީގެ ނަންތައް،
* މަސްމަހާމެހީގެ ނަންތަައް،
* ފަނިފަކުސާގެ ނަންތަައް،
* މާމެލާމެލީގެ ނަންތަައް،
* ފަތްފިލާވެލީގެ ނަންތައް،
* ގަސްގަހާ ގެއްސާއި ވެޔޮވެލާވެލީގެ ނަންތައް،
* ދިވެހިބޭހުގެ ބާވަތްތަކާއި ތަކެތީގެ ނަންތައް،
* ދިވެހީންގެ އިހުގެ ގެތަކުގެ ބައިބައިތަކާއި ގެވެހިސާމާނުގެ ނަންތައް،
* ބަދިގޭ ތަންތަނާއި ބަދިގޭގައި ބޭނުންހިފާ ސާމާނުގެ ނަންތައް،
* ނަކަތްތެރިކަމުގެ ނަންތައް،
* ދިވެހީން ފާގަހަކޮށް ބަލައިއުޅޭ ތަރިތަކުގެ ނަންތައް،
* މޫސުމީ ނަންތައް،
* ނަކަތްތަކުގެ ނަންތައް،
* ހިސާބުގެ ނަވަތަތައް،
* ވިޔައަކުރުތަކުގެ ޢަދަދުތަކުގެ ނަންތައް،
* ފަރުހިލުމުގެ ބާވަތްތަކާއި ނަންތައް،
* ބޮލި، ރިނދަލި، ފަދަ ތަކެތީގެ ނަންތައް،
* މޭވާ، ތާރުކާރީގެ ބާވަތްތަކުގެ ނަންތައް،
* ގޮވާމާއި ފަލަމަޑީގެ ބާވަތްތަކުގެ ނަންތައް،
* އިންސާނާގެ ގުނަވަންތަކުގެ ނަންތައް،
* މައުދަނުގެ ވާވަތްތަކުގެ ނަންތައް،
* ޖަވާހިރު ބާވަތްތަކުގެ ނަންތައް،
* ގަހަނާގެ ބާވަތްތަކުގެ ނަންތައް،
* ފޭރާމުގެ ބާވަތްތަކުގެ ނަންތައް،
* ދިވެހިބަހުގެ ދަރަޖަތައް،
* ތުއްތުކުދީންގެ ބަހުރުވަ،
* ގޯތި ގެދޮރުގައި ހުރުން ލާޒިމު ތަކެތީގެ ނަންތައް،
* ގިފިލި، ވަޅު، ދާނި، ހަނޑަސްބުރި، ޗަކަވަޅުގަނޑު ފަދަ ތަންތަނުގެ ނަންތައް،
* ކަނޑުފަޅުގެ ގާގަލާއި މުރަކައާއި، އެންދެރިފަދަ ތަކެތީގެ ނަންތައް،
* ދިވެހީން އިހުގައި ކުޅެއުޅުނު ކުޅިވަރުތަކުގެ ނަންތަކާއި ކުޅިވަރުތަކުގައި ބޭނުންކުރި އާލާތްތަކުގެ ނަންތައް،
* ރާއްޖޭގައި އުޅޭ އަދި މޫސުމީގޮތުން އައިސްއުޅޭ ދޫނިސޫފާ ސޫތްޕާއި، ހައިވާނުތަކުގެ ނަންތައް،
* ލުއިނިޔަމިކަން، (ހަމައެކަނި ސަމުގާ ބަލައިގެން އެތެރެވަރިއާއި ދެ އަތޮޅު ދެމެދުގައި ދަރުތުކުރުމާއި އެފަދަ ދަތުރު ތަކުގައި ފެންނަ ރަށްރަށުގެ ނަންތަކާއި ގިރިފާރައި ފަޅުފަޅާއި ވިލުތަކާއި ހުރާތަކާއި ފިނޮޅުތަކާއި ކަނޑުކަނޑާއި ކަނޑުއޮޅިތަކުގެ ނަންތަައް)،
* މާކެޔޮޅުމުގެ ބަހުރުވަޔާއި، ފަންޑިތަބަހުރުވަ، މިޒަމާނަށް އައިއިރު އުވި، ނެތި، ގޮސްފައިވާތީއާއި ކުރިމަގުގައިވެސް އެ،ދެ، ކަންކަން އަބަދަށްޓަކައި އޮންނާނީ މަރުވެ، ނެތި، ގޮސްފައިވާ ކަންތައްތަކުގެ ތެރޭގައިކަމަށްވާތީ، އެ ދެ، ކަމުގެ ބަހުރުވައިގެ ނަންތައް މިޒަމާނުގައި އުނގަންނައި ދިނުމަކީ އެއްވެސް ހާލެއްގައި ކުރާން ބޭނުންކަމެއް ނޫންކަމަށް ދެކެމެވެ.
އެހެންވީމާ، ދިވެހިބަސް މަރުވެ ނެތިގެން ނުދިއުމަށްޓަކައި ކުރާން އޮތް އެންމެ އިސްކަމެއްގެ ގޮތުގައި އަދި އެކަމަށްޓަކައި އެޅޭނޭ މުހިންމު ފިޔަވަޅެއްގެ ގޮތުން، އަޅުގަނޑު ފާހަގަކޮށްފައިވާ ކަންތައްތަކާއި އެނޫންވެސް އެފަދަ ދިވެހީންގެ ދިރިއުޅުމާ ގުޅިފައިވާ ކަންކަންތައްތަކާއި ތަކަތީގެ ނަންތަައް ދިވެހި ދަރީންނަށް ދަސްކޮށްދީގެން ދިވެހި ދަރީންގެ ދިވެހިބަސްކޮށާރު މުއްސަނދިކޮށްދިނުމަކީ، މިހިނދުން ފެށިގެން ލަސްނުކޮށް ކުރާންޖެހޭ ވަރަށްވެސް މުހިންމު ކަމެއްކަމަށް އަޅުގަނޑު ފާހަގަ ކުރަމެވެ.
މިއީ، ގައުމާއި ގައުމިއްޔަތާއި ދިވެހިބަހުގެ ލޯބީގައި ދިވެހި ފަރުދެއްގެ ހައިސިއްޔަތުން އަޅުގަނޑު ހިތުގައި މި "ދިވެހިބަހުގެ ދުވަހު" އުފަންވި ގައުމީ ޝުޢޫރަކަށްވާތީ ހާމަކުރީމެވެ.