އެމެރިކާގެ ތާރީޚުގައި މާލީ ގޮތުން ހިންގި އެންމެ ބޮޑު މަކަރާއި ހީލަތުގެ ޢަމަލު ހިންގީ އިއްޔެ، ރޯމާ ދުވާލުގެ އަލީގައެވެ. ޙިއްސާގެ ބާޒާރުގައި އެހެން ދުވަސްތަކާ ޚިލާފަށް މަކަރާއި ހީލަތުގެ މި ހުތުރު ޢަމަލު، މީޑިއާ އާއި ރައްޔިތުންގެ ކުރިމަތީގައި ހިންގީ، އެމެރިކާގެ ރައީސް ޚުދު ޑޮނަލްޑް ޓްރަމްޕް ނޫން ދެވަނަ އެހެން މީހެއް ނޫނެވެ.
މިހާރު އުފެދޭ ސުވާލަކީ މިހުރިހާ ކަމެއް ހިނގީ ކިހިނެއް ހެއްޔެވެ؟ އެމެރިކާ ފަދަ ޤައުމެއްގައި މުއްސަނދިން ފިޔަވައި ހުރިހާ އެއްޗެއް ވިއްކޭ ބާޒާރަކަށް އެމެރިކާވީ ކިހިނެއް ހެއްޔެވެ؟ ނިކަން ހަމަޖެހިލައިގެން މި ވާހަކަ ރަނގަޅަށް އަޑުއަހާށެވެ. މުޅި މި ކުޅިވަރު ކުޅުނީ ކިހިނެއްކަން ކިޔައިދޭނަމެވެ.
މީގެ ދެތިން ދުވަސް ކުރިން ޓްރަމްޕް ވަނީ މުޅި ދުނިޔެއަށް ވިޔަފާރީގެ ބޮޑެތި ޓެރިފްތަކެއް ކަނޑައަޅައި އެކަން އިޢުލާން ކޮށްފައެވެ. އެއާއެކު ދުނިޔޭގެ ވިޔަފާރީގެ ބާޒާރު ހަލަބޮލިވެ، ލޮޅުންތަކެއް އަރާ، އެމެރިކާގެ ހިއްސާގެ ބާޒާރަށް އެކަނިވެސް ގާތްގަނޑަކަށް 10 ޓްރިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ. ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ބޮޑު ހަނގުރާމައެއް ފެށި ޓެރިފްތައް ބޮޑުކޮށް، ޗައިނާގެ މުދަލުން ނަގާ ޓެރިފް އެންމެފަހުން %145 އަށް މައްޗަށް އަރައިގެން ދިޔައެވެ.
ދުނިޔޭގެ މިނިވަން ވިޔަފާރީގެ ބާޒާރަށް ވެދާނެ ގޮތަކާމެދު ބިރުން ތިބި އިންވެސްޓަރުން އެމީހުންގެ ޙިއްސާތައް ނުއަގުގައި ވިއްކަން ފެށިއެވެ. ދުނިޔޭގެ ބާޒާރުގެ ޙާލަތު އޮތީ، ކުރިން 2008 ވަނަ އަހަރު ކުރިމަތިވި ފަދަ މާލީ މުސީބާތެއް އަނބުރާ އައިސްފައިވާ ކަހަލަ ގޮތަކަށެވެ.
އެކަމަކު، އެއީ އަސްލު ކުޅިވަރުގެ ދެވަނަ ބައެވެ. ޓްރަމްޕާއި އޭނާގެ ބިލިއަނަރުންގެ ޓީމުން ނުއަގުގައި ޙިއްސާގެ ބާޒާރުން ޙިއްސާތައް ގަނެ، އެ ހުރިހާ ކަމެއް ނިމުމުން، ޓްރަމްޕް ވަނީ އޭނާގެ ސޯޝަލް މީޑިއާ އެޕްގައި މިހާރު މިއީ ޙިއްސާ ގަތުމުގެ ވިޔަފާރި ކުރަން އެންމެ ރަނގަޅު ވަގުތުކަމަށް ބުނެ މީހުންނަށް ނަސޭހަތްތެރިވާން ފައްޓައިފައެވެ. އަދި މިފުރުސަތު ދެން ނުލިބޭނެ ކަމަށްވެސް އޭނާ ދިޔައީ ބުނަމުންނެވެ.
އެއަށްފަހު، އޭޕްރީލް ނުވަ ވަނަ ދުވަހު ހެނދުނު 9:30 ހާއިރު ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިއީ ޑީޖޭޓީ ގަންނަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. ސުވާލަކީ ޑީޖޭޓީ އަކީ ކާކުގެ ކޮން ކުންފުންޏެއް ހެއްޔެވެ؟ އެއީ ޓްރަމްޕްގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ، "ޓްރަމްޕް މީޑިއާ އެންޑު ޓެކްނޮލޮޖީ ގްރޫޕް ކޯޕަރޭޝަންއެވެ. އެ ކޯޕަރޭޝަން ނިއުޔޯކުގެ ޙިއްސާގެ ބާޒާރު "ނަސްދަގު"ގައި ލިސްޓްކޮށްފައި އޮންނަނީ ޑީޖޭޓީގެ ނަމުގައެވެ. މާނައަކީ، ޓްރަމްޕް އިޝާރާތް ކުރަމުން ދިޔައީ، އޭނާގެ އަމިއްލަ ކުންފުނީގެ ހިއްސާ މީހުން ގަތުމަށެވެ. އަދި މީގެ އެންމެ މޮޅުކަމަކީ، އޭގެ އެންމެ ހަތަރު ގަޑިއިރު ފަހުން ކުއްލިއަކަށް ޓްރަމްޕް އިއުލާން ކުރެއްވީ ޗައިނާ ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކަށް 10 އިންސައްތައަށް ޓެރިފް ކުޑަކޮށް އަދި އެކަން ތަންފީޒުކުރަން ފެށުން 90 ދުވަހަށް ލަސްކުރި ކަމަށެވެ. އެއާއެކު، ޙިއްސާގެ ބާޒާރުގެ އަގުތައް ރޮކެޓް ސްޕީޑުގައި އުދުހިގެން މައްޗަށް އެރިއެވެ. ހުރިހާ އެއްޗެއްގެ އަގު މައްޗަށް ގޮސް، ޓްރަމްޕްގެ ކުންފުނީގެ ޙިއްސާ، އެއް ދުވަހުގެ ތެރޭގައި 22 އިންސައްތަ މައްޗަށް އަރައިގެން ދިޔައެވެ. އެއާއެކު، ޓްރަމްޕްގެ އަމިއްލަ މުއްސަނދިކަން އެންމެ ގަޑިއިރެއްގެ ތެރޭގައި 415 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. އެކަމަކު މީގެ ހުތުރުކަމަކީ، އެ ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ވަރަށް ބޮޑު ރޭވުމެއްގެ ދަށުން ގަސްތުގައި ކަމަށްވާތީއެވެ. އެއީ އިއްތިފާގެއް ނޫނެވެ. އެދުވަހުގެ ހެނދުނު ޙިއްސާގެ ބާޒާރުން އާދަޔާ ހިލާފު ހަރަކާތްތަކެއް ފެނިގެން ދިޔައެވެ. އޭގެ ކުރިން ޓްރަމްޕާއި އޭނާގެ ބިލިއަނަރުންގެ ކުލަބުން ވަނީ ނުއަގުގައި ގިނަ އަދަދެއްގެ ޙިއްސާ ގަނެފައެވެ. އަދި އެ ހުރިހާ ޑީލްތަކެއްގެ އަސްލު ފައިދާ ލިބުނީ ޙިއްެސާގެ އަގު ބޮޑުވުމުންނެވެ. އަދި ޙިއްސާގެ އަގުތައް މައްޗަށް ދާނެކަން އެމީހުންނަށް ވަނީ މާކުރިން އެނގިފައެވެ. މިހާރު ސުވާލަކީ އެމީހުންނަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ކުރިން ޙިއްސާ ގަނެފައި ތިބި މީހުންނަކީ ކޮންބައެއް ހެއްޔެވެ؟
އާދެ، އެ އެންމެންނަކީ ހަމަ ވަރަށް އާންމު މޫނުތަކެކެވެ. އެއީ ޓްރަމްޕުގެ ގާތް ބިލިއަނަރުންނާއި އަދި ޓްރަމްޕުގެ ގާތް ސިޔާސީ މީހުންނެވެ. ދެން ސުވާލަކީ މިކަމުން ގެއްލުންވީ ކޮން ބަޔަކަށް ހެއްޔެވެ؟ އެއީ، އެމެރިކާ އަނެއްކާވެސް މަތިވެރި ކުރާނެ ކަމުގެ އުންމީދުގައި ޓްރަމްޕަށް އިތުބާރުކޮށް ވޯޓްދިން އާދައިގެ އާންމު ރައްޔިތުންނެވެ. މުޅި މި ހާދިސާއަށް ޙިއްސާގެ ބާޒާރުގައި ކިޔަނީ "ޕަމްޕް އެންޑް ޑަމްޕް" އެވެ.
އެއީ ފުރަތަމަ އަގު ހެޔޮކޮށް ގަނެފައި، ދެން ކުއްލިއަކަށް އަގު ބޮޑުކޮށް ވިއްކައިގެން ގިނަ ފައިސާ ހޯދުމެވެ. ޓްރަމްޕުގެ މި މަކަރުވެރި ޢަމަލުގެ ސަބަބުން އޭނާއަށް ތާއީދުކުރި އެމެރިކާގެ އާންމު ރައްޔިތުން، ޙިއްސާގެ ބާޒާރުގައި ޣަރަޤުވެގެން ދިޔައިރު، އެމީހުންގެ އަތުން ވަނީ، އެ ދުވަހު އެކަނި ހަތަރު ޓްރިލިއަން ޑޮލަރުގެ ގެއްލުން ވެފައެވެ. އަދި މިހުރިހާ ފައިސާއެއް ގޮސް ވަނީ، ޓްރަމްޕުގެ ގާތް ސިޔާސީ މީހުންނާއި، އޭނާގެ ބިލިއަނަރުންގެ ކްލަބުގެ މެމްބަރުންގެ ފައިކޭޓަށެވެ.
މި މަކަރުވެރި ރޭވުމުގެ އިތުރު ހެކިތައްވެސް އެބަހުއްޓެވެ.
ޓްރަމްޕު ސަރުކާރުގެ ޓްރެޜަރީ ސެކްރެޓަރީ ސްޓީވެން ނިއުޗަން ބުނެފައިވަނީ، އެ ހުރިހާ ކަމެއް ވެސް ހިނގައި ދިޔައީ އެމީހުންގެ އިސްތިރާޖިއްޔަތާއި އެއްގޮތަށް ކަމަށެވެ. ސަރުކާރުން ހަމައެކަނި ބާރުއަޅަމުން ދިޔައީ އެހެން ޤައުމުތަކާއެކު ވިޔަފާރީގެ ރަނގަޅު ޑީލްތަކެއް ހެދުމަށް ކަމަށެވެ. އެކަމަކު، ސިޔާސީ ރިޕޯޓްތަކުން ހާމަވާ ގޮތުގައި، ޓްރަމްޕުގެ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ މީގެ އެތައް ދުވަހެއް ކުރިންނެވެ. އަދި އެކަން އިޢުލާން ކުރި ވަގުތާއި، ޚުދު ޓްރަމްޕް ވެސް ހެނދުނު ހެނދުނާ، އޭނާގެ ކުންފުނީގެ ނަން ޖައްސަވައި ޓްވީޓުކުރި ކުރުން، އެއީ އިއްތިފާގެއް ނޫނެވެ.
އެކަމަކު، އެންމެ ބޮޑު ގޮވުމަކަށް މިކަން ވެގެން ދިޔައީ ވައިޓް ހައުސްގެ އެތެރެއިން ލީކުވި ވީޑިއޯގައި ޓްރަމްޕް ދެ މީހަކަށް އިޝާރާތްކޮށް ހެމުން "ކަލެއަށް މިވިޔަފާރިން ދެ ބިލިއަން ޑޮލަރު ލިބުނު" ކަމަށް ބުނުމާއި، އަދި އަނެކަކާ ދިމާލަށް ނުވަސަތޭކަ މިލިއަން ޑޮލަރު ގޯހެއް ނޫން ދޯ؟" އޭ ބުނާ މަންޒަރު ފެނުމުންނެވެ.
އޭގެ ތެރެއިން އެކަކީ ބިލިއަނަރ އިންވެސްޓަރެއް ކަމަށްވާ ޓްރަމްޕްގެ ގާތް ސިއްރުވެރިއެއް ކަމަށްވާ ޗާލްސް ޝްވާބު އެވެ. އެއަށްފަހު ކޮންގްރެސްގައި ހަލަބޮލިކަމެއް އުފެދުނެވެ. ސެނެޓަރުން ވަނީ ޓްރަމްޕަކީ ކޮރަޕްޓް އަދި މަކަރުވެރިއެއް ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ގޮވާލާފައެވެ. އެކަމަކު ވައިޓް ހައުސް އިން ބުނީ މާކެޓް ހަމައަކަށް އެޅުވުމުގެ ޙައްޤު ރައީސް އަށް ލިބިގެންވާ ކަމަށެވެ. އަދި މިހާރު ވޯލް ސްޓްރީޓް ކުންފުނިތަކުން ޓްރަމްޕްގެ ޓްވީޓްތައް ކިޔައި އަމިއްލަ އެލްގޮރިދަމްއެއް އުފައްދަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ. އެމެރިކާގެ، ރައީސު ޓްރަމްޕް މިހާރު ވަނީ އަމިއްލައަށް ޙިއްސާގެ ބާޒާރުގެ ސިގްނަލަކަށް ވެފައެވެ. މިހާރު އުފެދޭ ސުވާލަކީ، ރައީސަކަށް ހުންނަ މީހަކަށް ހިއްސާގެ ބާޒާރު ކޮށިއަރުވާފައި، އަމިއްލައަށް މަންފާއަށް ބިލިއަނުން ބިލިއަނުން އެހާ ފަސޭހައިން ފައިސާ ނެގުމަށް ގައުމަކަށް ފުރުސަތު ދެވިދާނެތޯއެވެ؟ މިއީ ހަމައެކަނި ރާވައިގެން ހިންގާފައިވާ ބޮޑު ވައްކަމެއް ނޫނެވެ. މިއީ އިނގިލީގެ ހަރަކާތާއި ވައިޓް ހައުސްގެ ސިގްނަލަކުން ރައްޔިތުން ރައްކާކޮށްފައިވާ ފައިސާ ނަގައި މުއްސަނދިންގެ މުއްސަނދިކަން ބަދަލުކޮށްލި ސުނާމީއެކެވެ.