Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: ކަލޭމެން ނިދައިފައި ތިބޭށެވެ! ކަލޭމެން ސަލާމަތްވާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟

ކަލޭމެން ޔަހޫދީންނާއި ބައިވެރިވެ އެއްބަޔަކު އަނެއްބަޔަކަށް މަދަދުވެރިވެގެން ފަލަސްޠީނުގައި ހިންގާ ނަސްލުހޭދައިގެ ހިތިރަހަ ކަލޭމެންގެ ކަރުބުޑުގައި ދާދި އަވަހަށް ލާނެއެވެ. އެދުވަސް އޮތީ ދާދި ގާތުގައެވެ. ކަލޭމެންގެ ގުރުދާ ދަމައިގަނެ ނޭވާހޮޅިއަށް އަޅުވާނީ، މިއަދު ކަލޭމެންގެ ވަސީލަތްތައް ބޭނުންކޮށްގެން ކުށެއްނެތް ފަލަސްޠީނުގެ މުސްލިމުން ކަތިލަމުންދާ، ކަލޭމެންގެ އެކުވެރި އެމެރިކާއާއި، އިޒްރޭލާއި އަދި ހުޅަނގުގެ މުނާފިޤު ބާރުތަކުންނެވެ. މިއަދު އެ ސަރަހައްދުގެ ގައުމަކަށްފަހު ގައުމެއް އެދަނީ އެމީހުންގެ ބާރުގެ ދަށަށް ގެނެސް، އެމީހުންނަށްޓަކާ މުސްލިމުންގެ ލެއިން ފެންވަރާދޭނޭ އެމީހުންގެ ގޮނޑިކޮއްކޮއިން ވެރިކަމަށް އިސްކުރަމުންނެވެ. އަދި މި ހިސާބަކުން މިކަންތައްތަކެއް ނުނިމޭނެއެވެ. ދާދި އަވަހަށް، ކަލޭމެންގެ ކަރުގައިވެސް އެމީހުން ހިފާނެއެވެ.

ލީބިޔާގެ ކުރީގެ ލީޑަރު ޝަހީދު މުޢައްމަރުލް ގައްޒާފީ، އެމަނިކުފާނުގެ ތަގުރީރެއްގައި ވިދާޅުވެފައިވެއެވެ.

"ފަލަސްޠީނީންގެ ކަންތައް ތަމާމުކޮށްލުމަށްފަހު، ދެން ދިމާކޮށްލާނީ ސޫރިޔާއި ލުބުނާނާއެވެ. އެއަށްފަހު، ދެން ދިމާކުރާނީ މިސްރާއި އުރުދުންއާއެވެ. މިސްރާއި އުރުދުންގެ ތެރެއިން، އެމީހުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ފަހު، ދެން ގަލްފުގެ ތެރެއިން ހަލުވި ފިޔަވަޅުތަކެއްގައި އެމީހުން ކުރިއަށްދާނީ މައްކާއާއި މަދީނާ ހިފުމަށެވެ. ނީލަކޯރުން ފެށިގެން ފުރާތުކޯރާއި ހަމައަށް އެމީހުން ބޭނުންވާ "ބޮޑު އިޒްރޭލު" ގާއިމުކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދޭނީ އޭރުންނެވެ.

އަހުރެން، އަހުރެންގެ ގަލްފުގެ އަޚުންނަށް ބުނަމެވެ. އެދުވަސް އޮތީ ދުރަކު ނޫނެވެ. ކަލޭމެން، ކަލޭމެންގެ ފިނިކުރި ގަނޑުވަރުތަކާއި، ފިނިކުރި އަގުބޮޑު ކާރުތައް ދޫކޮށް ފުރާނަ ސަލާމަތް ކުރުމަށްޓަކައި ހުސްފައިގައި "ރުބުޢުލް ޚާލީ" އޭ ކިޔޭ ހަނަފަސް ސަހަރާއާ ދިމާލަށް ދުވާނެތެވެ. އެމީހުންގެ ބޮމާއި މިސައިލުން ސަލާމަތާއި ރައްކާތެރިކަން ހޯދަން އެތަނުން ކަލޭމެން އެދޭނެތެވެ. އެކަމަކު، ކަލޭމެންނަކަށް ސަލާމަތެއް ރައްކާތެރިކަމެއް ނުލިބޭނެއެވެ. އެއަށްފަހު، ހުޅަނގު އެފްރިކާގެ އިސްލާމީ ގައުމުތައް ކަމަށްވާ ލީބިޔާ، އަލްޖަޒާއިރު، ތޫނިސް، މޮރޮކޯ، އަދި މޮރިޓޭނިއާގެ ނިމުން އަންނާނެއެވެ. އެ ގައުމުތަކުގެ ކަންތައްތައް ނިންމައިލާނީ، އެ ގައުމުތަކުގެ ވެރިކަން ވައްޓާލައިގެނެއް ނޫނެވެ. އަދި ކިއެއްތަ އެމީހުންނަށް ޖެހޭނީ "ބޮޑު އިޒްރޭލަށް" ތަބާވާށެވެ. ތާއީދުކުރާށެވެ. "ބޮޑު އިޒްރޭލުގެ" ބިރުވެރިކަމުން އެއްވެސް ބަޔަކު ސަލާމަތެއް ނުވާނެއެވެ. އެންމެންވެސް ވާނީ އެމީހުންގެ އަމާޒު ފަތްގަނޑަކަށެވެ. އަހުރެމެން އިއްތިހާދުވެ، އިޤްތިޞާދީ ބޮޑު ބާރަކަށް ނުވެއްޖެނަމަ، މި ނުރައްކާތެރި ރޭވުމުގެ ޝިކާރައަށް ނުވެ ސަލާމަތްވާނެ ހަމަ އެއްވެސް ގޮތެއް ނުއޮންނާނެއެވެ."

ކިހާބޮޑު ތެދުފުޅެއް ހެއްޔެވެ. ސިޔާސީ ދުރުވިސްނޭ ޙިކުމަތްތެރި ލީޑަރުންނަކީ، މިއީ ނޫންތޯއެވެ؟ އެހެންނަމަވެސް، ހިތާމައަކީ މިއަދު އެ ލީޑަރުންވަނީ ހުޅަނގުގެ ޝިކާރައަކަށްވެ، މުސްލިމުން ލައްވާ މުސްލިމުންގެ އެ ހިތްވަރުގަދަ ލީޑަރުން ޝަހީދުކުރުވާފައެވެ. މާތް ﷲ، ޝަހީދު ޞައްދާމު ޙުސެއިންއާއި، ޝަހީދު ކާނަލް މުޢައްމަރުލް ގައްޒާފީގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލައްވައި، ސުވަރުގޭގެ މަތިވެރިވެގެންވާ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! އާމީން. އަދި އިސްލާމީ އުއްމަތް، މުސްލިމުންގެ ނަމުގައި ތިބި ޔަހޫދީ ޑީލަރުންގެ ކިބައިން މިންޖުކުރައްވާ، މުސްލިމުންނަށް މަގުދައްކާނޭ، އަދި ކާފަރުންގެ ކިބައިން ސަލާމަތް ކުރާނޭ ހިތްވަރުގަދަ އިސްލާމީ ލީޑަރަކު ފާޅުކުރައްވާދޭނވެ! އާމީން!

ޔޫގޮސްލާވިއާއާ ދެކޮޅަށް 1999 ވަނަ އަހަރު ކުރި ހަނގުރާމައިގެ ދުވަސްވަރު ނޭޓޯގެ ސުޕްރީމް އެލައިޑް ފޯސްގެ ކޮމާންޑަރު، އެމެރިކާގެ އަސްކަރިއްޔާގެ ޖެނެރަލް ރިޓަޔާރޑް ވެސްލީ ކްލާކް ބުނެފައިވެއެވެ.

"އަހުރެމެން މިދަނީ ފަސް އަހަރު ތެރޭގައި ހަތް ގައުމެއް ހިފަން. އިރާޤުން ފަށައިގެން އެއަށްފަހު ސީރިއާ، ލުބުނާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ނިންމައިލާނީ އީރާނުންނެވެ." އެމެރިކާ އިސްވެ އޮވެގެން މެދުއިރުމަތީގައި މި ހިންގާ ހަނގުރާމައަކީ ސެޕްޓެމްބަރ 11 މާކުރިން ރާވައިގެން ހިންގަމުންދާ ބޮޑު ޖަރީމާއެކެވެ. ސެޕްޓެމްބަރ 11 ގެ ޙާދިސާއަކީވެސް، މި ކަންތައްތަކަށް މަގުފަހި ކުރުމަށްޓަކައި އެމެރިކާއާއި އިޒްރޭލުން ގުޅިގެން ރާވައި ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ.

ބޮޑު އިޒްރޭލު

"ޔަހޫދީ ދައުލަތުގެ ސަރަހައްދަކީ މިޞްރުގެ ނީލަކޯރުން ފެށިގެން ފުރާތުކޯރާއި ހަމައަށް،" ކަމަށް ސިހުނިއްޔަތުގެ ބާނީ ތިއޯޑޯރ ހެރޒްލް ވަނީ މާކުރިން ބުނެފައިވެއެވެ. މިއަދު އެ ތަސްދީގު ކުރަމުންދަނީ އެ ޝައިޠޯނުގެ ރޭވުންތަކެވެ.

"ވަޢުދުވެފައިވާ ބިމަކީ މިޞްރުގެ ނީލަކޯރުން ފެށިގެން ފުރާތުކޯރާއި ހަމައަށް ދެމިގެންދާ ބިމެއް ކަމަށާއި، އޭގެ ތެރޭގައި ސީރިޔާއާއި ލުބުނާނުގެ ބައެއް ސަރަހައްދުތައް ހިމެނޭނެ،" އިޒްރޭލުގެ ފާދިރީއެއް ކަމަށްވާ ފިޝްމަން ބުނެފައިވެއެވެ.

"އެންމެ ފަހުން އަހުރެމެންގެ ބޯޑަރުތައް ލުބުނާނުން ފެށިގެން ބޮޑުވެގެންވާ ސަހަރާ، ޔަޢުނީ ސައޫދީ އަރަބިޔާއާ ހަމައަށް، އަދި މެދުތެރޭ ކަނޑުން ފެށިގެން ފުރާތުކޯރާއި ހަމައަށް ފުޅާވެގެންދާނެ،" ކަމަށް، އިޒްރޭލުގެ ސިޔާސީ ޝައިޠާނެއް ކަމަށްވާ އަވީ ލިޕްކިން ބުނެފައިވެއެވެ.

ކޮންމެއަކަސް، ޣައްޒާގައި، އެމެރިކާއާއި، އިނގިރޭސިވިލާތާއި އަދި ހުޅަނގުގެ ބެލެނިވެރިކަމުގެ ދަށުން، އިޒްރޭލުން މި ހިންގާ ރަޙުމެއް ނެތް، ލާއިންސާނީ ހަނގުރާމައިން، މި އެންމެން މިވަނީ ވަރަށް ބޮޑަށް ފަޟީޙަތްވެ ބޭޒާރުވެފައެވެ. އަދި ހަމައެއާއެކު، ގަލްފުގެ ގައުމުތަކުގެ ވެރިންގެ ގޮތުގައި ތިބި، ޔަހޫދީ ޑީލަރުންވެސް މިވަނީ ފަޟީޙަތްވެ ބޭޒާރުވެފައެވެ. އެމެރިކާއާއި، އިނގިރޭސިވިލާތާއި، އަދި ހުޅަނގުން އިންސާނީ ޙައްޤުތަކޭ ކިޔައިގެން ދައްކަމުންދިޔަ ވާހަކަތަކާއި، އެމީހުންގެ ޢަމަލުތަކާއި ދިމާނުވެ، އެމީހުން ކޮށްގެން ތިބި މޭކަޕު، ފަލަސްޠީނުގެ ޝަހީދުންގެ ލެއިން ދޮވެވި، އެމީހުންގެ ހަގީގީ ސޫރަ، މިވަނީ ދުނިޔެއަށް ހާމަވެފައެވެ. މިއަދު މިކަންކަމުން ސާބިތުވެގެން މިދަނީ، މިމީހުން އަދިވެސް މިތިބީ "ޑާކް އޭޖަސް" ނުވަތަ ޖާހިލިއްޔަ ޒަމާނުގައި އެމީހުން ތިބި ގޮތަށް، ތަހުޒީބުނުވާ ވަހުޝީ ބައެއްގެ ގޮތުގައި ކަމެވެ.