ސިއްރުތައް ވަންހަނާކުރުން
ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ ސިއްރުތައް ވަންހަނާކުރުމުގެ ސިފައެވެ. އެއާ ނުލައި އެ މީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބެއް ނުލިބޭ ހުއްޓެވެ.
ކީރިތި ރަސޫލާ ﷺ އަށް خدمة ކުރެއްވުމަށް ޓަކައި أنس بن مالك (رضي الله عنه) އުޅުއްވިއެވެ. އަދި އެއް ދުވަހަކު އެ صحابي مدينةގެ ޒުވާނުންގެ ބަޔަކާއެކު ކުޅުއްވަން ހުންނެވިއެވެ. ފަހެ އެ ތަނަށް ކީރިތި ރަސޫލާ ﷺ ވަޑައިގަތެވެ. އަދި އެ صحابي އާ مهم ކަމެއް حوال ކުރެއްވުމަށް ފަހު ފޮނުއްވިއެވެ. އަދި އެ صحابي އެ ކަން ކުރެއްވުމަށް ފަހު އެނބުރި ގެއަށް ވަޑައިގަތެވެ. އެ ހިނދު އެ صحابي ގެ މަންމަ އެއްސެވިއެވެ. ދަރިފުޅާއެވެ! މާބޮޑަށް ތިޔަ ލަސްވީ ފަހެ ކޮންކަމަކާ ހުރެހެއްޔެވެ؟ އެ صحابي جواب ގައި އެއީ ކީރިތި ރަސޫލާ ﷺ حوال ކުރެއްވި ކަމެއް ކުރުމުގައި އުޅެން ޖެހިގެން ކަމުގައި ދެންނެވިއެވެ. އެ ހިނދު މަންމަ އެއްސެވިއެވެ. އެއީ ކޮންކަމެއް ހެއްޔެވެ؟ އެ صحابي ޖަވާބު ދެއްވިއެވެ. އެއީ ކީރިތި ރަސޫލާ ﷺ ގެ ސިއްރެކެވެ. އެ جواب އައްސަވާފައި އެ ކަމަނާ ވަރަށް ބޮޑަށް އުފާކުރެއްވިއެވެ. އަދި އެ ކަމަނާގެ ދަރިފުޅުގެ ކިބައިގައި ސިއްރު ވަންހަނާކުރުމުގެ ސިފަ ހުރިކަމުގެ މައްޗަށް ހިތްޕުޅަށް ފިނިކަން ލިބިވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. ދަރިފުޅާއެވެ! ކީރިތި ރަސޫލާ ﷺ ގެ ސިއްރު އެއްވެސް މީހަކަށް ފާޅުނުކުރާށެވެ. [1]
ސިއްރުތައް ވަންހަނާ ކުރުމަކީ ކޮބައި ހެއްޔެވެ؟
އެއީ ތިމާއާއި ތިމާގެ ވަށައިގެންވާ މަސްލަހަތު އެކުލެވޭ ސިއްރުތައް ވަންހަނާ ކޮށްގެން ހުރުމެވެ.
ސިއްރުތައް ވަންހަނާ ކުރުމުގައި ސިޔާސީ ލީޑަރުންގެ ދައުރު
ސިޔާސީ ލީޑަރުންނަކީ މީހުންގެ ބައެއް ސިއްރުތަކާއި ގައުމުގެ ބައެއް ސިއްރުތައް އެނގޭނެ ބަޔެކެވެ. އެހެންކަމުން ސިއްރުތައް ވަންހަނާކުރުމުގައި ސިޔާސީ ލީޑަރުންނަށް ދައުރެއް އަދާކޮށްދެވިދާނެއެވެ.
އެއީ:
އެކެއް: މީސްތަކުންގެ ސިއްރުތައް ވަންހަނާ ކުރުން
ސިޔާސީ ލީޑަރުން މުޖުތަމައުގެ އަފުރާދުންގެ ސިއްރުތައް ވަންހަނާކުރަން ޖެހެއެވެ. އެއީ އެ މީހެއްގެ އަމިއްލަ ސިއްރެއްކަމުގައި ވިޔަސް އަދި އެހެން މީހެއްގެ ސިއްރެއްކަމުގައި ވިޔަސްމެއެވެ.
މުޖުތަމައުގެ އަފުރާދުން އެބައިމީހުންގެ މެދުގައި ސިއްރުތައް ވަންހަނާ ކުރަނީ ނަމަ އެ ކަމުގެ ސަބަބުން އެ މީހުންގެ މެދުގައި އިތުބާރު ބޮޑުވެ އެއް ބަޔަކު އަނެއް ބަޔަކަށް އެކުވެރިކަން ބަދަހިވެ އުޚުއްވަތްތެރިކަން އިތުރުވެގެންދާނެއެވެ. އަދި ސިއްރުތައް ވަންހަނާ ކުރުމަކީ މީހާ އަމާނާތްތެރިއަކަށް ވުމުގެ އެއް ދަލީލެވެ.
ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވިއެވެ. «إِذَا حَدَّثَ الرَّجُلُ الحديث ثمَّ الْتَفَتَ فَهِيَ أَمَانَةٌ» [2]. މާނައީ:- މީހަކު ވާހަކައެއް ދެއްކުމަށް ފަހު ދެން އެނބުރިގޮސްފި ނަމަ އެ ވާހަކައެއް ވާހުށީ އަމާނާތަކަށެވެ.
އުއްމަތުގެ މަސްލަހަތަށްޓަކައި ބައެއް ކަންތައްތައް ވަގުތު ޖެހެންދެން ކީރިތި ރަސޫލާ ﷺ ސިއްރުކުރައްވައެވެ. އެ ގޮތުން އެ ކަލޭގެފާނު ހަނގުރާމައެއް ކުރެއްވުމަށް قصد ކުރައްވައިފި ނަމަ އެ ކަމުގެ ވަގުތާއި އަދި ތަނެއް ކަނޑައެޅުއްވުން ވަގުތު ޖެހެންދެން ފަސްކުރެއްވިއެވެ.
ދޭއް: ތިމާގެ مصلحة އާއި مجتمع ގެ مصلحة ހިމެނޭ ކަންތައްތައް ސިއްރުކުރުން
ސިޔާސީ ލީޑަރުން، އަމިއްލަ مصلحة އާއި އަދި މުޖުތަމައުގެ مصلحة އެކުލެވޭ ކަންތައްތައް ކޮށް ނިމެންދެން ސިއްރު ކުރުން އެދެވިގެންވެއެވެ. އަދި ކަމާ ނުބެހޭ މީހުންނަށް އޭގެ خبر ކިޔައިދެމުން ނުގެންދިޔުން އެދެވިގެންވެއެވެ.
ހަދީސެއްގައި ވާރިދުވެގެންވެއެވެ. «اسْتَعِينُوا عَلَى إِنْجَاحِ الْحَوَائِجِ بِالْكِتْمَانِ، فَإِنَّ كُلَّ ذِي نِعْمَةٍ مَحْسُودٌ»[3]. މާނައީ: ޙާޖަތްތައް ސިއްރުކޮށްގެން ކާމިޔާބު ލިބިގަތުމަށް ވާގި ލިބިގަންނާށެވެ. އެހެނީ ހަމަ ކަށަވަރުން ކޮންމެ ނިޢުމަތަކަށް ޙަސަދަވެރިއަކުވެއެވެ.
ވަންހަނާކުރުން ހަރާމްވެގެންވާ ކަންކަން
ސިއްރުތައް ވަންހަނާކުރުމަކީ އިސްލާމީ އަދަބުވެރިކަމުގެ ތެރެއިން ބައެކެވެ. އަދި ބައެއް ހާލަތްތަކުގައި ސިއްރުތައް ވަންހަނާ ކުރުމަކީ حرام ވެގެންވާ ކަމެކެވެ. އެގޮތުން މި ދަންނަވާ ކަންތައް ތަކުގެ ތެރެއިން ކަމެއްގައި ވާހަކައެއް ސިއްރުކޮށް ފޮރުވައިގެން ނުވާނެއެވެ.
- ހެކިބަސް އަދާ ކުރުމުގައި
ހެކިބަސް އަދާކުރަން ޖެހިއްޖެ ނަމަ އެ ކަމުގެތެރޭގައިވާ އެއްވެސް ކަމެއް ފޮރުވައިގެން ނުވާނެއެވެ. އަދި ކިއެއްތަ! އެ ކަމެއް ހިނގައިދިޔަ ގޮތަކަށް ނުވަތަ އެ ކަމެއް ފެނުނު ގޮތަކަށް ނުވަތަ އެ ކަމެއްގެ معلومات ލިބިހުރި ގޮތަކަށް ހާމަ ކުރަން ޖެހޭނެއެވެ.
މާތްالله ވަޙީކުރެއްވިއެވެ. وَلَا تَكْتُمُوا الشَّهَادَةَ ۚ وَمَن يَكْتُمْهَا فَإِنَّهُ آثِمٌ قَلْبُهُ ۗ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ([4]. މާނައީ:- އަދި ތިޔަބައިމީހުން ހެކިބަސް ވަންހަނާ ނުކުރާހުށިކަމެވެ! އެކަން ވަންހަނާކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަ ކަށަވަރުން، އޭނާއީ، އޭނާގެ ހިތް ފާފަވެރިވެގެންވާ މީހެކެވެ. اللَّهއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
- ވިޔަފާރިކުރުމުގައި
ވިޔަފާރި ކުރާ ހިނދު މުދާ ވިއްކާ މީހާ އެ މުދަލެއްގައި އައިބެއްވާ ނަމަ އެ ކަން ސިއްރުކޮށްގެން ނުވާނެއެވެ. އެ ފަދަ عيب އެއްވާ ނަމަ ގަންނަ މީހާއަށް އެ ކަން އަންގަން ޖެހޭނެއެވެ. އަދި އެ މުދަލުގެ معلومات ތެދުވެރިކަމާއެކު ދޭން ޖެހޭނެއެވެ. އެއާ خلافއަށް މުދާ ވިއްކާ ހިނދު މުދަލުގައި ހުންނަ عيبއެއް ސިއްރުކޮށް މަކަރާއި ހީލަތް ހަދައިފި ނަމަ އެ ވިޔަފާރިން اللهގެ بركاة ލުއްސެވިގެން ހިނގައިދެއެވެ.
ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. عَنْ حَكِيمِ بْنِ حِزَامٍ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ: «الْبَيِّعَانِ بِالْخِيَارِ مَا لَمْ يَتَفَرَّقَا، فَإِنْ صَدَقَا وَبَيَّنَا بوُرِكَ لَهُمَا فِي بَيْعْهِمَا، وَإِنْ كَتَمَا وَكَذَبَا مُحِقَتْ بَرَكَةُ بَيْعِهِمَا»[5]، މާތް الله ރުއްސުންލެއްވި أبو خالد حكيم بنِ حزَام ގެ ކިބައިން ރިވާވެގެން ވެއެވެ. (އެ صحابي އިސްލާންވެ ވަޑައިގަތީ مكة فتح ވީ އަހަރުގައެވެ.) އަދި صحابيގެ ބައްޕާފުޅަކީ ޖާހިލިއްޔަ ޒަމާނުގައްޔާއި އަދި އިސްލާމީ ވެރިކަމުގެ ދުވަސްވަރުގައި ވެސް قريشވަންހައިގެ ބޮޑުންގެ ތެރޭގައި ހިމެނުނު ބޭކަލެކެވެ. (حكيم) ވިދާޅުވެތެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. (މުދާ) ވިއްކާ މީހާއާއި، މުދާ ގަންނަ މީހާއާ ދެ މީހުން ވިޔަފާރި ހިންގި މަޖިލިހުން ވަކިވެގެން ނުދާހާ ހިނދެއްގައި އެ ދެ މީހުންނަށް އެ ދެ މީހުން ކޮށްފައިވާ ވިޔަފާރި އަނބުރާ ރޫޅައިލުމުގެ إختيار (شرعي ގޮތުން) ލިބިގެން ވެއެވެ. ފަހެ އެ ގޮތުން ވިޔަފާރިކުރާ ދެ މީހުން އެކަކު އަނެކަކަށް ތެދުހަދާ އަދި ވިއްކާމީހާ ވިޔަފާރި މުދަލުގައި ހުރި حقيقة ރަނގަޅަށް ހާމަކޮށްދީ އަދި ގަންނަމީހާ އަގު ދޭން ގަސްދުކުރާ ގޮތެއް ރަނގަޅަށް ބުނެދީގެން ވިޔަފާރިއެއް ކޮށްފި ނަމަ އެ ދެ މީހުންގެ އެ ވިޔަފާރިއެއްގައި ބަރަކާތްލެއްވިގެން ހިނގައިދެއެވެ. (އެއާ خلاف އަށް) އެ ދެ މީހުން އެކަކު އަނެކަކަށް حقيقة އޮޅުވާލައި އަދި ދޮގުހަދައިގެން ވިޔަފާރިކޮށްފި ނަމަ އެ ދެމީހުންގެ ވިޔަފާރީން ބަރަކާތް ލުއްސެވިގެން ހިނގައިދެއެވެ.
- علم އުގަންނައިދިނުމުގައި
ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވިއެވެ. وَعَنِ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ سُئِلَ عَنْ عِلْمٍ فَكَتَمَهُ أُلْجِمَ بِلِجَامٍ مِنْ نَارٍ يَوْمَ الْقِيَامَةِ [6]. މާތް الله ރުއްސުންލެއްވި أَبو هُريرة ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވިއެވެ. މީހެއްގެ ކައިރިން ދީނީ علمއަކާ މެދު ސުވާލުކުރެވޭ ހިނދު އެކަން އޮތްގޮތް ހާމަކޮށްނުދީފިނަމަ قِيَامَة ދުވަހުން އެމީހެއްގެ ހަށިގަނޑުގައި އަލިފާނުންވާ ލަގަނެއް އެޅުވޭނެއެވެ.
[1] متفق عليه واللفظ لمسلم (صحيح البخاري ج8، ص 65، رقم الحديث 6289، صحيح مسلم ج4، ص 1929، رقم الحديث 2482
[2] رواه الترمذي، أبواب البر والصلة، باب ما جاء أن المجالس أمانة، (1959)، وحسنه الألباني في مشكاة المصابيح، (5061).
[3] رواه الطبراني في المعجم الصغير، (1186)، وصححه الألباني في صحيح الجامع الصغير وزياداته، (943).
[4] سورة البقرة: 283.
[5] رواه البخاري، كتاب البيوع، باب إذا بَيَّن البيعان ولم يكتما ونصحا، (2079)، ومسلم، كتاب البيوع، باب الصدق في البيع والبيان، (1532).
[6] رواه أبو داود، كتاب العلم، باب كراهية منع العلم، (3658)، وابن ماجه، افتتاح الكتاب في الإيمان وفضائل الصحابة والعلم، باب من سئل عن علم فكتمه، (264)، وصححه الألباني في صحيح الجامع الصغير وزياداته، (6284).

