Support Us

ވާހަކަ: ކަނޑުޕަރީ

ދުވާލުގެ އެ ހަލަބޮލި ވަގުތުގައި، އެންމެ ބޭރަށް ވާގޮތަށް ހުންނަ ބޮޑުތަކުރުފާނު މަގަށް އެޅީއްސުރެން އަހަރެންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. އަނެއްކާވެސް އެހެން ވާނެކަން އެނގޭތީއެވެ. އެރެެޔަށްފަހު އަހަރެންނަށް އެނގޭ އެއްޗަކީ ހަމަ އެ އުދަނގޫތައް ވާކަމެވެ. ކިތަންމެ ވަރަކަށްވެސް އަހަރެން ޖެހިލުން ވެއެވެ. ރައްޓެހިންނާއި ގާތްމީހުން ދެކޭ ގޮތުގައި އަހަރެން ޖެހޭނީ ބިރާއި ކުރިމަތި ލާށެވެ. މިހާރު މިވާ އުނދަގުލަކީ ނަފްސާނީ ކަމެކެވެ. ނަފްސާނީ ކަމެެއް ކަމެއް ނޫނީ އެހެންކަމެެއް ކަމެއް އަހަރެންނަށް ޔަޤީންކޮށް ބުނާކަށް ނޭނގެއެވެ. ހަމަގައިމުވެސް އެ އުނދަގޫތަކެއް އެބަ ވެއެވެ. މޫދާއި ކައިރި ވީވީހެން އެކަމުގެ އުނދަގުލާ ތުރާ އިންތިހާޔަށް ބޮޑުވެގެން ދެއެވެ. އެހެެންވާތީ އަބަދުވެސް އުޅެވެނީ މޫދު ފެންނަ ހިސާބާ ވީހާވެސް ދުރުންނެވެ. މިއަދު މިހިސާބަށްވެސް މިއައީ ރައްޓެހިންތައް ކިޔާވަރުންނެވެ. އެކަމަކު މިހާރުވެސް ހިތް ބާރުބާރަށް ތެޅެނީއެވެ. ދެން ފެށީ އާދަޔާ ޚިލާފަށް ދާހިތްލާށެވެ. އެއީ އަބަދުވެސް އަހަރެންނަށް ވާގޮތެވެ.

"ދެން ހިނގާ އަނބުރާލާފަ ދާން. މިހިސާބަށްވެސް އާދެވިއްޖެއެއްނުނ.." އަހަރެންގެ ނުތަނަވެސް ކަންވެސް ދިޔައީ އިރަކަށްވުރެ އިރެއް އިތުރު ކުރުވަމުންނެވެ.

"ދެން ހިނގާބަލަ އައްޔާ.. އެރޭ ފަހުން މާ ބިރުގަނެފައޭ ތިހުންނަނީ. މިހެން އައިސް ހަދަން ފެށީމަ އޯކޭވާނެއޭ. އެ ހުންނަނީކީ މާބޮޑެތި ކަންތައްތަކެއް ނޫނޭ" އިރުފާން ބޭނުންވަނީ އަހަރެންނަށް މިވާ އުނދަގޫތައް އަހަރެންގެ ކިބައިން ފިލައިގެން ދިއުމަށެވެ. އެކަން އަހަރެންނަށްވެސް އެނގެއެވެ. އެކަމަކު މޫދު ފެނުނަސް އަހަރެން ހޮޑު ލަވަނީއެވެ. ބޯ އަނބުރަނީއެވެ. ދެތިން ރައްޓެހިން ނޫނީ އެނެްމެންވެސް ދެކޭ ގޮތުގައި އަހަރެން އެރޭގެ ފަހުން މާ ބިރުގަންނަނީއެވެ. ހޮޑުލަވާ އުނދަގޫތައް އެވަނީ އެހެންވެގެންނެވެ.

ހިތްވަރުކޮށްފައި ޓްރެކާއި ހަމައަށް ދިޔައީމެވެ. މޫދުވެސް ދުށީމެވެ. ހިތްބިރުގަތުން ނޫން އެއްވެސް އިތުރު ކަމެއް މިފަހަރަކު ނުވެއެވެ. ޚުދު އަހަރެންވެސް އެކަމާ ހައިރާންވާގޮތް ވިއެވެ.

"ކޮބާ އައްޔާ! ހުރިހާވެސް އެއްޗަކީ މައިންޑޭ! މިހާރު ދެންތި އޯކޭވީއޭ" ޝިފާންވެސް ވަރަށް އުފާވެލާފަ ބުނެލިއެވެ. އަހަރެންނަށްވެސް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ. ހިތަށް އެރިއެވެ. އަހަރެން މާބޮޑަށް ބިރުގަތީ ތާއެވެ.

ތޮށިގަނޑުމަތީގައި އަހަރެމެން ސަކަރާތް ޖަހަން ތިއްބާ އަހަރެންގެ ބޯ ކުއްލިއަކަށް އަނބުރަން ފެށިއެވެ. އެހެން ފަހަރުތަކާ ޚިލާފަށް މާބޮޑަށެވެ. މިފަހަރު މިއީ އެހެންޏާ ނުވާ ޒާތުގެ ކަމެކެވެ. އަހަރެން ތުރުތުރު އަޅަން ފެށިއެވެ. އެތަން ފެނުނީ ޒަޔާނަށެވެ. އޭނަ އަވަހަށް އައިސް ގައިގަ ހިފެހެއްޓިކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގެއެވެ.

އަހަރެންނަށް ހޭވެރިކަން ވީއިރު އަހަރެންގެ ވަށާ އާއިލާ މީހުންނާއި ރައްޓެހިން ތިއްބެވެ. އޭރު އަހަރެންނާ ވަރަށް ކައިރީގަ ނުދަންނަ މީހަކު ގޮނޑިއެއްގައި އިށީނދެލައިގެން އިނެވެ. ބޮލުގަ ތާކިހަލެއް އަޅާފައި އެމީހާ އިންއިރު ފެންނަ ފެނުމަށް އެއީ ދެބައި އުމުރުގެ މީހެކެވެ.

"މިހާރު ކިހިނެތް..؟" އެމީހާ ސުވާލު ކޮށްލިއެވެ. އަހަރެން  ވަރަށް މަޑުމަޑުން ރަނގަޅޭ ބުނެލީމެވެ.

"މިމީހުން އެބަބުނޭ މޫދަށް ދިޔަ ރެޔަކު ކަމެެއް ވީ ވާހަކަ. އެކަން ހިނގާދިޔަގޮތް ކިޔައިދީބަލަ" އެމީިހާ އެދުނެވެ. އަހަރެން އިރުކޮޅެއް ވަންދެން ހިމޭނުން އިނީމެވެ. އެއަށްފަހު ތެދުވެ ރީތިކޮށް އެނދުގަ އިށީނދެލީމެވެ. ދެން ކިޔައިދޭން ފެށީމެވެ.

އެއީ މީގެ ހަ ވަރަކަށް މަސް ކުރިއެވެ. އަހަރެންނަކީ މޮޅު ފެތުންތެރިއެކެވެ. ސްކޫލުގައި އުޅުނުއިރު ބައިވެރިވި ފެތުމުގެ މުބާރާތްތަކުން ރަނގަޅު ކާމިޔާބީތަކެއްވެސް ލިބިފައި ހުރި މީހަކީމެވެ.  ސްވިމިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި ދޭތެރެއަކުން ހިލޭ ސާބަހަށް މަސައްކަތް ކޮށްދެނީ އެކަމަށް ހުންނަ ޝައުޤެއްގެ ބޮޑުކަމުންނެވެ. ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އެއީ އަހަރެންނާއި އަހަރެންގެ އެންމެ ގާތް ރައްޓެހިން އެކުގަ އެކުގަ އަނެއްކާވެސް މޫދަށް ދާން ފެށި ދުވަސްވަރެވެ. އޭރު އަހަރެމެން ގަވާއިދުން މޫދަށް ދަމެވެ. ހުކުރު ހޮނިހިރު ނޫނިއްޔާއެވެ. ހުކުރު އެއީ ރެސްޓް ދުވަހެވެ. ހޮނިހިރުގައި ކުޅެނީ ބެޑްމިންޓަނެވެ.

އާދައިގެ މަތިން އެއީވެސް މޫދަށް ދިޔަ ރެޔެކެވެ. އަހަރެންނާއެކު މުޅި ޖުމްލަ ފަސް ރައްޓެހިން ދިޔައެވެ. އެކަމަކު މޫދަށް އެރޭގޮތަށް ދިޔައީ އަހަރެންނާއި އިރުފާނާއި ޒަޔާނެވެ. އިޝާނާއި ޝިފާން އައީ ކޮންމެހެން މޫދަށް ނޭރުނަސް އަހަރެމެންނާއެކު މަޖަލުގައި ބައިވެރި ވެލާށެވެ. އަހަރެމެން ތިން މީހުން މޫދަށް އެރުނުއިރު އިޝާނާއި ޝިފާން ތިބީ ތޮށިގަނޑު މަތީގައެވެ. އެރޭ އިތުރު ކަމެއް ކުރުމަށްވެސް އޮތީ ރޭވިފައެވެ. އެއީ އިރުފާނާއި ޒަޔާންގެ ތެރެއިން އެންމެ ބާރަށް ފަތަނީ ކާކުތޯ ބެލުމެވެ. ހަޤީޤަތުގަ އެންމެ ބާރަށް ފަތާކަމަށް ފާހަގަ ކުރެވިފަ އޮންނަނީ އިރުފާނެވެ. އެކަމަކު އިރުފާނަށްވުރެ ބާރަށް ފީނާނެ ކަމަށް ޒަޔާން ދަޢުވާ ކުރުމުން އުފެދުނު ބަހުޘް އެންމެ ފަހުން ނިމުނީ ރޭސް ޖަހާ ގޮތަށެވެ. ބަލިވާ މީހަކު އެންމެނަށް ކާންދޭ ގޮތަށެވެ. ޒަޔާން ނިންމާފަ އޮތީ އިރުފާނަށް ލަނޑެއް ދިނުމަށެވެ. އެކުރަން އުޅޭކަމެެއް އެނގެނީ ތޮށިގަނޑުމަތީގަ އިން ޝިފާނަށާއި އަހަރެންނަށެވެ. ޝިފާނުވެސް ވިސްނާފަ އޮތީ ޒަޔާނަށް ލަނޑެއް ދިނުމަށެވެ. އަހަރެންނަށް އެކަން އެނގުނީ ފަހުންނެވެ. މިކަހަލަ ސަކަރާތްތަކުގައި އަހަރެމެންނަކީ ވަރަށް ބޮޑަށް މަޖާ ނަގާ ބައެކެވެ.

އިރުފާނާއި ޒަޔާން ފީނުމަށް ތައްޔާރުވާން ޕްލެޓްފޯމުގެ އެއްކޮޅުގައި މަޑުކޮށްލައިގެން ތިބިއިރު، ޕްލެޓްފޯމުގެ އެއްކޮޅުން އަނެއްކޮޅަށް އަހަރެން ބެލީ ބުރު ޖެހޭތޯއެވެ. އެޖަހަން އުޅޭ ރޭހެއްގަ އަހަރެންނެއް ބައިވެރިއެއް ނުވަމެވެ. އޭރު އަހަރެން ތިންވަނަ ލެޕް ނިންމުމަށް އިރުފާނުމެން މަޑުކޮށްލައިގެން ތިބި ދިމާއަށް ފީނާފައި ދަނީއެވެ. އަޑިން އެއްޗެއް ހުރަސްކުރިހެން ހީވިއެވެ. ވައްތަރީ ތަންކޮޅެއް ބޮޑު މަހަކާއެވެ. އެކަމަކު އެއީ އެވަރުގެ މަސް އަންނަ ތަނެއްވެސް ނޫނެވެ. އެއީ ހީވި ގޮތެއްކަމަށް ނިންމީމެވެ. އެކަމާއެކުވެސް އުފެދުނު ނުތަނަވެސް ކަމެއްގެ ސަބަބުންނާއި ވެފައި ހުރި ވަރުބަލިން، އަހަރެން އަރިމަތިން ޕްލެޓްފޯމުގެ މައްޗަށް އެރީމެވެ. އެވަގުތު ޒަޔާނާއި އިރުފާނު ފީނައިގަތްތަން ދުށީމެވެ. އިރުފާނު ފީނުމަށް މޫނު އަޑިއަށްލުމާއެކު ޒަޔާން އަރިމަތިން ޕްލެޓްފޯމުގެ މައްޗަށް އަރާ ދުވެފައި ކުރިޔަށް ދިޔައެވެ. ރޭސް ނިންމާ ހިސާބާކައިރިޔަށް ގޮސްފައި އަނެއްކާވެސް މޫދަށް ފުންމާލައިގެން ފީނާފައި ރޭސް ނިންމާލިއެވެ. އޭރު ތޮށިގަނޑުމަތީގައި ތިބި އިޝާނާއި ޝިފާން ބާރަށް ހޭއަޑު ރީތިކޮށް އިވެއެވެ. ޒަޔާން ހަދާނީ އެހެންކަން އެނގޭއިރުވެސް ޒަޔާން އުޅުނު ގޮތުން އަހަރެން ކައިރިއަށްވެސް ވަރަށް ހިނިއަންނަ ގޮތްވިއެވެ.

އެގަޑީގަ އެއްލި ކަޅިއަކުން ޕްލެޓްފޯމުގެ ތެރެއިން ފީނާލާފައި ދިޔަ އެ ގޮތް ނޭނގޭ މަޚްލޫޤް ރީތިކޮށް އަހަރެންނަށް ފެނުނެވެ. އަލިވެސް އެޅިފައި ހުރިގޮތުންނެވެ. ދިގު ރާޅުބާނީ އިސްތަށިގަނޑެއް ގެ ވެރިއެކެވެ. މަތީބައި އިންސާނެއްގެ ސިފައިގަ ހުރިއިރު ތިރީބައިގަ ވަނީ މަހެއްގެ ސިފަތަކެވެ. އުނަގަނޑުން ފެށިގެން ތިރިޔަށް ހުރީ ހުޅުނބު ފަޅާފައެވެ. އަހަރެން ހަމަ ރީތިކޮށް ދުށީމެވެ. ދެން އެމަޚްލޫޤެއް ފީނައިގަތީ އަޑިއަށެވެ. ވަކި ހިސާބަކުން ގެއްލިއްޖެއެވެ. ނުކުންނާނެކަމަށް ބެލެވޭ ދިމާއަށް އެތައްއިރަކު ބަލަހައްޓައިގެން ހުރީމެވެ. ހިލަމެއްވެސް ނެތެވެ. ހިތު ތެރޭގައި ނޭނގޭ ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. އަހަރެން ވަގުތުން ހިނގައިގަތީ އެއްގަމާ ދިމާއަށެވެ.

"ތިވާނީ ހަމަ ހީވި ގޮތަކަށް. މޫދުގަ ތިބި އޭރުވެސް ބައިވަރު މީހުންދޯ. ހަމައެކަނި އައްޔައަށް ފެެނުނީ؟ މާބޮޑަށް ބިޓެއް ބޭނުންވާ ހިސާބުގަ ހުންނަންޏާ ކިތަންމެ އެއްޗެއްވެސް އަދި ފެންނާނެ. އަވަހަށް އުޅޭ ބިޓެއް ނަގަން" ގެޔަށް ދިޔަ މަގުގަމތީގަ އިރުފާނު ދިމާކޮށްލިއެވެ. އިރުފާނު އެހެން ބުނެލުމާއެކު އެންމެން ހީނގަތެވެ. އަހަރެން އެވާހަކަ ބުންޏަސް އެކަކުވެސް ޤަބޫލު ނުކުރާނެކަން އަހަރެންނަށް އެނގެއެވެ. ނުބުނާން ހުރީވެސް އެހެންވެއެވެ. އަހަރެން މާމަޑުން ހުންނާތީ އެކަމާ ސުވާލުކުރަން ފެށުމުން ބުނެލީއެވެ.

ފެންވަރާލައިގެން އެންމެން ނިންމާފަ އޮތީ ބޭރަށް ކާންދާށެވެ. ބިލުގަ ހިފަން ޖެހުނީ "ރޭހުން ބަލިވި" އިރުފާނަށެވެ. ކާންތިބި ގަޑީގަ އޮތީ އަހަރެންނާ ދިމާކުރުމެވެ. އަހަރެން ދެއްކި ވާހަކަ އެކަކުވެސް ޤަބޫލެއް ނުކުރެއެވެ. އަހަރެން އިނީ އެއަށްވުރެ ފެނުނު މަންޒަރާހެދި އުނދަގޫތަކެއް ވެފައެވެ. ޒާތެއްގެ ބިރެއްވެސް ގަނެފައެވެ. އެހެންވެ އަހަރެން އިނީ ގިނަ ވަގުތު ހިމޭނުންނެވެ.  ބިލު ދައްކަން ޖެހުނު ގަޑީގަ އިޝާން ޒަޔާނަށް ލަނޑެއް ދިނެވެ. ރޭސް ޖެހިގަޑީގަ ޒަޔާން ގަތްގަނޑު އިޝާން އޮތީ ވީޑިއޯ ކޮށްފައެވެ. އިޝާން އެވީޑިއޯ ދެއްކީމަ މައްސަލަ އިރުކޮޅަކަށް ވަރަށް ހޫނު ވިއެވެ. ކުއްލިއަކަށް މުހިންމު ކަމެއް އަހަރެންގެ ސިކުނޑިއަށް އައެވެ. ޒަޔާން ޕްލެޓްފޯމު މައްޗަށް އެރިތާ ކުޑަ ހިނދުކޮޅެއް ފަސް އެއީ އަހަރެންނަށް މޫދުން އެމަޚްލޫޤް ފެނުނު ވަގުތެވެ. އަހަރެން ކުއްލިއަކަށް އިޝާންގެ އަތުން ފޯނު އަތުލީމެވެ. އެވީޑިއޯއަށް ވަރަށް ރަަނގަޅަށް ބެލީމެވެ. ތަންކޮޅެއް ފާހަގަ ކުރެވުނެވެ. ދެން އެތަންކޮޅު ސްލޯމޯޝަނުގައި ޕްލޭ ކުރީމެވެ. އަހަރެންނަށް ފެނުނު މަޚްލޫޤް ވަރަށް ބޮޑަށް ޒޫމް ކޮށްފައި ބެލުމުން މޫދުގެ ތެރެއިން ދާތަން ފެނެއެވެ. އެވީޑިއޯއިން ފެންނަނީ ސީދާ އަހަރެންނަށް ފެނުނުހާ ސާފުކޮށެއް ނޫނެވެ. އެކަމަކު ކޮންމެވެސް ބޮޑު އެއްޗެއް މޫދުގެ އެލޮނުގަނޑު ތެރޭގައި ދަތުރު ކޮށްފައި ދާކަން އެނގޭހައި ވެއެވެ. ސީދާ ސިފަ ވަކިކުރެވޭ ވަރެއް ނޫނެވެ. އަހަރެން އެމަންޒަރު އެންމެނަށް ދެއްކީމެވެ. އެންމެނަށްވެސް ލިބުނީ ޝޮކެކެވެ. އެހިސާބުން އަހަރެން ދެއްކި ވާހަކަ ޤަބޫލު ކުރިއެވެ. އެދުވަސް އެއީ އަހަރެމެން އެންމެން އެކުގަ މޫދަށް ދިޔަ އެންމެ ފަހު ދުވަހެވެ. އެކަމަކު ތަންކޮޅެއް ފަހުން ޝިފާނާއި އިރުފާނު ޓްރެކަަށް ނުދާންވެގެން އާޓިފިޝަލް ބީޗަށް ދިޔައެވެ. އެރެޔަށްފަހު ވާންފެށި ގޮތަކީ މޫދާ ހިސާބަށް ދިޔަޔަސް އުނދަގޫތަކެއް ވަނީއެވެ. މޭނުބައި ކޮށްފައި ހޮޑުލަވާ ގޮތްވަނީއެވެ.

އަހަރެންގެ ވާހަކަ އެހިސާބަށް ކިޔައިދީ ނިމުމާއެކު އަޑުއަހަން އިނދެފައި، ދެބައި އުމުރުގެ އެމީހާ ބުނީ މާދަންރޭ ޢިޝާގެ ފަހުން އަންނާނަން ކަމުގައެވެ. އެހިސާބުން އަހަރެންނަށްވެސް މިކަމުގައި ކޮންމެވެސް އެހެން ކަމެއް އެކުލެވިގެންވާކަން އިހްސާސް ކުރެވުނެވެ.

އޭގެ އަނެއް ރެއެވެ. އަހަރެން އޮތީ އެނދުމަތީގަ އޮށޯވެގެންނެވެ. ގައިމަތީގަ ހުދު ފޮތިގަނޑެއް އަޅާފަ އޮތެވެ. ކޮޓަރި ތެރޭގައި ކުރީ ރޭވެސް ތިބި އެންމެން ހަމަ ތިއްބެވެ. ކުރީ ރޭ އެއައި ރާޤީވެސް  އަހަރެންނާ ޖެހިގެން ހުރި ގޮނޑީގަ އިށީނދެލައިގެން އިނެވެ. ޤުރުއާނުގެ އާޔަތްތައް ކިޔަވަން ފެށިތާ ވަކި ހިސާބަކުން އަހަރެންގެ ބޮލުގަ ވަރަށް ގަދައަށް ރިއްސަން ފެށިއެވެ. ދެން ފެށީ ހޮޑުލާށެވެ. އެކަމަށްޓަކައި ކައިރީގަ ބާލިދީއެއްވެސް ބެހެއްޓިފަ ހުއްޓެވެ. އިރުކޮޅަކުން ދެންވީ ގޮތެއް ނޭނގުނެވެ.

ހޭއެރިއިރު ބޮލުގަ ކޮންމެވެސް ވަރަކަށް މަޑު ރިހުމެެއް ހުއްޓެވެ. އެނޫން އެއްވެސް އުނދަގުލެއް ނެތެވެ. ހީވަނީ ނިދީގަ އޮވެފަ ހޭލެވުނު ހެންނެވެ.

"އިންޝާﷲ ތި އުނދަގުލުން ސަލާމަތްވީ ދެން. ދެން އެއްވެސް ގޮތަކަށް ބިރުގަންނާނެކަމެއް ނެތް. ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔަވާ ހެނދުނާ ހަވީރުގެ ޛިކުރުތައް ކިޔަމުން ގެންދޭ. މިކަން މިނިމުނީ މިހިސާބުން" އެރާޤީ ހިނިތުންވެލާފަ ބުނެލިއެވެ. އޭރު ކޮޓަރި ތެރޭ ތިބި އެންމެންގެ މޫނުމަތިގަވެސް ވަނީ ހިނިތުންވުމެވެ. ވީގޮތެއް އަދިވެސް މުޅިއަކުން އަހަރެންނަށް ސާފުވާގޮތެއް ނުވިއެވެ.

އޭރު ވީގޮތް ފަހުން ކިޔައިދިނީ ބޭބެއެވެ.

"ކަނޑުޕާރީއެއް އައްޔައާ ހިިތާވެގެން މިހުރިހާ ދުވަހަކު އުޅުނީ. އަޅައިގަތީ ކިހިނެތް ކޮންތާކުންހޭ ރާޤީ ސުވާލު ކުރީމަ ބުނީ.." އަހަރެން ބޭބޭގެ ވާހަކަ މެދު ކަނޑާލީމެވެ. "މަޑުކޮށްބަލަ..ސުވާލު ކުރީމަ ބުނީއޭ؟ ޖިންނި އަހަރެން ގަޔަށްވަދެ ވާހަކަ ދެއްކީތަ؟" ސިހިފައި އަހަރެން އަވަހަށް ސުވާލު ކޮށްލީމެވެ.

"އާނ. ވަކި ހިސާބަކުން ވާހަކަ ދެއްކީ އެ ޖިންނި. އަައްޔަގެ އަޑަށްވެސް ބަދަލު އައިއްސަ ހުރީ. ބޭބެވެސް ކޮންމެވެސް ވަރަކަށް ޖެހިލުންވެ ބިރުގަންނަ ގޮތްވި. އަލަށް ވިއްޔާ އެކަހަލަ ކަމެއް ފެނުނީ."  ބޭބެ ބުންޏެވެ.

"ދެން ކީކޯ އޭތި ބުނީ؟" އަހަރެން ހުރީ ވީގޮތެއް ވަރަށް ބޮޑަށް އަޅުން ފިލުވަން ބެނުންވެފައެވެ.

"ސުވާލު ކުރީމަ ބުނީ އައްޔަ އެއްރޭ މޫދަށް ގޮސް އުޅުނުއިރު ދިހަ އަހަރުގެ އަންހެން ކުއްޖަކު ގެނބެނިކޮށް ސަލާމަތް ކުރިޔޯ. އެކުއްޖާއާ އަވަލާފަ ތިބެޔޯ ތިމަންނަގެ ތިން ދަރިން. އެދިހަ އަހަރުގެ ކުއްޖާ ގެނބުނު ވަގުތު ތިމަންނަގެ އެއްދަރިޔަކު އަކުނިވަޔަށް ދަމައިގަތީމަ އޭނައަކަށް ސަލާމަތްވާކަށް ނޭނގުނޯ. ދިހަ އަހރުގެ ކުއްޖާއާ އެއްކޮށް ތިމަންނަގެދަރިވެސް ގެނބެނިކޮށް ސަލާމަތް ކުރީ އައްޔަޔޯ. އޭގެ ފަހުން ތިމަންނައަށް ލޯބިވެވުނީޔޯ. ރާޤީ އެތައް ވާހަކައެއް ދައްކައިގެން އިސްލާމްވެގެން މިހާރު އައްޔަ ދޫކޮށްލައިފި އޭތި. ހަމަގައިމުވެސް ބުނީ އެހެން" ބޭބެ ކިޔައިދިނެވެ.

އާއެކެވެ. އެއީވެސް އުޅޭ މަޚްލޫޤުންތަކެކެވެ. ބައެއް ފަހަަރު ހިނގާ ކަމެއްގެ ސަބަބުން އެފަދަ ތަކެތިވެސް އަހަރެމެންދެކެ ރުޅިއާދެއެވެ. ލޯބިވެއެވެ. އެތަކެތީގައިވެސް އިޙްސާސްތަކެއް ލެއްވިފައި ވެއެވެ. އެކަމަކު އެތަކެއްޗަށް ވަނީ އެހެން އާލަމެކެވެ. އަހަރެމެންގެ ދުނިޔެ ތަފާތެވެ. އަހަރެމެންނަށް ޖެހޭނީ އެހަޤީޤަތް ޤަބޫލު ކުރާށެވެ. އަހަރެންނާ އަޅައިގަތް އެކަނޑުޕަރީއަށް އެހަޤީޤަތް ޤަބޫލު ކުރެވުނުކަން އެއީ އަހަރެންގެ ނަސީބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
244
ޚިޔާލު ފާޅުކުރައްވާ!

4 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *