ދޫ ރައްކާތެރިކުރުން
ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ ދޫރައްކާތެރިކަމުގެ ސިފައެވެ. އެއާ ނުލައި އެ މީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭ ހުއްޓެވެ.
ދޫރައްކާތެރިކުރުމަކީ ކޮބައި ހެއްޔެވެ؟
އެއީ ހެޔޮކަމެއް ކަމުގައި ނުބެލެވޭ ވާހަކައެއް ދުލުން ނުދެއްކުމެވެ. އަދި غيبބުނުމާއި ދެބައޮޑުވުމާއި فاحشވާހަކަތަކާއި ހަޑިހުތުރު ބަސްތަކުން ދުރުހެލިވެ ހުރުމެވެ.
ސިޔާސީ ލީޑަރު ސީދާވެހުރުމަކީ އެ މީހެއްގެ ފަހަތުގައި ތިބޭ ބަޔަކަށް ވަރަށް މުހިންމު ސިފައެވެ. ސީދާ މަގުން ހިނގުމާއި ސީދާވެ ހުރުމަށް ދޫރައްކާތެރިކޮށްގެން ހުރުން ބޭނުންވެއެވެ. އެގޮތުން ސިޔާސީ މައިދާނުގައި ކާމިޔާބު ހޯދައިގަތުމަށް ޓަކައި ކުރަންޖެހޭ އެއް ކަމަކީ ދޫރައްކަތެރިކޮށްގެން ހުރުމެވެ. ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވިއެވެ. «لَا يَسْتَقِيمُ إِيمَانُ عَبْدٍ حَتَّى يَسْتَقِيمَ قَلْبُهُ، وَلَا يَسْتَقِيمُ قَلْبُهُ حَتَّى يَسْتَقِيمَ لِسَانُهُ». މާނައީ:- އަޅާގެ ހިތް ސީދާ ނުވާހާ ހިނދެއްގައި އެ މީހެއްގެ އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އަދި އެ މީހެއްގެ ދޫރައްކާތެރިނުވާހާ ހިނދެއްގައި އެ މީހެއްގެ ހިތް ސީދާނުވާ ހުއްޓެވެ.
ސިޔާސީ ލީޑަރުންނަކީ ދައްކާ ކޮންމެ ވަހަކައަކަށް މުޖުތަމައަށް ޖަވާބުދަރީވާންޖެހޭ ބައެކެވެ. އަދި ދީނީގޮތުން ވެސް އެކަން އޮތީ އެ ގޮތަށެވެ. އިންސާނާގެ ދުލުން ބޭރުވާ ކޮންމެ ބަހަކާއި މެދު އޭނާ މަސްއޫލުވާން ޖެހެއެވެ. މާތް الله ވަޙީކުރެއްވިއެވެ. مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ. މާނައީ:- (ކުރާ އަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ހާޒިރުވެ މަލައިކަތު ބޭކަލަކު ނެތި އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.
ސިޔާސީ ލީޑަރުންނަށް ދެވޭ ބަހުގެ ހަމަލާތަކުގެ ހައްލަކީ ހަނުހުރުން
ސިޔާސީ ލީޑަރުންނަށް ދެވޭ ބަހުގެ ހަމަލާތަކުގެ ހައްލަކީ އެ އަށް ރައްދުނުދީ ހަމަހިމޭންކަން اختيارކުރުމެވެ. އެއްފަހަރަކު ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި أصحابބޭކަލުން އިށީނދެވަޑައިގެން ތިއްބެވިއެވެ. އަދި އެ ތަނަށް މީހަކު ގޮސް މާތް الله ރުއްސުންލެއްވި އަބޫބަކުރުގެފާނަށް ނެތި ނުބައި ގޮވިއެވެ. އަބޫބަކުރުގެފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި އެ މީހާ ދެވަނަ ފަހަރަށް ނެތި ނުބައި ގޮވިއެވެ. ނަމަވެސް އަބޫބަކުރުގެފާނު އެއްވެސް އެއްޗެއް ވިދާޅެއްނުވިއެވެ. އަދި އެ މީހާ ތިންވަނަ ފަހަރަށް ވެސް އަބޫބަކުރުގެފާނަށް ނެތިނުބައި ގޮވިއެވެ. އަދި އެ ފަހަރު އަބޫބަކުރުގެފާނު ވެސް އޭގެ ރައްދުގައި ބަސްފުޅެއް ވިދާޅުވެލެއްވިއެވެ. އެ ހިނދު ކީރިތި ރަސޫލާ ﷺ ތެދުވެވަޑައި ގަތެވެ. އަދި މަޖިލިސް ދޫކޮށްލެއްވިއެވެ. ދެން އަބޫބަކުރުގެފާނު އެ ކަލޭގެފާނުގެ ފަހަތުން ވަޑައިގެން އެ ކަލޭގެފާނަށް ދެންނެވިއެވެ. އޭ الله ގެ رسولއާ އެވެ. ކަލޭގެފާނު ތެދުވެވަޑައިގަތީ ކީއްވެގެން ތޯއެވެ؟ ކަލޭގެފާނު ކޯފާ އިސްކުރެއްވީ ހެއްޔެވެ؟ ފަހެ ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވިއެވެ. އުޑުން މަލާއިކަތު ބޭކަލަކު ވަޑައިގެން އެ މީހާ ތިބާއަށް ގޮވި ތަކެތި ދޮގު ކުރައްވަމުން ގެންދެވިއެވެ. ނަމަވެސް ތިބާ އެ މީހާއަށް ރައްދު ދެއްވުމުން އެތަނަށް ޝައިތާނާ ހާޒިރުވިއެވެ. ޝައިތާނަކު ހުރި މަޖިލީހެއްގައި ތިމަން ކަލޭގެފާނު ނުހުންނަހުށީމެވެ.
ދޫރައްކާތެރިކަމުގެ މުހިންމުކަން
އެއްފަހަރަކު ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި އެ ކަލެގެފާނުގެ އަނބިކަބަލުން މާތް اللهރުއްސުންލެއްވި عائشةގެފާނު އިށީނދެވަޑައިގެން އިންނެވިއެވެ. އަދި އެ ތަނަށް މާތް الله ރުއްސުންލެއްވި أم المؤمنين السيدة صفية بنت لحُيَيގެފާނު ވަޑައިގަތެވެ. އެ ކަމަނާއަކީ ވަރަށް ކުރު ބޭކަނބަލެކެވެ. އެ ކަމަނާ ފެނުމުން عائشة ގެފާނު ވިދާޅުވިއެވެ. އެއީ ހާދަ ކުރު ބޭކަނބަލެކެވެ. އެ ހިނދު ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވިއެވެ. ކަމަނާ ތިޔަ ވިދާޅުވި ބަސްފުޅު ކަނޑުގެ ލޮނުގަނޑާ އެއްކުރި ނަމަ އެ ލޮނުގަނޑު ވެސް އެ ބަހުގެ ނުބައިކަމުން ކިލަނބުވެގެން ދިޔައީހެވެ.
ދޫރައްކާތެރިކުރުމުގެ މާތްކަން
ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި ސުވާލެއް ދެންނެވުނެވެ. މުސްލިމުންގެ ތެރެއިން އެންމެ މާތްވެގެންވާ މީހަކީ ކޮބައިހެއްޔެވެ؟ ދެއްވެވި ޖަވަބު ތިރީގައިއެވަނީއެވެ. وَعَنْ أَبِي مُوسَى رَضِيَ اللَّهُ عَنْهُ قَالَ: قُلْتُ يَا رَسُولَ اللَّهِ أَيُّ الْـمُسْلِمِينَ أَفْضَلُ؟ قَالَ: «مَنْ سَلِمَ المُسْلِمُونَ مِنْ لِسَانِهِ وَيَدِهِ»، މާނައީ: މާތް الله ރުއްސުންލެއްވި أَبو مُوسَىގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އޭ اللهގެ ރަސޫލާއެވެ. މުސްލިމުންގެ ތެރެއިން އެންމެ މާތް ވެގެންވަނީ ކާކު ހެއްޔެވެ؟ ހަދީސުކުރެއްވިއެވެ. އެ މީހެއްގެ ދުލުންނާއި އަތުން އެހެންމީހުން ސަލާމަތްވެފައިވާ މީހާއެވެ.
ސިޔާސީ ލީޑަރުންގެ ސިފަޔަކަށް ވާންޖެހޭނީ ދޫ ރައްކާތެރިކޮށްގެން ތިބުމެވެ. އެއީ ކާމިޔާބު ލިބިގަތުމަށެވެ. އެ ގޮތުން ހަޑިހުތުރު ވާހަކައާއި މީހުންގެ އަބުރާއި ބެހުމާއި ބޭކާރު ވާހަކަ ތަކުން ދުރުހެލިވެ ހުރުމެވެ.
ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވިއެވެ. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيوْمِ الْآخِرِ فَلْيُكْرِمْ ضَيْفَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيوْمِ الْآخِرِ فَلْيَصِلْ رَحِمَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فلْيَقُلْ خَيْراً أَوْ لِيَصْمُتْ»، މާނައީ: މާތް اللهރުއްސުން ލެއްވި أبوهريرة ގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވެވިއެވެ. الله އާއި آخرة ދުވަހަށް އީމާންވާމީހާ ފަހެ އެ މީހާގެ مهمان އަށް ކަމޭހިތާ ހުއްޓެވެ. އަދި الله އާއި آخرة ދުވަހަށް އީމާންވާމީހާ ފަހެ އެ މީހާގެ ގާތްތިމާގެކަމުގެ ގުޅުން ބަދަހިކުރާ ހުއްޓެވެ. އަދި الله އާއި آخرة ދުވަހަށް އީމާންވާމީހާ ފަހެ ހެޔޮ ވާހަކަ ދައްކާ ހުއްޓެވެ. ނުވަތަ ހަނުހުންނަ ހުއްޓެވެ.
غيبة ބުނުން
غيبةބުނުމަކީ ދުލަށް ދިމާވާ އެންމެ ނުރައްކާތެރި ބައްޔެވެ. غيبة ބުނުމަށް މާތްالله މަނާ ކުރެއްވިއެވެ. އަދި غيبة ބުނާ މީހާއަކީ އޭނާގެ أخއަކު ދިރިހުއްޓައި މަސްތައް ނޮޅައިގެން ކާ މީހެއް ފަދައެވެ.
މާތް الله ވަޙީކުރެއްވިއެވެ. وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ. މާނައީ: އަދި އެއް ބަޔަކު އަނެއް ބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކު ވެސް އޭނާގެ أخއާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެ ކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ رحيمވަންތަ ރަސްކަލާނގެއެވެ.
غيبة ބުނުމަކީ ކީރިތި ރަސޫލާ ﷺ ގެ ދޫފުޅުން މަނާ ކުރައްވާފައިވާ ކަމެކެވެ. އެ ކަލޭގެފާނު ހަދީސުކުރެއްވިއެވެ. وَعَنْ أَبِي هُرَيرةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «أَتَدْرُونَ مَا الْغِيبَةُ؟»، قَالُوا: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: «ذِكْرُكَ أَخَاكَ بِمَا يَكْرَهُ»، قِيلَ: أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ؟ قَالَ: «إنْ كَانَ فِيهِ مَا تقُولُ فَقَدِ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيهِ مَا تَقُولُ فَقَدْ بَـهَتَّهُ»، މާނައީ: މާތް الله ރުއްސުންލެއްވި أَبو هُريرة ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވިއެވެ. غيبة ބުނުމަކީ ކޮންކަހަލަ ކަމެއްކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟ އެ ބޭކަލުން ދެންނެވިއެވެ. އެކަން އެންމެ މޮޅަށް ދެނަވޮޑިގަންނަވަނީ اللهއެވެ. ދެން އެނގިލައްވާނީ އެ އިލާހުގެ رسولއާ އަށެވެ. ހަދީސުކުރެއްވިއެވެ. އެއީ ތިބާގެ أخންނާ ބެހޭ ގޮތުން އެ މީހަކު ނުރުހޭ ފަދަ ވާހަކަ ދެއްކުމެވެ. ދެންނެވުނެވެ. އެ މީހެއްގެ ކިބައިގައި އެ ސިފައެއް ހުރެއްޖެ ނަމަ އެ ކަން ވާނީ ކިހިނެއް ތޯއެވެ؟ ހަދީސުކުރެއްވިއެވެ. އެ މީހެއްގެ ކިބައިގައި ތިބާ އެބުނި ސިފައެއް ހުރެއްޖެކަމުގައިވީ ނަމަ ފަހެ ހަމަ ކަށަވަރުން ތިބާ އޭނައަށް غيبة ބުނީއެވެ. އަދި އެ މީހެއްގެ ކިބައިގައި ތިބާ އެ ބުނި ސިފައެއް ނެތިއްޖެ ނަމަ ފަހެ ހަމަކަށަވަރުން ތިބާ އެ މީހެއްގެ މައްޗަށް ދޮގު ބުހުތާން އެޅުވީއެވެ.
ސިޔާސީ ލީޑަރުންގެ ބަސްމަގު ބިނާކުރަންޖެހޭ މަންހަޖު
ސިޔާސީ ލީޑަރުންގެ ބަސްމަގު ބިނާކުރަން ޖެހެނީ ތިން މަންހަޖެއްގެ މައްޗަށެވެ.
ފުރަތަމައީ: މީހެއްގެ ލޭ ހުއްދަވާ ފަދަ އިބާރަތެއް ބޭނުންނުކުރުމެވެ.
ދެ ވަނައީ: މީހެއްގެ މުދަލެއްގެ ހުރުމަތް ނަގާލެވޭ ފަދަ އިބާރާތެއް ބޭނުންނުކުރުމެވެ.
ތިންވަނައީ: މީހެއްގެ އަބުރުގެއްލޭ ފަދަ އިބާރަތެއް ބޭނުންނުކުރުމެވެ.
عَنْ أَبِي بَكْرةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ فِي خُطْبَتِهِ يَوْمَ النَّحْرَ بـِمِنىً فِي حَجَّةِ الْوَدَاعِ: «إنَّ دِمَاءَكُمْ، وَأَمْوَالَكُمْ، وَأَعْرَاضَكُمْ، حَرَامٌ عَلَيْكُمْ، كَحُرْمَةِ يَومِكُمْ هَذَا، فِي شَهْرِكُمْ هَذَا، فِي بَلَدِكُمْ هَذَا، أَلَا هَلْ بَلَّغْتُ»، މާނައީ: މާތް الله ރުއްސުންލެއްވި أَبو بكْرة ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺ حجة الوداع ގައި يَوْمَ النَّحْرَ ގެ ދުވަހު (ހަދުޔު ކަތިލެވޭ ދުވަހު) މިނާގައި ދެއްވި خطبةގައި ވިދާޅުވިއެވެ. ހަމަ ކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި އަދި ތިޔަބައިމީހުންގެ މުދަލާއި އަދި ތިޔަބައިމީހުންގެ އަބުރުވަނީ ތިޔަބައިމީހުންގެ މައްޗަށް حرمةތެރިވެގެންނެވެ. އެއީ މިދުވަސް حرمةތެރިވެގެންވާ ފަދައިންނެވެ. އަދި މި މައްސަރު حرمةތެރިވެގެންވާ ފަދައިންނެވެ. އަދި މިރަށް حرمةތެރިވެގެންވާ ފަދައިންނެވެ. ސަމާލުވާށެވެ. ތިމަން ރަސޫލާ މިވާހަކަ ނުއިއްވަމު ހެއްޔެވެ؟
غيبةގެ ތެރެއިން ހުއްދަވެގެންވާ މިންވަރު ބަޔާންކުރުން
ތިރީގައި މި ދަންނަވަނީ رياض الصالحين ނަމަކަށް ކިޔުނު ހަދީސް ފޮތުގައި މި ކަމާ މެދު الأمام النووي رحمه الله ލިޔުއްވައިވާ ގޮތެވެ.
الأمام النووي رحمه الله ވިދާޅުވިއެވެ. ދަންނައެވެ. ސައްހަ ޝަރުޢީ މަގުސަދަކަށްޓަކައި غيبة ބުނުން ހުއްދަ ވެގެންވެއެވެ. އެއީ އެއާ ނުލައި އެ މަގުސަދު ހާސިލު ނުވާނެ ނަމައެވެ. އެހެންކަމުން ޣީބަބުނުން ހުއްދަ ވާނީ ހަ ސަބަބަކަށްޓަކައިއެވެ.
ފުރަތަމައީ: އަނިޔާވެރިކަމެވެ. އެހެންކަމުން އަނިޔާ ލިބިފައިވާ މީހަކަށް ވެރިޔާގެ ކުރިމަތީގައްޔާއި ޤާޟީއާއި އަދި އެނޫނަސް އެ ފަދަ ވެރިކަމެއް އޮތް މީހެއް ނުވަތަ އެ ފަދަ ބާރެއް ލިބިގެންވާ މީހެއްގެ ގާތަށް ގޮސް އަނިޔާވެރިޔާގެ ކިބައިން ސަލާމަތްކަން ހޯދުމަށް ހުށަހެޅުން ހުއްދަވެގެން ވެއެވެ. އަދި މިވެނި މީހަކު ތިމަންނައަށް މިވެނި ކަމެއް ކޮށް އަނިޔާވެރިވެއްޖެ ކަމަށް ބުނުން ހުއްދައެވެ.
ދެވަނައީ: މަނާކަމެއް ހުއްޓުވުމަށް ޓަކައި އާއި ފާފަވެރިޔާ ހައްގަށް ވާސިލުކުރުވުމުގެ ބޭނުމުގައި އެހެން ފަރާތަކަށް އެދި ހުށަހެޅުމެވެ. މިސާލަކަށް މުންކަރާތެއް މަނާކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއްގެ ކައިރީގައި މިވެނި މީހަކު މިވެނި ނުބައިކަމެއް ކޮށްފިއޭ، ވީމާ އޭނާއަށް އިންޒާރެއް ޖަހާދޭށޭ ބުނުން ފަދަ ކަންކަމެވެ. އަދި އެ ކަމުގައި އެ މީހާގެ މަގުސަދަކީ ހަމައެކަނި މުންކަރާތް ނައްތާލުން ކަމުގައި ވާންޖެހެއެވެ. އެގޮތަށް ގަސްތުނުކުރި ނަމަ އެކަން حرامވެގެންވެއެވެ.
ތިންވަނައީ: ފަތުވާއެއް ހޯދުމަށްޓަކައެވެ. އެގޮތުން މީހަކު مفتيއެއް ގާތުގައި ބުނާ ބުނުމެވެ. (މިސާލަކަށް) ތިމަންނަގެ ބޭބެ ނުވަތަ ތިމަންނަގެ ފިރިމީހާ ނުވަތަ މިވެނި މީހަކު މިވެނި ކަމެއްކޮށްފިއޭ، ވީމާ އެގޮތް އޭނައަށް ހުއްދަވެގެންވޭހޭ އެހުން ފަދަ ނުވަތަ އެއިން ސަލާމަތްވުމަށް ނުވަތަ ތިމަންނަގެ ހައްގު ހޯދުމަށް ނުވަތަ އެ އަނިޔާއިން ސަލާމަތްވުމަށް ކުރާނީ ކޮންކަމެއްތޯ އޮޅުން ފިލުވުމަށް ޓަކައި ކުރާ އެ ފަދަ ސުވާލުތަކެވެ. މިއީ ހާޖަތަށް ޓަކައި ހުއްދަވާ ކަމެކެވެ. ނަމަވެސް ބޮޑަށް ރަނގަޅީ އަދި މޮޅުއިތުރުވެގެންވަނީ އޭނާ ސުވާލުކުރާ ހިނދު މިވެނި ކަމެއްކުރި ފިރިޔަކާ މެދު ނުވަތަ މިވެނި ކަމެއްކުރި މީހަކާ މެދު ނުވަތަ މިވެނި ކަމެއްކުރި ފިރިހެނަކާ މެދު ތިބާ ބުނަނީ ކީކޭތޯ ބުނެ ސުވާލުކުރުމެވެ. އެހެނީ އޭނަ ވަކި މީހަކު އައްޔަން ނުކޮށް ބުނިކަމުގައި ވިޔަސް އޭނާގެ މަގުސަދު ހާސިލުވެދާނެ ކަމަށްޓަކައެވެ. އަދި އެކަން އެގޮތަށް އޮތްކަމުގައި ވިއަސް ވަކި މީހަކު އައްޔަންކޮށް ބުނުން ވެސް ހުއްދައެވެ.
ދަނެއު، ނުބައި ކަންތަކުން މުސްލިމުން ސަލާމަތްކުރުމަށްޓަކައި ދެވޭ އިންޒާރުތަކާއި ދެވޭ نصيحة ގެ ވާހަކަ ނަންގަންނަމެވެ. މިކަމުގައި އެއްގޮތަށްވުރެ ގިނަ ގޮތްވެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ގޮތަކީ ފާފައިގެ ތުހުމަތުވެފައިވާ ރާވީންނާއި ހެކީންގެ ހާލަތު ބަޔާންކުރާކުރުމެވެ. އެއީ މުސްލިމުންގެ إجماعން ހުއްދަވެގެންވާ ކަމެކެވެ. އަދި ކިއެއްތަ؟ ބައެއް ފަހަރަށް ހާޖަތަށްޓަކައި އެ ފަދަ މީހުންގެ ހާލަތު ބުނެދިނުން ވާޖިބުވާތަން ވެސް އާދެއެވެ.
ދެވަނަ ގޮތަކީ މީހަކާއި ކައިވެންޏަކުން ގުޅުމަށް ޓަކައި، ނުވަތަ ކަމެއް ކުރުމުގައި ބައިވެރި ވުމަށްޓަކައި، ނުވަތަ އަމާނާތެއް ތަނެއްގައި ބޭއްވުމަށް ޓަކައި، ނުވަތަ ކޮންމެވެސް معاملات އެއް ކުރުމަށް ޓަކައި ނުވަތަ އެނޫންވެސް ކަމެއް ކުރުމަށް ޓަކައި، ނުވަތަ އަވަށްޓެރިއަކަށް ވުމަށް ޓަކައި މަޝްވަރާއަކަށް އެދުމެވެ. އެގޮތުން مشورة ކުރެވޭ މީހާ އޭނާއަށް އެ ސުވާލު ކުރެވޭ މީހަކާ މެދު ފެނިފައި ހުރި ގޯސްކަންތައް ނުފޮރުވައި އެނގި ހުރި މައުލޫމާތުތައް ދިނުމަކީ ވާޖިބުކަމެކެވެ. އެގޮތުން ނަސޭހަތުގެ ނިޔަތާއެކު އޭނާގެ ގޯސްކަންތައް ބަޔާންކޮށްދޭންޖެހޭނެއެވެ.
ތިންވަނަ ގޮތަކީ علم އުގެނޭ ކުއްޖަކު بدعة ގެ އަހުލުވެރި ނުވަތަ فاسق އެއްގެ ގާތުން علم ހޯދާތަންފެނުމެވެ. އަދި علم އުނގެނޭ ދަރިވަރަކު އެ ކަމުން މަގުފުރެދިދާނެ ކަމުގެ ބިރުހީވުމެވެ. އެ ފަދަ ވަގުތުގައި އެ މީހާގެ ހާލު ހުރިގޮތް ބަޔާންކޮށްދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެކެވެ. އޭގެ شرط އަކީ ހަމައެކަނި نصيحة ދިނުން مقصدއަކަށް ހެދުމެވެ. މި ވައްތަރަކީ ބައެއް ފަހަރަށް ގޯސްކޮށް ކަންތައް ހިނގައިދިޔުން އެކަށީގެންވާ ވައްތަރެކެވެ. އަދި އެއީ ބައެއް ފަހަރަށް ހަސަދަވެރިކަމުގެ ސަބަބުން އެ ފަދަ ވާހަކަތައް ދެއްކޭގޮތް މެދުވެރިވެދާ ވައްތަރަކެވެ. އަދި ބައެއް ފަހަރު شيطانއާ އޭނާއަށް حقيقة އޮޅުވާލައެވެ. އަދި އޭނާއަށް އެއީ نصيحة އެއް ކަމަށް ވަސްވާސްދެއެވެ. ވީމާ އެ ކަމުގެ މައްޗަށް ސަމާލުކަން ދިނުން ހުއްޓެވެ.
ހަތަރުވަނައީ: ވެރިކަމާއި ހަވާލުވެހުރެ އެ ކަން ފުރިހަމައަށް އަދާނުކުރުން ނުވަތަ އެ ކަމުގެ އަހުލުވެރިއަކަށް ނުވުމެވެ. މިސާލަކަށް فاسق އަކަށްވުން ނުވަތަ ހަމަނުޖެހޭ މީހަކަށްވުން ފަދަ މީހަކަށްވުމެވެ. އެ ފަދަ ވަގުތު އެ މީހަކު އައްޔަން ކުރި މީހެއްގެ ކައިރީގައި އެ މީހެއްގެ ވާހަކަ ދެއްކުން ހުއްދައެވެ. އެއީ އޭނާ އެ ކަމުން ދުރުކޮށް އެއަށްވުރެ ރަނގަޅު މީހަކު އެ މަގާމަށް އައުން އެދިއެވެ. ނުވަތަ އެ މީހަކާމެދު ފިޔަވަޅު އެޅުވުމަށްޓަކައިއެވެ. އަދި އެ މީހަކު އޮޅިފައި ނުބެހެއްޓުމަށްޓަކައެވެ. އަދި އެ މީހަކު ސީދާ ކުރުމަށް ނަސޭހަތްތެރިވުމަށް ޓަކައި ނުވަތަ އޭނާ ބަދަލުކުރުވުމަށް ޓަކައެވެ.
ފަސްވަނައީ: ފާޅުގައި ފާސިގު އަމަލުތައް ކުރާ ނުވަތަ بدعةގެ عملކުރާ މީހެއްގެ ވާހަކަ ދެއްކުމެވެ. މިސާލަކަށް ފާޅުގައި ރާ ބޯމީހާ، މީސްތަކުންނަށް އަނިޔާ ކުރާ މީހާ، މީސްތަކުންގެ އަތުން ނުހައްގުން ފީތައް ނަގާ މީހާ، ގަދަކަމުން މީހުންގެ މުދާ ފޭރޭ މީހާ، ގޯސްކަންތަކުގައި ބައިވެރިވާ މީހާ ފަދަ މީހުންނެވެ. އެފަދަ މީހުން ފާޅުގައި އެ ކުރާ ފާފަތަކުގެ ވާހަކަ ދެއްކުން ހުއްދައެވެ. އެނޫން މީސްމީހުންގެ އައިބުތައް އިސްވެ ބަޔާންވެދިޔަ ސަބަބަކާ ލައިގެން ނޫން އެހެންގޮތަކަށް ބަޔާން ކުރުމަކީ حرامކަމެކެވެ.
ހަވަނައީ: މީހެއްގެ ލަގަބު ވަނަމަކުން މަޝަހޫރުވެފައިވުމެވެ. މިސާލަކަށް الأعمش (ލޯއަވަރުމީހާ)، الأعرج (ކޮރުމީހާ)، الأصم (ބީރުމީހާ) އަދި الأعمى (ލޯކަނުމީހާ) އަދި އެނޫންވެސް އެފަދަ ނަންތަކެވެ. އެފަދަ ނަންތައް އެއީ ކާކުކަން އޮޅުންފިލުވައިދިނުމަށް ޓަކައި ބުނުން ހުއްދައެވެ. އަދި އުނިކަން ބަޔާންކުރުމަށް ޓަކައި ބުނުން حرامއެވެ. އެފަދަ މީހުން އެނޫން އެހެން ނަމަކުން ކާކުކަން އަންގައިދެވޭނެނަމަ އެގޮތް މޮޅު އިތުރުވެގެންވެއެވެ.
މިއީ ދަންނަ ބޭކަލުން ބަޔާންކުރައްވާފައިވާ ހަ ސަބަބެވެ. މިއިން އެންމެ ގިނައީ الأجماع އިން އެއްބަސްވެފައިވާ ސަބަބުތަކެވެ. އަދި އެ ކަމުގެ މައްޗަށް މަޝްހޫރު ސައްހަ ހަދީޘުތައް ހުރި ސަބަބުތަކެވެ.
ދުލުގެ ނުބައިކަމުގެ ސަބަބުން ސަލާމަތް ވުމަށް ބޭނުންވާ މީހާ ކުރަންޖެހޭ ކަންތައް
1-މަންފާ ހުރި ވާހަކައެއް ނޫނީ ނުދެއްކުމެވެ.
އެއީ އެ ކަމަކުން ތިމާގެ ނަފުސަށް ނުވަތަ އެހެން މީހަކަށް ވިޔަސް މަންފާއެއް ހުރި ވާހަކައެއް ކަމުގައިވުމެވެ. ނުވަތަ އެ ވާހަކައަކުން ތިމާގެ ނަފުސުގެ ކިބައިން ނުވަތަ އެހެން މީހެއްގެ ކިބައިން ގެއްލުމެއް ދުރުކުރަނިވި ވާހަކައެއް ކަމުގައިވުމެވެ.
2-މުނާސަބު ވަގުތު ބަލާފައި ވާހަކަދެއްކުމެވެ.
3-މަގުސަދު ހާސިލުވާވަރަށްވުރެ ދިގުނުކުރުމެވެ.
4-ރީތި ބަހުރުވަ ބޭނުން ކުރުމެވެ.
5-މަދަހަކުރުމުގައި ހައްދު ފަހަނަޅާ ނުދިއުމެވެ.
6-ލުއިފަސޭހަ ލަފުޒުތައް ބޭނުންކުރުމެވެ.
7-ނުފުއްދޭވަރުގެ ވައުދުތައް ނުވުމެވެ.
8-ހަޑިމުޑުދާރު ވާހަކަ ނުދެއްކުމެވެ.
ޚުލާޞާއަކީ: ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ ދޫރައްކާތެރިކަމުގެ ސިފައެވެ. އެއީ ދުލުން ހެޔޮކަމެއް ކަމުގައި ނުބެލެވޭ ވާހަކައެއް ނުދެއްކުމެވެ. އަދި ހަޑިހުތުރުބަސް ތަކާއި غيبބުނުމާއި ދެބައޮޑުވުމާއި فاحشވާހަކަ ތަކުން ދުރުހެލިވުމެވެ. ސިޔާސީ ލީޑަރުންގެ ބަސްމަގު ބިނާކުރަން ޖެހެނީ ތިން މަންހަޖެއްގެ މައްޗަށެވެ.
ފުރަތަމައީ: މީހެއްގެ ލޭ ހުއްދަވާ ފަދަ އިބާރާތެއް ބޭނުންނުކުރުމެވެ.
ދެ ވަނައީ: މީހެއްގެ މުދަލެއްގެ ހުރުމަތް ނަގާލެވޭ ފަދަ އިބާރާތެއް ބޭނުންނުކުރުމެވެ.
ތިންވަނައީ: މީހެއްގެ އަބުރުގެއްލޭ ފަދަ އިބާރަތެއް ބޭނުންނުކުރުމެވެ. ދުލުގެ ނުބައިކަމުން ސަލާމަތް ވުމަށް ބޭނުންވާ މީހާ ކުރަންޖެހޭ ކަންތަކުގެ ތެރޭގައި މަންފާ ހުރި ވާހަކައެއް ނޫނީ ނުދެއްކުން ހިމެނެއެވެ. އަދި މުނާސަބު ވަގުތު ބަލާފައި ވާހަކަދެއްކުމާއި މަގުސަދު ހާސިލުވާ ވަރަށްވުރެ ދިގުނުކުރުމާއި ރީތި ބަހުރުވަ ބޭނުން ކުރުމާއި މަދަހަކުރުމުގައި ހައްދު ފަހަނަޅާ ނުދިއުމާއި ލުއިފަސޭހަ ލަފުޒުތައް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެކެވެ.

