ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އުރުދުނަށާއި މިސްރަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެ ދެ ގައުމުން ދެކޮޅު ހަދައިފިއެވެ.
މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް-ސީސީ އަދި އުރުދުންގެ ރަސްގެފާނު އަބްދުﷲ ދޭއް ވިދާޅުވީ އެ ދެ ގައުމުން ވެސް ޣައްޒާގެ މައްސަލައިގައި ގެންގުޅެނީ އެއް ހިޔާލެއް ކަމަށެވެ. އެއީ ފަލަސްތީނު ރައްޔިތުންނަށްޓަކައި ޣައްޒާ އާރާސްތު ކުރުމާއި ޣައްޒާއިން ފަލަސްތީނު ރައްޔިތުން ބޭރުނުކޮށް ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ކަމަށެވެ.
ދެ ބޭފުޅުން މި މޭރުމުން ބަޔާން އިއްޔެ ނެރުއްވީ އޭގެ ކުރީ ދުވަހު އަބްދުﷲ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ޓްރަމްޕާ ބައްދަލުކުރައްވައިފައި ވަނިކޮށެވެ.
މިސްރާއި އުރުދުނުން ބުނީ 1967 ގެ ޖޫން 4 ގައި ބޯޑަރު ހުރި ހިސާބުން، އިރުމަތީ ގުދުސް ވެރިރަށުގެ ގޮތުގައި ހަދައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރައްވަން ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަށް ތާއީދުކުރާކަމަށެވެ.
މި ދިޔަ ހަފުތާގައި އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫއާ ވައިޓް ހައުސްގައި ބައްދަލުކުރައްވަމުން ޓްރަމްޕް ވިދާޅުވީ ޣައްޒާގައި ދިރިއުޅޭ ދެ މިލިއަން ފަލަސްތީނު ރައްޔިތުން އަވަށްޓެރި ގައުމުތަކަށް ބަދަލުކޮށްފައި، އެމެރިކާއިން ހަވާލުވެގެން މެދުއިރުމަތީގެ ރީތި "އައްސޭރި"އެއް ގޮތަށް ޣައްޒާ އާރާސްތުކޮށްދެއްވާނެ ކަމަށެވެ.
"ފަލަސްތީނު ރައްޔިތުން އަލުން ދިރިއުޅެން ފަށަންވާނީ މާ ރައްކާތެރި އަދި މާ ރީތި މުޖުތަމައުއެއްގައި. އެ ތަނުގައި ހުންނަން ޖެހޭނީ އާ އަދި ޒަމާނީ ގެތަކެއް،" ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް އެމެރިކާގެ އޮފިޝަލުން ބުނީ ޓްރަމްޕްގެ މި ރޭވުމަށް ތަފުސީލީ ގޮތަކުން އޭނާ ބައްލަވައިލައްވައިފައި އަދި ނެތް ކަމަށެވެ.
ގާތްގަނޑަކަށް 48،000 ފަލަސްތީނު ރައްޔިތުން ޝަހީދުވި ޣައްޒާ ހަނގުރާމަ ހިނގަމުން ދިޔައިރު ވެސް އަވަށްޓެރި އަރަބި ގައުމުތަކުންވަނީ ފަލަސްތީނު ރައްޔިތުން ރެފިއުޖީންގެ ގޮތުގައި އެ ގައުމުތަކަށް ނުވައްދާނެކަމަށް އެ ގައުމުތަކުން ބުނެފައެވެ. މިހެންވެ ޓްރަމްޕްގެ ހުށަހެޅުއްވުމާ އެ ގައުމުތަކުންވަނީ ހަރުކަށިކޮށް ދެކޮޅުހަދައިފައެވެ.
އަރަބި ގައުމުތަކުން އަބަދުވެސް ބުނަމުން އައީ ފަލަސްތީނު ރެފިއުޖީންނަށް ހިމާޔަތް ދީފި ނަމަ އެ ގައުމުތަކުގެ މަސްލަހަތު ގެއްލި ސަރަހައްދުގެ އަމާންކަން ގެއްލިދާނެކަމަށެވެ. އުރުދުންގައި މިހާރު ވެސް އުރުދުންގެ ރައްޔިތުންނަށް ހަދައިދީފައިވާ ފަލަސްތީނުގެ ބޮޑު އާބާދީއެއް އެބައުޅެއެވެ. އޭގެ ތެރޭގައި 1948 ގައި އަރަބި ގައުމުތަކާ އިސްރާއީލާ ދެމެދު ހިނގި ހަނގުރާމައަށް ފަހު އުރުދުންއަށް ހިޖުރަކުރި ފަލަސްތީނު ރައްޔިތުން ހިމެނެއެވެ.