ދީނީ ފޮތްތައް ފާސްކޮށްނުދީ ލަސްކުރުމުގައި އިސްލާމީ ވުޒާރާގެ އަމިއްލަ މަސްލަހަތު އިސްކުރަމުން ގެންދާތީ ސަހަރޯ! އެވެ. މީގެ ކުރީން ފާސްކުރުމަށް އަޅުގަނޑު ހުށަހެޅި "ދޭތެރެ ދުރުކުރެވޭ ވަސީލަތްތަކާ އޭގެ އިސްލާމީ ހުކުމް" ނަމަކަށް ކިޔުނު ފޮތް ފާސްކޮށްނުދީ ސަހަރޯ ހީވާވަރު ކުރުމުން ގޮތް ހުސްވެގެން މީގެ އެތައް މަހެއް ކުރިން "އަދިވެސް" ނޫހުގައި "ދީނީ ފޮތްތައް ފާސްކޮށްނުދީ ލަސްކުރުމުގައި އިސްލާމީ ވުޒާރާގެ އަމިއްލަ މަސްލަހަތު" ވާ ކަމަށް ބުނެ އާޓިކަލެއް ލިޔުމުން އިތުރަށް ފެނުނު އެ ވުޒާރާގެ ޚުދުމުޚުތާރުކަމުގެ މައްޗަށް އަނހާ ސަހަރޯ! އެވެ.
އިސްވެ ދެންނެވުނު (ތިރީގައި އެވާ) އާޓިކަލް ލިޔެފައިވަނީ 25 ޖުލައި 2024 ގައެވެ. އޭގެ ފަހުން ހަ މަސް ދުވަސް ފާއިތުވިއިރު ވެސް އެއްވެސް ޖަވާބެއް ނުދިނެވެ. އެ ތަނަކީ އަޅުގަނޑު ދަންނަ ބައެއް ދީނީ ދަންނަބޭކަލުން ވެސް މަސައްކަތް ކުރާ ތަނަކަށް ވާތީ ވަރަށް ގިނައިން ގުޅާ ވެސް ހަދަމެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި ސަހަރޯވެރިކަމެއް ހުއްޓަސް އެ ފޮތް ފާސްކޮށްދިނުމުގެ ކަންތަކާމެދު އިސްލާމީ ވުޒާރާގެ ރަސްމީ ހިންގުން ގޮސް ހުއްޓެނީ ހައިރާންމާކެއްގެ މައްޗަށެވެ.
އިސްލާމީ ވުޒާރާއަށް ގުޅައިފައި ފޮތުގެ ޚަބަރު ބެލުމުގައި އޮތް ބޮޑު އެއް ގޮންޖެހުމަކީ ގާނޫނުގައި އުފެއްދުމަށް ލާޒިމުކޮށްފައިނުވާ އަމިއްލަ ކޮމެޓީތަކެއް އެ ވުޒާރާއިން އުފައްދައި ގާނޫނުގައި ނެތް ހައިސިއްޔަތް އެ ކޮމެޓީތަކަށް ދީގެން އިދާރީ ފަސާދައަށް މަގުފަހިކޮށްފައި އޮތުމެވެ. އެގޮތުން ހުށަހަޅާފައިވާ ފޮތެއްގެ ނިންމުމާ ބެހޭގޮތުން ސުވާލެއް ދަންނަވައިފި ނަމަ އިދާރީ މުވައްޒަފުގެ ޖަވާބަކަށް އޮންނަނީ "އެއީ ކޮމެޓީގެ ނިންމުން" ކަމަށެވެ.
އިސްލާމީ ވުޒާރާގެ ދީނީ ފޮތް ފާސްކުރުމުގައި އޮތް އެއް އިދާރީ ފަސާދައަކީ އެ ފަދަ ކޮމެޓީތައް އުފައްދައިގެން ގާނޫނީ އޮނިގަނޑުން ބޭރުން އެ ކޮމެޓީތައް ބޭނުންކުރުމެވެ. ބެލެވޭ ގޮތުގައި މިފަދަ ޣައިރު ގާނޫނީ ކޮމެޓީތައް އުފައްދައިގެން އިދާރީ ފަސާދަ އުފެއްދުމުގެ އެއް ބޭނުމަކަށް ވަނީ އެބަޔަކު އެދޭ ބަޔަކަށް ކަންތައް ކޮށްދީ އަދި ނުރުހޭ ބަޔަކަށް ކޮމެޓީގެ ނިންމުންކަމުގައި ބުނެ ޚިދުމަތް ނުދީ ދުވެލި މަޑުކޮށް ހިފެހެއްޓުމެވެ. މިގޮތަށް ކަންދިމާވާތީ އިސްލާމީ ވުޒާރާއިން ދީނީ ފޮތް ފާސްކޮށްދިނުމުގައި ޣައިރު ގާނޫނީ ނުފޫޒު ބޭނުންކުރާކަމުގެ ތުހުމަތު ކުރެވެއެވެ.
ގާނޫނީ ނަޒަރަކުން ބަލައިފި ނަމަ އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ވުޒާރާއެއްގައި ޕްރޮފެޝަނަލް ކޮމެޓީއެއްގެ ނަމުގައި ބަޔަކަށް ނަންކިޔައިފައި ބޭތިއްބުމަކީ މައްސަލައެއް ނޫނެވެ. މިސާލަކަށް ދީނީ ކޮމެޓީ، ސިއްހީ ކޮމެޓީ، އިޖުތިމާއީ ކޮމެޓީ ފަދަ ނަންތަކެވެ. ނަމަވެސް އެ ކޮމެޓީއެއް ހިނގަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިންނެވެ. އިޖުތިމާއީ ޚިދުމަތެއް ރައްޔަތަކަށް ދިނުމަށް ދައުލަތުން ކަނޑައަޅާފައިވާ ޝަރުޠު ފުރިހަމަވާ ކޮންމެ މީހަކަށް އެކަމަށް އެ މީހަކު އެދިއްޖެ ނަމަ ހިދުމަތް ދިނުމަކީ ރައްޔިތުންގެ އިޖުތިމާއީ ހައްގެކެވެ. "ކޮމެޓީގެ ނިންމުމޭ" ބުނެ އެ ހައްގުން އެ މީހަކު އިސްތިސްނާއެއް ނުކުރެވޭނެއެވެ.
ގަބޫލުކުރެވޭ ގޮތުގައި ދީނީ ފޮތްތައް ބަލައި ފާސްކުރުމުގެ މިންގަނޑު ނުވަތަ ޢިލްމީ މަސައްކަތް މުރާޖައާ ކުރުމުގެ ހަގީގަތް އިސްލާމީ ވުޒަރާގައި ތިއްބަވާ ދީނީ ދަންނަބޭކަލުންނަށް ވަންހަނާވެފައެއް ނުވާނެއެވެ. ނަމަވެސް އެއާ ޚިލާފަށް މިސްރާބު ދާތީ ސަހަރޯ ހީވެއެވެ! މިހެން ދަންނަވަން ޖެހެނީ ސައްހަ މަގުން، ނުފޫޒެއް ބޭނުންނުކޮށް، ބޭރު ގައުމެއްގެ ޔުނިވަރސިޓީއަކުން ޕީ.އެޗް.ޑީ ޑިގުރީއެއް ހާސިލުކޮށްފައިިވާ މީހަކު އިސްލާމީ ވުޒާރާގައި ހުރެއްޖެ ނަމަ އެ މީހަކަށް ރަނގަޅަށް އިލްމީ ރިސާޗުތަކާއި ތީސީސްތަކާއި އާޓިކަލްތައް އެގްޒަމިނަރު ރިވިއުކުރާ ގޮތާއި ރިވިއުކުރުމަށް ފަހު ރިވިއުކުރިގޮތުގެ ރިޕޯޓެއް ދޭކަމާއި އޭގައި އެ މީހެއްގެ ނަމާއި މަގާމާއި އީމޭލާއި އަދިވެސް ބޭނުންވާ މުހިންމު މައުލޫމާތު ހުންނަކަން ނުވަތަ އެއީ ހުންނަންޖެހޭ އެއްޗެއްކަން ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް އިސްލާމީ ވުޒާރާއިން ދީނީ ފޮތްތައް ފާސްކުރުން ފަދަ ޢިލްމީ މަސައްކަތްތައް އިދިކީލަވެގެން ތިބެ ކުރާތީ ސަހަރޯ ހީވެއެވެ. ނުވަތަ ދަންނަކަން މުރައްކަބު ޖާހިލުކަމަށް ބަދަލުކުރާތީ ސަހަރޯ! ވެެެެރިވެއެވެ.
މި ދަންނަވާ ފޮތަކީ ފާސްކޮށްނުދީ ހިފަހައްޓާކަށް އޭގައި ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ހުރި އެއްޗެއްނޫނެވެ. އަދި އެއީ ވިޔަފާރިއަކަށް ބޭނުންކޮށްގެން މާބޮޑު އާމްދަނީއެއް ނެގޭނެ އެއްޗެއް ވެސް ނޫނެވެ. އަނެއްކޮޅުން ބައެއް މީހުން ކުރާ އެފަދަ ޢިލްމީ ލިޔެކިއުމުގެ މަސައްކަތެއް ޝާއިޢުކުރެވިއްޖެ ނަމަ އެ މަސައްކަތް އެ މީހުން ބަހައްޓަނީ އާއްމު މަންފާއަކަށް ހިލޭސާބަހަށް ދޫކޮށްފައެވެ.
ހައްލު:
އެކެއް: ދިވެހި ރާއްޖޭގެ އެމް.ކިއު.އޭ.ގެ 10 ވަނަ ޖަރަޖައިގެ ސެޓްފިކެޓުތައް ހާސިލްކޮށްފައިވާ ފަރާތްތަކަށް އެ އިލްމެއްގެ މައުލޫމާތު ލިޔުމާއި ކިޔުމާއި ފެތުރުމުގެ މިނިވަންކަން ލިބިދިނުމަށް ދީނީ އެއްބައިވަންތަކަމުގެ ގާނޫނަށް އިސްލާހެއް ގެނައުން.
ދޭއް: އިސްލާމީ ވުޒާރާގައި ކޮމެޓީ އުފައްދައިގެން ރައްޔަތުންނަށް ގާނޫނުން ލިބިދީފައިވައިވާ ހައްގުތައް މަނާކުރުމުގެ ޣައިރުގާނޫނީ އަމަލުތައް ވަގުތުން ވަގުތަށް ބާޠިލުކުރުން.
ތިނެއް: އިސްލާމީ ވުޒާރާގައި ގާނޫނުން ބޭރުން އުފައްދައިފައިވާ ދީނީ ފޮތްތައް ފާސްކުރާ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ވަޒީރު ރައްޔަތުންގެ މަޖިލިސަށް ހާޒިރުކޮށް ޖަވާބުދާރީކުރުވުން.
ކޮލަމް ގަލަން: ދީނީ ފޮތްތައް ފާސްކޮށްނުދީ ލަސްކުރުމުގައި އިސްލާމީ ވުޒާރާގެ އަމިއްލަ މަސްލަހަތު

One Response
މީނާއަކީ މައްސަލަ އުފައްދާން އުޅޭ މީހެއް. މުޅިން ނެގެޓިވްކޮށް ހުރިހައި ވާހަކައެއް ވެސް ހުންނާނީ. ބުނެވޭޔ ގޮތުގައި މީނާއަށް ޑރ. މުޢިއްޒުގެ ސަރުކާރުގައި އިސްލާމިކް ވަޒިރުކަން ދޭނެކަމަށް އުންމީދުކޮށްގެން އުޅުނު މީހެއް. އެކަމަކު، ޑިޕްލޮމެސީއެއް ސިޔާސަތެއް ނުދަންނާނެ. ދެން ކިހިނެއް ވަްޒީރުކަން ކުރާނީ؟