Support Us

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އަދި އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ

ޓްރަމްޕް ރުހިވަޑައިނުގަތަސް އިންސާފު ގާއިމުކުރާނަން: އައި.ސީ.ސީ

އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ހައްޔަރުކުރަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)އިން އަމުރެއް މި ދިޔަ އަހަރު ނެރުމުން އެ ކަމުގެ ބަދަލުގައި ކޯޓާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަތިކުރުމުގެ ފިޔަވަޅު އެޅުއްވުމުން ކޯޓުން އެ ކަން މިއަދު ކުށްވެރިކޮށްފިއެވެ.

"ދުނިޔޭގައި އިންސާފާއި އުއްމީދު ގާއިމު ކުރުމުގެ މަސައްކަތް މި ކޯޓުން ކުރިއަށްގެންދާނެ ކަމަށް ވައުދުވަން،" ޓްރަމްޕް އިއްޔެ ސޮއި ކުރައްވައި ނެރުއްވި އަމުރާ ދެކޮޅު ހެދުމުގެ ގޮތުން އައި.ސީ.ސީ.އިން ބުންޏެވެ.

"ކޯޓުގެ މުވައްޒަފުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، މިނިވަންކަމާއި ވަކި ފަރާތަކަށް ބުރަވުމެއް ނެތި ކޯޓުން ކުރިއަށްގެންދާ އިންސާފުގެ މަސައްކަތަށް އެމެރިކާއިން އެޅި ފިޔަވަޅު ކުށްވެރިކުރަން،" އައި.ސީ.ސީ.އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ނެދަލެންޑްސްގައި ގާއިމުކޮށްފައިވާ އައި.ސީ.ސީ.އިން ބުނީ އެ ކޯޓުގެ މުވައްޒަފުންގެ ހިމާޔަތުގައި ދެމިތިބޭނެ ކަމަށާއި ދުނިޔޭގައި ހިންގާ ޖަރީމާތަކުގެ ޝިކާރައަށްވެފައިވާ އެތައް މިލިއަން މައުސޫމް މީހުންނަށް އިންސާފާއި އުއްމީދު ފޯރުކޮށްދިނުމަށް ވައުދުވާ ކަމަށެވެ.

"މި ކޯޓުގައި ބައިވެރިވާ 125 ގައުމާއި މަދަނީ ޖަމިއްޔާތަކާއި ދުނިޔޭގެ އެހެން ހުރިހާ ގައުމުތައް ވެސް އިންސާފާއި އަސާސީ އިންސާނީ ހައްގުތައް ދެމެހެއްޓުމުގައި އެކަތިގަނޑަކަށްވުމަށް ގޮވައިލަން،" އައި.ސީ.ސީ.އިން ނެރުނު ބަޔާން ނިންމައިލަމުން ބުނެފައިވެއެވެ.

ޓްރަމްޕް އިއްޔެ ނެރުއްވި އެގްޒެކެޓިވް އޯޑަރުގައި ވިދާޅުވެފައިވަނީ އައި.ސީ.ސީ.އިން އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް ހިންގަމުން ދަނީ އަސްލެއް ނެތް، ގަވައިދާ ހިލާފު ތަހުގީގުތަކެއް ކަމަށެވެ. އަދި އަމުރު ކުރައްވައިފައިވަނީ އައި.ސީ.ސީގެ އޮފިޝަލުންނާއި މުވައްޒަފުންނާއި އެ މީހުންގެ އާއިލާ މެންބަރުންނާއި ކޯޓުގެ ތަހުގީގުގައި ބައިވެރިވާ ހުރިހާ އެންމެންގެ އަރަނިތައް ފްރީޒްކޮށް، ގައުމުތަކަށް ދަތުރު ނުކުރެވޭ ގޮތް ހެދުމަށެވެ. ޓްރަމްޕްގެ އަމުރުގައި އައި.ސީ.ސީގެ ޕްރޮސެކިއުޓަރު ކަރީމް ހާންގެ ނަން ގަނެފައެއް ނުވެއެވެ.

ޓްރަމްޕް ނެރުއްވި އެގްޒެކެޓިވް އޯޑަރުގައިވަނީ އެމެރިކާގެ ރައްޔިތުންގެ އިތުރުން އެމެރިކާގެ ރަހްމަތްތެރި ގައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް އައި.ސީ.ސީ.އިން ތަހުގީގުތައް ކުރިއަށްގެންދާތީ އެ ކަން ކުށްވެރިކުރައްވައިފައެވެ. އައި.ސީ.ސީ.އިން ވަނީ ޣައްޒާ ހަނގުރާމަ ކުރިއަށް ދިޔައިރު އިސްރާއީލުގެ ދިފާއީ ވަޒީރު ކަމުގައި ހުރި ޔޮއަވް ގެލަންޓް ވެސް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ.

ނަތަންޔާހޫ އާއި ގެލަންޓް ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުގައި އައި.ސީ.ސީ.އިން އެ ދެ މީހުންނާ ދެކޮޅަށް ހައްޔަރު ކުރުމުގެ އަމުރު ނެރުމުން އެމެރިކާގެ އެއިރުގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ އެ ކަން ކުށްވެރިކުރައްވައިފައެވެ.

ޣައްޒާ ހަނގުރާމަ ފެށުނު އަސްލު ކަމަށްވާ ހަމާސްއިން 2023 ގެ އޮކްޓޫބަރު ހަތެއްގައި އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން ހަމާސްގެ، މިހާރު ޝަހީދުކޮށްލައިފައިވާ ލީޑަރު ޔަހްޔާ ސިންވާރާއި ހަމާސްގެ އަސްކަރީ ގޮފި މިހާރު ހިންގަވާ މުހައްމަދު ޒައިފު ވެސް ހައްޔަރުކުރުމުގެ އަމުރެއް އައި.ސީ.ސީ.އިން މި ދިޔަ އަހަރު ނެރުނެވެ.

އެމެރިކާ އާއި އިސްރާއީލަކީ އައި.ސީ.ސީ.ގެ މެންބަރު ދެ ގައުމެއް ނޫނެވެ. ނަމަވެސް އައި.ސީ.ސީގެ މެންބަރު ގައުމަކަށް، ހައްޔަރު ކުރުމަށް އަމުރު ނެރެފައިވާ މީހަކު ގޮސްފި ނަމަ، އެ ގައުމަކުން އެ މީހަކު ހައްޔަރު ކުރުމަށް ޕްރެޝަރެއް އޮވެއެވެ. ނަމަވެސް އެ ކަން ކުރުމަކީ މަޖުބޫރު ކަމެއް ނޫނެވެ. މިހެންވެ މެންބަރު ގައުމަކުން ހެޔޮ ހިތުން މިއިން މީހަކު ހައްޔަރުނުކޮށްފި ނަމަ، އައި.ސީ.ސީ.އަށް އެޅޭނެ ފިޔަވަޅެއް ނެތެވެ.

އަންގާރަ ދުވަހު ނަތަންޔާހޫ ވަނީ އެމެރިކާއަށް ގޮސް ޓްރަމްޕާ ބައްދަލުކޮށްފައެވެ. މިއީ ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގަތުމުން ބޭރު ގައުމެއްގެ ވެރިއެއް އޭނާއަށް ކުރި ފުރަތަމަ ޒިޔާރަތެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވެސް ވަނީ އައި.ސީ.ސީ.އާ ދެކޮޅަށް ފިޔަވަޅު އަޅުއްވައިފައެވެ. އެއީ އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންނާއި އަފްޣާނިސްތާނު ސިފައިން ހިންގި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅު ތަހުގީގެއް އެ ކޯޓުން ފެށީމައެވެ. އެ ގޮތުން މިހާރު ވެރިކަމުގައި ތިބި ތޯލިބާނާ ދެކޮޅަށް ވެސް އައި.ސީ.ސީއިން ތަހުގީގެއް ފެށިއެވެ. އެއީ ތޯލިބާނުން ވެސް ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގިކަމުގެ ތުހުމަތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *