އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީގައި އަނދައިފައިވާ ފްރާންސްގެ ވެރިރަށް ޕެރިސްވަރުގެ ސަރަހައްދު އާރާސްތު ކުރަން އަހަރުތަކެއް ނަގާނެ ކަމަށް ރަސްމީ އިދާރާތަކުން ބުނެފިއެވެ.
"އާދައިގެ ދިރިއުޅުމަކަށް އެނބުރިއައުން ވެގެންދާނީ ދިގުދެމިގެންދާ ބޮޑު ގޮންޖެހުމަކަށް،" މިހާތަނަށް 29 މީހުން މަރުވެ، 22 މީހުން ގެއްލިފައިވާ ލޮސް އެންޖަލިސްގެ އަލިފާނާމެދު އެމެރިކާގެ ތިމާވެށި ހިމާޔަތްކުރާ އެންވައިރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ)އިން ބުންޏެވެ.
އެ އިދާރާއިން ބުނީ އަނދައިހުލިވެފައިވާ އިމާރާތްތަކުގެ ގާތައް ނެގުމާއި އަނދާއަޅިއަށްވެފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ވިހަ މާއްދާ ހުރި އެއްޗެހި ލޮސް އެންޖަލިސްގެ އަވަށްތަކުން ސާފުކުރަން ވެސް ދިގު މުއްދަތެއް ނަގާނެ ކަމަށެވެ.
"އީޓަން އާއި ޕެލިސޭޑްސް އަވަށްތަކުގެ އަލިފާންގަނޑުގެ ގާތްގަނޑަކަށް 100 ޕަސެންޓް މިހާރު ކޮންޓްރޯލް ކުރެވިއްޖެ. ނަމަވެސް މިހާރު ކުރަމުންދާ ވިއްސައިރައިގައި އަނދައިފައިވާ ބިންތަކުގައި ފެންބޮޑުވުން އެކަށީގެންވޭ. ސަބަބަކީ ގަސްތައް އެނދުމުގެ ސަބަބުން ފަސްގަނޑު ދޫވެފައިވާތީ،" އޮފިޝަލަކު ބުންޏެވެ.
އޭނާ ބުނީ އަނދައިއަޅިއަށްވެފައިވާ ހިސާބުތަކުގައި ދިރިއުޅޭ އާއިލާތަކަށް މިހާރު އެންމެ ބުއްދިވެރި ގޮތަކަށްވާނީ ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާއެއް ހިނގައިފައިނެތީ ރައްކާތެރި ތަންތަނަށް ދަތުރުކުރަން ތައްޔާރަށް ތިބުން ކަމަށެވެ.
"ސަރުކާރުން ކަނޑައަޅައިފައިވާ އެވަކުއޭޝަން މަގުތަކަކީ ކޮބައިތޯ ކުރިން ދެނެގަންނަން ޖެހޭ،" އޭނާ ބުންޏެވެ.
އެމެރިކާގެ ގައުމީ މޫސުން ލަފާކުރާ ނެޝަނަލް ވެދާ ސާވިސް އިދާރާއިން ބުނީ މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން އަލިފާން ނިވެމުންދާއިރު ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހު ގަޑިއަކު 100 މޭލަށް ވައިގަދަވުމުގެ ސަބަބުން އަލިފާން އަލުން ފެތުރިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.
ހަރީފު މޫސުމުގެ ވިއްސާރައިގައި ފެންބޮޑުވުމާއި ސްނޯ ފޭބުމުގެ ސަބަބުން ލޮސް އެންޖަލިސްގެ ބައެއް މަގުތައް ވަނީ ބަންދުކޮށްފައެވެ. އަދި ބައެއް ހިސާބުތަކަށް ކިސަޑު ފޭބުމުގެ ސަބަބުން އިމާރާތްތައް އަރިއަޅައިލައި، އުޅަނދުފަހަރު ވަނީ ކިސަޑުގެ ތެރެއަށް ގަނބައިގެންފައެވެ.
މިދިޔަ މަހު ހަތެއްގައި ފެތުރެން ފެށި އަލިފާނުގައި 18،300 އިމާރާތްވަނީ ސުންނާފަތިވެފައެވެ. އޭގެ ތެރޭގައި ގެދޮރާއި ވިޔަފާރިތަކާއި ސްކޫލްތަކާއި 400 އެއްހާ ކުޑަކުދިންގެ ޑޭކެއާ ސެންޓަރުތައް ހިމެނެއެވެ.
"ލޮސް އެންޖަލިސް އާރާސްތުކުރުން ވެގެންދާނީ ބޮޑު މަޝްރޫއަކަށް. ގެދޮރާއި ވިޔަފާރިތަކާއި ސްކޫލްތަކާއި އަދި އިޖުތިމާއީ މަރުކަޒުތަކާއި ތަންތަން އަލުން ބިނާކުރުމަށް އެތައް އަހަރެއް ނަގާނެ،" އޮފިޝަލަކު ބުންޏެވެ.
ބައެއް އޮފިޝަލުން ބުނީ ލޮސް އެންޖަލިސް ވެއްޓިފައިވާ ބޮޑު އަނދަވަޅުގެ ސަބަބުން ދިގު މުއްދަތަކަށް ރަށްވެހީންނަށް ނަފުސާނީ މައްސަލަތަކާ ވެސް ކުރިމަތިވާނެ ކަމަށެވެ.
"އަލަށް ބަލި ޖެހޭ މީހުން އިތުރުވެ، އަދި މިހާރު ބަލި ޖެހިފައިވާ މީހުންގެ ހާލަތު އިތުރަށް ގޯސްވާނެ،" އޮފިޝަލަކު ބުންޏެވެ.
ޑިރެކްޓް ރިލީފް ކިޔާ ޖަމިއްޔާއަކުން އަންނަނީ އެހީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ސީދާ ފައިސާ ދިނުމާއި ސިއްހީ އާލާތްތައް ކުއްލި ހާލަތުގައި ފޯރުކޮށްދިނުމާއި ވިހަ މާއްދާތަކުން ރައްކާތެރިކޮށްދޭނެ އަންނައުނު ދިނުން ހިމެނެއެވެ.
ލޮޖިސްޓިކްސްއަށް ބަލާއިރު ލޮސް އެންޖަލިސްގެ އަލިފާން ނިއްވާ އިދާރާއަށް ދީފައިވާ ބަޖެޓު ކުޑަކަންވެފައިވަނީ ކުއްލި ހާލަތްތަކާއި ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ މައްސަލަތައް ހައްލު ނުކުރެވިފައިވާ ސަބަބު ކަމަށް އޮފިޝަލަކު ބުންޏެވެ.
އަލިފާން ނިވުނަސް ލޮސް އެންޖަލިސްއަށް ސަލާމަތެއް ނެތް ކަމަށް އޮފިޝަލުން ބުންޏެވެ. ސަބަބަކީ ލޯ ޕްރެޝަރު ސިސްޓަމެއްގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ކިސަޑު ފައިބާނެ ކަމަށް ނެޝަނަލް ވެދާ ސާވިސްއިން ބުނެފައިވާތީއެވެ.
"އަންނަ ހަފުތާއަކީ އާދަޔާ ހިލާފަށް ނުރައްކާތެރި ދުވަސްވަރެއް،" އޮފިޝަލަކު ބުންޏެވެ.
މީގެ އިތުރުން މާދަމާ އާއި އާދީއްތަ ދުވަހު ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށާއި ނަތީޖާއެއްގެ ގޮތުން ފެންބޮޑުވުމާއި ކިސަޑު ފޭބުން އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ.
މި ދިޔަ ހަފުތާގައި ވެހެން ފެށި ވާރޭގެ ސަބަބުން ފެންބޮޑުވެ، އަދި ކިސަޑު ފޭބުމުގެ ސަބަބުން އެތައް މަގެއް ވަނީ ބަންދުކޮށްފައެވެ. ސެންޓާ މޮނިކާ ފަރުބަދަމަތީގައި ކިސަޑު ފައިބައި، "ފްލޭޝް ފްލަޑް" ނުވަތަ ކޯރެއްހެން ދެމިގެންދާ ފެންބޮޑުވުމުގެ ސަބަބުން ގިނަ މަގުތައް ވަނީ ބަންދުކޮށްފައެވެ.
ލޮސް އެންޖަލިސްއަށް ލިބިފައިވާ ގެއްލުން 385 މިލިއަން ޑޮލަރު (5.9 ބިލިއަން ރުފިޔާ)އަށް އަރާނެ ކަމަށް އެ ސަހަރުން ލަފާކޮށް މިހާރު ރިޕޯޓެއް ނެރެފައިވެއެވެ. މީގެ ތެރެއިން 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ)އަކީ ސަހަރުގެ އިންފްރާސްޓްރަކްޗަރަށް ލިބިފައިވާ ގެއްލުން ކަމަށް އަންދާޒާކޮށްފައިވެއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ލޮސް އެންޖަލިސްއަށް ޒިޔާރަތް ކުރައްވާ ވިދާޅުވެފައިވަނީ ލޮސް އެންޖަލިސްއަށް ލިބިފައިވާ ހުރިހާ ގެއްލުމަކަށް މައި ސަރުކާރުން އެހީވާނެ ކަމަށާއި އެމެރިކާގެ ކުރީގެ އެއްވެސް ރައީސެއް ނުދެއްވާވަރުގެ ބޮޑު އެހީއެއް ދެއްވާނެ ކަމަށެވެ. ނަމަވެސް ޝަރުތަކީ ކެލިފޯނިއާ ސްޓޭޓް ސަރުކާރުން ރަނގަޅަށް ފެން މެނޭޖް ކުރާނެ ނަމަ ކަމަށް ވިދާޅުވިއެވެ.
މި ދިޔަ މަހު ހަތެއްގައި ޖަންގަލިތަކުގައި ރޯވީ ހަނަފަސްވުމުން ކަމަށް ސައިންސްވެރިން ބުނެއެވެ. ނަމަވެސް ގަސްދުގައި ބަޔަކު ގަސްގަހާގެހީގައި ހުޅުޖެހީތޯ ވެސް ތަހުގީގު ކުރަމުން އެބަގެންދެއެވެ.
ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.



advertisment