Support Us

ވާހަކަ: ކަނބުލޮ- އެޕިސޯޑް 5

ގާތް މީހުން މަރުވުމުން އެމީހުންގެ ޖަނާޒާގައި ކަރުނައޮހޮރާ ލޯތައް ކިތަންމެހާވެސް ގިނައެވެ. އެ ޖަނާޒާއަށް ރީތި ހެދުންލައިގެން މޫނު ދުށުމަށްޓަކައި ކޮންމެ ހާލެއްގައިވެސް ޖަމާވެއެވެ. ނަމަވެސް އެމީހުން ދުނިޔޭގައި ތިބިއިރު އެ ގާތްމީހާގެ މޫނު ދެކިލަން އެންމެ ފަހަރަކުވެސް ނުދެވެއެވެ. ހަޔާތުގެ ނޫރު ކޮށިވެފައިވާ އެ ގާތް މީހާގެ ލޯދެކިލަން ނުދެވޭ ތާނގައި ދުނިޔޭގައި ހުރިތޯވެސް ބަލާނުލެވެއެވެ.

އަބަދުވެސް އެއް ޝަކުވާއެއް ކުރެވުމަކީ އަހަރެންނަށް  އާއްމު ކަމަކަށް ވެއްޖެއެވެ. އެގޮތުން އެއްދުވަހަކު އަނެއްކާވެސް ކުދިންގެ ކަންތައްތަކުގެ ވާހަކަ މާގިނައިން ދެއްކޭތީ އަލީގެ މޫނުމަތީގެ ކުލަފަނޑުވެގެންދިޔައެވެ. އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު އޭނާގެ ވާހަކައިން ކިތަންމެ ކެތްތެރި މީހާވެސް ބަލިވެ އުންމީދު ކެނޑޭނެ ފަހަރު އަންނާނެކަން އަހަރެންނަށް އެނގުނެވެ. އޭނާ ބުނަމުންދިޔައެވެ.

"ކަނބުލޮ ހާދަ މޮޔައޭ. އެކުދިން މޮޅުވުމުން ފަސޭހަވީ އެކުދިންނަކަށްނު. އަހަރެމެން ގިންޏާއި ފިނީގައި މަސައްކަތްކުރީ އެކުދިން އެއުފަލުގައި ގެންގުޅޭކަށްނު. އެކުދިންނަށް އެ ހޯދާދެވިއްޖެ. މައިބަފައި މުދާތައްވެސް އޮއްވައެއްނު އެއްވެސް އެއްޗެއްގައި ނުޖެހި އަހަރެމެން އުޅުނީ. އެދުވަހު ލިބުނު ނިކަމެތިކަމާއި ހިތްދަތިކަން މިއަށްވުރެ ބޮޑެއްނު. އެދުވަހު ވިސްނާންޖެހޭ ދަރިން ތިއްބެއްނު. މިއަދު މިތިބީ އަހަރެމެން ދެމީހުން. ކުރިން މަރުވާނީ ކާކު ކަމެއް ނޭނގެ. އެކަމަކު އެނގޭ އެއްޗެއް އެބައޮތް. މާތްﷲ ހަޟްރަތުގައި އަހަރެމެން ދެމީހުން ވާނީ އެކުގައި. އެކުދިންމަތިން ހަނދާން ނުކުރޭ." ފިރިމީހާ އަހަރެންގެ ލޮލުން ކަރުނަ ފޮހެދިނީ ނުހަނު އޯގާތެރިކޮށެވެ. އެދުވަހު އޭނާގެ ލޮލުން ފޭދުނު ކަރުނަ ހިންދާލިތަން އަހަރެން ދުށީމެވެ. އެދުވަހު އަހަރެންގެ ފިރިމީހާއަކީ މިދުނިޔޭގައި ހުރި އެންމެ މާތް މީހާކަން ހިތުގެ އަޑީން ގަބޫލު ކުރެވުނެވެ. އޭނާއަށްޓަކައި ތަޢުރީފްގެ ބަސްތައް އަހަރެންގެ ސިކުނޑީގައި ބިންވަޅު ނެގިއެވެ. އެއީ އަބަދުވެސް އަހަރެންނަށް އުންމީދު ދޭ އަދި އެކި ގޮތް ގޮތަށް ހިތްވަރާ ހެޔޮ ނަސޭހަތްދޭ ދެދުނިޔޭގެ ބައިވެރިއެކެވެ.

އެހެން ނަމަވެސް މިއަދު އަހަރެން ހިތް ކުދިކުދި މިވަނީ އެކުދިން މަތިން ހަނދާން ވާތީއެވެ. ޅައިރުގެ އެ ލޯބިލޯބި ހަރަކާތްތަކާއި ވަގުތުތައް ހަނދާންވުމުން ހިތް އޮބިނޯންނަ ވަރަށް ހިތަށް ދަތިވަނީއެވެ. އެމީހުންނަށް އަހަރެންނަށް ލާރިއެއް ދޭން ނުލިބުނަސް ހާލު ބަލާލާނެނަމަ ކޮންފަދަހެއްޔެވެ؟ އެމީހުން އަވަދިނެތި އުޅެންޖެހުމުން އަހަރެންގާތަށް ނާދެވުނަސް ފޯނެއް ކޮށްލާނެ ނަމައެެވެ. ކޮންމެ ދުވަހަކު ފޯނު ބެޓެރި ފުރެންދެން ޗާޖަށް ޖަހާފައި އަހަރެން އެވަގުތަކު އުޅޭ ކޮންމެތާކު ގެންގުޅެމެވެ. ފޯނެއް އަންނާނެ ކަމުގެ އުންމީދުގައެވެ. ރަށުގެ ޅަފުރައިގެ ކުދީން އަހަރެން އަބަދު ފޯނަށް ބަލަން އިންނާތީ މޮޔައެކޭވެސް ކިޔައެވެ. އެކަމަކުވެސް ވަރިހަމައެވެ. އެ ނުވިސްނޭ ކުދިންނަށް އަހަރެންގެ އުންމީދާއި ހިތުގެ ގޮވުން ނޭނގެނީއެވެ.

އަހަރެން ފޯނު ނެގީމެވެ. އަދި ކޮންމެ ކުއްޖަކު ދީފައި އިން ނަންބަރަށް ގުޅަމުން ދިޔައީމެވެ. ފުރަތަމަ ފެށީ ދޮށީކުއްޖާގެ ނަންބަރުންނެވެ.

"ތިޔަގުޅުއްވި ނަމްބަރު މިވަގުތު ބިޒީ. އަލުން ގުޅުއްވާ." އަހަރެން ފޯނު ކަނޑާލާފައި ދެތިން ހަތަރު ފަހަރަކު ގުޅީމެވެ. ކޮންމެ ފަހަރަކުވެސް ބުނަނީ އެހެންނެވެ. ދެން ގުޅާލީ ފިރިހެން ދަރީގެ ފޯނަށެވެ.

"ތިޔަގުޅުއްވި ނަންބަރުން މިވަގުތު ޖަވާބެއް ނުދެއްވާ. ފަހުން ގުޅުއްވާ." ފޯނަށް މައްސަލައެއް ޖެހިފައިތޯ އޮތީ ކަމަށް ހިތާ ފޯނު ނިއްވާލީމެވެ. އެއަށްފަހު ފޯނު ހުޅުވާލާފައި އަނެއްކާވެސް އެހެން ދަރިއެއްގެ ނަންބަރަށް ގުޅީމެވެ.

"ތިޔަގުޅުއްވި ނަންބަރުވަނީ ނިއްވާލާފަ. ފަހުން ގުޅުއްވާ." އަހަރެން ގުޅާ ކޮންމެ ފަހަރަކު އެމީހުންގެ ފޯނުން ބުނަނީ އެއްކަހަލަ އިބާރާތް ތަކެކެވެ.

އަހަރެން ފޯނުގައި މައްސަލައެއް އުޅެނީ ކަމަށް ހިތާ ކުއްޖަކު ލައްވާ ބެޓެރި ނަގާފައި އަލުން ލައްވާފައި ބޭއްވީމެވެ. ކޮންމެވެސް ދަރިއެއް ގުޅާނެކަމަށް އުންމީދު ކުރަމުންނެވެ. ނަމަވެސް އޭގެފަހުން ތިންދުވަސް ވީއިރުވެސް އެއްވެސް ދަރިއެއްގެ ޚަބަރެއް ނުވިއެވެ. އަހަރެން ހީކުރީ ފޯނު ހަލާކު ވީކަމަށެވެ. އަހަރެންގެ ފޯނަށް މީހަކު ނުގުޅާތީ ޅަ ސޮރަކު ލައްވާ ދެފަހަރަކު ބަލާވެސް ލައިފީމެވެ. އެސޮރުގެ ނަންބަރުން އަހަރެންގެ ފޯނަށް ގުޅެއެވެ. އެސޮރު ބުނީ ދައްތަގެ ފޯނުގައި މައްސަލައެއް ނެތްކަމާއި ތިއަށް މީހަކު ނުގުޅަނީ ކަމަށެވެ.

އަޅެ އަހަރެންގެ ދަރީން އެހާ ހިތްހަރުވީ ކީއްވެބާވައެވެ؟ ކަޅުހިލަ ދައިގެ ހިތްތައް ލިބުން އެމީހުންގެ ބޮޑުބޭބެމެން ފަދައިން ވީބާވައެވެ؟ އެއީ ހަމަ އަހަރެންގެ ދަރިންބާވައެވެ؟ މީގެފަހުން ދުވަހަކުވެސް އެމީހުންގެ ހާލު ނުބަލާން އަޒުމު ކަނޑައެޅީމެވެ. ފޯނުގެ ބަދަލުގައި ޤުރުއާން ޚަތިމް ހިފައިގެން ﷲއަށް އަޅުކަން ކުރުމުގައި ދެމިހުރީމެވެ.

ހިތްދަތިވެފައި ހުރިވަރުން އަހަރެން ބޮޑު ދައްތަގެއަށް ޒިޔާރަތް ކޮށްލީމެވެ. އޭނާ އިނީ އުނދޯލީގައި ރޯނު ވަށާށެވެ. ގެއާއި މާދުރުގައި ފަނުން ހަދާފައިވާ ހުންނަ އުނދޯލި ގޭގައި ހުރި ރޭޑިއޯއިން ހަފްތާގެ ވާހަކަ އަންނަމުންދެއެވެ. ފޮނުވަމުން ދިޔައީ ސައިކުރާ އިބްރާހިމް ނަޢީމް ލިޔުއްވާފައިވާ "މަންމަ" ވާހަކައެވެ. ވާހަކަ ފެށުމުގެ ކުރިން އެކިޔާލި ބައިތަކުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

"ހެޔޮވަރުގެ އިސްކޮޅަކަށްތިމާ ދެމިލާއިރުން ބުނެ އަންގަޔޭ

ކެޔޮގަނޑު ކަނޑާލީމާގަހުގެ ދެން ބޭނުމެއް ނޯންނާނެޔޭ."

އަހަރެންގެ ލޮލުން ކަރުނަ އައެވެ. ބޮޑުދައްތައަށް އެނގުމުގެ ކުރިން ލޯ ފޮހެލީމެވެ. ތޫފާނެއްގެ އަސަރު ހިނގަމުންދާ އަހަރެންގެ ހަށިގަނޑު ތުރުތުރު އަޅައެވެ. ބޮޑުދައްތަ ވަށަމުންދިޔަ ރޯނު ބޮނޑި ބަހައްޓާފައި ރޭޑިއޯ ނިއްވާލިއެވެ.

"އެކުދިންގެ ޚަބަރެއް ނުވޭދޯ. އަން. މި އެކުދިންނަށް ފޮނުވާ." އުނދޯލީގައި ބާއްވާފައި އޮތް ދޮންވެފައިވާ ފަސް ފޭރުން ތިން ފޭރު ދިއްކޮށްލިއެވެ.

އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގެން ދިޔައެވެ. މާދުރުގައި ހުރި ފަތްޖެހި އެނދެއްގައި މުސްކުޅިބަލީގެ އަނިޔާވެރިކަން ތަހައްމަލު ކުރަމުންދާ ފިރިމީހާ ފެނުމުން ދައްތައަށް މައިންބަފައިން ދީފައިވާ ލަނޑު އަނެއްކާވެސް ހިތަށް އެރުމުން ރުޅިވެސް އައެވެ. އޭރު އުމަރުބޭ ގޯތި މުހައްމަދު ކުރުބާ އިހަލެއް ހިފައިގެން އަހަރެމެން ތިބި މަގުން ފައިބައިގެން ދަނީއެވެ. ދައްތަ އަހަރެން ގައިގާ އޮޅުލައިގަތެވެ. މާޒީގެ ޒަޚަމްތަކުގެ ޞަފްޙާ ސިކުންތުކޮޅެއްގެ ތެރޭގައި ލޯކުރިމަތީގައި ހުޅުވާލީމާ ކަމަށް ވެދާނެއެވެ.

"ކުދިން ޚަބަރެއް ނުވިޔަސް އެކުދިންނަށް ހަދިޔާ ފޮނުވާތި. މިއުޅެނީ ގަހުގައި ހުރި ބަނބުކެޔޮކޮޅު ކަނޑަން. އެކުދިންނަށް ހުރި ބަނޑުކެޔޮޅު ބަލާ ދެދުވަސް ފަހުން ދަޅެއް ހިފައިގެން އަންނާތި!" ދައްތަ ލޯފޮހެލަމުން ބުންޏެވެ. އަހަރެން ދާން ނިކުތީމެވެ. ހިތްހަމަޖައްސާލަން އައިނަމަވެސް މިތަނުން ލިބުނީ މާބޮޑު ހިތާމައެކެވެ.

"ހަނދާންކޮށް ތި ފޭރުކޮޅު އެގޮއްޔައަށް ފޮނުވާތި. ދަޅު ނުގެނެސްފިއްޔާ އެކެޔޮ ކޮޅުން އެކުދިންނަށް ރަހަ ނުލިބި ދާނީ. ދެދުވަސް ފަހުން ކޮންމެހެންވެސް އަންނާތި. މިފަހަރު ބިންބި ހައްދައިގެން ލިބުނު ފުއްކޮޅުން މާފުއް މޮޑެފައި ކޮންމެ ދަރިއަކާއި އެއްބަނޑު މީހަކަށް ސަދަގާތް ކުރަން މިއުޅެނީ. ކޮއްކޮއަށް ހުރެވޭނެތަ އަހަރެންނަށް އެހީވެދޭން؟" ބޮޑުދައްތަ ގޮވާލާފައި ބުންޏެވެ. ދައްތައަށް އާދަޔާ ޚިލާފު ހަލުވި ކަމެއް އައިސްފައިވާކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އަހަރެން ދައްތައަށް އެހުރިހާ ކަމެއް ކޮށްދީފައި ގެއަށް ދެވުނީ އަސުރަށް ގޮވަނިކޮށެވެ.

އޭގެ ދެ ދުވަސް ފަހުން ދަޅު ހިފައިގެން އަހަރެން ނިކުތީ ދައްތަގެޔަށް ދާށެވެ. ރަށު އެންމެން އެއްދިމާއަކަށް ދުވާތީ ގެއަށްވަދެ ބޮޑާށި މަތީގައި ދަޅު ބަހައްޓާފައި އަހަރެންވެސް އެދިމާއަށް ޚަބަރު ބަލާލަން ދިޔައީމެވެ. މީހުން އުޅޭ ސަރަހައްދާ މާދުރުގައި ބޮނބި ފާލުގައި އަންހެނަކު މަރުވެފައި އޮތީޔޯލައެވެ.

އަހަރެންވެސް ގައިގެ ހުރިހާ ހަކަތައެއް ލާފައި އެތަނަށް ދިޔައީމެވެ. ބޮނބި ފާ ކައިރީގައި ދޮންކެޔޮ ފަތްގަނޑެއް މަތީގައި ޟުޙާ ނަމާދަށް ސަޖިދައަށް ދިޔަގޮތަށް މަރުވެފައިވާ ދައްތަ ފެނުމުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އިންސާފެއް ނެތް ފޫހި ދުނިޔޭގައި އުފަލެއް ނެތް ދިރިއުޅުމެއް ނިންމުމަށްފަހު ހެޔޮ މަރަކުން ނިމުނީއެވެ. ރަށުގެ އެންމެންގެ ދުލުކުރީގައި އޮތް ވާހަކައަކީ ދައްތަގެ ނިމުންއައިގޮތެވެ. ހެޔޮދުޢާއާއި ތަޢުރީފެވެ.

ދައްތަވެސް އަހަރެން ދޫކޮށްލާފައި ދިޔައީއެވެ. ކަށުކަމާކެމީގެ ކަންކަން ނިންމާފައި ގެއަށް ވަންއިރު ބޮޑާށި މަތީގައި އޮތްެ ބޮޑުދައްތަ ދިން ފޭރުގެ ވަސް މުޅި ގޭގައި ފެތުރިފައިވެއެވެ. އޭނާ ގެންނަން ބުނި ދަޅު ބޮޑާށިމަތީ ހަމަ އެހުރިގޮތަށް ހުއްޓެވެ. އަހަރެން މަޑުމަޑުންގޮސް އެދަޅުނަގާ އަލަމާރި މަތީ ބެހެއްޓީމެވެ. އެއީ ދައްތަ އެންމެފަހުން އަހަންނަށް ބައްދަލުވިއިރު ދިން ހަދިޔާ ކަމަށްވާތީއެވެ. މަޑުމަޑުންގޮސް ބޮޑާށި މަތީގައި ހުރި ފޭރުތައް ނަގައިގެން ވަސްގަންމުން ދިޔައީމެވެ. އަހަންނަށް އެއިން ދައްތަގެ ވަސްދުވާހެން ހީވާތީއެވެ. އަހަރެން އަޑުން އަޑުނަގާ ރޮމުން ދިޔައީމެވެ. އަހަރެން ހިތް ހީވަނީ ކުދިކުދިވާހެންނެވެ. ލަނގޮޑި ހީވަނީ ފަޅައިގެން ދާހެންނެވެ. މި ރިހުމަށް އަހަރެން ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟

"ކަނބުލޯ. ކޮންމެ އެއްޗަކީވެސް ނިމުމެއް ލައްވާފައިވާ އެއްޗެއް. ހިތްވަރުކުރޭ."

ފިރިމީހާގެ އޯގާތެރިކަމާއި ކުލުނު އެކަހަލަ ވަގުތުތަކުގައި ނުލިބޭނަމަ އަހަރެން މޮޔަވާނެތާ ކިތަންމެ ދުވަހެކެވެ. މިހާރަކަށް އައިސް ކޮންމެ ދުވަހަކު ފިރިމީހާ އާއި އަހަރެން އުޅެނީ އަބަދުވެސް އެކީގައެވެ. ދަރިން ގުޅާނެކަމަށް ގެންގުޅުނު ފޯނަކަށް އިރުއިރުކޮޅުން ނުބަލަމެވެ. އަހަރެން ގޭގައި އުޅެންޏާ އޭނާ އަބަދުވެސް އުނދޯލީގައި އިނދެ ގުރުއާން ޅެންބައި ކިޔައެވެ. މިދުވަސްކޮޅަކީ އަބަދުވެސް އިބުރާހިމްބެ ގެނެސްގެން އިސްލާމީ ތާރީޚު ކިޔަމުންދާ ދުވަސްކޮޅެކެވެ. އިބުރާހިމްބެ އަހަރެންނަށް އެވާހަކަ އަޑުއަހަން އަންނާށޭ ގޮވާނެއެވެ. އަހަރެން ދުނިޔޭގައި ހުއްޓާ ކަނބުލޮ ވާހަކައެއް ނުކިޔާނޭ ބުނެ ފިރިމީހާ މައްލަވަ ކުރެއެވެ. އެއީ ނުހަނު އުފާވެރި ވަގުތުކޮޅެކެވެ.

ފަހަކަށް އައިސް ފަތިސް ނަމާދު ކޮށްގެން ސައިތައްޓެއް ބޯލައިގެން ދެމީހުން އެކުގައި ހިނގާލަން ދަމެވެ. ދެން ކަމެއް ނެތިއްޔާ ބައެއްފަހަރު އަވައްޓެރިން ގޭގެއަށް ޒިޔާރަތް ކޮށްލަމެވެ. އަލީ އޭނަގެ ރަހުމަތްތެރިންނާއެކު އުދޯލީގައި އިނދެއެވެ. އޭނާ އުޅެންޏާ ގޭތެރޭން ފަޅުކަން ފިލައެވެ. ބައެއްފަހަރު ރައްޓެހިންނަށް އެހީވާން ކުދިކުދި ކަންކަން ކޮށްލަދޭނެއެވެ. އެކަހަލަ ދުވަސްދުވަހު ގޭގައި ނެތިއްޔާ ގޭތެރެ ހީވާނީ ފަޅު ސަހަރާއެއްހެންނެވެ.

އެއްދުވަހަކު ފަތިސް ނަމާދު ކޮށްލައިގެން ފިރިމީހާއަށް ގޮވާލީމެވެ. އޭނާގެ ޚަބަރެއް ނުވުމުން މާ ނިދި ގަދަވީކަމަށް ހިތާ އަދި ބާއްވާލާނީ ކަމަށް ނިންމާ ބަދިގެއަށްވަދެ ކިރު ސައިތައްޓެއް ބޯލީމެވެ. އަނެއް ތަށި ހަދާފައި ފިރިމީހާއަށް ގޮށި ދޮށަށް ލާފައި އާދައިގެ މަތީީން އަވަށްޓެރިންގެ ގޭގެއަށް ޒިޔާރަތް ކޮށްލީމެވެ. ފިރިމީހާ ވަނީ އާދަނާއެކު އެންދަމާ ދާ ނިންމަން ބުނެފައެވެ. ހެނދުނުވުމުން ދާން އެއްބަސް ވެފައިވާކަން އެނގެއެވެ.

އެހެންކަމުން ސައިތަށި ހަދާފައި ބަހައްޓައިފިނަމަ އެ  ސައިތަށި ބޯލައިގެން ދާނެކަން ޔަގީންވާތީ މިއަދު ސައިކައްކާނީ ތަންކޮޅެއް ލަހުން ކަމަށް ހިތާ ދޮންމަރިޔަބުގެއަށް ޒިޔާރަތް ކޮށްލީމެވެ. އެގޭ ޖަނބުރޯލު ގަހުގެ ހިޔަލުގައި ހުރި ޖޯލިފަތީގައި އިނީ ޖެހޭ ނަލަނަލަ ވައިރޯޅީގެ ހިތްގައިމުކަމުން ތެދުވާ ހިތްނުވެފައެވެ. ޟުޙާ ވަގުތުވާން ގާތްވެފައި ވަނިކޮށް އާދަނު ބާރު ހިނގުމެއްގައި އައިސް ޖެހިގެން ހުރި ޖޯލީގައި އިށީނެވެ.

"އަލީ ކޮބާތަ؟ އަހަރެންނަށް އެންދަމާ ދާ ވިޔެދޭނަމޭ ބުނެފައި އަދިވެސް ޚަބަރެއް ނުވޭ." އާދަނު ބުންޏެވެ.

"އާދަނުގެއަށް ދާން އެއްބަސްވެފައި ނުދިޔައީ އަނެއްކާ ކިހިނެއް ވީބާ؟ އަހަރެން ހީކުރީ މިހާރު ވާނީ އާދަނާ އެކީގައި ކަމަށް." އަހަރެންނަށް ބުނެލެވުނެވެ. ދެމީހުން ބާރު ހިނގުމެއްގައި ގެއަށް ދިޔައިރު އަހަރެންގެ ހިތް ގޮތް ނޭނގޭ ބިރުވެރިކަމަކުން ވިންދު ޖަހަމުން ދެއެވެ. ގޭތެރެވަނީ އިހުނަށްވުރެވެސް ބޮޑަށް އާދަޔާ ޚިލާފަށް ފަޅުވެފައެވެ. ފިރިމީހާ އުޅެންޏާ އެކިޔާ ޤުރުއާން ޅެންބައި ކިޔާއަޑެއްވެސް ނީވެއެވެ. ވާހަކަ އަޑުއަހަން އަންނަ މުސްކުޅިން ތަކެއްވެސް ނެތެވެ. އަހަރެން ނޭވާ ހިފަހައްޓާލައިގެން އޭނާ އޮތް އެނދާ ދިމާއަށް ދިޔައީމެވެ.

"އިންނާލިއްލާހި ވައިންނާ އިލައި ރާޖިއޫން." އާދަނަށް ބުނެވުނެވެ.

ހަށަމަށް އަތްނަގައިގެން އޭނާ އެ އޮތީ ކުލުނާއި ރަހުމެއް ނެތް މި ދުނިޔެއިން ދެމިއޮތުމުގެ އާލަމަށް ދަތުރުު ކޮށްފައެވެ. މޫނުގައިވާ ސާފުކަމާއި ތުންފަތުގައިވާ ހިނިތުންވުން އަހަރެންގެ އެތެރެހަށި ވީދިގެން ކުދިކުދިވެ ދިޔަހެން ހީވިއެވެ.

އަހަރެން ނުހަނު ހާލުގައި ވަނިކޮށް ގެނެސްދީ އަނތްބެއްގެ މަޤާމުދީ ކިޔަވައިދީ ތަންދޮރު އޮޅުން ފިލުވައިދިން ލޯބިވާ ފިރިމީހާ އަހަރެން ދޫކޮށް ދިޔައީއެވެ. ކޮންމެ ރެއަކުވެސް ނިދުމުގެ ކުރީން ދުވަހަކުވެސް އަހަރެން ދޫކޮށް ނުލާނަމޭ ބުނެ އަތުގައި ހިފާލާފައި ނޫނީ ނިދަން ނުދާ ލޯބިވާ ބައިވެރިޔާ ވަކިވީއެވެ. އެމީހެއްގެ ހެޔޮކަމާއި ނަސޭހަތުގެ ސަބަބުން މިއަދު މޮޔަނުވެ ދިރިއުޅެމުންދާ ހަޔާތުގެ މިތުރާ އެދިޔައީ އެނބުުރި އައުމެއް ނެތް ހަޔާތަކަށެވެ. ލިބުނު ކުދިންކޮޅު ދަތިހާލުގައިވެސް ނުހަނު ލޯބިން ބަލާ ބޮޑުކުރިއެވެ. ގިރާކުރަން ޖެހުނު ހުރަސްތަކާއި ކުރިމަތިވި ގޮންޖެހުންތަކާއި އަޑިގުޑަންތައް ކަޑައްތު ކުރުމަށްްފަހުއެވެ. އޭނާގެ އަބަދުވެސް ހުވަފެން ކަމުގައިވާ ދަރިން މޮޅު ކުދިންނަށް ހަދައިދިނުމަށް ކުރި ވައުދު ފުއްދުމަށް ފަހުއެވެ.  ކުދިންނަށް އުދަނގުލެއް ނުކޮށް އަދި ޝަކުވާއެއް ނުކޮށް އެކުދިންގެ ފަރާތުން އޭގެ ބަދަލަކަށް ނޭދިއެވެ. އަތްފައި ހެލެން ފެށީއްސުރެ އަތުން ބުރަ މަސައްކަތްކޮށް އަމިއްލަ އާއިލާގައި ނޯކަރެއްހެން ގުލާނުކުރި މީހާ އެއްބަނޑު މީހުުންނަށް ޝަކުވާއެއް ކުރާނެ ޖާގައެއް ނުދީއެވެ. އަހަރެން ކަރުނަ ފޮހެލީމެވެ. ފިރިމީހާއަށްޓަކައި ފަޚުރުވެރިވެލާފައި ހިނިތުންވެލީ އެއީ އޭނާ އަހަރެން ރޯންބޭނުން ނުވާނެކަން އެނގޭތީއެވެ.

ނަމަވެސް ކިތަންމެ ހިތްވަރުކުރިއަސް ކަށުކަމާކެމީގެ ހުރިހާކަމެއް ނިމުނުއިރުވެސް އަހަރެންނަށް ހުރެވުނީ ބަސްހުއްޓިފައެވެ. ފިރިމީހާގެ ކޮންމެ އިހުސާންތެރިކަމެއް އަހަރެންނަށް ވަކިވަކިން ހަނދާން އާވަމުން ދިޔައެވެ. އެއީ މާތް އިންސާނެކެވެ. އެކަމަކު އޭނާގެ ދިޔައިން އުފެދުނީ ރަހުމެއްނެތް، އަސަރެއްނެތް އަދި ކުލުނެއްނެތް ދަރީންތަކެކެވެ. ހަމްދަރުދީއެއް އަދި އޯގާތެރިވުމެއްނެތް އެއްބަނޑު މީހުން ތަކެކެވެ. އެއިން އެކަކަށްވެސް އަހަރެންނަކަށް މާފެއް ނުކުރެވޭނެއެވެ. މާތް ﷲ މިއަޅާއަށް ސާބިތުކަން ދެއްވާށިއެވެ.

އެމީހުން ދެން އަހަރެން ހަޔާތަށް ނާންނައްޗެވެ؟ އަހަރެންގެ ގެއަށް ދެން ނުވަންނައްޗެވެ؟ އަހަރެން ފޯނެއް އަންނާނެ ކަމަށް އުންމީދު ކުރި ފޯނަށް ނުގުޅައްޗެވެ؟ އެ ފޯނުވެސް އަހަރެން އެއްލާލައިފީމެވެ. ދޮށީގޮއްޔަގެ ހަނދާނުގައި ގެންގުޅުނު ބާލީސް އުރަޔާއި ރަށު ސްކޫލުން ހޯދި ވިދަވިދާހުރި ކާމިޔާބުގެ ރަންތަށިތައް އަންދާލައިފީމެވެ. އެމީހުން ކުޅެން އަދި އަންނާނެ ކަމަށް ބެހެއްޓި އުނދޯލިގެ ގުދަނަކަށް ހަދައިފީމެވެ. އެމީހުުންގެ ހަނދާނުގައި ހޭދަކުރި އެންމެ ސިކުންތެއްވެސް އަހަރެން ހަނދާން ކުރާކަށް ބޭނުމެއް ނޫނެވެ. އެ ކޮންމެ ވަގުތަކާއި ހާދިސާއަކީ ނަފުރަތުގެ އަލިފާނަށް ވެއްޖެއެވެ. ފިރިމީހާ އުންމީދު ކުރިގޮތަށް އަހަރެން މިހާރު ދިރިހުންނަނީ އޭނާގެ ހަނދާންތަކުންނެވެ. އޭނާ ކިޔަން ގެންގުޅުނު ފޮތްތައް މީހުންނަށް ކިޔައިދެނީ އަހަރެންނެވެ. ވާހަކަ ނުނިމެނީސް އަހަރެންނަށް ރޮވޭތީ އެ އެންމެން އަހަރެންނަށް ހިތްވަރުދެއެވެ.

މިއަޅާގެ ދުޢާއަކީ މާތް ﷲ ވީހާވެސް އަވަހަކަށް މިއަޅާގެ ފުރާނަ ގެންދަވާ ފިރިމީހާ ގާތުގައި ކަށްވަޅުގައި އޮތުމެވެ. އުފާވެރިކަމުން ސިފަނުކުރެވޭ ސުވަރުގޭގައި އެކުގައި ލެއްވުމެވެ. އެއީ ނިމުމެއްނުވާ ދެމި އޮތުމުގެ ޢާލަމެވެ.

(ނިމުނީ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ވާހަކަ ވަރަށްވެސް ރީތި. ނިންމާލުން އެހާވެސް އަސަރުގަދަ. ކަނބުލޮގެ ހިތްވަރުގަދަކަން ވާހަކައިގާ ވަރަށް ރަނގަޅަށް ގެނެސްދީފައިވޭ. އެހާވަރުން ކިޔަވައިދީ މޮޅުކޮށްދިން ދަރިން ކަނބުލޮއަށް ހަދާލި ގޮތުން ރޮވުނު. ޔަޝްފާގެ ތަފާތު ވާހަކައަކަށް އިންތިޒާރުކުރަން.

  2. Haadha asarugadha vaahakaeh. Heevanee manzaru sifavaahen. Varah molhu mivaahaka. Mikahala vaahakathakah varah inthizaaru kuran. Thanks Yashfa

  3. ވަރަށް އަސަރުގަދަ ވާހަކައެއް. ބޭނުން ކޮށްފައި ހުރި ބަސްތައްވެސް އެހާ ފުރިހަމަ. ދަރިންނަށް ހަދަންވާ ގޮތަށް ތިޔަހެދީ. ދޮށީދަރީގެ ތަކެތި އަނދާލިގޮތްވެސް ވަރަށް ހިތްގައިމު. ހާދަހާ ގޮތެއްނެތް ދަރިން ތަކެކޭދޯ. ދެރައީ އެކުދިންނަށް ވިސްނިގެން ދެރަވެގެން މަންމަ ގާތަށް އާދޭސްކުރަން ނައިކަން. ވާހަކަ ކިޔާފައި ހީވީ ހަގީގީ ދުނިޔެއެއްގައި އުޅެވުނުހެން. ވަރަށްގިނައިން ތިހެން ދިމާވޭ މިހާރަކަށް އައިސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *