Support Us

ލޮސް އެންޖަލިސްގެ އަނދާއަޅިއަށްވެފައިވާ ސަރަހައްދު ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ހެލިކޮޕްޓަރުގައި ބައްލަވައިލައްވަނީ

މުޅި ތަން ސުންނާފަތިވެފައި، އިތުރަށް އަނދާނެ ތަނެއް ނެތް: ޓްރަމްޕް

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީގައި ފެތުރެމުންދާ އަލިފާން ހެލިކޮޕްޓަރުގައި ބައްލަވައިލެއްވުމަށް ފަހު، މުޅި ތަން ސުންނާފަތިވެފައިވާ ކަމަށާއި، އިތުރަށް އަނދާނެ ތަނެއް ދެން ނެތް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިހާތަނަށް 28 މީހުން މަރުވެ، 22 މީހުން ގެއްލި، އަދި ފްރާންސްގެ ވެރިރަށް ޕެރިސްއަށްވުރެ ބޮޑު ޖާގައެއް އަނދާއަޅިއަށްވެފައިވާ މަންޒަރު އިއްޔެ ބައްލަވައިލައްވައިފައި ޓްރަމްޕް ވިދާޅުވީ ލޮސް އެންޖަލިސްގައި ގެއްލުން ލިބުނު ހުރިހާ ކަމަކަށް އެއްވެސް ޝަރުތަކާ ނުލައި މައި ސަރުކާރުން ހުރިހާ އެހީއެއް ދެއްވާނެ ކަމަށެވެ. ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ އެހީ ދެއްވާނީ ކެލިފޯނިއާގެ ސްޓޭޓް ސަރުކާރުން ފެނާއި ޖަންގަލިތައް ރަނގަޅަށް މެނޭޖް ކުރާ ނަމަ ކަމަށެވެ.

"މީގެ ކުރިން އެހެން ރައީސަކު ނުދެއްވާ ވަރުގެ އެހީއެއް ދޭނަން،" ލޮސް އެންޖަލިސްގެ މޭޔަރު ކެރަން ބޭސްއާ ވެސް ބައްދަލުކުރައްވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ރިޔާސީ ހުވާކުރެއްވުމުގެ ކުރިން ޓްރަމްޕް ވަނީ ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމްއަށް ފާޑުވިދާޅުވެފައެވެ. ލޮސް އެންޖަލިސްގެ އަލިފާން ނިއްވުމުގެ ގާބިލުކަމެއް ގެވިންގެ ނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިއްޔެ ރަހްމަތްތެރިކަމުގެ މޫޑެއްގައި ގެވިންއާ ވެސް ޓްރަމްޕް ވަނީ ބައްދަލުކުރައްވައިފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އިއްޔެ ލޮސް އެންޖަލިސްއަށް ކުރެއްވި ޒިޔާރަތުގައި ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމްއާ ބައްދަލުކުރައްވަނީ

ޕެލިސޭޑްސް އަވަށުގެ އަލިފާން ނިއްވާ ސްޓޭޝަންގައި ބޭއްވެވި ވަށް މޭޒު މަޝްވަރާއަށް ފަހު ޓްރަމްޕް ވިދާޅުވީ މައި ސަރުކާރުން ދޭ ފައިސާގެ ކަންތައްތައް ބަލަހައްޓަވާނީ އޭނާގެ އެހީތެރިއެއް ކަމަށްވާ ރިޗަޑް ގްރެނަލް ކަމަށެވެ.

"އަޅުގަނޑު އަދި އެނބުރި އަންނާނަން،" ޓްރަމްޕް ވިދާޅުވިއެވެ.

ގެދޮރު ދޫކޮށް ރައްކާތެރި ތަންތަނަށް ދާން ޖެހުނު އާއިލާތައް އަލުން އެނބުރި އައުމަށް ފަހު ގެދޮރު އިމާރާތް ކުރެވޭނީ ދޮޅު އަހަރު ފަހުން ކަމަށް ބޭސް ވިދާޅުވެފައިވާތީ ޓްރަމްޕް ވިދާޅުވީ އޭގެ ކުރިން ވެސް ގެދޮރު އެޅުމުގެ ކަންތައްތަކަށް ބޭނުންވާ ހުއްދަތައް ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ހަފުތާއެއްގެ ތެރޭގައި ހުއްދަތައް ދީ، ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފަށަން،" ޓްރަމްޕް ވިދާޅުވިއެވެ.

ބޭސް ވިދާޅުވީ ގެދޮރު އަލުން އާރާސްތު ކުރުން މާ އަވަސް ކަމަށާއި މާހައުލު އަދި ރައްކާތެރި ނޫން ކަމަށެވެ. ނަމަވެސް ޓްރަމްޕް އެ ކަމާ ދެބަސްވެވަޑައިގަތެވެ.

"ހުރިހާ ތަނެއް މި އޮތީ އަނދާއަޅިއަށްވެފައި. އިތުރަށް އަނދާނެ ތަނެއް ނެތް. އިތުރަށް އަނދާނެ އެއްޗެއް ނެތް. ރަށްވެހިން މިހާރު ބޭނުންވަނީ ގެދޮރު ބިނާކޮށް، ދިރިއުޅުން އަލުން ފަށަން،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް އާއި އަނބިކަނބަލުން މަލާނިއާ ވަނީ ޕެލިސޭޑްސް އަވަށުގެ ފިސްކް މަގުގައި ހިންގަވައި، ގެދޮރު ގެއްލުނު ބައެއް ރައްޔިތުންނާއި އަލިފާން ނިއްވާ މީހުންނާއި އިދާރީ އޮފިޝަލުންނާ ބައްދަލުކުރައްވައިފައެވެ.

"ގަބޫލުކުރަން ވެސް ދަތި މިންވަރަކަށް އަލިފާން މި ވަނީ ފެތުރިފައި،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ލޮސް އެންޖަލިސްއަށް ވަޑައިގަތުމުގެ ކުރިން މިނެޓަކު 23 ފުޓުބޯޅަ ދަނޑު ވަރުގެ ސަރަހައްދެއް އަނދަމުން ދިޔަ ހަލުވި މިނުގައި އަލިފާންގަނޑެއް ފެތުރުނެވެ. އެ އަލިފާންގަނޑުގެ 79 ޕަސެންޓް މިހާރުވަނީ ކޮންޓްރޯލް ކުރެވިފައެވެ.

ގެވިން އާ ކުރިން މޫނުކެނޑިފައިވީ ނަމަވެސް ޓްރަމްޕް ވިދާޅުވީ މި ފަދަ ބޮޑު ކާރިސާއަކުން އަރައިގަނެވޭނީ އެންމެން އެކަތިގަނޑަކަށްވެ އެކުގައި މަސައްކަތް ކުރުމުން ކަމަށެވެ.

ގެވިން ވިދާޅުވީ ލޮސް އެންޖަލިސް އަލިފާނުގެ ކާރިސާގައި ޓްރަމްޕަށް ދެއްވެން އޮތް ހުރިހާ އެހީއެއް ބޭނުން ކަމަށެވެ.

"ކޮވިޑް ބަލިމަޑުކަމުގައި ވެސް ތިޔަ ބޭފުޅާ އަޅުގަނޑުމެންނަށް އެހީތެރިކަން ދެއްވި. އެ ކަން އަޅުގަނޑު ހަނދާން ނައްތައެއް ނުލަން. މިހާރު ލޮސް އެންޖަލިސް އަލިފާނުގެ ކާރިސާއިން އަރައިގަތުމުގައި ވެސް ތިޔަ ބޭފުޅާއާއެކު އަޅުގަނޑު މަސައްކަތް ކުރަން އުއްމީދުކުރަން،" ޓްރަމްޕްގެ އަރިހުގައި ގެވިން ވިދާޅުވިއެވެ.

ޖަވާބުގައި ޓްރަމްޕް ވިދާޅުވީ "ނަތީޖާ ނެރުއްވާނެ" ކަމަށެވެ.

"އެތައް ބައެއްގެ ހަޔާތަށް މި ވަނީ އަސަރުކޮށްފައި. އެތައް ބިމަކަށް މި ވަނީ ގެއްލުން ލިބިފައި. ދެވަނަ ބޮޑު ހަނގުރައިމައިގެ ފަހުން މި ވަރުގެ ގެއްލުމެއް އަދި އެއްވެސް މީހަކަށް ފެނިފައިވާނެހެނެއް ހިއެއް ނުވޭ. މި ކަހަލަ ކަމެއް މީގެ ކުރިއަކުން ދިމައެއް ނުވޭ. އަޅުގަނޑުމެން މި ކަމަށް ދާއިމީ ހައްލެއް ގެންނާނަން. އެއީ ކުރިމަގުގައި މި ކަހަލަ ކާރިސާއެއް ތަކުރާރުވިޔަ ނުދިނުމަށް،" ޓްރަމްޕް ވިދާޅުވިއެވެ.

މޫސުން ލަފާކުރާ އިދާރާއިން ބުނީ މާދަމާ ވާރޭވެހި، ސްނޯ ފައިބާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ނަމަވެސް އަދި ޔަގީންކަމެއް ނެތް މިއިން ރަނގަޅު ނަތީޖާ ނިކުންނާނެ ކަމަކަށް. އެއް ގޮތަކުން ބަލައިފި ނަމަ، އަލިފާން ނިއްވުމުގެ މަސައްކަތަށް އެހީއަކަށް ވެދާނެ. ނަމަވެސް އަނެއްކޮޅުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާތަކެއް ކުރިމަތިވެދާނެ،" އޮފިޝަލަކު ބުންޏެވެ.

ޓްރަމްޕް ގޮލްފު ކުޅުއްވާ ދަނޑު އޮންނަނީ އަލިފާން ފެތުރެމުންދާ ޕެލިސޭޑްސް އަވަށާ 45 މޭލު ދެކުނުގައެވެ. ލޮސް އެންޖަލިސްއަށް ލިބެމުންދާ ގެއްލުން ފޫބައްދަން ބޭނުންވާނެ ކަމަށް ކުރީގެ ރައީސް ޖޯ ބައިޑެން އަންދާޒާކުރައްވައިފައިވަނީ 30 ބިލިއަން ޑޮލަރު (462 ބިލިއަން ރުފިޔާ)އެވެ. ޓްރަމްޕް ރިޔާސީ ހުވާކުރެއްވި ތަގުރީރުގައި ލޮސް އެންޖަލިސް އަލިފާނާ ބެހޭ ގޮތުން ކުޑަކޮށް ވާހަކަދެއްކެވިއެވެ. އަދި ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވެރިރަށް ވޮޝިންޓަން ޑީސީން ބޭރަށް ވަޑައިގަތް ފުރަތަމަ ފަހަރު ޒިޔާރަތް މި ކުރެއްވީ ލޮސް އެންޖަލިސްއަށެވެ.

އަލިފާން ކޮންޓްރޯލު ކުރުމަށް މެކްސިކޯއިން އަލިފާން ނިއްވާ މީހުން ފޮނުވައިފައިވާއިރު ކެނެޑާ އާއި ޔޫކްރެއިނުން ވެސް ވަނީ އަލިފާން ނިއްވާ މީހުން ފޮނުވައިދޭނެ ކަމަށް ބުނެފައެވެ. ރަޝިއާއިން ޔޫކްރެއިން ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ދުރު ރާސްތާގެ މިސައިލް ފޯރުކޮށްދީ، އެ ތަކެތިން ރަޝިޔާއަށް ހަމަލާދޭން ޔޫކްރެއިނަށް ހުއްދަ ދިނީ އެމެރިކާއިންނެވެ.

ކެލިފޯނިއާގެ 1،500 އެއްހާ ސިފައިންގެ އިތުރުން އެމެރިކާގެ އެހެން ސްޓޭޓްތައް ކަމަށްވާ ނިއު މެކްސިކޯ، ނެވާޑާ، ޔޫޓާ، އޮރެގަން، އެރިޒޯނާ އަދި ވޮޝިންޓަންގެ އަލިފާން ނިއްވާ މީހުން ވެސް ވަނީ ލޮސް އެންޖަލިސްއަށް އައިސްފައެވެ.

ލޮސް އެންޖަލިސް އަލިފާނުގައި ގެއްލުން ލިބުނު މީހުންނަށް އެހީވާން މަޝްހޫރު ފަންނާނުންގެ ކޮންސެޓެއް މި މަހު 30 ގައި ބާއްވަން ވަނީ ހަމަޖައްސައިފައެވެ. ކޮންސެޓުގައި ލަވަ ކިޔަން ހަމަޖައްސައިފައިވާ ފަރާތްތަކުގެ ތެރޭގައި ލޭޑީ ގާގާ، ސްޓިންގް، ކޭޓީ ޕެރީ، ސްޓީވީ ވޮންޑާ، ބިލީ އައިލިޝް، ޕިންކް އަދި ރޮޑް ސްޓުއާޓް ހިމެނެއެވެ. ޓިކެޓް މިހާރު ވިކެމުންދަނީއެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނީ ލޮސް އެންޖަލިސް ކައުންޓީގެ 23،600 ގެދޮރާއި ވިޔަފާރިތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ބިމުގެ ފެންފަށަލަ ވިހަވެ، އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ކުރިމަތިވަމުންދާ ކަމަށް ވެސް ބުންޏެވެ.

ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *