Support Us

ލޮސް އެންޖަލިސްގައި ފެތުރެމުންދާ އަލިފާން ނިއްވުމަށް އަލިފާން ނިއްވާ މީހަކު ހަރަކާތްތެރިވަނީ

ލޮސް އެންޖަލިސް އަލިފާން ނިއްވަން ޔޫކްރެއިނުން އެހީވަނީ

މިހާތަނަށް 27 މީހުން މަރުވެފައިވާ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީގައި ފެތުރެމުންދާ އަލިފާން ނިއްވުމަށް އެހީވާން ޔޫކްރެއިނުން ނިންމައިފިއެވެ.

މެކްސިކޯއިން އަލިފާން ނިއްވާ މީހުން އައިސްފައިވާއިރު ކެނެޑާގެ އަލިފާން ނިއްވާ މީހުން އަންނަން މިހާރު ވަނީ ތައްޔާރުވެފައެވެ.

ސަހަރުގެ ޕެލިސޭޑްސް އަވަށުގެ އަލިފާން 52 ޕަސެންޓުން 59 ޕަސެންޓަށް މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީ ވިދާޅުވީ ލޮސް އެންޖަލިސް އަލިފާން ނިއްވުމަށް ޔޫކްރެއިނުން އެހީވުމަށް ދާހިލީ ވަޒީރާއި ޑިޕްލޮމެޓުންނަށް އަންގަވައިފި ކަމަށެވެ.

"ލޮސް އެންޖަލިސްގެ ހާލަތު ވަރަށް ގޯސް. އެމެރިކާ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ޔޫކްރެއިން ރައްޔިތުންނަށް އެހީތެރިވެވިދާނެ. މިހާރު މި ގެންދަނީ މި ކަން ވިލަރެސް ކުރަމުން. އެއީ ކަމާ ބެހޭ އިދާރާތަކުން މެދުވެރިވެގެން. އެ ގޮތުން އަހަރެމެންގެ 150 އަލިފާން ނިއްވާ މީހުން އެމެރިކާއަށް ދާން މިހާރު ވަނީ ތައްޔާރީ ހާލަތަކަށް ގެނެވިފައި،" ޒެލެންސްކީ އެކްސްގައި ވިދާޅުވިއެވެ.

ކެލިފޯނިއާގެ 1،500 އެއްހާ ސިފައިން މިހާރު ވަނީ ލޮސް އެންޖަލިސްއަށް އެހީވުމަށް އެ ސަހަރަށް އައިސްފައެވެ. އެ ގޮތުން ތަންތަން ލޫޓުވުން ހުއްޓުވުމަށް ތަންފީޒު ކުރަމުން އަންނަ ކާފިއު އެ މީހުން ބަލަހައްޓަމުން އެބަދެއެވެ.

"ޔޫކްރެއިނުން މި ދެނީ އާދަޔާ ހިލާފު އެހީތެރިކަމެއް. ރައީސް ޒެލެންސްކީގެ އިސްނެންގެވުމާއި ލޮސް އެންޖަލިސްއަށް 150 ޔޫކްރެއިން އަލިފާން ނިއްވާ މީހުން ފޮނުއްވުމަށް ނިންމެވުމުން ދައްކައިދެނީ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުން ލިބޭ ބާރު. ޔޫކްރެއިނާއި ކެލިފޯނިއާ ސިފައިންގެ ޒަމާންވީ 30 އަހަރުގެ ގުޅުމާމެދު ފަހުރުވެރިވަން. އެކުއެކީގައި އަހަރެމެންގެ ބާރު ގަދަވާނެ،" ކެލިފޯނިއާ ސިފައިންގެ އިދާރާ އެކްސްގައި ބުންޏެވެ.

އެމެރިކާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ކެލިފޯނިއާގައި އަލުން ވައިގަދަވުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

"މި ކަމުގެ ސަބަބުން އަލިފާން މިހާރަށްވުރެ ވަރުގަދަވެފައި، އިތުރު އަވަށްތަކަށް އަލިފާން ފެތުރުން އެކަށީގެންވޭ،" އޮފިޝަލަކު ބުންޏެވެ.

ލޮސް އެންޖަލިސް އަލިފާން ނިއްވުމަށް އެހީވުމަށް އެމެރިކާގެ އެހެން ސްޓޭޓްތަކުން ވަނީ ކެލިފޯނިއާއަށް އަލިފާން ނިއްވާ މީހުން ފޮނުވައިފައެވެ. އޭގެ ތެރޭގައި ނިއު މެކްސިކޯ، ނެވާޑާ، ޔޫޓާ، އޮރެގަން، އެރިޒޯނާ އަދި ވޮޝިންޓްގެ އަލިފާން ނިއްވާ މީހުން ހިމެނެއެވެ.

ލޮސް އެންޖަލިސް އަލިފާނުގެ މައްސަލައިގައި މިހާތަނަށް ވަނީ ގާތްގަނޑަކަށް 130 މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހުޅުޖެހުމާއި ތަންތަން ލޫޓުވުމުގެ ތުހުމަތު ކުރެވޭ މީހުން ވެއެވެ.

"އަލިފާން ފެތުރެން ފެށީ ސްކަލް ރޮކް ކިޔާ ސަރަހައްދަކުން ކަމަށް ބެލެވެނީ. އެހެންވީމާ އެ ހިސާބުގައި ތަހުގީގެއް ފަށައިގެން އުޅެނީ،" އޮފިޝަލަކު ބުންޏެވެ.

މޫސުން ލަފާ ކުރާ އިދާރާއިން ބުނީ ހުޅުޖެހި ކަމަށް ބަޔަކާމެދު ޝައްކު ކުރެވުނަސް ލޮސް އެންޖަލިސްގެ ހަނަފަސްކަމާއި ވައިގަދަވުމުން ވެސް އަލިފާން ފެތުރުނީ ކަމަށް ޝައްކުކުރެވޭ ކަމަށެވެ. އެ ގޮތުން އަލިފާން ފެތުރެން ފެށި މި މަހު ހަތް ވަނަ ދުވަހު ވައި ޖެހެމުން ދިޔައީ ގަޑިއަކު 100 މޭލު ބާރުމިނުގައެވެ. ކެލިފޯނިއާގެ ކަރަންޓު ނަރުތަކާއި އަޅާނުލާ ބޮޑުވާން ދޫކޮށްލައިފައިވާ ގަސްތައް ވެސް އެއީ އަލިފާން ފެތުރެން ދިމާވި ސަބަބެއް ކަމަށް ބައެއް އޮފިޝަލުން ދެކެއެވެ.

އަލިފާނުގައި 40،000 އޭކަރުގެ ސަރަހައްދެއް ސުންނާފަތިވެފައިވާއިރު އެތައް ސްކޫލެއް ވެސް ވަނީ އަނދާއަޅިއަށްވެފައެވެ. ނަމަވެސް ކެލިފޯނިއާ ޔުނިވާސިޓީ އަލުން ހުޅުވާނެ ކަމަށް އޮފިޝަލުން ބުންޏެވެ.

އީޓަން އަވަށުގައި މިހާރު އަންނަނީ ކާފިއު ހިންގަމުންނެވެ. އެ ގޮތުން އިރުއޮއްސި 6.00 އިން ފަތިހު 6.00 އަށް މަގުމައްޗަށް ނިކުތުން ވަނީ މަނާކޮށްފައެވެ.

އަންނަ ހަފުތާގައި ވެސް ވައިގަދަވާނެ ކަމަށް މޫސުން ލަފާކޮށްފައިވާތީ އަލިފާން ނިއްވާ މީހުން އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތަށް އިތުރު ހިތްވަރެއް ލަމުންނެވެ.

އަލިފާން ނިއްވާ މީހުންގެ މުސާރަ ބޮޑުކުރަން ހަމަޖައްސައިފައިވާއިރު އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ ލޮސް އެންޖަލިސް އަލިފާން ނިއްވައިލުމުގެ ހުރިހާ މަސައްކަތަކަށް ހަރަދުވާ ހުރިހާ ހަރަދެއްގެ 100 ޕަސެންޓާ މައި ސަރުކާރުން ހަވާލުވާނެ ކަމަށެވެ. ސަރުކާރުން މިހާރު އަންދާޒާކޮށްފައިވަނީ ލޮސް އެންޖަލިސް އަލިފާނުގެ ގެއްލުން 30 ބިލިއަން ޑޮލަރު (462 ބިލިއަން ރުފިޔާ)އަށް އަރާނެ ކަމަށެވެ.

އަލިފާނުގައި ގެއްލުން ލިބުނު މީހުންނަށް އެހީވާން މަޝްހޫރު ފަންނާނުންގެ ކޮންސެޓެއް މި މަހު 30 ގައި ބާއްވަން ވަނީ ހަމަޖައްސައިފައެވެ. ކޮންސެޓުގައި ލަވަ ކިޔަން ހަމަޖައްސައިފައިވާ ފަރާތްތަކުގެ ތެރޭގައި ލޭޑީ ގާގާ، ސްޓިންގް، ކޭޓީ ޕެރީ، ސްޓީވީ ވޮންޑާ، ބިލީ އައިލިޝް، ޕިންކް އަދި ރޮޑް ސްޓުއާޓް ހިމެނެއެވެ. ޓިކެޓް ވިއްކަން ފަށާނީ މާދަމާއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތަށް އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވެފައިވަނީ ސަހަރުގެ 20 ޕަސެންޓް ހައިޑްރަންޓުން ފެން ހުސްވުމެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނީ ލޮސް އެންޖަލިސް ކައުންޓީގެ 23،600 ގެދޮރާއި ވިޔަފާރިތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ބިމުގެ ފެންފަށަލަ ވިހަވެ، އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ކުރިމަތިވަމުންދާ ކަމަށް ވެސް ބުންޏެވެ.

ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޓެރަރިސްޓު ނަތަންޔާހުގެ އަޅުންނަށް އަމާ ހަނދާން ކުރެވޭނީ ކިތަންމެ ގިނަ ބަޔަކު އަލިފާން ނިއްވަން ގެނަޔަސް ވާންހުރި ގޮތަކަށް ނިމިގެންދާނެ އިންސާﷲ ️️️️️

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *