އެމެރިކާގެ 47 ވަނަ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވެވަޑައިގެންފިއެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އެމެރިކާއަށް "ރަން ޒަމާނެއް" ގެންނަވާނެ ކަމަށެވެ.
"އެމެރިކާގެ ރަން ޒަމާން ފަށަނީ ހަމަ މި ވަގުތު،" އުމުރުން 78 އަހަރުގެ ޓްރަމްޕް އިއްޔެގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ދެއްވި ތަގުރީރުގައި ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާގެ މައިގަނޑު ސިޔާސަތަކަށް ވާނީ މުޅި ދުނިޔޭގައި އެމެރިކާއަކީ އިހުތިރާމް ލިބިގެންވާ ގައުމެއް ކަމަށް ހެދުން ކަމަށެވެ.
"އެމެރިކާގެ ނާޖާއިޒު ފައިދާ ނެގިޔަކަ ނުދޭނަން. އެމެރިކާއަކީ ފަހުރުވެރި، މުއްސަނދި އަދި މިނިވަން ގައުމަކަށް ހަދާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގިނަ އަހަރުތަކެއް ވަންދެން ރައްޔިތުންގެ ބާރާއި މުއްސަނދިކަން އަތުލަމުން ދިޔައީ ހައްދުފަހަނަޅާފައިވާ އަދި ކޮރަޕްޓްކޮށްލައިފައިވާ އެމެރިކާގެ ދައުލަތުން ކަމަށެވެ.
"ގައުމުގައި ކުދިކުދި މައްސަލަތައް ވެސް ސަރުކާރަށް ހައްލު ނުކޮށްދެވޭ. ދުނިޔޭގެ އެތައް މައްސަލަތަކެއްގެ ތެރެއަށް އަހަރެމެން ދަނީ ވެއްޓެމުން. އެމެރިކާގެ ގާނޫނަށް ތަބާވާ ރައްޔިތުންނަށް ރައްކާތެރިކަން ނުދެވޭ ހިނދު، މި ގައުމަށް ދުނިޔޭގެ ހުރިހާ ހިސާބަކުން ހިޖުރަކުރަމުންދާ ނުރައްކާތެރި ކުށްވެރިންނަށް ދަނީ ރައްކާތެރިކަން ދެމުން. އޭގެ ތެރޭގައި ގިނައީ ޖަލުތަކުންނާއި ސިކުނޑި ހަމަނުޖެހޭ ހޮސްޕިޓަލްތަކުން އަންނަ ބަލިމީހުން،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބޭރު ގައުމުތަކުގެ ބޯޑަރުތައް ރައްކާތެރިކުރަން ހައްދެއް ނެތް މިންވަރަށް ފައިސާ ހަރަދުކުރާއިރު އެމެރިކާގެ ބޯޑަރުތައް ސަރުކާރުން ރައްކާތެރި ނުކުރާ ކަމަށެވެ.
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސްގައި މިހާރު ފެތުރެމުންދާ އަލިފާން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ހޭދަ ނުކުރާ މިންވަރަށް ސިއްހީ ނިޒާމަށް ފައިސާ ހޭދަކުރާއިރު، ކާރިސާތަކުގައި އެހީ ފޯރުނުކުރެވޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"ތައުލީމީ ދާއިރާގައި ވެސް އަހަރެމެން ކުޑަކުދިންނަށް މި ކިޔަވައިދެނީ ގައުމު ދެކެ ނަފުރަތު ކުރަން. މިއަދުން ފެށިގެން މި ކަން ބަދަލުކޮށްލާނަން. މި ބަދަލު ވަރަށް އަވަހަށް ގެންނާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމެރިކާ ސަރުކާރުން ވަނީ ރައްޔިތުންނަށް ކެހި ދީފައި ކަމަށެވެ.
"އިތުބާރާއި މުއްސަނދިކަމާއި ޑިމޮކްރެސީ އަދި މިނިވަންކަން އަލުން އަނބުރާ ރައްޔިތުންނަށް ދިނުމަކީ އަޅުގަނޑަށް ރިޔާސީ އިންތިހާބު ކާމިޔާބުވުމުން ލިބުނު ޒިންމާ. އެމެރިކާ ދެން ނުވެއްޓޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.
މީގެ މަސްތަކެއް ކުރިން ޓްރަމްޕް އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާގައި ކަންފަތް ޒަހަމްވުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ އޭނާ ސަލާމަތް ކުރެއްވީ މާތްކަލާނގެ ކަމަށާއި އެއީ އެމެރިކާ އަލުން ވަރުގަދަ ކުރުމަށް ކަމަށެވެ.
"އުއްމީދާއި މުއްސަނދިކަމާއި ރައްކާތެރިކަމާއި އަމާންކަން ހުރިހާ ނަސްލަކާއި ދީނަކާއި ކުލައަކާއި ނަޒަރިއްޔާތުގެ ރައްޔިތުންނަށް ގެނެސްދޭނަން. އެމެރިކާގެ ރައްޔިތުންނަށް މިއަދު ކަމަށްވާ ޖަނަވަރީ 20 އަކީ މިނިވަން ދުވަސް،" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ އޭނާ ފުރަތަމަ ކަމަކަށް ކުރައްވާނީ އެމެރިކާއާ މެކްސިކޯ ގުޅޭ ދެކުނު ބޯޑަރުގައި ކުއްލި ހާލަތު އިއުލާން ކުރެއްވުން ކަމަށެވެ.
"އެމެރިކާއަށް ހިޖުރަކުރި މިލިއަނުން ގުނާލެވޭ ކުށްވެރިން އެ މީހުން އެ އައި ތަނަކަށް އަނބުރާ ފޮނުވައިލުމުގެ މަސައްކަތް ފަށާނަން. މެކްސިކޯއާ އެމެރިކާ ގުޅޭ ބޯޑަރަށް ސިފައިން ފޮނުވާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ގައުމުގެ މިނިވަންކަން ރައްކާތެރި ކުރުމަށްޓަކައި އެމެރިކާގައި ހަރަކާތްތެރިވާ ބޭރު ގައުމުތަކުގެ ގޭންގްތަކާއި ކުށްވެރިންގެ ވިއުގަތައް ނައްތައިލައިނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އިގުތިސާދީ ސިޔާސަތުގެ ތެރޭގައި ތަކެތީގެ އަގުބޮޑުވުން ނުވަތަ އިންފްލޭޝަންގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"މި މައްސަލައިގައި ގައުމީ ކުއްލި ހާލަތު އިއުލާން ކުރާނަން،" އޭނާ ވިދާޅުވިއެވެ.
ތިމާވެށި ހިމާޔަތް ކުރާ އިލެކްޓްރިކް ވެހިކަލްގެ ބަދަލުގައި ކޮންމެ މީހަކަށް އެ މީހަކު ބޭނުންވާ ވެހިކަލެއް ހޯދުމަށް މަގުފަހިކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ މަސައްކަތްތެރިންނާއި އާއިލާތައް ރައްކާތެރި ކުރުމަށް ބޭރު ގައުމުތަކުގެ މުދަލާއި ހިދުމަތްތަކުން ޓެކްސް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ސެންސަރު ކުރުމުގެ ސިޔާސަތު ދޫކޮށްލައި މިނިވަން ހިޔާލު ފާޅުކުރުން އަލުން ކަށަވަރު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"ގާނޫނާއި ގަވާއިދު އަލުން އަނބުރާ ތަންފީޒު ކުރާނަން،" އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ ޓްރާންސްޖެންޑާ ސިޔާސަތު ނައްތައިލައި މީގެ ފަހުން އެމެރިކާ ސަރުކާރުގެ ރަސްމީ ސިޔާސަތަކަށް ވާނީ ހަމައެކަނި ދެ ޖިންސެއް ބަލައިގަތުން ކަމަށާއި އެއީ ފިރިހެން އަދި އަންހެން ޖިންސު ކަމަށެވެ.
"ކޮވިޑް ވެކްސިން ޖެހުމާ ދެކޮޅު ހެދުމުން އަސްކަރިއްޔާއިން ވަކިކުރި ސިފައިންނަށް އަލުން އަނބުރާ ވަޒީފާ ދޭނަން. އެއިރުން އެ މީހުންނަށް ކަނޑައަޅައިފައިވާ ހަމައެކަނި އަމާޒުފަތްގަނޑަށް ސަމާލުކަން ދެވޭނީ. އެއީ ދުޝްމިނުންގެ ކިބައިން އެމެރިކާ ރައްކާތެރިކުރުން،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 2017 ވަނަ އަހަރު ފަދައިން ދުނިޔެ ދުށް އެންމެ ވަރުގަދަ އަސްކަރިއްޔާ އެމެރިކާއިން އަލުން ތަރައްގީކުރާނެ ކަމަށެވެ. ކާމިޔާބު މިނާނީ ހަމައެކަނި މޮޅުވާ ހަނގުރާމަތަކުގެ އަދަދުން ނޫން ކަމަށާއި ހުއްޓުވާލާ ހަނގުރާމަތަކުގެ އިތުރުން ނުވަންނާނެ ހަނގުރާމަތަކުން ކަމަށެވެ.
"އަޅުގަނޑުގެ އެންމެ ޝަރަފުވެރި ތަރިކައަކަށް ވާނީ ސުލްހަ ގާއިމުކުރާ އަދި އެއްބައިވަންތަކަން ގާއިމުކުރާ މީހެއް ކަމުގައިވުން،" ޓްރަމްޕް ވިދާޅުވިއެވެ.
މި ކަން ރަމްޒުކޮށްދެނީ، ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ އެއް ދުވަސްކުރިން، މެދުއިރުމަތީގެ ރަހީނުން އެ މީހުންގެ އާއިލާތަކާ އަލުން ގުޅިފައިވުން ކަމަށް، ހަމާސް އާއި އިސްރާއީލުގެ ސުލްހައަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވިއެވެ.
"އެންމެ ވަރުގަދަ، އެންމެ ބާރުގަދަ، ދުނިޔޭގައި އެންމެ އިހުތިރާމް ލިބިގެންވާ ގައުމަށް އެމެރިކާ އަލުން ހަދާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ ދެކުނުގައި އޮންނަ "ގަލްފް އޮފް މެކްސިކޯ" ކަނޑަށް ދެން ކިޔާނީ "ގަލްފް އޮފް އެމެރިކާ" ކަމަށެވެ. އަދި ޕެނަމާއިން ހިންގާ ޕެނަމާ ކެނަލް އަތުލައްވާނެ ކަމަށެވެ.
"އެމެރިކާގެ ދިދަ މާސް ޕްލެނެޓްގައި ޖަހާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
"އެމެރިކާ ރައްޔިތުން ވަނީ ސަހަރާތައް ހުރަސްކޮށް، ފަރުބަދަތަކަށް އަރައި، ބުނަން ނޭނގޭ ނުރައްކާތަކާ ކުރިމަތިލައި، ގާނޫނެއް ނެތް އެމެރިކާގެ ހުޅަނގު ހަމައަކަށް އަޅުވައި، އަޅުވެތިކަމަށް ނިމުމެއް ގެނެސް، ހުދުމުހުތާރު ވެރިކަމުން އެތައް މިލިއަން މީހުން ސަލާމަތްކޮށް، ފަގީރުކަމުން އެތައް ބިލިއަން މީހުން ސަލާމަތްކޮށް، ކަރަންޓު އުފައްދައި، ޒައްރު ފަޅައި، ޖައްވަށް އިންސާނުން ފޮނުވައި އަދި އިލްމް އިންސާނުންގެ އަތު ތެރެއަށް ގެނެސްފައި،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކުގައި މަސައްކަތް ކުރުމުން ހާސިލު ނުވާނޭ ކަމެއް ނޯންނާނެ ކަމަށާއި ހަގީގަތަކަށް ނުވާނޭ ހުވަފެނެއް ވެސް ނޯންނާނެ ކަމަށެވެ. އެ ގޮތުން ތާރީހީ ސިޔާސީ އެނބުރިއައުމަކުން އޭނާ އެނބުރިއައުމަކީ މި ކަމުގެ ހެއްކެއް ކަމަށެވެ.
"އަހަރެމެންގެ ބާރުން ހުރިހާ ހަނގުރާމައެއް ހުއްޓުވާނަން. ދުނިޔެއަށް އާ އެކުވެރިކަމުގެ ރޫހެއް ގެންނާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދުން ފެށިގެން އެމެރިކާ ވާނީ މިނިވަން މުސްތަގިއްލު ގައުމަކަށް ކަމަށެވެ. ކެރުންތެރިކަމާއި ފަހުރާއެކު ދިރިއުޅޭނެ ކަމަށެވެ. ޖެހިލުމެއް ނެތި ހުވަފެން ދެކޭނެ ކަމަށެވެ.
"އެއްވެސް ހުރަހެއް އަހަރެމެންނަކަށް ނޭޅޭނެ. ސަބަބަކީ އަހަރެމެންނަކީ އެމެރިކާ ރައްޔިތުން. ކުރިމަގަކީ އަހަރެމެންގެ އެއްޗެއް. އަހަރެމެންގެ ރަން ޒަމާން މި ފެށުނީ،" ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ތަގުރީރު ނިންމަވައިލައްވަމުން ޓްރަމްޕް ވިދާޅުވިއެވެ.



advertisment