Support Us

ޓިކްޓޮކްގައިވާ އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓް

ޓިކްޓޮކް ސަލާމަތްކުރާނަން: ޓްރަމްޕް

މި ހަފުތާގައި އެމެރިކާގައި މަނާކުރި ޓިކްޓޮކް އަލުން ހުއްދަ ކުރައްވާނެކަމަށް މާދަމާ އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"އަޅުގަނޑު ބޭނުންވަނީ ޓިކްޓޮކް ހިންގާ ޗައިނާގެ ކުންފުނި ކަމަށްވާ ބައިޓްޑާންސްގެ އެމެރިކާ ގޮފީގެ 50 ޕަސެންޓް ހިއްސާ އެމެރިކާ ރައްޔިތުންގެ އަތުގައި އޮތުން،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ހިމެނުނު ކެބިނެޓް މެންބަރެއް ކަމަށްވާ ފްރޭންކް މެކްކޯޓު ބުނީ ޓްރަމްޕާ ގުޅިގެން އެމެރިކާގައި ޓިކްޓޮކްގެ ހިދުމަތް ދޭން ޝައުގުވެރިވާ ކަމަށް ބައިޓްޑާންސަށް ހުށަހެޅުމެއް ހުށަހަޅައިފައިވާ ކަމަށެވެ. އެ ގޮތުން ޓިކްޓޮކްގެ ވިޔަފާރި 50 ބިލިއަން ޑޮލަރު (770 ބިލިއަން ރުފިޔާ)އަށް އަރާނެ ކަމަށް އޭނާ ލަފާކުރިއެވެ.

ޓިކްޓޮކްގެ އެމެރިކާ ގޮފީގައި 7،000 މުވައްޒަފުން މަސައްކަތް ކުރާއިރު އެމެރިކާގެ ޕާޕްލެކްސިޓީ އޭ.އައި.އިން ވެސް ބުނީ ޓިކްޓޮކާ ގުޅިފައިވާ އެމެރިކާ ކުންފުންޏެއް ހަދަން ޝައުގުވެރިވާ ކަމަށެވެ.

ޓިކްޓޮކްގައި އެމެރިކާގެ 170 މިލިއަން ރައްޔިތުން އުޅޭއިރު ޓްރަމްޕް ވިދާޅުވީ ޓިކްޓޮކްގެ ސަބަބުން އޭނާއަށް ރިޔާސީ އިންތިހާބުގައި ވޯޓު ދިން ޒުވާނުންނަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

ޓިކްޓޮކްގައި ހުޅުވައިފައިވާ އެމެރިކާގެ ހަތް މިލިއަން ކުދި ވިޔަފާރިތަކަށް ހަމަޖެހުމެއް ގެނެސްދެއްވަން ވެސް ޓްރަމްޕް ބޭނުންވެ ވަޑައިގަންނަވައެވެ.

"މާދަމާ ވެރިކަމަށް އައުމަށް ފަހު އަޅުގަނޑު ޓިކްޓޮކް އަލުން ހުއްދަ ކުރާނަން،" ޓްރަމްޕް ވިދާޅުވިއެވެ.

"ތެދުތެދަށް ބުނާ ނަމަ، އަޅުގަނޑުމެންނަށް އެ ނޫން ގޮތެއް ނެތް. ޓިކްޓޮކް ސަލާމަތްކުރަން ޖެހޭ،" މާދަމާ ރިޔާސީ ހުވާ ކުރެއްވުމުގެ ކުރިން ޓްރަމްޕް އިއްޔެ ބޭއްވެވި އެއްވުމެއްގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޓިކްޓޮކް އަލުން ހުއްދަ ކުރުމަށް ބައިޓްޑާންސާ އެމެރިކާގެ ކުންފުންޏެއް ގުޅިގެން ގުޅިފައިވާ ކުންފުންޏެއް ނުވަތަ ޖޮއިންޓް ވެންޗާއެއް ގާއިމު ކުރުމުގައި ހުރި ފުރުސަތުތައް ބައްލަވަމުން އަންނަ ކަމަށެވެ.

މި އެއްވުން ބޭއްވުމުގެ ކުޑަ ވަގުތުކޮޅެއްގެ ކުރިން ޓިކްޓޮކުން ހާމަކުރި މެސެޖެއްގައި ބުނީ "ރައީސް ޓްރަމްޕްގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޓިކްޓޮކް އަލުން އެމެރިކާއަށް އަތުވެއްޖެ" ކަމަށެވެ.

ބައިޓްޑާންސުން ހިންގާ އެޕްތަކުގެ ތެރޭގައި ވީޑިއޯ އެޑިޓުކުރާ ކެޕްކަޓް އާއި ލައިފްސްޓައިލް އެޕް ލެމަން8 ހިމެނެއެވެ.

ޓިކްޓޮކް ފިޔަވާ އެމެރިކާގައި މިހާތަނަށް ސޯޝަލް މީޑިއާއެއް މަނާކޮށްފައެއް ނުވެއެވެ.

މާދަމާ އޮންނަ ޓްރަމްޕްގެ ރިޔާސީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ޓިކްޓޮކްގެ ވެރިޔާ، ޗައިނާގެ ޝޫ ޒީ ޗޫ ބައިވެރިވުމަށް ހަމަޖައްސައިފައިވެއެވެ.

ޓިކްޓޮކް އެމެރިކާގައި މަނާކުރީ ޗައިނާ ސަރުކާރުން މަޖުބޫރުކޮށްގެން ޓިކްޓޮކްގައި އުޅޭ އެމެރިކާ ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ޗައިނާ ސަރުކާރުން ހޯދަފާނެތީ ކަމަށް ތުހުމަތުކޮށްފައެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ހުންނަ ޗައިނާގެ އެމްބަސީން ހުކުރު ދުވަހު ބުނީ އެމެރިކާގައި ޓިކްޓޮކް މަނާކުރީ އެއްވެސް ހަމައެއް ނެތި، ދައުލަތުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *