Support Us

ލޮސް އެންޖަލިސްގައި ފެތުރެމުންދާ އަލިފާން ނިއްވުމަށްޓަކައި އަލިފާން ނިއްވާ މީހަކާއި ހެލިކޮޕްޓަރެއް ހަރަކާތްތެރިވަނީ

ލޮސް އެންޖަލިސް އަލިފާނުގެ މައްސަލައިގައި އިތުރު ހައްޔަރުތަކެއް

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީގައި ފެތުރެމުންދާ އަލިފާނުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 100 މީހުންގެ އިތުރުން އިތުރު ތިރީހަކަށް މީހުން ހައްޔަރުކޮށްފިއެވެ.

މިހާތަނަށް ކޮންޓްރޯލް ނުކުރެވިފައިވާ އަލިފާނުގައި 27 މީހުން މަރުވެފައިވާ ކަމަށް މިހާރު ރެކޯޑުތައް ދައްކާއިރު 130 ވަރަކަށް މީހުން ހައްޔަރުކުރީ އެކި ސަބަބުތަކާ ހުރެއެވެ. އޭގެ ތެރޭގައި ހުޅުޖެހުމާއި އިމާރާތްތައް ލޫޓުވުމާއި އަލިފާން ނިއްވާ މީހުން ކަމަށް ހެދިގެން އުޅުން ހިމެނެއެވެ.

"އަލިފާން ފެތުރެން ފެށީ ސްކަލް ރޮކް ކިޔާ ސަރަހައްދަކުން ކަމަށް ބެލެވެނީ. އެހެންވީމާ އެ ހިސާބުގައި ތަހުގީގެއް ފަށައިގެން އުޅެނީ،" އޮފިޝަލަކު ބުންޏެވެ.

އޭނާ ބުނީ ހައްޔަރު ކުރި މީހުންނާ ދެކޮޅަށް ހުޅުޖެހުމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.

މޫސުން ލަފާ ކުރާ އިދާރާއިން ބުނީ ހުޅުޖެހި ކަމަށް ބަޔަކާމެދު ޝައްކު ކުރެވުނަސް ލޮސް އެންޖަލިސްގެ ހަނަފަސްކަމާއި ވައިގަދަވުމުން ވެސް އަލިފާން ފެތުރުނީ ކަމަށް ޝައްކުކުރެވޭ ކަމަށެވެ. އެ ގޮތުން އަލިފާން ފެތުރެން ފެށި ދުވަހު ވައި ޖެހެމުން ދިޔައީ ގަޑިއަކު 100 މޭލު ބާރުމިނުގައެވެ.

ޕެލިސޭޑްސް އަވަށުގައި އަލިފާން ކޮންޓްރޯލް ކުރެވުނު މިންވަރު މިހާރު ވަނީ 52 ޕަސެންޓަށް އިތުރުވެފައެވެ. ނަމަވެސް މިއަދުގެ މޫސުން ލަފާކުރާ ގޮތުގައި ވައި ގަދަވެ، ގަޑިއަކު 60 މޭލު ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި އަންނަ ހަފުތާގައި ވެސް ވައިގަދަވާނެ ކަމަށް މޫސުން ލަފާކޮށްފައިވެއެވެ.

ނުރައްކާ އޮތް ނަމަވެސް ގެދޮރު ދޫކޮށް ދިޔަ ބައެއް އާއިލާތައް މިހާރު އެނބުރި އަންނަން ފަށައިފި ކަމަށް އޮފިޝަލުން ބުންޏެވެ.

މި މަހު ހަތެއްގައި ފެތުރެން ފެށި އަލިފާނުގައި 40،000 އޭކަރުގެ ސަރަހައްދެއް ސުންނާފަތިވެފައިވާއިރު އެތައް ސްކޫލެއް ވެސް ވަނީ އަނދާއަޅިއަށްވެފައެވެ. ނަމަވެސް ކެލިފޯނިއާ ޔުނިވާސިޓީ އަލުން ހުޅުވާނެ ކަމަށް އޮފިޝަލުން ބުންޏެވެ.

އީޓަން އަވަށުގައި މިހާރު އަންނަނީ ކާފިއު ހިންގަމުންނެވެ. އެ ގޮތުން އިރުއޮއްސި 6.00 އިން ފަތިހު 6.00 އަށް މަގުމައްޗަށް ނިކުތުން ވަނީ މަނާކޮށްފައެވެ.

ކެލިފޯނިއާގެ ކަރަންޓު ނަރުތަކާއި އަޅާނުލާ ބޮޑުވާން ދޫކޮށްލައިފައިވާ ގަސްތައް ވެސް އެއީ އަލިފާން ފެތުރެން ދިމާވި ސަބަބެއް ކަމަށް ބައެއް އޮފިޝަލުން ދެކެއެވެ.

އަންނަ ހަފުތާގައި ވެސް ވައިގަދަވާނެ ކަމަށް މޫސުން ލަފާކޮށްފައިވާތީ އަލިފާން ނިއްވާ މީހުން އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތަށް އިތުރު ހިތްވަރެއް ލަމުންނެވެ.

އަލިފާން ނިއްވާ މީހުންގެ މުސާރަ ބޮޑުކުރަން ހަމަޖައްސައިފައިވާއިރު އެމެރިކާގެ ރައީސްކަމުގެ ދައުރު މިއަދު ހަމަވާ ރައީސް ޖޯ ބައިޑެން ވިދާޅުވީ ލޮސް އެންޖަލިސް އަލިފާން ނިއްވައިލުމުގެ ހުރިހާ މަސައްކަތަކަށް ހަރަދުވާ ހުރިހާ ހަރަދެއްގެ 100 ޕަސެންޓާ މައި ސަރުކާރުން ހަވާލުވާނެ ކަމަށެވެ. ސަރުކާރުން މިހާރު ލަފާކޮށްފައިވަނީ ލޮސް އެންޖަލިސް އަލިފާނުގެ ގެއްލުން 30 ބިލިއަން ޑޮލަރު (462 ބިލިއަން ރުފިޔާ)އަށް އަރާނެ ކަމަށެވެ.

އަލިފާނުގައި ގެއްލުން ލިބުނު މީހުންނަށް އެހީވާން މަޝްހޫރު ފަންނާނުންގެ ކޮންސެޓެއް މި މަހު 30 ގައި ބާއްވަން ވަނީ ހަމަޖައްސައިފައެވެ. ކޮންސެޓުގައި ލަވަ ކިޔަން ހަމަޖައްސައިފައިވާ ފަރާތްތަކުގެ ތެރޭގައި ލޭޑީ ގާގާ، ސްޓިންގް، ކޭޓީ ޕެރީ، ސްޓީވީ ވޮންޑާ، ބިލީ އައިލިޝް، ޕިންކް އަދި ރޮޑް ސްޓުއާޓް ހިމެނެއެވެ. ޓިކެޓް ވިއްކަން ފަށާނީ މާދަމާ ނޫން އަނެއް ދުވަހުއެވެ.

އަލިފާން ނިއްވުމަށް އެހީވުމަށް ކެނެޑާ އާއި މެކްސިކޯއިން އަލިފާން ނިއްވާ މީހުން ފޮނުވައިފައިވާއިރު އަލިފާން ނިއްވުމުގެ މަސައްކަތަށް އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވެފައިވަނީ ސަހަރުގެ 20 ޕަސެންޓް ހައިޑްރަންޓުން ފެން ހުސްވުމެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނީ ލޮސް އެންޖަލިސް ކައުންޓީގެ 23،600 ގެދޮރާއި ވިޔަފާރިތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ބިމުގެ ފެންފަށަލަ ވިހަވެ، އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ކުރިމަތިވަމުންދާ ކަމަށް ވެސް ބުންޏެވެ.

ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *