އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީގައި މިހާރު ފެތުރެމުންދާ އަލިފާނުގައި މަރުވި މީހުންގެ އަދަދު 27 އަށް އަރައިފިއެވެ.
"އެންމެ ފަހުން މަރުވި ކަމަށް ރެކޯޑު ކުރެވުނީ އުމުރުން 69 އަހަރުގެ ފިރިހެނެއް،" އޮފިޝަލަކު ބުންޏެވެ.
މި މީހާ ކުރިން ވަނީ ގެއްލިގެން ރިޕޯޓް ކޮށްފައި ކަމަށް އޭނާ ބުންޏެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ އަންނަ ހަފުތާގައި އަލުން ވައިގަދަވާނެ ކަމަށާއި މި ކަމުގެ ސަބަބުން ލޮސް އެންޖަލިސް އަލިފާނުގެ އިތުރު ބުރަކަށް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
"ބިމުގެ ފެން ފަށަލަ ވިހަވުމާއި އަދި ބިންގަނޑު ކަނޑައިގެންދިއުމުގެ ބިރު ވެސް އެބައޮތް،" އޮފިޝަލަކު ބުންޏެވެ.
ރަސްމީ އިދާރާތަކުން ބުނީ ހަ މިލިއަން މީހުންގެ ފުރާނައަށް ނުރައްކާވެފައިވާއިރު 170،000 މީހުން ގެދޮރު ދޫކޮށް ރައްކާތެރި ތަންތަނަށް ދިއުމަށް އަންގައިފައިވާ ކަމަށެވެ.
"ބައެއް މީހުން އެނބުރި ގެދޮރަށް އަންނަން ބޭނުންވޭ. ނަމަވެސް އެ ކަމަށް އެތައް މަހެއް ނަގާނެ. ސަބަބަކީ ނުރައްކާތެރި މާއްދާ އާއި ތަކެތި އެ ސަރަހައްދުތަކުން އަދިވެސް ނައްތައިލަމުން އަންނާތީ،" އޮފިޝަލަކު ބުންޏެވެ.
ލޮސް އެންޖަލިސްގައި އަލިފާން ފެތުރުނީ އިންސާނުންގެ އިހުމާލުން ކުރިމަތިވެފައިވާ މޫސުމީ ބަދަލުން ކަމަށް ބައެއް ސައިންސްވެރިން ބުނިއިރު އަލިފާން ނިއްވާ މީހުން ބުނަނީ މި ކަމުގެ ހަގީގަތް އަދި ނޭނގޭ ކަމަށެވެ.
"އަލިފާން ފެށެން ކުރިމަތިވި ސަބަބު ހޯދުމަށް ކުރަމުން އަންނަ ތަހުގީގު ނިމުމުގެ ކުރިން މި ކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނެވޭކަށް ނެތް،" އޮފިޝަލަކު ބުންޏެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކެލިފޯނިއާ މެންބަރު އެލެކްސް ޕެޑިލާ ވިދާޅުވީ އަލިފާން ނިއްވާ މީހުންގެ މުސާރަ ބޮޑުކުރަން ހަމަޖައްސައިފައިވާ ކަމަށެވެ. އަދި ކާރިސާތަކުގައި ގެދޮރު ގެއްލޭ މީހުންގެ ގެދޮރު އަލުން ބިނާ ކުރުމަށް ބަޖެޓެއް އެކުލަވާލައްވާނެ ކަމަށެވެ.
ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވިދާޅުވީ ލޮސް އެންޖަލިސް އަލުން އާރާސްތުކުރުމަށް އެތައް ބިލިއަން ޑޮލަރުގެ މަޝްރޫއެއް އެކުލަވައިލައްވަމުން އަންނަ ކަމަށެވެ.
ގާތްގަނޑަށް 23،000 އޭކަރުގެ ބިމެއް އަނދާފައިވާއިރު 40،000 އޭކަރުގެ ބިން އަލިފާން ނިއްވާ މީހުން ވަނީ ސަލާމަތްކޮށްފައެވެ. އެ ގޮތުން ޕެލިސޭޑްސް އަވަށުގެ އަލިފާނުގެ 27 ޕަސެންޓް ކޮންޓްރޯލް ކުރެވިފައިވާއިރު އީޓަން އަވަށުން 55 ޕަސެންޓްގެ އަލިފާން ވަނީ ކޮންޓްރޯލް ކޮށްފައެވެ. އަލިފާން ނިއްވާ މީހުންނަށް އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވެފައިވަނީ ސަހަރުގެ 20 ޕަސެންޓް ހައިޑްރަންޓުން ފެން ހުސްވުމެވެ.
"އަންނަ ހަފުތާގައި ވެސް އަލިފާނުގެ ނުރައްކާ ބޮޑުވާނެ ވަރަށް މޫސުން ގޯސްވާނެ،" ގައުމީ މޫސުމާ ބެހޭ އިދާރާ ކަމަށްވާ ނެޝަނަލް ވެދާ ސާވިސްއިން ބުންޏެވެ.
ކަމާ ބެހޭ ފަރާތްތަކުން މިއަދު ބުނީ ލޮސް އެންޖަލިސް ކައުންޓީގެ 23،600 ގެދޮރާއި ވިޔަފާރިތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
ނަމަވެސް ކެލިފޯނިއާގެ ޔުނިވާސިޓީން ބުނީ އޮންލައިންކޮށް މި ދިޔަ ދެ ހަފުތާގައި ކިޔަވައިދިނުމަށް ފަހު އަންނަ ހަފުތާގައި އަލުން ޔުނިވާސިޓީއަށް ދަރިވަރުން އައިސްގެން ކިޔެވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.
ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60،000،000،000،000ރ. ނުވަތަ 60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.



advertisment