Support Us

ޣައްޒާ ހަނގުރާމަ ހުއްޓައިލަން އެއްބަސްވެފައި އިސްރާއީލުން ރޭ ދިން ހަމަލާތަކެއްގައި ޒަހަމްވި ކުޑަކުއްޖަކު ފަރުވާކުރުމަށް ގެންދަނީ

ސުލްހައަށް އެއްބަސްވެފައި އިސްރާއީލުން ދިން ހަމަލާތަކެއްގައި 82 މަރު

ޣައްޒާ ހަނގުރާމަ ހުއްޓައިލަން އިސްރާއީލާއި ހަމާސްއިން ރޭ އެއްބަސްވުމަށް ފަހު ހަމަ ރޭ އިސްރާއީލުން ދިން ހަމަލާތަކެއްގައި ޣައްޒާގެ މަދުވެގެން 82 މީހުން ޝަހީދުވެއްޖެއެވެ.

އެމެރިކާ، ގަތަރު އަދި މިސްރު މެދުވެރިވެގެން ގާއިމު ކުރި ސުލްހައިގެ މުއާހަދާއަށް ހަމާސް އާއި އިސްރާއީލުން އެއްބަސްވުމާ ގުޅިގެން މަދު ވަގުތުކޮޅަކަށް ނަމަވެސް ޣައްޒާގެ ރަށްވެހިން މަގު މައްޗަށް ނުކުމެ ރޭ ވަނީ އުފާ ފާޅުކޮށްފައެވެ. ނަމަވެސް މިހާރު އެންމެން ވަނީ އެ ކަން ހުއްޓައިލައި ގެދޮރާއި ވަގުތީ ހިޔާތަކަށް ގޮސްފައެވެ.

އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ފުރިހަމަ އަދަދު އަދި ނޭނގޭ ކަމަށާއި މި އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ބުންޏެވެ.

"މި ތަނަކީ ކުރިން ވޭނާއި ހިތާމައިން ފުރިފައިވާ ޖަނާޒާތައް ބާއްވާ ތަނެއް. މަދު ގަޑިއިރުތަކަކަށް ނަމަވެސް މި ތަން ރޭ ބަދަލުކޮށްލައިފައިވަނީ އުފާ ފާޅުކުރާ ތަނަކަށް. މިއީ ކުރިން ނުފެންނަ މަންޒަރެއް،" އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހްމޫދު ޣައްޒާގައި ހުރެގެން ބުންޏެވެ.

ސުލްހައިގެ އެއްބަސްވުން ތަންފީޒުކުރަން ފަށަން ހަމަޖައްސައިފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އެއީ ސީދާ ކޮން ވަގުތަކުން ފެށިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

"އިސްރާއީލުން އަޅަމުންދާ ބޮންތަކުގެ ކުރިން މާ ނުރައްކާތެރި ކަންތައްތަކަކާ ކުރިމަތިލާން ޖެހިދާނެތީ ޣައްޒާގެ ރަށްވެހީން ބިރުގަނޭ،" މަހްމޫދު ރިޕޯޓްކުރިއެވެ.

އޭނާ ބުނީ ޑްރޯން އާއި ހެވީ އާޓިލަރީ ބޭނުންކުރުން އިތުރުވާނެ ކަމަށް ބަލާފައި އުފާ ފާޅުކުރުން ދެ ގަޑިއެއްހާއިރަށް ކުރިއަށް ގެންގޮސްފައި ހުއްޓައިލީ ކަމަށެވެ.

"ހަނގުރާމަ ހުއްޓައިލިކަން ގަތަރުން ފުރަތަމަ އިއުލާން ކުރުމާ ގުޅިގެން މީހުންނަށް އިހުސާސް ކުރެވުނު އުފާވެރިކަމުގެ ހުޅުކޮޅު އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ވަނީ ނިވިފައި،" އަލްޖަޒީރާގެ އަނަސް އަލް-ޝަރީފު ބުންޏެވެ.

"ސުލްހަ އިއުލާން ކުރުމާއެކުހެން އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ވަނީ ހޮސްޕިޓަލްތަކާއި ވަގުތީ ހިޔާތަކާއި ގެދޮރަށް ސީދާ ހަމަލާތައް ދީފައި،" އަނަސް ބުންޏެވެ.

އިސްރާއީލާއި ހަމާސްއިން ވެސް ވަނީ ސުލްހައިގެ އެއްބަސްވުން ގަބޫލުކޮށްފައިކަން އާއްމުކޮށް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ޔަހޫދީ ރަހީނުން ހަމާސް ދޫކޮށްލުމުން ފަލަސްތީނުގެ ގައިދީން އިސްރާއީލުން މިނިވަން ކުރުމުގެ އެއްބަސްވުމެއް ވެސް ހިމެނެއެވެ. ނަމަވެސް ސުލްހައިގެ މުއާހަދާގައި ހިމަނަން ޖެހޭ ބައެއް ތަފުސީލުތައް އަދިވެސް ހުރިކަމަށް އިސްރާއީލުން ބުންޏެވެ.

ސުލްހަ ގާއިމުކުރާ ތިން މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާގައި ދޫކޮށްލާ ޔަހޫދީ ރަހީނުންގެ ބަދަލުގައި އިސްރާއީލުން ދޫކޮށްލަން ޖެހޭނީ ފަލަސްތީނުގެ ކޮން ގައިދީންނެއްތޯއާމެދު ވަނީ ދެބަސްވުން އުފެދިފައެވެ. މި މަހުގެ އެއްވަނަ ދުވަހާ ހަމައަށް އިސްރާއީލުގެ ޖަލުތަކުގައި މަދުވެގެން 10،221 ފަލަސްތީނުގެ ގައިދީން އެބަތިއްބެވެ. އެއީ ޣައްޒާއިން ހައްޔަރުކުރި ފަލަސްތީނު މީހުން ނުލައެވެ.

ހަމާސްއިން ބުނީ ހަނގުރާމަ ހުއްޓާލާ އެއްބަސްވުމުގައި އެ ޖަމާއަތުން އެދޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ކަމަށެވެ. އޭގެ ތެރޭގައި ޣައްޒާއިން އިސްރާއީލުގެ ހުރިހާ ސިފައިން ބޭލުމާއި ގެދޮރު ގެއްލުނު ރައްޔިތުން އެނބުރި އައުމަށް މަގުފަހިކުރުމާއި ހަނގުރާމަ އެއްކޮށް ހުއްޓައިލުން ހިމެނެއެވެ.

ފަލަސްތީނުގެ 46،000 ރައްޔިތުން ޝަހީދުވެފައިވާ ހަނގުރާމަ ހުއްޓައިލައި، ޣައްޒާ މިނިވަންކޮށް، އަދި އާރާސްތުކުރަން ހަމަޖައްސައިފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ.

ފުރަތަމަ މަރުހަލާގައި ރަހީނުންނާއި ގައިދީން ވަކި އަދަދަކަށް ދެ ފަރާތުން މިނިވަންކުރާނެއެވެ. އަދި ޣައްޒާއިން ވަކި އަދަދަކަށް އިސްރާއީލު ސިފައިން ބާލާއިރު، ޣައްޒާއަށް ގިނަ އަދަދަކަށް އެހީ ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ދުވާލަކު 600 ލޮރީގެ އެހީ ޣައްޒާއަށް ވެއްދުމަށް ހަމަޖައްސައިފައިވެއެވެ.

ޣައްޒާ ހަނގުރާމަ ފެށުމުގެ ސަބަބަކަށްވި، 1،200 ޔަހޫދީން މަރައިލި އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި ރަހީނު ކުރި 251 ޔަހޫދީންގެ ތެރެއިން 33 މީހުން ދޫކޮށްލާނެއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން 50 އަހަރުން މަތީގެ އާއްމުން ހިމެނެއެވެ. މީގެ ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ 2،000 ގައިދީން ދޫކޮށްލާނެއެވެ. އޭގެ ތެރޭގައި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ހިމެނެއެވެ. މީގެ އިތުރުން 2023 ގެ އޮކްޓޫބަރު ހަތެއްގެ ފަހުން އިސްރާއީލުން ހައްޔަރުކުރި 1،000 އެއްހާ ފަލަސްތީނު ރައްޔިތުން ދޫކޮށްލާނެއެވެ.

އިސްރާއީލު ސިފައިން ޣައްޒާގެ ބޯޑަރުން 700 މީޓަރަށްވުރެ އެތެރޭގައި ނުތިބުމަށް ހަމަޖެހިފައިވެއެވެ.

ޒަހަމްވެފައިވާ ފަލަސްތީނު ރައްޔިތުން އެހެން ގައުމުތަކުން ފަރުވާ ހޯދުމަށް ޣައްޒާއިން ބޭރަށް ދަތުރުކުރަން ހުއްދަ ދޭނެއެވެ. އަދި ޣައްޒާ އާއި މިސްރު ގުޅޭ ރަފަހް ބޯޑަރު ހުޅުވާލާނީ މުއާހަދާގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފަށާތާ ހަތް ދުވަސް ފަހުންނެވެ. ފަހުގެ މަރުހަލާތަކުގައި މިސްރާއި ޣައްޒާ ގުޅޭ ބޯޑަރުން އިސްރާއީލު ސިފައިން އެއްކޮށް ބާލަން ހަމަޖައްސައިފައިވެއެވެ.

ސުލްހައިގެ ދެވަނަ އަދި ތިންވަނަ މަރުހަލާއަށް އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ނަމަވެސް، ތަފުސީލުތަކަށް އެއްބަސްވާން ހަމަޖައްސައިފައިވަނީ ފުރަތަމަ މަރުހަލާ ތެރޭގައެވެ. ހަ ހަފުތާ ވުމުގެ ކުރިން ދެވަނަ އަދި ތިން ވަނަ މަރުހަލާގެ ސުލްހައިގެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ޔަގީންކަން އެމެރިކާ އާއި ގަތަރާއި އަދި މިސްރުން ވަނީ ހަމާސްއަށް ދީފައެވެ.

ދެވަނަ މަރުހަލާގައި ހަމާސްއިން ރަހީނުކޮށްފައިވާ ހުރިހާ ޔަހޫދީން ދޫކޮށްލުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އިސްރާއީލުގެ ސިފައިންނެވެ. މީގެ ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ އިތުރު ގައިދީން ދޫކޮށްލާނެއެވެ. އަދި ޣައްޒާއިން އިސްރާއީލު ސިފައިން އެއްކޮށް ބޭލުމުގެ މަރުހަލާ ފަށާނެއެވެ.

މި ޝަރުތުތަކަކީ އިސްރާއީލުގެ ކެބިނެޓުން އަދި އެއްބަސްވުމަކަށް ނާންނަ ޝަރުތުތަކެކެވެ. ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫގެ ހައްދު ފަހަނަޅާފައިވާ ކަނާތުފިޔައިގެ ވަޒީރުން މި ޝަރުތުތަކާ ދެކޮޅެވެ. ނަތަންޔާހޫ ވެރިކަމުގައި ހުންނަނީ މި ވަޒީރުންގެ ތާއީދާއެކުއެވެ. މީގެ އިތުރުން މި ޝަރުތުތަކަކީ ޚުދު ނަތަންޔާހޫ ވެސް ދެކޮޅު ހަދާ ޝަރުތުތަކެކެވެ. އެ ގޮތުން ޣައްޒާގައި ހަމާސް ހަރަކާތްތެރިވާތީ އެ ކަން ވެސް ނަތަންޔާހޫ ބޭނުންކޮށްފައިވަނީ ޣައްޒާއަށް ހަމަލާ ދިނުމުގެ އުޒުރެއްގެ ގޮތުގައެވެ.

ތިން ވަނަ މަރުހަލާގެ ތަފުސީލުތައް އަދި އެހާ ސާފެއް ނޫނެވެ. މިހާރު އޮތް ގޮތުން ދެވަނަ މަރުހަލާ ފުރިހަމަ ކުރެވިއްޖެ ނަމަ، މަރުވެފައިވާ ޔަހޫދީ ރަހީނުންގެ ހަށިތައް އާއިލާތަކާ ހަވާލުކުރާނެއެވެ. އޭގެ ބަދަލުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ބެލުމުގެ ދަށުން ޣައްޒާގައި ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ އާރާސްތު ކުރުމުގެ މަޝްރޫއެއް ހިންގާނެއެވެ.

ޣައްޒާގައި ސުލްހަ ގާއިމުކޮށްފައި، އެ ތަނުގައި ވެރިކަން ކުރާނެ ބަޔަކީ ކޮބައި ކަމެއް އަދި ސާފެއް ނޫނެވެ. އެމެރިކާއިން ބޭނުންވަނީ އިސްލާހު ކޮށްފައިވާ ފަލަސްތީން އޮތޯރިޓީން ޣައްޒާ ބެލެހެއްޓުމަށެވެ. އަނެއްކޮޅުން 1990 ގެ އަހަރުތަކުގައި ގާއިމު ކުރި އޮސްލޯ މުއާހަދާގެ ދަށުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު ތިބި މެންބަރުން ބޭނުމެއް ނުވެއެވެ. ނަމަވެސް ޣައްޒާގައި އޮންނަން އިސްރާއީލުން ބޭނުންވަނީ ކޮން ކަހަލަ ސަރުކާރެއްތޯއާމެދު އިސްރާއީލުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *