Support Us

 ލޮސް އެންޖަލިސްގައި ފެތުރެމުންދާ އަލިފާން ނިއްވަން އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވަނީ

ކުރިއަށް އޮތް 6 ގަޑިއިރު ލޮސް އެންޖަލިސް އަލިފާން ސީރިއަސްވާނެ

މިއަދުގެ ނިޔަލަށް 25 މީހުން މަރުވި ކަމަށް ރަސްމީ ރެކޯޑުތަކުން ދައްކާ ލޮސް އެންޖަލިސް އަލިފާން ކުރިއަށް އޮތް ހަ ގަޑިއިރު ސީރިއަސްވާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.

"އިއްޔެގެ ނިޔަލަށް އިތުރު މީހަކު މަރުވެފައިވާ ކަމަކަށް އެނގޭކަށް ނެތް،" ލޮސް އެންޖަލިސް ކައުންޓީގެ މަރުތަކާ ބެހޭ އިދާރާއިން ބުންޏެވެ.

"ލޮސް އެންޖަލިސްގައި އަލިފާން ނިއްވާ މީހުން އެންމެ މަދީ. މިއީ ސީރިއަސް މައްސަލައެއް،" އޮފިޝަލަކު ބުންޏެވެ.

"ޖައްވަށް ވިހަ ގޭސް ދޫނުކުރާ ނަމަ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީގައި ފެތުރެމުންދާ އަލިފާން މިހާ ސީރިއަސްއެއް ނުވާނެ،" އެހެން އޮފިޝަލަކު ބުންޏެވެ.

ލޮސް އެންޖަލިސް ކައުންޓީގެ އަލިފާން ނިއްވާ އިދާރާގެ ވެރިޔާ އެންތަނީ މެރޯން ބުނީ މޫސުމާ ބެހޭ އިދާރާއިން މިއަދަށް ލަފާކޮށްފައިވާ ގަޑިއަކު 70 މޭލު ބާރު މިނުގައި ޖެހޭނެ ކަމަށް ބުނި ވައިގެ އަސަރު އަދި ނުފެނުނަސް މިއީ ތަޖުރިބާކުރަން ޖެހިދާނެ ކަމެއް ކަމަށެވެ.

"ވައިގައި ތެތްކަން ނެތް ތާނގައި ވައި ގަދަވުމުގެ ސަބަބުން ގަސްގަހާގެހީގައި ރޯވުމުގެ ފުރުސަތު ވަރަށް ބޮޑު،" ލޮސް އެންޖަލިސް ސިޓީގެ އަލިފާން ނިއްވާ އިދާރާގެ ވެރިޔާ ކްރިސްޓިން ކްރޯލީ ބުންޏެވެ.

"ނުރައްކާ އަދި ފިލައިގެން ނުދޭ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރަން،" އޭނާ ބުންޏެވެ.

ލޮސް އެންޖަލިސްގައި ހުރި އަލިފާން ހިފާފާނެ ކަހަލަ މާއްދާތައް ނައްތައިލުމަށް ތިމާވެށި ރައްކާތެރި ކުރާ އެންވައިރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ)އިން މިހާރު ވަނީ 500 މީހުން ހިމެނޭ 40 ޓީމު ފޮނުވަން ހަމަޖައްސައިފައެވެ. އެއީ ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމްގެ އެދުމަކަށެވެ.

"މި ކަމަށްޓަކައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަރަދުކުރަން ހަމަޖައްސައިފައިވޭ،" އޮފިޝަލަކު ބުންޏެވެ.

މި މަސައްކަތުގެ ދަށުން ނައްތައިލައިނެ ތަކެތީގެ ތެރޭގައި ދަވާދު، ތެޔޮ، ބެޓެރި، ޕެސްޓިސައިޑް، ގޭސް ސިލިންޑަރު އަދި ލިތިއަމް-އަޔަން ބެޓެރި ހިމެނެއެވެ.

"މިއީ ގެދޮރު ދޫކުރި އާއިލާތައް އަލުން އެނބުރި އެ މީހުންގެ ގެއަށް ދިއުމަށް މަގުފަހިކޮށްދޭ މަޝްރޫއެއް. މި ފަދަ މާއްދާތައް ނައްތައިލުމުން އެ ސަރަހައްދުތައް ރައްކާތެރިވާނެ،" އޮފިޝަލަކު ބުންޏެވެ.

"ކަން މިހެން ހުރި ނަމަވެސް އަދިވެސް ނުރައްކާތައް އެބަހުރި. މިސާލަކަށް، ވެއްޓިފައިވާ ކަރަންޓު ނަރުތަކާއި ފަޅައިގެން ގޮސްފައިވާ ގޭސް ހޮޅިތަކާއި ވިހަ މާއްދާތަކާއި ނުރައްކާތެރި ފެން،" ކްރޯލީ ބުންޏެވެ.

"މި ފަދަ ގޮންޖެހުންތައް ނައްތައިލުމަށް ބުރަ މަސައްކަތްތަކެއް ދަނީ ކުރެވެމުން. ނަމަވެސް އަދިވެސް އަލިފާން ފެތުރުމުގެ ފުރުސަތު ބޮޑު،" އޭނާ އިތުރަށް ބުންޏެވެ.

ލޮސް އެންޖަލިސްގެ މޭޔަރު ކެރަން ބޭސް މިއަދު ބުނީ އަލިފާން ފެތުރިދާނެ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކަށް ދޭ އިންޒާރު އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ސީރިއަސްކަމާއެކު ބަލައިގަންނަންވާނެ ކަމަށެވެ.

"މިސާލަކަށް، ގެދޮރު ދޫކޮށްފައި ދާން ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފި ނަމަ، އެ ކަމަށް އަމަލުކުރަން ތައްޔާރީ ހާލަތަކަށް އަންނަންވާނެ. ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތައް ވެސް ގެންދަން ވާނެ. ބައްޔަކަށް ބޭސް ކުރާ ނަމަ، އެ ބޭސްތައް ވެސް ހިފައިގެން ދާންވާނީ،" އޭނާ ބުންޏެވެ.

ލޮސް އެންޖަލިސް ކައުންޓީގެ ސުޕަވައިޒަރު ކެތުރީން ބާޖާ ބުނީ އެއްވެސް އާއިލާއެއް ދާއިމީ ގޮތެއްގައި އެހެން ސަރަހައްދަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުން ނުވާ ކަމަށް އެ ފަރާތްތަކުން ބުނާ ކަމަށެވެ.

"އެ މީހެއްގެ ގެ ހުރި ތަނުގައި ގެދޮރު އަލުން އަޅައި، ދިރިއުޅުން އަލުން އާރާސްތުކުރަން ސަރުކާރުން އެހީވެދޭނެ،" ކެތުރީން އިއްޔެ ބުންޏެވެ.

ލޮސް އެންޖަލިސްގެ މި އަލިފާން ކޮންޓްރޯލް ނުކުރެވިގެން އުޅޭ އެއް ސަބަބަކީ ސަހަރުގެ 20 ޕަސެންޓްގެ ފަޔާ ހައިޑްރަންޓްތަކުން ފެން ހުސްވުން ކަމަށް ކެރަން ބުންޏެވެ.

އެމެރިކާ ސަރުކާރުން މިހާރު އަންދާޒާ ކުރާ ގޮތުގައި ލޮސް އެންޖަލިސް ސިޓީގެ އަލިފާނުގެ ގެއްލުން 150 ބިލިއަން ޑޮލަރު (2،309 ބިލިއަން ރުފިޔާ)އަށް އެރުން އެކަށީގެންވެއެވެ. ސަބަބަކީ ގެދޮރުގެ އިތުރުން ވިޔަފާރި ކުރާ އިމާރާތްތައް ވެސް އަނދާހުލިވަމުންދާތީއެވެ. މިހެންވެ މިއީ އެމެރިކާގެ މުޅި ތާރީހުގައި ހިނގި އެންމެ ހަރަދު ބޮޑު ކާރިސާއަށް ވަނީ ވެފައެވެ. މިހާތަނަށް 12،000 އަށްވުރެ ގިނަ އިމާރާތް ހަލާކުވެފައިވާއިރު 30،000 އޭކަރު (12،000 ހެކްޓަރު) އަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ސުންނާފަތިވެފައެވެ. މިއީ ފްރާންސްގެ ވެރިރަށް ޕެރިސްއަށްވުރެ ބޮޑު ސަރަހައްދެކެވެ.

ކެލިފޯނިއާގެ 100،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ދިޔުމަށް ސަރުކާރުން ވަނީ އަމުރު ނެރެފައެވެ. އަދި އެހެން ސަރަހައްދުތަކަށް ދިއުމަށް 87،000 މީހުންނަށް އިންޒާރު ވެސް ވަނީ ދީފައެވެ.

ކެލިފޯނިއާގައި މި ދިޔަ ހަފުތާގެ އަންގާރަ ދުވަހު ފެތުރެން ފެށި އަލިފާނުގެ އަސްލަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށް ސައިންސްވެރިން ބުންޏެވެ. އެ ގޮތުން މޫސުމަށް ބަދަލު އަންނަނީ އިންސާނުންގެ އިހުމާލުން ކަމަށް އެ މީހުން ބުންޏެވެ.

"ރެކޯޑުތައް މުގުރައިލައި މިންވަރަށް ދުނިޔެ ދަނީ ހޫނުވަމުން. ސިނާއީ މަސައްކަތްތައް އިންސާނުން ތައާރަފުކުރި ހިސާބުގެ ކުރިން ދުނިޔޭގެ ހޫނުމިން ހުރި މިންވަރަށްވުރެ 1.5 ޑިގްރީ ސެލްސިއަސްއިން ދުނިޔޭގެ ހޫނުމިން އެންމެ މައްޗަށް ދިޔައީ މި ދިޔަ އަހަރު،" ޔޫރަޕް އިއްތިހާދުގެ ކޮޕަނިކަސް ކްލައިމެޓް ޗޭންޖް ސާވިސް (ސީ.3.އެސް)އިން ބުންޏެވެ.

ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އާއި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60،000،000،000،000ރ. ނުވަތަ 60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *