Support Us

ލޮސް އެންޖަލިސް އަލިފާން ނިއްވަން އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވަނީ

ލޮސް އެންޖަލިސް އަލިފާން މާދަމާ މާ ނުރައްކާވާނެ

ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީގައި ފެތުރެމުންދާ އަލިފާން މާދަމާ މާ ނުރައްކާވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން މިއަދު ބުނެފިއެވެ.

މިހާތަނަށް 24 މީހުން މަރުވެ، 60 އަކަ މޭލާއި 12،000 އިމާރާތް އަނދައިފައިވާ އަލިފާން އިތުރަށް ގޯސްވަމުންދަނީ ކެލިފޯނިއާގައި މިހާރު ވައި ގަދަވަމުންދާތީ ކަމަށް ނެޝަނަލް ވެދާ ސާވިސް (އެން.ޑަބްލިޔު.އެސް)އިން ބުންޏެވެ.

"އެންމެ ގަދައަށް ވައި ޖެހެމުންދަނީ ގަޑިއަކު 72 މޭލު ބާރުމިނުގައި. އެންމެ މަޑުން ވެސް ވައިޖެހެމުން ދަނީ ގަޑިއަކު 55 މޭލު ދުވެލީގައި،" އެ ތަނުން ބުންޏެވެ.

ތޫފާން ލަފާ ކުރާ ސްޓޯމް ޕްރެޑިކްޝަން ސެންޓަރުން މިއަދު ވަނީ ދެކުނު ކެލިފޯނިއާގައި ދެ މިލިއަން މީހުން ދިރިއުޅޭ ސަރަހައްދަކަށް އަލިފާން ފެތުރިދާނެކަމުގެ އިންޒާރު ދީފައެވެ.

"މިއީ ވައި ގަދަވުމާއި ވައިގެ ހަނަފަސްކަން ހުރި މިންވަރުން ލަފާ ކުރެވޭ ގޮތް. ވައި ހަނަފަސްވެ، ވައި ގަދަވާވަރަކަށް އަލިފާން ފެތުރުމުގެ ބިރު ބޮޑު،" އެ އިދާރާއިން ބުންޏެވެ.

އެ ތަނުން ބުނީ ވައި ހުރި ގޮތުންނާއި ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ ހުރި ގޮތުންނާއި އަދި ވައިގެ ހޫނު މިން ހުރި ގޮތުން މާދަމާ ލޮސް އެންޖަލިސް އަލިފާން އިތުރަށް ގޯސްވާނެ ކަމަށެވެ.

"މިހާ ނުރައްކާތެރި ހާލަތަކަށް ކެލިފޯނިއާގެ މޫސުން ދިޔައީ މި ދިޔަ އަހަރު އެންމެ ފަސް ދުވަހު. ނަމަވެސް މި އަހަރުގެ މި ވީ ދެ ހަފުތާގެ ތެރޭގައި ތިން ދުވަހު ކެލިފޯނިއާގެ މޫސުން މިހާ ބޮޑަށް ނުރައްކާތެރި ހާލަތަކަށް ގޮސްފައިވޭ. އޭގެ ތެރޭގައި އިއްޔެ އާއި މިއަދު ހިމެނޭ،" އެ އިދާރާއިން ބުންޏެވެ.

ސޭން ގޭބްރިއަލް އަދި ސެންޓާ ސުޒޭނާ ފަރުބަދަތަކުން ޖެހޭ ވައި ކެލިފޯނިއާގެ ވާދީތަކަށާއި އައްސޭރި ފަށަށް ފެތުރިގެން ދިއުމުން ލޮސް އެންޖަލިސް އަލިފާން މާދަމާ ހެނދުނު މާ ނުރައްކާވާނެ ކަމަށް އެން.ޑަބްލިޔު.އެސް.އިން މިއަދު ބުންޏެވެ.

ކެލިފޯނިއާގެ ވައިގައި މިހާރު ތެތްކަން ނެތުމާއި ހޫނުގެ އަސަރުކޮށްފާނެ ކޮންމެ ވަސީލަތެއްގެ ސަބަބުން ވެސް ލޮސް އެންޖަލިސް އަލިފާން އިތުރަށް ނުރައްކާވާނެ ކިތައްމެ ސަބަބެއްވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އެ ގޮތުން އެއްވެސް މީހަކު މިހާރު ނުކުރަންވީ ކަންތައްތައް ކަމާ ބެހޭ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ގެއިން ބޭރުގައި ދަރު އެންދުމާއި ގޯތި ތެރޭގައި ބޯޓުދެލިން ކައްކާފައި އޭގެ އަނގުރުތައް ބިންމައްޗަށް ދޫކޮށްލުން ހިމެނެއެވެ.

ހިކިފައި ހުންނަ ވިނަ ޓްރިމް ކުރުން ވެސް ވަނީ މަނާކޮށްފައެވެ. އެއީ ލޯންމޯވާ ފަދަ އާލާތްތަކުން އަލިފާން ކަނި ބުރާފާނެތީއެވެ.

މީގެ އިތުރުން ހިކިފައި ހުންނަ ވިނަ މަތީގައި ވެހިކަލް ޕާކު ކުރުން ވެސް މަނަލެވެ. ސަބަބަކީ ކާރު ފަދަ އުޅަނދުފަހަރުގެ ދަށްފުށުގައި ހޫނުކަން ހުންނާތީ އޭގެ ސަބަބުން އަލިފާން ހިފައިފައިނެތީއެވެ.

"ސިނގިރެޓް ބުރި އުކާލުމަކީ ވެސް ނުރައްކާތެރި ކަމެއް،" އެން.ޑަބްލިޔު.އެސް.އިން ބުންޏެވެ.

ލޮސް އެންޖަލިސްގައި ހުންނަ ހައިޑްރަންޓްތަކުގެ ތެރެއިން 20 ޕަސެންޓް ހައިޑްރަންޓްތަކުން ފެން ހުސްވެފައިވާތީ އަލިފާން ނިއްވުމުގެ މަސައްކަތަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

ލޮސް އެންޖަލިސްގެ 100،000 މީހުން އެހެން ސަރަހައްދުތަކަށް ދިއުމަށް ސަރުކާރުން ވަނީ އަމުރު ނެރެފައެވެ. އަދި އިތުރު 87،000 މީހުން އެހެން ސަރަހައްދުތަކަށް ދިއުމަށް އިންޒާރު ވެސް ވަނީ ދީފައެވެ.

"ވެއްޓިފައިވާ ކަރަންޓު ނަރުތަކާއި ފަޅައިގެން ގޮސްފައިވާ ގޭސް ހޮޅިތަކާއި އަދި ފައިބަމުންދާ ވިހަ އަޅީގެ ސަބަބުން ލޮސް އެންޖަލިސްއަކީ މިހާރު ރައްކާތެރި ތަނެއް ނޫން،" އޮފިޝަލަކު ބުންޏެވެ.

ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އާއި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *