Support Us

ލޮސް އެންޖަލިސްގައި ފެތުރެމުންދާ އަލިފާން ނިއްވަން އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވަނީ

ލޮސް އެންޖަލިސް އަލިފާނުގައި މަރުވި މީހުންގެ އަދަދު 24 އަށް

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީގައި ފެތުރެމުންދާ އަލިފާނުގައި މަރުވި މީހުންގެ އަދަދު 24 އަށް އަރައިފިއެވެ.

"މަރުވާ މީހުންގެ އަދަދު ރިޕޯޓްކުރުން އަދިވެސް އިތުރުވަމުންދާނެ ކަމަށް ބެލެވެނީ،" ލޮސް އެންޖަލިސްގައި ހިނގާ މަރުތަކުގެ ތަހުގީގު ހިންގާ މެޑިކަލް އެގްޒަމިނާގެ އިދާރާއިން ބުންޏެވެ.

މަރުވާ މީހުންގެ އަދަދާއި އެ މީހުންނަކީ ކޮން ބައެއްކަން ދެނެގަންނަން އެތައް ހަފުތާއެއް ނަގާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މިހާތަނަށް ރެކޯޑު ކުރެވުނު މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ލޮސް އެންޖަލިސްގެ އީޓަން އަވަށުގެ މީހުންނެވެ.

"އެތައް ޑަޒަނެއްގެ މީހުން ގެއްލިފައިވެސްވޭ،" ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ބުންޏެވެ.

ލޮސް އެންޖަލިސްގެ އަވަށްތައް ކަމަށްވާ އީޓަން، ޕެލިސޭޑްސް އަދި ސިލްމާރުގައި ފެތުރެމުންދާ އަލިފާން އިތުރަށް ފެތުރޭނެ ކަމަށް ބެލެވޭ ކަމަށް ސަހަރުގެ އަލިފާން ނިއްވާ އިދާރާއިން ބުންޏެވެ. ސަބަބަކީ ކެލިފޯނިއާގައި ވައި ދައުރުވަމުންދާ ގޮތުންނެވެ.

"ނުރައްކާތެރި ގޮތަކަށް ވައި އެނބުރެމުންދަނީ. މިހެންވެ ލޮސް އެންޖަލިސްގެ އަލިފާން އިތުރަށް ފެތުރުން އެކަށީގެންވޭ. އަދި އަލިފާން ނިއްވާ މީހުންނަށް މިހާރު ވެސް އަލިފާން ނިއްވުމަށް ދަތިތަކަކާ ކުރިމަތިވެފައިވޭ،" އޮފިޝަލަކު ބުންޏެވެ. އޭގެ ތެރޭގައި ލޮސް އެންޖަލިސްގައި ހުންނަ ހައިޑްރަންޓްތަކުގެ ތެރެއިން 20 ޕަސެންޓް ހައިޑްރަންޓްތަކުން ފެން ހުސްވުން ހިމެނެއެވެ.

އީޓަން އަވަށުގައި ފެތުރެމުންދާ އަލިފާނަކީ އެ ސަރަހައްދަށް މިހާތަނަށް ކުރިމަތިވި ދެވަނައަށް އެންމެ ބޮޑު ކާރިސާ ކަމަށާއި ޕެލިސޭޑްސް އަވަށުގައި ފެތުރެމުންދާ އަލިފާނަކީ އެ ސަރަހައްދަށް ކުރިމަތިވި ހަތަރުވަނައަށް އެންމެ ބޮޑު ކާރިސާ ކަމަށް އޮފިޝަލުން ބުންޏެވެ.

"ގާތްގަނޑަކަށް 60 އަކަ މޭލުގެ ބިން އަނދައިފި. މިއީ ފްރާންސްގެ ވެރިރަށް ޕެރިސްއަށްވުރެ ވެސް ބޮޑު ސަރަހައްދެއް،" އޮފިޝަލަކު ބުންޏެވެ.

ޕެލިސޭޑްސް އަވަށުގައި އަލިފާން ނުފެތުރޭނެ ގޮތަށް ވަށައިގެން މަގެއް އެޅުނީ އަވަށުގެ އެންމެ 11 ޕަސެންޓްގައެވެ. މިހެންވެ، ޕެލިސޭޑްސް އަލިފާން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުނަސް، އަވަށުގެ ބޮޑު ބައިގައި އަދިވެސް އަލިފާން ފެތުރޭނެ ކަމަށް ބެލެވެއެވެ.

އުމްރާނީ ގޮތުން ބަލާއިރު 12،000 އިމާރާތް އަނދައި އަޅިއަށްވެފައިވެއެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ތަންތަންވެއެވެ.

ލޮސް އެންޖަލިސްގެ 100،000 މީހުން އެހެން ސަރަހައްދުތަކަށް ދިއުމަށް ސަރުކާރުން ވަނީ އަމުރު ނެރެފައެވެ. އަދި އިތުރު 87،000 މީހުން އެހެން ސަރަހައްދުތަކަށް ދިއުމަށް އިންޒާރު ވެސް ވަނީ ދީފައެވެ.

"ވެއްޓިފައިވާ ކަރަންޓު ނަރުތަކާއި ފަޅައިގެން ގޮސްފައިވާ ގޭސް ހޮޅިތަކާއި އަދި ފައިބަމުންދާ ވިހަ އަޅީގެ ސަބަބުން ލޮސް އެންޖަލިސްއަކީ މިހާރު ރައްކާތެރި ތަނެއް ނޫން،" އޮފިޝަލަކު ބުންޏެވެ.

ކެލިފޯނިއާ ސްޓޭޓް އެކަނިވެސް އެއީ ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އާއި ތަފާތު އެހެން ސިނާއަތްތައް އޮންނަ މި ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *