Support Us

ވިއެޓްނާމްގެ މަގެއްގައި އުޅަނދުފަހަރު ތޮއްޖެހިފައި

ޓްރެފިކް ގަވައިދު މުގުރާލާ މީހުން ރިޕޯޓްކުރުމުން އިނާމު ދެނީ

ވިއެޓްނާމްގައި ޓްރެފިކް ގަވައިދުތައް މުގުރާލާ ފަރާތްތައް ރިޕޯޓްކުރާ ކޮންމެ ފަހަރަކު 200 ޑޮލަރު (3،079ރ.) ރިޕޯޓްކުރާ މީހާއަށް ދޭން ހަމަޖައްސައިފިއެވެ.

އާބާދީގައި 98 މިލިއަން މީހުން ދިރިއުޅޭ ދެކުނުއިރުމަތީ އޭޝިއާގެ މި ގައުމުގެ އެވްރެޖް މުސާރައަކީ މަހަކު 303 ޑޮލަރު (4،665ރ.)އެވެ.

މި އިނާމު ކަނޑައެޅީ ޓްރެފިކް ގަވައިދާ ހިލާފުވާ ފަރާތްތައް ކުރާ ޖޫރިމަނާގެ 10 ޕަސެންޓް، ޓްރެފިކް ގަވައިދާ ހިލާފުވާ މީހުން ރިޕޯޓްކުރާ މީހުންނަށް ދޭ ގޮތަށެވެ.

މި އަހަރު ފެށުނު އިރު ކަމާ ބެހޭ އިދާރާތަކުން ޖޫރިމަނާތައް ވަނީ ވަރަށް ބޮޑު ތަނުން އިތުރުކޮށްފައެވެ. ޑްރައިވަރުންނަށް ކެރިކުޅަދާނަ ނުވާ މިންވަރަކަށެވެ. މިހެންވެ ޑްރައިވަރުން މިހާރު އުޅަނދުފަހަރު ދުއްވަނީ ވަރަށް ބަލައިގެންނެވެ. މިއީ ވިއެޓްނާމްގެ ބޮއްސުންލައިފައިވާ ޓްރެފިކް މައްސަލަ ހައްލުކުރަން ސަރުކާރުން އެޅި ފިޔަވަޅެކެވެ.

އެ ގޮތުން ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓާ ހުރަސްކުރުމުންނާއި އުޅަނދުފަހަރު ދުއްވަމުން މޮބައިލް ފޯން ބޭނުންކޮށްފި ނަމަ ބޮޑެތި ޖޫރިމަނާތަކެއް މިހާރު ކުރެއެވެ.

އާ ގަވައިދުގެ ދަށުން ޓްރެފިކް ގަވައިދާ ހިލާފުވާ މީހުންގެ މައްސަލަ ހުށަހަޅާ ފަރާތްތަކަކީ ކޮން ބައެއްކަން ސިއްރުކުރެއެވެ.

"އެއީ އެ މީހުންގެ ޒާތީ ރައްކާތެރިކަމަށް،" އޮފިޝަލަކު ބުންޏެވެ.

މި އަހަރު ފެށުނު ތަނާހެން ތަންފީޒުކުރަން ފެށި މި ގަވައިދުގެ ދަށުން މި ފަދަ އެއްވެސް ފަރާތަކަށް އަދި އިނާމެއް ނުދެއެވެ.

މިހާރު ކަނޑައަޅައިފައިވާ ގޮތުން ސައިކަލެއްގައި ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓާ ހުރަސްކޮށްފި ނަމަ 236 ޑޮލަރު (3،634ރ.)ގެ ޖޫރިމަނާއެއް ދައްކަން ޖެހެއެވެ. މިއީ މި ދިޔަ އަހަރު ދައްކަމުން ދިޔަ ޖޫރިމަނާގެ ހަ ގުނަ އިތުރު އަދަދެކެވެ.

ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓައި ކާރެއް މަގު ހުރަސްކޮށްފި ނަމަ 787 ޑޮލަރު (12،118ރ.)ގެ ޖޫރިމަނާއެއް ދައްކަން ޖެހެއެވެ. މި ދިޔަ އަހަރުގެ މި ޖޫރިމަނާ ހުރީ 236 ޑޮލަރު (3،634ރ.)ގައެވެ.

ވެހިކަލެއް ދުއްވަމުން މޮބައިލް ފޯން ބޭނުންކޮށްފި ނަމަ ޖޫރިމަނާގެ އަދަދު މި އަހަރު ވަނީ ދެ ގުނަ ބޮޑުކޮށްފައެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވިއެޓްނާމްގެ މަގުތަކުގައި 77 މިލިއަން ސައިކަލާއި 6.3 މިލިއަން ކާރު އުޅެއެވެ.

މަގުމަތީ އެކްސިޑެންޓްތަކުގައި މި ދިޔަ އަހަރު ދުވާލަކު 30 މީހުން މަރުވި ކަމަށް ތަފާސްހިސާބުތަކުން ދެއްކިއެވެ.

ގްރެބް އެޕް ބޭނުންކުރާ ޑްރައިވަރު ނުގުއެން ކޯކް ފޮންގް އިއުތިރާފުވީ ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓާ ކުރިން އޭނާ އާއްމު ގޮތެއްގައި ހުރަސްކުރާ ކަމަށެވެ.

"ޖޫރިމަނާ މި އަހަރު އެހާ ބޮޑުކޮށްލި މިންވަރާ ހެދި އަހަރެން މި ހުރީ ސިހިފައި. އަހަރެން މިހާރު ބިރުގަނޭ. މިހާރު ވަރަށް ބަލައިގެން ދުއްވަނީ. އަހަރެން ކުށް ކުރާ މަންޒަރު ވީޑިއޯކޮށް ފުލުހުންނަށް ހުށަހެޅުމަކީ އަހަރެން ގަޔާވާ ކަމެއް ނޫން،" އޭނާ އޭ.އެފް.ޕީ.އަށް ބުންޏެވެ.

ވެރިރަށް ހެނޮއިގެ ފުލުސް އޮފިސަރަކު އޭ.އެފް.ޕީ.އަށް ބުނީ ޖޫރިމަނާ ކުރާ ވަގުތު ވަރަށް ގިނަ ޑްރައިވަރުން ކަރުނައަޅާރޯ މަންޒަރު ފެނިފައިވާ ކަމަށެވެ.

ވިއެޓްނާމަކީ އެންމެ ސިޔާސީ ޕާޓީއެއް އޮންނަ ގައުމެކެވެ. ވެރިކަން ކުރާ އެ ޕާޓީއަކީ ކޮމިއުނިސްޓް ނަޒަރިއްޔާތު ގެންގުޅޭ ޕާޓީއެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *