Support Us

ލޮސް އެންޖަލިސްގައި ފެތުރެމުންދާ އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އަލިފާން ނިއްވާ މީހަކު ހަރަކާތްތެރިވަނީ

ލޮސް އެންޖަލިސް އަލިފާނުގައި އިތުރަށް ހުޅުހިފަނީ

އެމެރިކާގެ ޓެކްނޮލޮޖީ އާއި ފިލްމާއި އެކިއެކި ސިނާއަތުގެ މަރުކަޒެއް ކަމަށްވާ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީގައި މިދިޔަ އަންގާރަ ދުވަހުއްސުރެ ފެތުރެން ފެށި އަލިފާން އިތުރަށް ގޯސް ވެދާނެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

"މިހާރުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި 16 މީހުން މަރުވެއްޖެ. ނަމަވެސް މި އަދަދު އިތުރުވުން އެކަށީގެންވޭ،" އޮފިޝަލަކު ބުންޏެވެ.

އެމެރިކާ، އޮސްޓްރޭލިއާ އަދި ހަނަފަސް އެހެން ގައުމުތަކުގައި ވެސް ގަސްގަހުގައި ރޯވެ، އަލިފާން ފެތުރުމަކީ އާއްމު ކަމެކެވެ. މީގެ ކުރިން މި ކަހަލަ "ވައިލްޑް ފަޔާ" އޭގެ ޒާތުގައި ނިވެއެވެ. ނަމަވެސް ލޮސް އެންޖަލިސްގެ އަލިފާން ނިއްވައިލަން މިހާތަނަށް ކުރެވުނު މަސައްކަތް ބޭކާރުވެ، އަލިފާން އިތުރަށް ފެތުރިދާނެ ކަމަށް އޮފިޝަލުން ބުންޏެވެ.

"މި ހަފުތާގައި އަލިފާން އިތުރަށް ފެތުރިގެންދާނެ ކަމަށް މިހާރު ބެލެވެނީ،" އޮފިޝަލަކު ބުންޏެވެ.

ލޮސް އެންޖަލިސްގެ 20 ޕަސެންޓް ފަޔާ ހައިޑްރަންޓްތަކުން މިހާރު ވަނީ ފެން ހުސްވެފައި

ލޮސް އެންޖަލިސްގެ މި އަލިފާން ކޮންޓްރޯލް ނުކުރެވިގެން އުޅޭ އެއް ސަބަބަކީ ސަހަރުގެ 20 ޕަސެންޓްގެ ފަޔާ ހައިޑްރަންޓްތަކުން ފެން ހުސްވުން ކަމަށް މޭޔަރު ކަރަން ބޭސް ބުންޏެވެ. މިހެންވީ ފެނަށް ޑިމާންޑް ބޮޑުވުމާއި ކަރަންޓް ކެނޑުމާއި ވައި ގަދަވުމާއި އަދި އިންފްރާސްޓްރަކްޗަރު ބާވުމެވެ. މިހެންވެ ފަޔާ ހައިޑްރަންޓްތައް ބޭނުންކުރުން އަލިފާން ނިއްވާ މީހުން ވަނީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ހުއްޓައިލައިފައެވެ.

"ހައިޑްރަންޓްތައް މިހާރު ބޭނުމެއް ނުކުރަން،" ލޮސް އެންޖަލިސްގެ އަލިފާން ނިއްވުމާ ބެހޭ ޑިޕާޓްމަންޓްގެ ވެރިޔާ ކްރިސްޓިން ކްރޯލީ ބުންޏެވެ.

ހައިޑްރަންޓްތަކުގެ މައްސަލަ ދިމާވީ ކިހިނެތްތޯ ދެނެގަތުމަށް މިނިވަން މުސްތަގިއްލު ތަހުގީގެއް ހިންގުމަށް ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވަނީ ހުކުރު ދުވަހު ގޮވައިލައިފައެވެ.

"މި ކަހަލަ ކަމެއް ކުރިމަގުގައި ވިޔަ ނުދިނުމަށްޓަކައި ޖަވާބުތަކެއް އަހަރެމެން ބޭނުން. މި ފަދަ އަލިފާން ނިއްވުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ލިބިފައިވާކަން ކަށަވަރުކުރުން މުހިންމު،" ގެވިން އެކްސްގައި ލިޔުނެވެ.

އެމެރިކާ ސަރުކާރުން މިހާރު އަންދާޒާ ކުރާ ގޮތުގައި ލޮސް އެންޖަލިސް ސިޓީގެ އަލިފާނުގެ ގެއްލުން 150 ބިލިއަން ޑޮލަރު (2309 ބިލިއަން ރުފިޔާ)އަށް އެރުން އެކަށީގެންވެއެވެ. ސަބަބަކީ ގެދޮރުގެ އިތުރުން ވިޔަފާރި ކުރާ އިމާރާތްތައް ވެސް އަނދާހުލިވަމުންދާތީއެވެ. މިހެންވެ މިއީ އެމެރިކާގެ މުޅި ތާރީހުގައި ހިނގި އެންމެ ހަރަދު ބޮޑު ކާރިސާއަށް ވަނީ ވެފައެވެ. މިހާތަނަށް 10،000 އަށްވުރެ ގިނަ އިމާރާތް ހަލާކުވެފައިވާއިރު 30،000 އޭކަރު (12،000 ހެކްޓަރު) އަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ސުންނާފަތިވެފައެވެ.

ކެލިފޯނިއާގެ 100،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ދިޔުމަށް ސަރުކާރުން މިހާރު ވަނީ އަމުރު ނެރެފައެވެ.

ލޮސް އެންޖަލިސް އަލިފާނުގައި މިހާތަނަށް މަޝްހޫރު ސެލެބްރިޓީންގެ އިތުރުން އާއްމުންގެ އެތައް ބައެއްގެ ގެތަކާއި އެޕާޓްމަންޓްތައް ވަނީ އަނދާއަޅިއަށްވެފައެވެ.

ކެލިފޯނިއާގައި ފެތުރެން ފެށި އަލިފާނުގެ އަސްލަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހިނގި ކަމެއް ކަމަށް ބެލެވޭ ކަމަށް ސައިންސްވެރިން ބުންޏެވެ. އެ ގޮތުން މޫސުމަށް ބަދަލު އަންނަނީ އިންސާނުންގެ އިހުމާލުން ކަމަށް އެ މީހުން ބުންޏެވެ.

"ރެކޯޑުތައް މުގުރައިލައި މިންވަރަށް ދުނިޔެ ދަނީ ހޫނުވަމުން. ސިނާއީ މަސައްކަތްތައް އިންސާނުން ތައާރަފުކުރި ހިސާބުގެ ކުރިން ދުނިޔޭގެ ހޫނުމިން ހުރި މިންވަރަށްވުރެ 1.5 ޑިގްރީ ސެލްސިއަސްއިން ދުނިޔޭގެ ހޫނުމިން އެންމެ މައްޗަށް ދިޔައީ މި ދިޔަ އަހަރު،" ޔޫރަޕް އިއްތިހާދުގެ ކޮޕަނިކަސް ކްލައިމެޓް ޗޭންޖް ސާވިސް (ސީ.3.އެސް)އިން އިއްޔެ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *