Support Us

ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މީގާތީ (ވ) ސޫރިޔާގެ ސަރުކާރާ ހަވާލުވެ ހުންނެވި އަހްމަދު އަލް-ޝަރާއާ ދިމިޝްގްގައި މިއަދު ބައްދަލުކުރައްވަނީ

އަލް-ޝަރާއާ މީގާތީ ބައްދަލުކުރައްވައިފި

ލުބްނާންގެ އިންތިގާލީ ބޮޑުވަޒީރު ނަޖީބު މީގާތީ ސޫރިޔާގެ ސަރުކާރާ ހަވާލުވެ ހުންނެވި އަހްމަދު އަލް-ޝަރާއާ ސޫރިޔާގެ ވެރިރަށް ދިމިޝްގްގައި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއީ ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ލުބްނާންގެ ބޮޑުވަޒީރަކު ސޫރިޔާއަށް ދަތުރުކުރެއްވި ފުރަތަމަ ފަހަރެވެ.

މީގާތީ އާއި އަލް-ޝަރާ ވަނީ ދެ ގައުމުގެ ބޯޑަރުގެ ރައްކާތެރިކަން ދަމަހައްޓަން އެއްބަސްވެވަޑައިގެންފައެވެ.

ދެ ގައުމުގެ ދެމެދުގައި ވަގުވިޔަފާރި ހިންގާ މައްސަލަ އާއި ލުބްނާންގެ ބޭންކްތަކުގައި ހުރި ސޫރިޔާ ރައްޔިތުންގެ ޑިޕޮޒިޓްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް އަލް-ޝަރާ ވިދާޅުވިއެވެ.

"ސޫރިޔާ އާއި ލުބްނާނާ ދެމެދު ހިޔާލު އެއްގޮތް އެތައް ކަމެއްވޭ،" އަލް-ޝަރާ ވިދާޅުވިއެވެ.

މީގާތީ އާއި އަލް-ޝަރާ މަޝްވަރާ ކުރެއްވި މައްސަލަތައް ހައްލުކޮށް، އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވުމަށްޓަކައި ކޮމިޓީތަކެއް އުފައްދަވާނެ ކަމަށް މީގާތީ އާއި އަލް-ޝަރާ ވިދާޅުވިއެވެ.

އިރާންގެ ތާއީދު ލިބިފައިވާ ލުބްނާންގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲއިން ސޫރިޔާގެ 13 އަހަރުވީ އަހުލީ ހަނގުރާމައިގައި ތާއީދުކޮށްފައިވަނީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އައްސަދުއަށެވެ. ނަމަވެސް އިސްރާއީލުން ހިޒްބުﷲގެ ވެރިން ޝަހީދުކޮށްލައި، އެ ޖަމާއަތުގެ އަސްކަރީ ބާރު ކަނޑުވައިލުމުން މިދިޔަ މަހު ސޫރިޔާގެ ވެރިކަން ލިބިވަޑައިގަތީ ބައްޝާރުގެ އަސްކަރިއްޔާއާ ހަނގުރާމަ ކުރަމުން އައި އަލް-ޝަރާގެ ހަނގުރާމަވެރިންނަށެވެ.

އަލް-ޝަރާ އާއި މީގާތީ މަޝްވަރާ ކުރެއްވި މައްސަލަތަކުގެ ތެރޭގައި ސޫރިޔާގެ އަހުލީ ހަނގުރާމަ 2011 ގައި ފެށުމާއެކު ލުބްނާނަށް ހިޖުރަކުރި ސޫރިޔާގެ 1.5 މިލިއަން ރެފިއުޖީންގެ ކުރިމަގު ހިމެނެއެވެ. ސޫރިޔާގެ އަހުލީ ހަނގުރާމައިގައި ބައި މިލިއަން މީހުން މަރުވެފައިވެސްވެއެވެ.

ބައްޝާރުގެ އާއިލާއިން ސޫރިޔާގައި ބައި ގަރުނެއްހާ ދުވަހު ވެރިކަން ކުރިއިރު ލުބްނާންގެ މައްޗަށް ސޫރިޔާއިން އެކި ގޮތްގޮތަށް ނުފޫޒު ފޯރުވައިފައިވެއެވެ. އެ ގޮތުން ލުބްނާންގެ އެތައް ރައްޔިތުންގެ ނުރުހުމާއެކު ވެސް ސޫރިޔާއިން ވަނީ ލުބްނާންގައި 29 އަހަރު އަސްކަރީ ފައުޖެއް ބައިތިއްބައިފައެވެ. ސޫރިޔާގެ މި ފައުޖު 2005 ގައި ލުބްނާނުން ބޭލީ ލުބްނާންގެ ކުރީގެ ބޮޑުވަޒީރު ރަފީގު ހަރީރީ އަވަހާރަކޮށްލުމާއެކު ސޫރިޔާއަށް ބައިނަލްއަގުވާމީ މުޖުތަމައުންކުރި ޕްރެޝަރުތަކާހެދިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *