ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ޖިއްދާ ޓަވަރުގެ މަސައްކަތް ހުއްޓިފައި ހަތް އަހަރު އޮތުމަށް ފަހު ސައުދީ އަރަބިއްޔާއިން އަލުން ކުރިއަށް ގެންދަން ފަށައިފިއެވެ.
އެއް ކިލޯމީޓަރު ނުވަތަ ގާތްގަނޑަކަށް މޭލެއްހާ އުސް އިމާރާތުގެ މަސައްކަތް ނިމުމުން ޖިއްދާ ޓަވަރު ވެގެންދާނީ ދުނިޔޭގެ އެންމެ އުސް އިމާރާތަށެވެ.
ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރު (307 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ޖިއްދާ އިކޮނޮމިކް ސިޓީ (ޖޭ.އީ.ސީ) ނަމަކަށް ކިޔާ މަޝްރޫއެއްގައި 57 މިލިއަން އަކަ ފޫޓުގެ ޖާގައެއްގައި، 1.23 ބިލިއަން ޑޮލަރު (18 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ ޖިއްދާ ޓަވަރުގެ މަސައްކަތް ހުއްޓުނީ މުޅި ގައުމުގައި ހިންގައިލި ކޮރަޕްޝަން ނައްތައިލުމުގެ ޕްރޮގްރާމެއްގައެވެ.
ޖޭ.އީ.ސީ ކޮންސޯޓިއަމުން ބުނީ 2028 ގައި މަސައްކަތް ނިންމާލާނެ ކަމަށެވެ.
ޖިއްދާ ޓަވަރުގެ ނަމުގައި ހަދާ 1،000 މީޓަރު ނުވަތަ 3،280 ފޫޓު އުސް އިމާރާތުގެ މަސައްކަތް މެދުކަނޑައިލީ 2017 ގައި ތިންބައިކުޅައެއްބައި މަސައްކަތް ނިންމައިލައިފައިވަނިކޮށެވެ. އެ ގޮތުން 157 ބުރީގެ އިމާރާތުގެ 63 ބުރި ވަނީ ހަދައި ނިންމައިފައެވެ.
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ހިންގި ކޮރަޕްޝަން ނައްތައިލުމުގެ މަޝްރޫއުގައި މައި ކޮންޓްރެކްޓަރާއި ފައިސާގެ އެއް ބައި ހަރަދުކުރި ކޮންގްލޮމެރެޓްގެ ޗެއާމަނުން ވަނީ ހައްޔަރުކޮށްފައެވެ. މި ކަމުގެ ސަބަބުން 2018 ގައި އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓުނު ނަމަވެސް ސަލްމާން ބުނެފައިވަނީ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ.
ޖިއްދާ ޓަވަރުގެ މަސައްކަތަށް ހުރަސް އެޅުނު އަނެއް ސަބަބަކީ މުޅި ދުނިޔޭގައި ފެތުރުނު ކޮވިޑް-19ގެ ބަލިމަޑުކަމެވެ.
ދުނިޔޭގައި މިހާރު ހުރި އެންމެ އުސް އިމާރާތަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ހުންނަ ބުރުޖު ހަލީފާއެވެ. ޖިއްދާ ޓަވަރު އެއަށްވުރެ 500 ފޫޓު އުސްވާނެ ކަމަށް ސައުދީން ބުންޏެވެ.
އެމެރިކާގެ އާރުކާޓީ އެޑްރިއަން ސްމިތު ފަރުމާކޮށްފައިވާ ޖިއްދާ ޓަވަރުގެ ޑިޒައިން 2011 ގައި ފުރަތަމަ ހާމަކުރިއިރު އެ ޓަވަރުގައި ހޮޓަލަކާއި ޝޮޕިން މޯލަކާއި އޮފީސްތަކަށާއި ރީޓޭލް ވިޔަފާރި އާއި މީހުން ދިރިއުޅޭނެ އެޕާޓްމަންޓްތައް ދޭން ހަމަޖައްސައިފައިވެއެވެ.
ޖޭ.އީ.ސީ މަޝްރޫއުގައި އިސްކޮށް 2018 ގައި އުޅުނު، ނަމަވެސް މިހާރު މަރުވެފައިވާ ހިޝާމް ޖުމްއާ އެއިރު ބުނެފައިވަނީ މި މަޝްރޫއުގެ ބޭނުމަކީ ޖިއްދާއަކީ މީހުން ދިރިއުޅެން ރަނގަޅު ތަނެއް ކަމަށް ހެދުން ކަމަށެވެ. އޭނާ ބުނެފައިވަނީ މީގެ ކުރިން ޖިއްދާ ބެލެވިފައިވަނީ ހަމައެކަނި މައްކާ އާއި މަދީނާއަށް ހުޅުވައިދީފައިވާ ދޮރެއްގެ ގޮތުގައި ކަމަށެވެ.



advertisment