ރިޔާސީ ހުވާ ކުރައްވަން 10 ދުވަހަށް ވެފައި ވަނިކޮށް އެމެރިކާގެ ކުރީގެ ރައީސް އަދި އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ނިއު ޔޯކް ސްޓޭޓްގެ "ހަޝް މަނީ" މައްސަލައިގައި ކުށްވެރި ވިޔަސް މިނިވަން ކުރަން މިއަދު ހުކުމް ކޮށްފިއެވެ.
މިއީ އެމެރިކާގެ ކުރީގެ ރައީސަކަށް އަދި ވާން އުޅުއްވާ ރައީސަކަށް ޖިނާއީ ކުށެއް ސާބިތުވި ނަމަވެސް ކުށްވެރި ނުވާ ކަމަށް އާދަޔާ ހިލާފު ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ.
ނިއު ޔޯކްގެ ގާނޫނުލް އުގޫބާތުގައި ބުނާ ގޮތުން ދައުވާ އުފުލޭ މީހަކު ދޫކޮށްލުމަށް ޝަރުތެއް ކުރުމުގައި އެކަށީގެންވާ މަގުސަދެއް ހާސިލު ނުވާ ކަމަށް ފެންނަ ނަމަ ޝަރުތަކާ ނުލައި އޭނާ ދޫކޮށްލެވިދާނެއެވެ.
ހުކުމް ކުރުމުގެ ކުރިން ޓްރަމްޕާ މުހާތަބު ކުރަމުން ފަނޑިޔާރު އުއާން މާޗަން ބުނީ އެމެރިކާގެ ރައީސްކަމުގެ މުއައްސަސާއަށް ހާއްސަ ރައްކާތެރިކަމެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ރައްކާތެރިކަމަކީ އެ މުއައްސަސާގައި ހުންނަވާ މީހާއަށް ލިބިވަޑައިގަންނަވާ ރައްކާތެރިކަމެއް ނޫން ކަމަށެވެ. މިހެންވެ، އެއްވެސް އަދަބެއް ނުދީ، ޝަރުތެއް ނެތި، އަދި ޖޫރިމަނާއަކާއި ޕްރޮބޭޝަނެއް ވެސް ނުލައި ޓްރަމްޕް ދޫކޮށްލަން ހުކުމް ކުރީ ކަމަށެވެ.
މާޗަންގެ ހުކުމް އިއްވުމުގެ ކުރިން، އެއްވެސް ކަހަލަ އަސަރެއް ނުކުރާ ރާގެއްގައި ޓްރަމްޕް އަނެއްކާވެސް ވިދާޅުވީ މި މައްސަލައަކީ، މީގެ 20 މަސް ކުރިން އޭނާއާ ދެކޮޅަށް އުފުލި "ސިޔާސީ ދައުވާ"އެއް ކަމަށެވެ.
ޓްރަމްޕް ވިޔަފާރި ރެކޯޑުތަކެއް އޮޅުވައިލެއްވި ކަމަށް ކުރި 34 ދައުވާ އިސްތިއުނާފު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ހުކުމާއެކު ޓްރަމްޕް ވެވަޑައިގަންނަވާނީ ޖިނާއީ ކުށްވެރިޔަކު އެމެރިކާގެ ރައީސްކަމަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރަށެވެ.
"ހަޝް މަނީ" މައްސަލައަކީ ބަރަހަނާ ފިލްމް ކުޅޭ ސްޓޯމީ ޑެނީލްސްއާ ޓްރަމްޕް ގާތް ގުޅުމެއް ބާއްވަވައިފައި އެ ކަން އޮއްބަވައިލައްވަން ސްޓޯމީއަށް 130،000 ޑޮލަރު (ދެ މިލިއަން ރުފިޔާ) ދެއްވި ކަމަށް ކުރެވޭ ތުހުމަތެވެ.
މި މަހު 20 ގައި ޓްރަމްޕް ރިޔާސީ ހުވާ ކުރައްވަން ހަމަޖެހިފައިވަނިކޮށް އޭނާގެ މައްޗަށް ހުކުމް ނުކުރަން ޓްރަމްޕްގެ ގާނޫނީ ޓީމުން ކުރި މަސައްކަތަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހުރަސްއަޅައިފައެވެ.
ޓްރަމްޕް ދޫކޮށްލަން މިއަދު ކުރި ހުކުމް އޭނާގެ ޖިނާއީ ކުށުގެ ރެކޯޑުގައި އަބަދަށް ވެސް ލިޔެވިގެން ދިޔައީއެވެ. އެއީ އޭނާ ދެވަނަ ފަހަރަށް އެމެރިކާގެ ރައީސްކަމަށް ވަޑައިގަތުމަށް ހުރަހެއް ނެތް ނަމަވެސްމެއެވެ.
ޓްރަމްޕް ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސްކަން ކުރެއްވީ 2017 އިން 2021 އަށެވެ. ސްޓޯމީއާ ޖިންސީ ގުޅުން ހިންގެވި ކަމަށް ޓްރަމްޕާ ދެކޮޅަށް ތުހުމަތުކުރެވުނީ 2016 ގެ ރިޔާސީ އިންތިހާބު ދުވަސްވަރުއެވެ.
މާޗަން ބުނީ މިއަދުގެ ހުކުމަކީ "އާދަޔާ ހިލާފު އަދި ދަތި" ނިންމުމެއް ކަމަށާއި އޭނާއަށް ފެނުނު އެންމެ ރަނގަޅު ނިންމުމަކީ "ޝަރުތަކާ ނުލައި ޓްރަމްޕް ދޫކޮށްލުމަށް ހުކުމް ކުރުން" ކަމަށެވެ.



advertisment