Support Us

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ (ވ) އަދި އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ބަޔަކަށް ކެނެޑާ ހެދިޔަ ނުދޭނަން: ޓްރޫޑޯ

އެމެރިކާގެ ސްޓޭޓަކަށް ކެނެޑާ ހައްދަވާނެ ކަމަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ބިރުދެއްކެވުމުން އެ ކަން އެހެން ވިޔަކަ ނުދެއްވާނެ ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

ޓްރޫޑޯ ވިދާޅުވީ ޓްރަމްޕް މި މޭރުމުން ވާހަކަ ދެއްކެވީ ކެނެޑާގެ މުދަލުން 25 ޕަސެންޓް ޑިއުޓީއެއް ނަންގަވާނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވުމުން އާހިރުގައި އެ ކަމުން ގެއްލުން ލިބޭނީ އެމެރިކާގެ ރައްޔިތުންނަށް ކަމަށްވާތީ އެ ކަން އެމެރިކާގެ ރައްޔިތުންގެ ސަމާލުކަމަށް ނުގެންނެވުމަށް ކަމަށެވެ.

"ކެނެޑާގެ މުދަލަށް ނަގާ ޑިއުޓީ ބޮޑު ކުރާ ނަމަ އެމެރިކާއާ ދެކޮޅަށް ކެނެޑާއިން ވެސް މި ފަދަ ފިޔަވަޅެއް އަޅާނަން. ތެޔޮ، ގޭސް، ކަރަންޓު، ދަގަނޑު، އެލުމިނިއަމް، ލަކުޑި އަދި ކޮންކްރީޓް ފަދަ ތަކެއްޗަކީ އެމެރިކާ ރައްޔިތުން ކެނެޑާއިން ގަންނަ ތަކެތި. އެހެންކަމުން ކެނެޑާއިން ޓްރަމްޕްގެ އިގުތިސާދީ ނިންމެވުންތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ އެ ކަމުގެ ނުބައި ނަތީޖާ ފެންނާނީ އެމެރިކާ ރައްޔިތުންނަށް. ސަބަބަކީ މި ހުރިހާ މުދާ ދެން އެމެރިކާ ރައްޔިތުންނަށް ލިބޭނީ އަގު ބޮޑުކޮށް،" ޓްރޫޑޯ ވިދާޅުވިއެވެ.

މި މަހު 20 ގައި ރިޔާސީ ވައުދު ކުރައްވާ ޓްރަމްޕްގެ އިންޒާރު ކެނެޑާއަށް އަމާޒުކުރެއްވީ ކެނެޑާ އާއި އެމެރިކާ ގުޅޭ ބޯޑަރުގެ ސަލާމަތީ ކަންތައްތަކާ ކެނެޑާއިން ފަރުވާ ކުޑަކޮށްލައިފައިވާ ކަމަށް ވިދާޅުވެއެވެ. މި ކަން ހައްލުކުރެއްވުމަށްޓަކައި "އިގުތިސާދީ ބާރު" ބޭނުންކުރައްވައިގެން ކެނެޑާއަކީ އެމެރިކާގެ ބަޔަކަށް ހައްދަވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރޫޑޯ ވިދާޅުވީ 2018 ގައި އެމެރިކާއާ ކެނެޑާގެ ދެމެދުގައި އުފެދުނު ވިޔަފާރީގެ ހިޔާލު ތަފާތުވުމެއްގައި އެމެރިކާގެ ބައެއް މުދަލުން ކެނެޑާއިން ނަގާ ޓެކްސް ބޮޑުކުރި ކަމަށެވެ. އެ ގޮތުން ޑިއުޓީ ބޮޑުކުރި އެމެރިކާގެ މުދަލުގެ ތެރޭގައި ހައިންޒް ބްރޭންޑްގެ ކެޗަޕް، ތާސްބައި، ބޯބަން ބްރޭންޑްގެ ބަނގުރާ އަދި ހާލީ-ޑޭވިޑްސަން ބްރޭންޑްގެ ސައިކަލު ހިމެނެއެވެ.

"މި ފަދަ ކަންކަމުން ނޭދެވޭ އަސަރުކުރާނީ އެމެރިކާގެ މަސައްކަތްތެރިންނަށް،" ޓްރޫޑޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ފަދަ ކަމެއް އަލުން ކުރައްވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި ސަބަބަކީ ކެނެޑާގެ ރައްޔިތުންނަށް ވެސް މި ކަމުގެ ގެއްލުން ލިބޭނެ ކަމަށެވެ.

"މި ފަދަ ފިޔަވަޅު އެޅުމުން ޚުދު ކެނެޑާގެ ރައްޔިތުންނަށް ވެސް މުދާ ލިބޭނީ އަގުބޮޑުކޮށް. އަދި އަހަރެމެންގެ އެންމެ ގާތް ވިޔަފާރީގެ އެކުވެރިޔާ ކަމަށްވާ އެމެރިކާއަށް ވެސް ނޭދެވޭ އަސަރު ކުރާނެ،" ޓްރޫޑޯ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *