މީގެ 50 އަހަރު ކުރިން ވަރިވި އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓްގެ ރޮބަޓް ވެންރިކް އާއި ފެއި ގޭބްލް އަލުން ކައިވެނިކުރަން ނިންމައިފިއެވެ.
ރޮބަޓްއާ ފެއި ދިމާވީ ރޮބަޓަކީ ފެއިގެ ބޭބެގެ އެންމެ ގާތް ރަހްމަތްތެރިޔާ ކަމަށްވާތީއެވެ.
"ކޮންމެވެސް ދުވަހަކުން ކައިވެނިކުރާނެކަމަށް ބުނި،" ފެއި ކިޔައިދިނެވެ.
ރޮބަޓް އެހެން ބުނުމަށް ފަހު ފެއިއާ ކައިވެނިކުރީ 1951 ގައެވެ. ދެމަފިރިންނަށް ހަތަރު ދަރިން ލިބުނެވެ. ނަމަވެސް 1975 ގައި ވަރިވިއެވެ. ވަރިވި ސަބަބުން ހާމަކުރަން ރޮބަޓް އާއި ފެއި ދެކޮޅުހެދިއެވެ.
ދެ މީހުން ދެން އެހެން މީހުންނާ ކައިވެނިކުރިއެވެ. އަދި އެ ދެ މީހުން ކައިވެނި ކުރި ދެ މީހުން މަރުވަންދެން އެ މީހުންނާއެކު ކައިވެނިކޮށްގެން އުޅުނެވެ. އެ ގޮތަށް އެތައް އަހަރެއްވަންދެން ރޮބަޓާއި ފެއި ދުރުގައި އުޅުނެވެ.
"ރޮބަޓާއި ފެއިގެ އަބަދުވެސް އޮންނަނީ ރަނގަޅު ގުޅުމެއް. އާއިލީ ހަފުލާތަކަށް ދެ މީހުން އެކުގައި ވަރަށް ގިނައިން އާދޭ،" އާއިލާ މީހަކު ކިޔައިދިނެވެ.
ދެން އަނެއްކާ މިހާރު ރޮބަޓާއި ފެއި ކައިވެނިކުރަން ނިންމީއެވެ.
"މަންމަ އާއި ބައްޕަ އުޅެނީ ފުރާއުމުރުގެ ދެ ކުދިން އުޅޭހެން. ހުރިހާ ކަމެއް ވެސް އެކަކު އަނެކަކާއެކު ކުރަނީ،" ދެމަފިރިންގެ އެންމެ ހަގު އަންހެން ދަރިފުޅު ކެރޮލް ސްމިތު އެލް.އެން.ޕީ.އަށް ބުންޏެވެ.
ކެރޮލް ބުނީ މަންމައަކީ ބައްޕައަށް ހަޔާތުގައި ލިބުނު ފުރަތަމަ ލޯބިވެރިޔާކަމަށް ކެރޮލް ގާތުގައި ބައްޕަ ބުނިކަމަށެވެ. އަދި އޭގެ ފަހުން ދުވަހަކު ވެސް ފެއި ނުލިބޭނެކަމަށް ރޮބަޓަށް ހީވިކަމަށެވެ.
"ބައްޕަ ދެން ބުނީ މަންމަ އަލުން މިހާރު ލިބުމުން އެއްވެސް ވަގުތެއް ބޭކާރުކޮށްލަން ބޭނުން ނުވާކަމަށް،" ކެރޮލް ކިޔައިދިނެވެ.
ރޮބަޓްގެ 94 ވަނަ އުފަން ދުވަސް މި މަހު ފާހަގަކުރިއެވެ. ފެއިގެ އުމުރުން މިހާރު 89 އަހަރެވެ.
ރޮބަޓާއި ފެއިގެ 14 ކާފަމާމަދަރިންނާއި 14 ހޫރުކާފަމާމަދަރިންނާއި ހޫރުހޫރުކާފަމާމަ އެއްމާބަނޑު ދަރިން އެބަތިއްބެވެ. ފެއިގެ ދެ ފިރިހެން ދޮންދަރިން އެބަތިއްބެވެ.
"ދެން އަންނަން އޮތް އަހަރުތައް އަހަރެމެންނަށް ރަނގަޅުވާނެހެން ހީވަނީ،" ރޮބަޓް ބުންޏެވެ.



advertisment