Support Us

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން

ބޯޅަ އޮތީ ހަމާސް ކޮޅުގައި: ބްލިންކެން

އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ޣައްޒާ ހަނގުރާމަ ހުއްޓައިލުމުގެ އިހުތިޔާރު މިހާރު އޮތީ ހަމާސްގެ އަތުގައި ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ބުނެފިއެވެ.

"ޣައްޒާ ހަނގުރާމަ ނިންމައިލުމުގެ ޑީލްއެއް ހަގީގަތަކަށްވުމުގެ މަލަމަތި އެމެރިކާއަށް ފެންނަން ފަށައިފި. ނަމަވެސް ސުލްހައިގެ އެއްބަސްވުމަކަށް 'އާނ' ބަސް ބުނުމުގެ އިހުތިޔާރު އޮތީ ހަމާސްއަށް،" ބްލިންކެން ބުންޏެވެ.

"އަހަރެމެންނަށް އެ ހިސާބަށް ދެވެން ވާނެ. ނަމަވެސް އަނެއްކޮޅުން ހަގީގަތަށް ބަލަން ޖެހޭ. ވޭތުވެދިޔަ މަސްތަކުގައި ވެސް އެތައް ފަހަރަކު ސުލްހަ ގާއިމުވެދާނެ ކަމަށް ހީކުރެވުނު،" އެމް.އެސް.އެން.ބީ.ސީ ނިއުސްއަށް ބްލިންކެން ބުންޏެވެ.

އޭނާ ބުނީ "ހަގީގީ ސުވާލަކީ ހަމާސް ގޮތެއް ނިންމައި، ހަމާސްއަށް 'އާނ' ބަސް ބުނެވިދާނެ ބާވައޭ"އެވެ.

"އަހަރެމެންނާ އެކުވެރި ގައުމުތަކާ ގުޅިގެން ހަމާސް 'އާނ' ބަސް ބުނުވަން ކިތައްމެ ޕްރެޝަރެއްކޮށްފިން،" ބްލިންކެން ބުންޏެވެ.

"އިސްރާއީލުން ޣައްޒާ ހިފުމާ އެމެރިކާއިން ދެކޮޅު. އެއީ އިސްރާއީލަށް ރަނގަޅު ގޮތަކަށް ނުވާނެ. ސަބަބަކީ އެއިރުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދަން ހަމާސްއަށް ހިތްވަރު ލިބޭނެ،" އޭނާ އިތުރަށް ބުންޏެވެ.

ބްލިންކެން މިހެން ބުނިއިރު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދެ ޖަމިއްޔާ ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗްއިން ތުހުމަތުކުރީ އިސްރާއީލުން ޣައްޒާގައި ކުރިއަށް ގެންދަނީ "ޖެނޮސައިޑް" ނުވަތަ ނަސްލު ނައްތައިލުމުގެ ހަނގުރާމައެއް ކަމަށެވެ.

"އިސްރާއީލުން ކުރިއަށްގެންދާ 14 މަސްވީ ހަނގުރައިމައިގައި ސާފު ފެން ނުލިބޭނެ ގޮތް ހެދުމުން ޣައްޒާ ރަށްވެހިން ފުރާނައަށް ނުރައްކާވާ ބަލިބައްޔަށް ހުށަހެޅިފައިވޭ. ހާއްސަކޮށް ކުޑަކުދިން،" ހިއުމަން ރައިޓްސް ވޮޗުން ބުންޏެވެ.

އެ ޖަމިއްޔާއިން 184 ސަފުހާގެ ރިޕޯޓެއް ނެރުނީ ހަމަ މި މަހު މި މޭރުމުން ތުހުމަތުކޮށް އެމްނެސްޓީ އިންޓަނޭޝަނަލުން ވެސް ރިޕޯޓެއް ނެރެފައިވަނިކޮށެވެ.

ޣައްޒާ ހަނގުރައިމައިގައި މިހާތަނަށް 45،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *