Support Us

އެޑީޑަސްގެ މައްޗަށް ނައިކީ ކާމިޔާބު ހޯދީ ކިހިނެތް؟

އެއީ 1984 އެވެ. ބާސްކެޓްބޯޅަ ކުޅުންތެރިންނަށް ބޫޓު ހެދުމުގައި ނައިކީ ކުންފުންޏަށް ދަތިތަކެއް ކުރިމަތިވިއެވެ. އެ ދުވަސްވަރު މާކެޓްގެ ހިއްސާ ބޮޑީ އެޑީޑަސް ބްރޭންޑްގެއެވެ. ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވީ އެޑީޑަސް ބޫޓަށް އަރައިށެވެ. ދެން އެޑީޑަސް ކުންފުންޏަށް ބޮޑު ގޯހެއް ހެދުނެވެ. ނަތީޖާއެއްގެ ގޮތުން ނައިކީއަށް ކުރި ލިބުނެވެ. މި ބަލައިލަނީ މި ކަން ހިނގާ ދިޔަ ގޮތުގެ މައްޗަށެވެ.

ނައިކީއަށް 1984 ވީ ވިޔަފާރީގައި ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވި އަހަރަކަށެވެ. އެއިރު ބާސްކެޓްބޯޅަ މާކެޓްގެ ރަސްކަން ކުރަމުން އައީ ގަދަ ދެ ބާރު ކަމަށްވާ ކޮންވާސް އާއި އެޑީޑަސްއިންނެވެ. ކޮންވާސްގެ މޫނުތަކަކީ މެޖިކް ޖޯންސަން އާއި ލެރީ ބާޑްއެވެ. އެޑީޑަސްގެ މޫނަކީ ކަރީމް އަބްދުލްޖައްބާރުއެވެ. ނައިކީއަށް ލިބިފައިވަނީ މާކެޓްގެ އެންމެ 17 ޕަސެންޓް ހިއްސާއެވެ. ބްރޭންޑް ތަމްސީލުކޮށްދޭނެ މަޝްހޫރު އެތުލީޓުންނެއް ނެތެވެ. މިހެންވެ ނައިކީއަށް ބޭނުންވެފައި އޮތީ އެ ބްރޭންޑްގެ ގޭމް ރަނގަޅު އަތަކަށް އަނބުރާލާނެ ގޮތެކެވެ.

މި ކަން ދިމާވީ ކޮލެޖެއްގެ ގާޑަކަށް އުޅުނު ހުނަރުވެރިއަކު އެޑީޑަސްއަށް ސޮއިކުރަން ތައްޔާރުވި ވަގުތަށެވެ. އެންމެ ފުރަތަމައިންސުރެ އޭނާގެ ހުވަފެނަކަށްވީ އެޑީޑަސްއާ ގުޅުމެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެޑީޑަސްއިން މީހުން ސިއްސުވައިލި ނިންމުމެއް އިއުލާންކުރިއެވެ. ބާސްކެޓްބޯޅައަށް ޝައުގުވެރިކަމެއް އެހާ ހިސާބުން ނެތް ކަމަށެވެ.

އެޑީޑަސްއަށް އެއިރު ސޮއިކުރަން ތައްޔާރުވި ކުޅުންތެރިޔާގެ ނަމަކީ ކޮބައި ހެއްޔެވެ؟ އެއީ މައިކަލް ޖޯޑަންއެވެ.

އެން.ބީ.އޭ.ގެ ލީގުގައި މަނާކުރި ނައިކީގެ ރަތާއި ކަޅު ކުލައިގެ ބޫޓުގައި މައިކަލް ޖޯޑަން ބާސްކެޓްބޯޅަ ކުޅެނީ

ނައިކީއަށް ފެނުނީ ފުރުސަތެކެވެ. މީގެ ކުރިން އެއްވެސް ބަޔަކު ހުށަނާޅާވަރުގެ ހުށަހެޅުމެއް ނައިކީން ޖޯޑަންއަށް ހުށަހެޅިއެވެ. އެއީ އަހަރަކު ބައި މިލިއަން ޑޮލަރު (7.7 މިލިއަން ރުފިޔާ)ގެ ކޮންޓްރެކްޓެކެވެ. މިއީ އެހެން ކުޅުންތެރިންނާއެކު އެހެން ބްރޭންޑްތަކުން ސޮއިކޮށްފައިވާ ކޮންޓްރެކްޓްތަކުގެ އަގުގެ ފަސް ގުނަ ބޮޑު އަގެކެވެ. ޖޯޑަންއަށް އޭނާގެ އަމިއްލަ ބްރޭންޑެއްގެ ބޫޓު ހެދުމަށް ފުރުސަތު ދިނެވެ. އެ ކަމުގެ ހުރިހާ އުފެއްދުންތެރިކަމުގެ ހައްގުތަކާއި ކޮންޓްރޯލް އޭނާއަށް ދިނެވެ.

ކުޅިވަރު ދުނިޔެއަށް ހީވެގެންދިޔައީ ނައިކީގެ ހިންގުންތެރިން ދުނިޔެއިން މޮޔަވީ ކަމަށެވެ. ދެން ކުޅިވަރުގެ ދުނިޔެ އެންމެ ބިރުގަތް ކަންތައް ހަގީގަތަކަށްވިއެވެ. އެއީ 1984 ގެ އޮކްޓޫބަރު 18 ގައި ކަޅާއި ރަތްކުލައިގެ ނައިކީ ބޫޓަކަށް އަރައިގެން ޖޯޑަން ބާސްކެޓްބޯޅަ ކޯޓަށް ކުޅެން ނުކުތެވެ.

ނަމަވެސް ނައިކީއަށް އެއް ޅައެއްޗެއް އެޅުނެވެ. އެއް ތަފުސީލަށް ބަލައިނުލެވި އޮތެވެ. އެއީ އެމެރިގެ ބާސްކެޓްބޯޅަ އިދާރާ، ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެން.ބީ.އޭ)ގެ އެއް ގަވައިދަށެވެ. އެ ގަވައިދުގައި ބުނަނީ ބޫޓު ހުންނަން ޖެހޭނީ ހުދު ކުލައިގައި ކަމަށެވެ. މިހެންވެ، ލީގުގެ ގޭމްތަކުން މި ބޫޓު ވަގުތުން މަނާކުރިއެވެ.

ނައިކީއަށް އޮތީ ދެ ގޮތެވެ. އެއް ގޮތަކީ ބޫޓުގެ ކުލަ ބަދަލު ކުރުމެވެ. އަނެއް ގޮތަކީ ކޮންމެ ގޭމަކަށް 5،000 ޑޮލަރު (77،050ރ.) ޖޫރިމަނާގެ ގޮތުގައި ދެއްކުމެވެ.

ނައިކީ އަމަލުކުރީ ކިހިނެތް ހެއްޔެވެ؟ ނައިކީން ނިންމީ ކޮންމެ ގޭމަކަށް އެ ޖޫރިމަނާ ދެއްކުމެވެ. އެއީ ހުރިހާ މެޗަކަށްވާ 410،000 ޑޮލަރު (6.3 މިލިއަން ރުފިޔާ)އަށްވުރެ ބޮޑު އަދަދެކެވެ!

ނައިކީން މި ހިސާބުން އަދި ނިންމައިލީކީ ނޫނެވެ. މި ކަން ހެދީ ބޮޑު އިސްތިހާރަކަށެވެ. އިސްތިހާރުގައި ބުނީ: "ތިބާ މި ބޫޓަށް އެރުމަށް އެން.ބީ.އޭ.އަށް ހުރަހެއް ނޭޅޭނެއެވެ."

އެން.ބީ.އޭ.އިން މި ބޫޓު މަނާކުރުމުން ނައިކީން އިސްތިހާރުކުރި ކެމްޕޭން މަޝްހޫރުވެ، ވައިރަލް ވެގެން އައެވެ. އެން.ބީ.އޭ.އިން މަނާކުރި ބޫޓު ކުޑަކުދިންނަށާއި ޒުވާނުންނަށް ކަމުދިޔައެވެ. ފިހާރަތަކަށް ޖެހުނީ ވަތްގަނޑުތަކުގައި މި ބޫޓު ބަރާކުރާހާވަރެވެ. ނައިކީން ނެރެން ފެށި އާ ބޫޓުތައް ހޯދަން އެކަކު އަނެކާ ތަޅާފޮޅާ ހިސާބަށް ދިޔައެވެ. ނަތީޖާއަކީ މުޅިން އާ ސަގާފަތެއް ނައިކީން ދުނިޔެއަށް ތައާރަފުކުރުމެވެ. އެއީ "ބޫޓު ސަގާފަތެ"ވެ. ނުވަތަ "ސްނީކާ ކަލްޗާ"އެވެ. ސްނީކާއަކީ ކުޅިވަރަށް ނުވަތަ އެހެން ވެސް ބޭނުމަށް "ސޮފްޓް" ނުވަތަ މަޑުކޮށް ހުންނަ ބޫޓެވެ.

ނައިކީގެ ވިޔަފާރިއަށް ދެން ވީ ކިހިނެތް ހެއްޔެވެ؟ ސޭލްތައް ކާމިޔާބު ވި ހެއްޔެވެ؟

ނައިކީން ފުރަތަމަ އަމާޒުކުރީ ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ލިބޭތޯއެވެ. ނަތީޖާ ނުކުތީ ހީނުކުރާހާ ރަނގަޅަށެވެ. ފުރަތަމަ އަހަރު އެކަނިވެސް 126 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) ލިބުނެވެ! އެން.ބީ.އޭ.ގެ މުޅި ޖޫރިމަނާއަކީ ކޮންމެ ގޭމަކަށް 5،000 ޑޮލަރު (77،050 ރ.) ކަމަށްވާތީ އެއީ އަހަރަކު އެންމެ 410،000 ޑޮލަރު (6.3 މިލިއަން ރުފިޔާ)އެވެ.

މިހެންވެ މާކެޓް ކުރުމުގައި ނައިކީވީ އަންތަރީޒު ވާވަރުގެ ކުންފުންޏަކަށެވެ. ސްނީކާ ބޫޓު ސިނާއަތް ދާއިމީކޮށް ބަދަލުކޮށްލިއެވެ. އެ ގޮތުން އާދަޔާ ހިލާފު ނަތީޖާތަކެއް ނައިކީއަށް ފެނިގެންދިޔައެވެ. އެއީ 1984 ގައި ބާސްކެޓްބޯޅައިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ލިބުމެވެ. ދެން، 1985 ގައި 126 މިލިއަން ޑޮލަރު  (1.9 ބިލިއަން ރުފިޔާ) ލިބުނެވެ. އޭގެ ފަސް އަހަރު ފަހުން 1990 ގައި އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) ލިބުނެވެ. ޖޯޑަން ބްރޭންޑަށް އެކަނިވެސް 5.1 ބިލިއަން ޑޮލަރު (78.5 ބިލިއަން ރުފިޔާ) ލިބުނެވެ.

އެޑީޑަސްއަށް ޖެހުނީ އެ ކުންފުންޏަށް ހެދުނު ގޯހުގެ ސަބަބުން ނައިކީއަށް އެތައް ބިލިއަން ޑޮލަރެއް ލިބޭ މަންޒަރު ބަލަހައްޓައިގެން ތިބޭށެވެ.

މި ކަމުން ނައިކީއަށާއި ޖޯޑަންގެ ކުރިމަގަށް ލިބުނީ ކޮން ކަހަލަ ކުރިއެރުމެއް ހެއްޔެވެ؟

ނައިކީގެ ކިބައިން ޖޯޑަންއަށް 1.7 ބިލިއަން ޑޮލަރު (26.1 ބިލިއަން ރުފިޔާ) ލިބުނެވެ. އެއީ އެން.ބީ.އޭ.ގެ މުޅި ކެރިއަރުގައި ވެސް ލިބުނު އާމްދަނީއަށްވުރެ ބޮޑު އަދަދެކެވެ.

މި ހުރިހާ ކަމެއްވެސް މި ގޮތަށް ދިމާވީ އެޑީޑަސްއިން ބުނި އެއްޗަކުންނެވެ. އެއީ: "މައާފުކުރާށެވެ. ބާސްކެޓްބޯޅައަށް އަހަރެމެންގެ ޝައުގުވެރިކަމެއް ނެތެވެ."

ނައިކީ އާއި ޖޯޑަން ބްރޭންޑުން މިހާރު ބާސްކެޓްބޯޅަ ކުޅޭ ބޫޓު އުފެއްދުމުގެ މާކެޓްގެ 86 ޕަސެންޓް ހިއްސާކުރެއެވެ. އެޑީޑަސްގެ ހާލަތަކީ ކޮބައި ހެއްޔެވެ؟ އެޑީޑަސްގެ ހިއްސާއަކީ އެންމެ ފަސް ޕަސެންޓެވެ.

މިއީ ނައިކީ އާއި ޖޯޑަން 1984 ގައި ބައްދަލުކުރި އެންމެ ފަހަރަކުން ނުކުތް ނަތީޖާއެވެ. ހަމައެކަނި ސްނީކާ ބޫޓަކަށް ނޫނެވެ. ނަމަވެސް މުޅި ކުޅިވަރު ދުނިޔޭގެ މާކެޓިންއަށެވެ.

މި ކަމުން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ އެއީ، ވިޔަފާރި ދާއިރާގައި އުފެއްދުންތައް ކޮޕީ ކުރެވިދާނެކަމެވެ. އަގުތައް އެއްގޮތް ކުރެވިދާނެކަމެވެ. އުފެއްދުންތަކުގެ ސިފަތައް ތަރައްގީ ކުރެވިދާނެކަމެވެ. ނަމަވެސް ސަގާފަތަށް ބަލައިފި ނަމަ، ސަގާފަތަކީ ދާއިމީ އެއްޗެކެވެ. ނައިކީން އުފެއްދީ ހަމައެކަނި ބޫޓެއް ނޫނެވެ. އެ ކުންފުނިން އުފެއްދީ ހަރަކާތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *