Support Us

އިޓަލީގެ އާޓިސްޓު ސަލްވަތޯރެ ގެރައު އަދި އޭނާ އުފައްދައިފައިވާ ނުފެންނަ "އާޓު" މަގުމަތީގައި ބަހައްޓައިފައިވާ ހުދު ކުލައިގެ ހުސް ގޮޅި

އެއްވެސް މީހެއްގެ ލޮލަށް ނުފެންނަ "އާޓެ"އް 18،000 ޑޮލަރަށް

މިދިޔަ މަހު އިޓަލީގެ އާޓިސްޓެއް ފާރެއްގައި ޑަކްޓް ޓޭޕުން ދޮންކެޔޮވަކެއް ހަރުކުރި "ކޮންސެޕްޓް" ނުވަތަ "ފިކުރީ" އާޓެއް 6.2 މިލިއަން ޑޮލަރު (97 މިލިއަން ރުފިޔާ)އަށް ވިކުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. ނަމަވެސް މީގެ ކުރިން އަދި މިއަށްވުރެ ހައިރާންވާ "އާޓެއް" އިޓަލީގެ އެހެން އާޓިސްޓެއް ވަނީ 2021 ގައި ވިއްކައިފައެވެ.

އެ ފަހަރު އުމުރުން 67 އަހަރުގެ އާޓިސްޓު ސަލްވަތޯރެ ގެރައު ވަނީ އެއްވެސް މީހެއްގެ ލޮލަށް ނުފެންނަ "އާޓެއް" 18،300 ޑޮލަރު (281،793ރ.)އަށް ވިއްކައިފައެވެ. އަދި މި ގަތް މީހާއަށް ސެޓްފިކެޓެއް ވެސް ދީފައެވެ.

މި އާޓްގެ ސަބަބުން މުހިންމު ތިން ބަހުސެއް އުފެދުނެވެ. އެއް ކަމަކީ އާޓަކީ ކޮން އެއްޗެއް ހެއްޔެވެ؟ ދެވަނަ ކަމަކީ އާޓްއަކީ ކިހިނެތް އަގުކުރާ އެއްޗެއްތޯ އުފެދޭ ސުވާލެވެ. ތިންވަނަ ކަމަކީ އާޓު މިހާރު ބޭނުންކުރަމުން ދަނީ މަނީ ލޯންޑާ ކުރުމުގެ ބޭނުމުގައިތޯ އުފެދޭ ސުވާލެވެ.

ގެރައު ބުނީ އޭނާގެ "ނުފެންނަ އާޓް"އަކީ އެ މީހަކު ބޭނުން ހިޔާލަކަށް އެ މީހަކަށް އެ މީހެއްގެ ސިކުނޑީގައި ކުރަހައިލެވޭނެ "ފިކުރީ" ކުރެހުމެއް ކަމަށެވެ.

"މި އާޓަކީ ވަޔާއި ޖައްވުގައިވާ ހަކަތަ ހިމެނޭ އާޓެއް ކަމަށް ބަލަމާ ހިނގާ. މިއީ އަހަރެން މި ވިއްކާ 'ކޮންސެޕްޓް' ނުވަތަ 'ފިކުރަކީ'. އެއްވެސް މީހަކަށް މި އާޓު ނުފެނުނަސް މި އާޓަކީ އެ މީހަކު ބެހެއްޓި ތަނެއްގައި ހުންނާނެ އެއްޗެއް،" ގެރައު ބުންޏެވެ.

ގެރައުގެ މި "އިންވިސިބްލް" ނުވަތަ އެއްވެސް މީހެއްގެ ލޮލަށް ނުފެންނާނެ އާޓަށް ދީފައިވާ ނަމަކީ އިޓަލީ ބަހުން "އަޔޯ ސޯނޯ"އެވެ. އިނގިރޭސި ބަހުން ނަމަ "އައި އޭމް"އެވެ. ދިވެހި ބަހުން ނަމަ "އަހަރެން ވަމެވެ".

"ނެތް އެއްޗަކީ ވެސް ކޮންމެވެސް ސިފައެއް ހުންނާނެ އެއްޗެއް. ސައިންސްވެރިން ބުނާ ގޮތުގައި ވައި ނެތް ޖައްވެއްގައި ވެސް ހަކަތަ ހުރޭ. އަދި އެ ހަކަތައިގައި ބަރުދަނެއްވޭ،" ގެރައު ބުންޏެވެ.

އޭނާގެ މި ފެންނަން ނެތް އާޓު ގަތް މީހާ މި އާޓު ގޭގައި ބަހައްޓާނެ ގޮތް ގެރައު ވަނީ ކިޔައިދީފައެވެ. އެއީ ފަސް ފޫޓު، ފަސް ފޫޓުގެ ހުސް ބިންކޮޅެކެވެ. އެ ހުސް ތަނާ ދިމާއަށް ބަލަން އެއްވެސް ހުރަހެއް އެ ދޭތެރޭގައި ނެތް ހުސްތަންކޮޅެކެވެ.

"އެ މީހެއްގެ ހިޔާލަށް ގެންނަން އެ މީހަކު ބޭނުންވާ ކުރެހުމެއްގެ ސިފަ އެ މީހެއްގެ ހިޔާލުގައި ކުރަހައިލަންވީ،" ގެރައު ބުންޏެވެ.

ގެރައުގެ މި ފަދަ މަސައްކަތްތަކަށް އިޓަލީގެ ސަގާފަތާ ބެހޭ މުއައްސަސާ، އިޓަލިއަން ކަލްޗަރަލް އިންސްޓިއުޓުން ތަރުހީބުދެއެވެ.

"އެއްވެސް މީހަކަށް މި އާޓު ނުފެނުނަސް މިއީ ވައިން އުފެދިފައިވާ އާޓެއް. އިންސާނުންގެ ސިކުނޑިން ކުރަހައިލަން ބޭނުންވަނީ. ކޮންމެ މީހެއްގެ ސިކުނޑީގައި ވެސް މި ބާރު ވޭ،" ގެރައު ބުންޏެވެ.

ގެރައުއަށް ފާޑުކިޔާ މީހުން ސޯޝަލް މީޑިއާގައި ސުވާލުކުރީ ފަސް ފޫޓު، ފަސް ފޫޓުގެ ހަތަރެސްކަން ގޮޅިއެއް ބިންމަތީގައި ކުރަހައިފައި އޭގެ ތެރޭގައި ވައިން އުފައްދައިފައިވާ، އިންސާނުންގެ ލޮލަށް ނުފެންނަ، އާޓެއް ވާކަން ގަބޫލުކުރާނީ ކިހިނަކުންތޯއެވެ.

އެއް ފާޑުކިޔުންތެރިޔަކު ވަނީ ކުޑަކުދިންނަށް ކިޔައިދޭ ވާހަކަ "ދަ އެމްޕަރާސް ނިއު ކްލޯތުސް" ("ރަސްގެފާނުގެ އާ ހެދުންކޮޅު")އަށް އިޝާރާތްކޮށްފައެވެ. މި ވާހަކައިގައި މަކަރުވެރި "އާޓިސްޓަކު" ބޮޑު އަގުގައި ރަސްގެފާނަކަށް ލޮލަށް ނުފެންނަ "ހެދުމެއް" ތައްޔާރުކޮށްދެއެވެ. ދެން މުހިންމު މުނާސަބަތެއްގައި މި ނުފެންނަ ހެދުންކޮޅު ތުރުކުރައްވައިގެން ރަސްގެފާނު ހުރިހާ މީސްތަކުންގެ ތެރެއިން މަގުމަތީގައި ހިނގައިފައި ވަޑައިގަނެއެވެ. ރަސްގެފާނަށް ފާޑުކިޔަން ނުކެރިގެން ބޮޑެތި މީހުން ތިއްބާ އެންމެ ފަހުން ކުޑަކުއްޖަކު ރަސްގެފާނާ ދިމާއަށް އިޝާރާތްކޮށް، އަޑުގައި ނެތް ތަނަށް ހަޅޭއްލަވައިގަނެއެވެ: "އަހަރެންގެ ސާހިބާއެވެ. މަނިކުފާނު ތިޔަހުންނެވީ ބަރަހަނާ ހާލުކޮޅުގައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *