އަޅުގަނޑު ކުޑައިރު ޅެންވެރިންގެ ތެރެއިން އެންމެ ފަރިތަ އެއް ނަމަކީ އެއީއެވެ. އޭރު ހިތަށް އަރައެވެ. ކޮން ޏަވިޔަންޏެއްހެއްޔެވެ. "ޏ. ޢަލީ ޝަރީފް" މި ބޭފުޅަކަށް މި ކިޔަނީ ކީއްވެގެންވާބައެވެ. މި ސުވާލު އުފެދެންފެށީ ފަތްތޫރައިގެ "ޅެންވެރީންގެ ވާދީ" ން އެ ނަންފުޅު ފެންނަން ފެށި ހިސާބުންނެވެ.
ކުޑައިރު އަޅުގަނޑު އެންމެ ގިނައިން ކީ އެއް މަޖައްލާއަކީ ފަތްތޫރައެވެ. ޏ. ޢަލީ ޝަރީފަކީ ޙަޤީޤަތުގައި ކިހިނެތް ހުންނަ ކޮން ބޭފުޅެއްކަން ނޭނގުނަސް އަޅުގަނޑުގެ ޅަ ސިކުނޑީގައި އެ ނަންފުޅު ބިންވަޅު އޮތީ ނެގިފައެވެ. ފަތްތޫރައެއްގައި ޏ. ޢަލީ ޝަރީފުގެ ޅެމެއް ނެތުމަކީ އޭރު އަޅުގަނޑަށް ބޮޑު ފަޅުކަމެކެވެ. ޏ. ޢަލީ ޝަރީފުގެ ނަމުގައި އޮންނަ ޏަވިޔަނީގެ މާނައާމެދު އުފެދިފައި އޮތް ސުވާލުގެ ޖަވާބެއް އެކުގައި އުޅޭ ރައްޓެހިންނަށް ނޭނގެއެވެ. މުދައްރިސުންނާ ވެސް އެ ސުވާލު އަޅުގަނޑު ކުރީމެވެ. އެންމެފަހުން އެ ސުވާލަށް ޖަވާބު ދެއްވީ އަޅުގަނޑުގެ ބައްޕައެވެ. ޏ. ފުވައްމުލަކަށް އުފަން ޢަލީ ޝަރީފް އެޓާނީ ޖެނެރަލްގެ އޮފީހާއި އެކި ކޯޓު ނަންބަރުތަކުގައި ގާޒީކަން ކުރެއްވިއިރުން ފެށިގެން އަޅުގަނޑުގެ ބައްޕައަކީ އެމަނިކުފާނު ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އަޅުގަނޑުގެ ބައްޕައަކީ ވެސް އެންމެ ޒުވާން ދުވަސްވަރު ޝަރުޢީ ދާއިރާއިން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވި ބޭފުޅެކެވެ.
"މޮޅު ގޮތެއް ނޫނީ ކޮބައިތޯ މީހަކަށް މެދުވެރިވެފައި
ފޮޅުވަތެއްގައި ވެސް ނިޔާ މިންވަރުފުޅުން އޮތް ލިޔެވިފައި
ގެއްލުމެއް ކަމުގައި ތިމާއަށް ހީވިޔަސް ބެލުމުން ހިތަށް
ބެއްލެވުން މަތިވެރި އިލާހުގެ ނެތްކަމެއް ކުރިމަތިވެފައި"
ޝައްކެއްނެތެވެ. ޑިސެންބަރު 17 ވަނަ ދުވަހު އަޅުގަނޑުމެންނާ އެ ވަކިވެވަޑައިގަތީ އަގުހުރި ޤައުމީ ޚިދުމަތްތެރިއެކެވެ. ކުޅަދާނަ މޮޅު ޝާއިރެކެވެ. ޅެންވެރިއެކެވެ. ޤާޟީ އެކެވެ. މުދައްރިސެކެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިހުގައި ޚިދުމަތް ކުރެއްވި މެންބަރެކެވެ. ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ޤައުމީ މަރުކަޒާއި އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގައި އިސް މަގާމުތަކެއް ފުރުއްވައި ދިވެހި ޤައުމިއްޔަތަށް ޚިދުމަތްކުރެއްވި އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ސަރުކާރުގައި ދެފަހަރު މަތިން 31 އަހަރު ދުވަހު ޚިދުމަތް ކުރެއްވި ޏ. ޢަލީ ޝަރީފް ވަނީ ޅެންވެރިކަމުގެ ރޮނގުން 1981ގައި އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލުކުރައްވާފައެވެ. އުފަން ރަށަށް ޚާއްޞަ ލޯތްބެއް އޮތް މި ޅެންވެރިޔާގެ ގަލަމީ ނަމުން އެކަނި ވެސް އެކަން ދަލީލުކޮށްދެއެވެ. އަދި ސަރުކާރުން ނެރުއްވި އެ މަނިކުފާނުގެ ދެ ޅެން ފޮތަށް ބިއްސާވެލީގެ ނަމުން ނަން ދެއްވުމުން އަމިއްލަ ރަށާއި އެ މަނިކުފާނާ އޮތް ހިތާހިތުގެ ގުޅުން ބުނެދެއެވެ.
ޏ. ޢަލީ ޝަރީފު މަޝްހޫރުވެފައި ވަނީ ދިމާވާ ކޮންމެ ހާދިސާއަކާއި، ފެންނަ ކޮންމެ މަންޒަރެއްގައި ޝާއިރީ ގަލަމުން ކުލަ ޖައްސަވަދެއްވައި ދިރުން ގެނެސްދެއްވި ކުޅަދާނަ ޅެންވެރިއެއްގެ ގޮތުގައެވެ. ޤުދުރަތުގެ ފުރިހަމަކަމާއި، ދުނިޔަވީ ކަންތައްތައް ސިފަކޮށްދެއްވައި އެތައްއެތައް ނަސޭހަތްތަކެއް ދެއްވި ޝާއިރެއްގެ ގޮތުގައެވެ. ރަށު ބަހުރުވައިން ޅެން ހައްދަވައި ޅެންވެރިކަމުގެ ތަފާތު މުބާރާތްތަކުން ރަން ވަނަތައް ހޯއްދެވި ކުޅަދާނަ ބޭފުޅެއްގެ ގޮތުގައެވެ.
"ޤައުމު އެދޭހެން ކުރިއަށް ދާށެ އަޚުންނޭ
ނައުމުން ހޭލައި މި ލިބޭ ސާފު ޟިޔާއުން
ފައުޅުވެގެން ކަންކަން އިބުރަތް ހާސިލުވޭ
ދައުރުވަމުން ހިނގާ ހިނދު މި މިސާލުން"
"ވަކިވަނީ ހަމަ ދާދިއަވަހަށް ސަބަބު މެދުވެރިކޮށްފައޭ
ދަތިތަކާ ކުރިމަތިވުމުން އަގު ވެސް ވަޒަންކޮށްދީފައޭ"
އުމުރުން 84 އަހަރުފުޅުގައި ޏ. ޢަލީ ޝަރީފު މި ދުނިޔެއާ އަލްވަދާޢު ވިދާޅުވީ އެތައްއެތައް ދަރުހެއް ދެއްވާފައެވެ. އެތައް ރޮނގަކުން ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. ޅެންވެރިކަމާއި އަދަބިއްޔާތުގައި ޚިދުމަތުގެ ނަމޫނާ ދިގު ސިލްސިލާއެއް ދޫކުރައްވާފައެވެ. ޏ. ފުވައްމުލައް، ރަނިކަ އަލްމަރުޙޫމް ޢަލީ ޝަރީފް އިބްރާހީމް (ޏ. ޢަލީ ޝަރީފް) ގެ ފުރާނަފުޅަށް، ރަޙުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވާށިއެވެ. އަދި އެމަނިކުފާނުގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި ޤައުމަށް ކޮށްދެއްވި ވަފާތެރި ޚިދުމަތުގައި ބަރަކާތްލައްވާށިއެވެ.



advertisment