Support Us

ބަނގްލަދޭޝްގެ އިންތިގާލީ ސަރުކާރާ ހަވާލުވެވަޑައިގަތް ހުންނެވި މުހައްމަދު ޔޫނުސް

ބަނގްލަދޭޝްގެ އާއްމު އިންތިހާބު 2025 ނުވަތަ 2026 ގައި: ޔޫނުސް

ބަނގްލަދޭޝްގެ އާއްމު އިންތިހާބު ބާއްވަވާނީ އަންނަ އަހަރުގެ ފަހުކޮޅު ނޫނީ 2026 ގެ ކުރީކޮޅުގައި ކަމަށް އިންތިގާލީ ސަރުކާރާ ހަވާލުވެވަޑައިގަތް ހުންނެވި މުހައްމަދު ޔޫނުސް މިއަދު ވިދާޅުވެއްޖެއެވެ.

"އިންތިހާބުގެ ހުރިހާ ރޭވުމެއް ފުރިހަމަކުރަން މަސްތަކެއް ނަގާފާނެ،" އޭނާ ވިދާޅުވިއެވެ.

އޮގަސްޓް މަހު ބޮޑު ވަޒީރުކަމުން ޝައިހު ހަސީނާ އިސްތިއުފާދެއްވައިފައި ގައުމުން ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތްފައި އެ ގައުމުން ހިމާޔަތް ހޯއްދެވުމުން ބަނގްލަދޭޝްގައި ގާއިމު ކުރެވުނު އިންތިގާލީ ސަރުކާރާ ހަވާލުވެވަޑައިގަތީ ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަތްފައިވާ ޔޫނުސްއެވެ.

ޕާކިސްތާނުގެ އަތުން ބަނގްލަދޭޝްއަށް މިނިވަންކަން ލިބުނު 53 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމާ މުހާތަބުކުރައްވާ މިއަދު މި ގޮތަށް އިއުލާންކުރެއްވީ އާއްމު އިންތިހާބު ބާއްވަވާނެ ދުވަހެއް ކަނޑައެޅުއްވުމަށް އޭނާއަށް ޕްރެޝަރު ބޮޑުވަމުން އަންނަން ފަށައިފައިވަނިކޮށެވެ.

ހަސީނާގެ ވެރިކަން ވައްޓައިލަން ދަރިވަރުން ފެށި މުޒާހަރާތައް ހުއްޓުވައިލަން އެއްބަސް ނުވި އަސްކަރީ ވެރިޔާ ވާކިރުއްޒަމާނު ސެޕްޓެމްބަރު މަހު ބުނެފައިވަނީ 12 އާއި 18 މަހާ ދޭތެރޭގައި ބަނގްލަދޭޝްއަށް އަލުން ޑިމޮކްރެސީ ގެންނަން ޖެހޭނެ ކަމަށެވެ.

ހަސީނާގެ އަވާމީ ލީގްގެ އިތުރުން ބަނގްލަދޭޝްގައި އޮތް ބޮޑު ދެ އިދިކޮޅު ޕާޓީގެ ތެރެއިން ބަނގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ)އިން ބުނީ ވީ އެންމެ އަވަހަކަށް އާއްމު އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ.

ކޮންމެހެން ބޭނުންވާ އިސްލާހުތައް ގެންނަން ކޮމިޝަންތަކެއް ޔޫނުސް ވަނީ އުފައްދަވައިފައެވެ. މިއީ އިންތިހާބު ބޭއްވުމުގެ ކުރިން ކޮންމެހެން ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް، ވޯޓު ލާ މީހުންގެ ފުރިހަމަ ލިސްޓެއް އެކުލަވައިލެވުނު ނަމަވެސް އެންމެ އަވަހަށް އިންތިހާބު ބޭއްވޭނީ އަންނަ އަހަރު ފަހުކޮޅު. ހުރިހާ އިސްލާހަކާ އެއްކޮށް އިންތިހާބު ބާއްވާ ނަމަ، އެއަށް ވުރެވެސް ލަހުން އިންތިހާބު ބޭއްވޭނީ،" ޔޫނުސް ވިދާޅުވިއެވެ.

އުމުރުން 84 އަހަރުގެ ޔޫނުސް ވިދާޅުވީ 170 މިލިއަން މީހުންގެ އާބާދީއެއް އޮތް ދެކުނު އޭޝިއާގެ މި ގައުމުގައި ޑިމޮކްރެސީ އަލުން ގާއިމުކުރެއްވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"ޑިމޮކްރެސީ ނުރައްކަލަށް ހުށަހަޅައިފައިވާ އެތައް އަހަރެއްވީ ވޯޓު ލާ މީހުންގެ ލިސްޓުގައި ހުރި ނުބައި މައުލޫމާތުތައް ނައްތައިލައި، ޒުވާނުން އިތުރުވަމުން އަންނަ އާބާދީއެއްގައި ވޯޓު ލާ މީހުންގެ ރަނގަޅު ރަޖިސްޓްރީއެއް ގާއިމުކުރުމަކީ ގޮންޖެހުމެއް. އަހަރެންގެ ހުވަފެނަކީ ވޯޓު ލާ މީހުންގެ 100 ޕަސެންޓް މީހުން ވޯޓު ލުމަށް ނިކުތުން. މި ކަން ކުރެވިއްޖެ ނަމަ ވޯޓު ލާ މީހުންގެ ވޯޓު ލުމުގެ ހައްގަށް މީގެ ފަހުން އެއްވެސް ސަރުކާރަކަށް އަރައިނުގަނެވޭނެ،" ޔޫނުސް ވިދާޅުވިއެވެ.

އުމުރުން 77 އަހަރުގެ ހަސީނާއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ކޯޓުތަކާއި ސިވިލް ސާވިސް ސިޔާސީ ކުރެއްވުމުގެ އިތުރުން ވަކި ފަރާތަކަށް ބުރަވެފައިވާ އިންތިހާބުތައް ބޭއްވެވުން ހިމެނެއެވެ. އޭނާގެ 14 އަހަރުވީ ވެރިކަމުގައި ޑިމޮކްރެސީ އޭގެ އަސްލު މާނައިގައި ތަންފީޒު ކުރެވުނު ނަމަ އޭނާގެ ވެރިކަން ވެއްޓުނީސް ކަމަށް އޭނާއަށް ފާޑުކިޔާ މީހުން ތުހުމަތުކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *