Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 11

"ތި ވާހަކަ އަހަރެންގެ ގާތުގައި ރާމީން ބުނަންވީ މިއަދަކު ނޫން. މިކިއަލް އާއި އަހަރެން ރައްޓެހިވީ ރާމީންގެ ހާޟިރުގައި،" ރާމީން އިސްޖަހައިލީ މާޔާ އޭނަ ކުށްވެރިކުރި ހިސާބުންނެވެ. އެބުނީ ތެދެކެވެ. މިކިއަލްގެ ރަނގަޅު ވާހަކަ މާޔާ ކައިރީ އޭނާއަށްވެސް ދެއްކުނެވެ. އެކަމަކު އެއީ މާ ފުނަށް ނުގޮސް ނިމޭނެ ގުޅުމެއް ކަމަށް ހީކޮށެވެ.

"ތިއި މިކިއަލް ވަގުތީ އުފަލަށް ގެންގުޅުނު ފުރަތަމަ އަންހެން ކުއްޖާއެއް ނޫން، އަބަދުވެސް އަހަރެން ހުރީ މިކިއަލް ކުރި ކުށުގެ ކައްފާރާއެއްގެ ގޮތުގައި، އެކަމަކު އަހަރެންގެ ކެއްތެރިކަން ކޮޅުންލީ މާޔާގެ މަންމަ ކުރި އާދޭހުގެ ސަބަބުން، އަބަދުވެސް އަހަރެން އަޑުއަހަން މައިމީހާއަށްވުރެ ދަރިއަކާއި މެދު ބޮޑު ޤުރުބާނީއެއްވާ މީހަކު ނުވާނެކަން، އެކަން އަހަންނަށް ފެނުނު، މާޔާ، މިއީ މާޔާ ވިސްނާފައި އިޚްތިޔާރުކުރަންވީ ވަގުތު،" ރާމީން ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން މާޔާ އިނީ އިސްޖަހައިގެންނެވެ. އޭނާގެ ދެލޯ ފުރި ކަރުނަތައް ބަންޑުންވަމުން ދިޔައެވެ.

ރާމީން ދޮގުނުހަދާނެއޭ މާޔާގެ ހިތް ބުނަމުން ދިޔައެވެ. އެހެންވިއަސް އަދިވެސް އޭނާގެ ސިކުނޑި އަރާރުންވަމުން ދިޔައެވެ. މިކިއަލް ކިޔާ އެއްޗެހި އެ ސިކުނޑީގެ އެއްކަނުގައި ފޮރުވިފައިވާތީއެވެ. މާޔާގެ ފަރާތުން ފެންނަމުން ދިޔަ މަޑުމޮޅިކަން ފެނި ރާމީންއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ އަކީ ދޫ ފަރިތަ މީހެއް ނޫނެވެ. މާޔާ ހިތްހަމަޖައްސައިދެން ވިއަސް ހިތްވަރު ދިނުމުގެ ނަމުގައިވިއަސް ބުނާނެ އެންމެ ލަފްޒެއްވެސް އޭނާގެ ސިކުނޑިއަކަށް ނާދެއެވެ. މަޑުމޮޅިކަމާއި އެކު އިނދެ ސާފުހިތަކައިގެން މާޔާ ވިސްނާނެ ކަމުގެ އުއްމީދު އޭނާގެ ހިތުގައި ވިއެވެ.

މިހާރު މާޔާގެ ޝުއޫރުތައް ހުންނާނެ ގޮތް އޭނާއަށް ލަފާކޮށްލެވުނެވެ. އެންމެ ލޯބިވާ މީހާގެ ފަރާތުން ބޭވަފާތެރިކަން ފެނުމުން ކުރާނެ އަސަރު ވަޒަންކޮށްލެވުނެވެ. މާޔާ އާއި މެދު ހަމްދަރުދީވެފައި އިންދާ ދެމީހުންގެ މެދުގައި އޮތް ހަމަހިމޭންކަން ނަގައިލީ މާޔާ ކުރި ސުވާލުންނެވެ. ރާމީންއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ.

"އަހަރެންގެ މަންމަ ރާމީން އަށް ދިނީ ކިހާ ފައިސާއެއް؟"

ކަރުނަތަކާއި އެކު މާޔާ އިސްއުފުލައިލިއިރު އެދެލޮލުން ނަފްރަތާއި ހަސަދައިގެ އަލިފާން ފެންނަންހުރި ފަދައެވެ. ރާމީންއަށް ދެއަތުން އިށީދެ އިން ގޮނޑީގައި ހިފަހައްޓާލެވުނެވެ.

"ހަމަ މިހާރު އަހަރެންގެ ކުރިމަތިން ދޭ، އިތުރަށް އަހަރެން މާޔާއަށް ކިޔައިދޭނެ އެއްޗެއް ވިސްނައިދޭނެ އެއްޗެއް ނެތް، އަދި ކަމަކަށް އުއްމީދެއްވެސް ނުކުރަން، ޔޫ ހެވް ލޮސްޓް ޔުއަރ މައިންޑް، ހަޤީޤަތް އެނގި އެކަން ޤަބޫލުނުކުރާ މީހާއަށްވުރެ ޤަމާރު މީހަކު ނުވޭ،" ރާމީންއަށް ރުޅި އާދެވުނެވެ. ހަރުކަށިކޮށް ވާހަކަ ދެއްކުމަކީ އޭނާއަށް އާދެވިފައިވާ ގޮތެއް ނޫނެވެ. އެހެންވިއަސް އޭނާގެ ލޭ ކެކިގަތެވެ.

"ޔޫ ކާންޓް އާންސާ ދެޓް؟" މާޔާ ކުޑަކޮށް ކައިރިވެފައި އަހައިލިއިރު ހީވަނީ އެ މުއާމަލާތެއްކުރެވުނީ މާޔާގެ ހާޟިރުގައިހެންނެވެ.

"އަހަރެން މިއީ ހިލޭ މީހެއް، އެކަމަކު މާޔާ މަންމައަށް އިތުބާރުނުކުރަންވީ ސަބަބެއް ނެތް." އިތުރަށް ޖަވާބު ދޭކަށް ރާމީން ބޭނުމެއް ނޫނެވެ. އޭނާއަށް ޝަރުމީލާ އެއްވެސް ފައިސާއެއް ދިނީކީ ނޫނެވެ. އޭނާ އަކީ ރިޝްވަތުގެ ކަޅު ހިޔަނި އޭނާގެ ފަސްބައިގައި އަޅުވާނެ މީހެއް ނޫނެވެ. އެފަދަ ހުށައެޅުމަކަށް ވިކޭވަރަށްވުރެ އޭނާގެ ނަފްސު ވަރުގަދައެވެ.

** **

މިކިއަލް ސައިކަލުގައި އައިސް ހުއްޓުނުއިރު ގޭދޮރުމަތީ ޝަރުމީލާ ހުއްޓެވެ. މިކިއަލް އަންނަތަން ފެނި އޭނާ ހިނގައިގަތީ ތިރިއަށް ފޭބުމަށެވެ. މަޑުމަޑުން ސިޑީގެ ހަރުފަތްތައް ގިރާކުރަމުން އައި މިކިއަލް އާއި ޝަރުމީލާ ކިރިޔާ ނުޖެހޭވަރުގައި ހުއްޓުނެވެ.

"ކިހާވަރެއް ދޭންވީ؟" ޝަރުމީލާއަށް މިކިއަލް ބަލައިލިއެވެ. އެއްމިޔަނުން ހީލާފައި މިކިއަލް ދެޖީބަށް އަތްޖަހައިލިއެވެ.

"ބަރުދަނަށް ރަންދިނަސް ވަރިހަމަ، އަހަރެން ހުއްޓާލާނީ ހިތްފުރުނު ދުވަހަކުން." މިކިއަލް ހިނިތުންވިއެވެ. ޝަރުމީލާއަށް އަސަރުކުރީ އޭނާއަށް ކާމިޔާބުވެދާނެ އެއްވެސް މަގެއް ނުފެނުނީމައެވެ.

"ކަލޭ ހިތެއްވެސް އޮވޭތަ؟" ހިތުގައި ޖެހުނުވަރުން ޝަރުމީލާއަށް މުޚާތަބުކުރެވުނީ ފޫހިކަމާއި އެކުގައެވެ.

"ތިޔަ ޒާތުގެ ބިރު އެހެން މީހަކަށް ދައްކާ، އަދި ބުނަން މާޔާ ހުއްޓުވަން ނަހަދައްޗޭ، އަހަރެން ހިތްހަމަނުޖެހުނީމައި ތި ދެމައިން ލަދުގަންނަ ވަރުގެ ގޯހެއްވެސް އަހަރެންގެ ފަރާތުން ހިނގާފާނެ. އެހެންވީމައި އަހަރެން ބުނަންދެން މާޔާ ފޮނުވައްޗޭ، " މިކިއަލްގެ މޫނުމަތީ އަތްދަމާފައި ޝަރުމީލާ ޖެއްސެވެ. އައިސް ހުރި ރުޅީގައި މިކިއަލްގެ މޫނު ނޮޅައި ކުދިކުދިކުރަންވެސް ބޭނުންވިއެވެ.

ވީތަދާއި އެކު މިކިއަލްގެ ހިތުގައި ލެވުނީ އަނިޔާވެރިކަމުގެ އިތުރު ފަށަލައެކެވެ. ބަދަލުހިފުމުގެ ރޫހް އޭނާ ސިކުނޑީއަށް ސަވާރުވެގަތެވެ. އޭނާ އަތްދަމާފައި ޝަރުމީލާގެ މޫނަކު ނުޖަހާނެއެވެ. އޭގެ ބަދަލު މާޔާއަށް ދޭން ވިސްނަމުން ދިޔައެވެ. ކޯތާފަތްމަތީ ފިރުމަމުން މިކިއަލް ފެށީ ޝަރުމީލާ ނަފްސާނީގޮތުން ބަލިކަށިކުރާށެވެ.

"ތި އެޅުނީ ޅަ އެއްޗެކޭ." މިކިއަލް ހީލިއެވެ. އޭނާ މަޑުމައިތިރިކަމާއި އެކުވެސް ޝަރުމިލާއަށް އިންޒާރެއް ދިނެވެ.

"އަހަރެން ފުށްޓަތްކެއް ޖަހާލިއަސް މާޔާ އައިސް ހުންނާނެ. އޭނާއަކަށް ނުކެރެނެ އަހަރެން ދޫކޮށްފައި ދާކަށް، ދިޔަކަ ނުވެސް ދޭނަން.، އަހަރެންގެ އަތުގައި މާޔާގެ ބައިވަރު ފޮޓޯ އެބަހުރި، ވީޑިޔޯ އެބަހުރި، އެހުރިހާ އެއްޗެއް އެންމެންނަށް ބަހާލެވިދާނެ،" މިކިއަލްގެ މޫނަށް ބަލަންހުރެފައި ޝަރުމީލާއަށް ބޯހޫރުވައިލެވުނީ ލިބުނު ސިހުމެއްގެ ބޮޑުކަމުންނެވެ. ޝަރުމީލާ ދެއަތުން މިކިއަލްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލިއެވެ.

"ކަލެއަށް އަހަރެން ދަރިފުޅު ނޫން މީހަކު ނުފެނުނީތަ؟" ޝަރުމީލާ ދެދަތްޕިލަ ޖައްސާލީ ކަރުނަތައް ކޮންޓްރޯލްކުރާށެވެ.

މިކިއަލް ކުޑަކޮށް ކައިރިވީ ޝަރުމީލާގެ ކަންފަތް ދޮށަށެވެ. މިކިއަލް ބުނެލި އެއްޗަކުން ޝަރުމީލާގެ ހިތް ހުއްޓުނު ފަދައެވެ. އޭނާގެ ދެކަކުލުން ވާގިދާހެން ހީވިއެވެ. މިކިއަލް އަތް ފޮޅާލާފައި ސިޑިން ހިނގައިގެންއިރު ޝަރުމީލާ ސިޑީގެ ހަރުގަނޑުގައި ހިފަހައްޓާލަމުން ތިރީގައި އިށީންނަނީއެވެ.

** **

ގެއަށް އައީއްސުރެ މާޔާ އެނދުގައި އޮށޯވެލައިގެން އޮތެވެ. ބާލީހުގައި މޫނު އަޅައި އޮވެ އޭނާ ރޯތާ ގަޑިއިރެއް ފާއިތުވެއްޖެއެވެ. ދެލޮލުން ކަރުނަ ހުސްވުމެއް ނެތެވެ. ބޮލުގެ ރިހުން ދަނީ ގަދަވަމުންނެވެ. ހީވަނީ ބޮލުގެ ވަކިވަކި ނާރުތައް ބުރިވެގެން ހިނގައިދާނެހެންނެވެ. އަމިއްލައަށް ނޭވާލެވޭއަޑުވެސް އަހަން އޭނާއަށްވީ ބުރައަކަށެވެ.

ކޮޓަރީގެ ފަންކާގެ އަޑުން ހީވަނީ ބޮލުގައި އެއްޗަކުން ޖަހާހެންނެވެ. މުޅި ކޮޓަރިތެރެ ހިމޭންވެފައި އޮންނަން އޭނާ ބޭނުމެވެ. އެއްވެސް މީހެއްގެ އުދަނގުލެއް އޭނާ ބޭނުމެއް ނޫނެވެ. ބޭނުންވަނީ އެކަނި އޮވެ ރޮއި ރޮއި ކަރުނަތައް ހުސްކުރާށެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާފައި ޝަރުމީލާ ވަދެގެން އައީ މާޔާގެ ނަމުން އަޑުހަރުކޮށް ގޮވާލާފައެވެ. މާޔާ ސިއްސައިގެން ގޮސް ތެދުވެ މޫނުމަތި ފޮހެލިއިރު ޝަރުމީލާ އައިސް ހުއްޓުނީ އެނދު ކައިރީގައެވެ. ޝަރުމީލާ ބާލީހާއި ދިމާލަށް ގުދުވިތަން ފެނިފައި ބާލީސް ނެގިނުދޭން މާޔާ މަސައްކަތްކުރިއެވެ. މާޔާ ފޮޅުވާލާފައި ޝަރުމީލާ ކުރި ހޯދިއެވެ. ބާލީސް ދޮށުގައި އޮތް އެއްޗެއް ފެނިފައި ޝަރުމީލާގެ ހޭވެރިކަން ފިލައި ދިޔައެވެ. މަންމަ ދެކެ އިންތިހާއަށް ބިރުން އިންދާ މާޔާގެ މޫނުގެ ދެފަރާތުގައި ޝަރުމީލާ ޖެހިއެވެ. ވީތަދާއި އެކު މަންމައަށް ގޮވާލެވުނެވެ.

"އަހަންނަށް މަންމަ ނުކިޔާތި." އެޔަށްވުރެ ބާރަށް ޝަރުމީލާ ހަޅެއްލަވައިގަތެވެ. މާޔާގެ އަތުގައި ހިފާ އެނދުމަތިން ނަގައި ފާރާއި ދިމާލަށް ކޮއްޕާލިއެވެ.

"ތި ހުރިހާ ކަމެއް ދަސްކޮށްދޭ މީހާގެ ކައިރިއަށް ނިކުމެގެން ދޭ، އެމީހެއްގެ ފަރާތުން ހިމާޔަތާއި ރައްކާތެރިކަން ހޯދާ، އަހަރެން މިހުރީ ހޭހުސްވާވަރުވެފައި، މާޔާގެ ކިބައިގައި ލަދުވެތިކަން އެންމެ ޒައްރެއްގެ މިންވަރަށްވެސް ނެތިގެން، މާޔާއަށް ހެވައި ނުބައި އަހަރެން ކިޔައިދިނިން، އަހަރެންގެ އެއްވެސް އަގެއް މާޔާގެ ކުރިމަތީގައި ހުރިނަމަވެސް މިއަދު އަހަންނަށް މިއަދު ލަދުގަންނާކަށް ނުޖެހުނީސް." ޝަރުމީލާ ރުޅި އައީ ބާލީސް ދޮށުގައި އޮތް އެތި ފެނިގެންކަން މާޔާއަށް އެނގެއެވެ. އޭނާ އަށް އަނެއްކާވެސް މަންމާއޭ ކިޔައި ގޮވައިލެވުނެވެ. ޝަރުމީލާގެ ކައިރިއަށް ފިޔަވަޅެއް ނެގިތަނާއި މިފަހަރު ޝަރުމީލާ ހުއްޓުވިއެވެ. އަނެއްކާވެސް އަމުރުކުރީ އެގެއިން ނިކުމެގެން ދާށެވެ.

މާޔާއަށް އެއްޗެއް ބުނާނެ ފުރުޞަތެއް ޝަރުމީލާ ނުދިނެވެ. އޭނާގެ އަތުން އަނިޔާއެއް ލިބުމުގެކުރިން އެތަނުން ނިކުންނަން ޝަރުމީލާ އެތައް ފަހަރަކު ބުންޏެވެ. އަޑުގަދަވެގެން ޔޫނުސް އައިކަން އެއީނަޞީބެވެ.

ވެގެން އުޅޭގޮތެއް އަހާލުމާއި އެކު ޝަރުމީލާއަށް އެއްވެސް ސިއްރެއް ނުހިފެހެއްޓުނެވެ. މިކިއަލްގެ ނަޞަބާއި އެކު ކިޔައިދީފައި ދެން ކިޔައިދިނީ މިކިއަލް އާއި މާޔާގެ ދެމެދުގައި ހިނގާފައި ހުރި ކަންތަކާއި މިކިއަލް ދެއްކި ވާހަކަތަކެވެ.

ޝަރުމީލާގެ މޫނަށް ނުބަލަން މާޔާ އިސްޖަހައިލިއިރު އޭނާގެ ހިތުން އަނެއްކާވެސް ކުޑަވެގެން ދިޔައީ މަންމައަށް ޤަދަރެވެ. ފަޟީހަތްކުރުމާއި ކުށެއްވާއިރަށް ބާކީކުރުމަކީ ލޯބި ކަމަށް ވާނަމަ އެ ރޭހުގެ އެއްވަނައިގައި އޭނާގެ މަންމަ ވާނެއެވެ. އޭގެ ބަދަލުގައި ޔޫނުސް ކަންތައްކުރީ ޝީތުގެ އަބުރު ރައްކާތެރިކޮށްދޭށެވެ. އެންމެ ކުޑަމިނުން އަނބިމީހާ ކައިރީގައިވެސް ނުބުނެއެވެ.

ޝަރުމީލާ އާއި ޔޫނުސްގެ ދެމެދުގައި ދެކެވުނު ވާހަކަތައް މާޔާގެ ކަންފަތަކަށް ނީވެއެވެ. އޭނާ ހުރީ ވީދެރައިން ރޯލަ ރޯލައެވެ. ޝަރުމީލާ ނުކުމެގެން ދިޔަފަހުން ޔޫނުސް މާޔާ ކައިރީ އަރާމުކުރާށޭ ކިޔާފައި ދިޔައެވެ. ގޭތެރޭގައި އަނެއްކާވެސް ޝަރުމީލާ އާއި ޔޫނުސް އަޑުގަދަކޮށް ވާހަކަ ދައްކާ އަޑު އިވުނެވެ. މިކިއަލް އެގެއިން ނެރޭށޭ ޝަރުމީލާ ބުނި އަޑު މާޔާއަށް އިވުނެވެ.

** **

އެނދުގައި އިށީނުމާއި އެކު އަނެއްކާވެސް މާޔާއަށް ރޮވެންފެށިއެވެ. ރޮއި ރޮއިގޮސް މޭގައި ތަދުހިފިއިރުވެސް މިރޭ ކަރުނަ ހުހެއް ނުވިއެވެ. އޭނާގެ ސަބަބުން މަންމަ ލަދުގެންފިކަން އެނގުމުނ ވަރަށް ބޮޑަށް ލަދުގަންނަ ގޮތްވިއެވެ. އަނެއްކާ ރާމީން އެކި ފަހަރޔު ބުނެފައިވި ބަސްތައް އޭނާގެ ހިތުގައި އާވަމުން ދިޔައެވެ.

އެންމެ ރަނގަޅުގޮތަކީ މިކިއަލް އާއި ވަކިވުންކަން އޭނާގެ ޟަމީރު އެއްބަސްވިއެވެ. މިކިއަލް އަށް މެސެޖުކޮށްފައި އޭނާ އެދުނީ މި ގުޅުން އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމެވެ. މިކިއަލްގެ މެސެޖެއް އަދި ފޯނު ކޯލެއް އައުމުގެކުރިން އޭނާގެ ފޯނު އަވަހަށް ނިއްވާލެވުނެވެ.

އޭގެ ދެދުވަސް ފާއިތުވިއިރު އެގޭގައި ދިރޭ މަޚްލޫޤެއް ނޫޅޭ ފަދައެވެ. ކޮޓަރިން މާޔާ ނިކުންނަނީ ބަނޑުހައިވެގެން އެކަންޏެވެ. އޭނާ ހޯދާކަށް ޝަރުމީލާ ނުވެސް އާދެއެވެ. ޝީތުވެސް އޮންނަނީ ކޮޓަރީގައެވެ. އަމިއްލަ މައްސަލަތައް ހިފައިގެން ޝީތު އައިސް ހެދި ނަމަވެސް މާޔާގެ އެގޮތެއް ނުހުރެއެވެ. އެއްވެސް މީހަކާއި ހިތުގެ ބުރަދަން ހިއްސާކުރުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ.

** **

ދަންވަރުގެ ވަގުތެވެ. މިރޭވެސް ނިދި ނައިސްގެން އެނދުގެ ދެފަރާތަށް ފުރޮޅި ފުރޮޅި މާޔާ އޮތެވެ. އޭނަ އާއި ނިދި މާބޮޑަށް ރުޅިވެގެން އުޅެނީ ދުވާލު މާގިނައިން ނިދިފައި ހުރީމަކަމަށްވެސް ވެދާނެއެވެ. ނޫނީ އަދިވެސް އޭނާގެ ސިކުނޑިއަށް ކުޑަވެސް ލުޔެއް ނުލިބޭތީކަމަށްވެދާނެއެވެ.

ތަޅުގައި ހިފިހެން ހީވެ މާޔާ ފަސްއެނބުރި ބަލައިލިއެވެ. ނިދާ ބޮކީގެ ފަނޑުއަލީގައިވެސް އޭނާއަށް ތަޅު އެނބުރުނުތަން ފެނުނެވެ. އޭނާ ނިދިކަން ކަށަވަރުކުރުމަށް މަންމަ އައީބާއޭ ހިތައި މާޔާ ދެލޯ މަރައިލިއެވެ. ބަރުފިޔަވަޅެއްގެ އަޑު އޭނާއަށް އިވުނެވެ. ދެލޯ މަރައިގެން އޮއްވާ އެނދުގެ މަގަތުގައި މީހަކު އިށީންކަން އެނގުނެވެ.

ރުޅި އާދެވުނީތީ އެކަމާއި މަޢާފަށް އެދެން މަންމަ އައީބާއޭ މާޔާ ހިތަށް އެރިއެވެ. މަންމަގެ ކުރިމައްޗަށް ހުއްޓި މަޢާފަށް އެދި އާދޭސްކުރަން އޭނާގެ ހިތްވެސް ބުނެއެވެ. އެކަމަކު މި ދެދުވަހު މަންމަގެ ކުރިމައްޗަށް ގޮސް ހުއްޓޭނެ ހިތްވަރެއް ނެތެވެ.

ގައިމަތީ އޮތް ރަޖާ އެއްފަރާތް ކޮށްލިކަން މާޔާއަށް އެނގެއެވެ. އޭސީގެ ފިނިކަން އޭނާގެ ފައިގައި ޖެހުނެވެ. މަޑުމަޑުން އޭނާގެ ފައިތިލައިގައި ފިރުމާލިކަން އިހްސާސްވުމުން ސިހިފައި ދެލޯ ހުޅުވައިލެވުނެވެ. އޭނާގެ މަގަތުގައި އިށީދެ އިނީ މަންމައެއް ނޫނެވެ. ޔޫނުސް އެވެ. ޔޫނުސްގެ ނަޒަރުހުރީ ހާމައަށް ފެންނަން އޮތް އޭނާގެ ދެފަޔަށެވެ.

މާޔާ ހަޅެއްލަވައިގަނެވުނެވެ.

"ޝްޝް" ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލާފައި ޔޫނުސް ބަލައިލިއިރު އެދެލޮލުގައިހުރީ އެހެން ކުލައެކެވެ.

"ތި އަޑު ފޯރާ ހިސާބުގައި ނެތޭ މީހަކު." ފުރުޞަތަކަށް ބަލަބަލާ ހުރި ޔޫނުސްގެ ހިތުގައި މާޔާގެ ޖިސްމަށް އުފެދުނު ދަހިވެތިކަން ނޫން އެއްޗެއް ނުވިއެވެ. މިރޭ އޭނާ ހުރީ ހުރިހާ ގޮތަކުން އޭނާއަށް ކާމިޔާބުވާނެ މަގު ކޮށައިފައެވެ. ޝަރުމީލާއަށް އޮފީސް ދަތުރެއް ލިބުމާއި އެވާހަކަ މާޔާ ކައިރީ ނުބުނެވި ފުރަންޖެހުމާއި ގޭތެރެ ހުސްކުރުމުގައި އޭނާގެ ދައުރުވިއެވެ.

"ނިކުމޭމިތަނުން." މާޔާ ތެޅިގެންފައި ތެދުވިއެވެ. އެކޮޓަރިން ނިކުންނަން ޔޫނުސްއަށް އަމުރުކުރުމުން އޭނާ ފެށީ ހޭށެވެ. އަދި މިތަނުން ނިކުންނަންޖެހެނީ އޭނާއަށްތޯ ސުވާލުކޮށްލިއެވެ. މާޔާ ގެ ހިތް ކުރިއަށްވުރެ ބޮޑަށް ނުތަނަވަސްވިއެވެ.  އެނދުން ފައިބައިގެން ނިކުމެގެން ދާން އުޅުމުން ޔޫނުސް ހިފީ އޭނާގެ އަތުގައެވެ. ލަތްކެއްޖަހައި ދަމާލާފައި ގެނެސް ޔޫނުސްގެ ދެއަތުގައި މާޔާ ހައްޔަރުކޮށްލިއެވެ. ބިރުން ގޮސް މުޅި ހަށިގަނޑު ތުރުތުރުއަޅަމުން ދަނިކޮށް މުޅިމީހާ ހުއްޓުމަކަށް އައީ އޭނާގެ ކަންފަތް ދޮށުގައި ޔޫނުސް ބުނި އެއްޗަކުންނެވެ.

"މިހާރު ވަރަށް ތަޖުރިބާވެސް ލިބިފައެއްނު ހުންނާނި، ދެން ކުރާ މީހާއަކީ ކާކުތޯ ކީއްކުރަން ބަލަނީ؟ އައި ވިލް ގިވް ޔޫ އެނީތިން." މާޔާގެ ކަންފަތް ދޮށުގައި ޔޫނުސް ބުނެލިއެވެ. ހަރަކާތެއް ގެންނަން ނޭނގިފައި މާޔާ ހުއްޓާ އެނދާއި ދިމާލަށް ޔޫނުސް ކޮއްޕާލިއެވެ. އޭނާގެ ހަށިގަނޑަށް ޔޫނުސްގެ ބަރު އިހްސާސްވިއެވެ. ދެލޯ މަރާ ބާރުކޮށްލެވުނުއިރު ލޮލަށް ގިނަވެފައިވާ ކަރުނަތައް ހޯސްލާފައި އަންނަން ފަށައިފިއެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11412
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *