އިސްރާއީލުން ހިފައިފައިވާ ސޫރިޔާގެ ޖޫލާން އުސްބިންތަކުގައި އިތުރު ޔަހޫދީން ވަޒަންވެރިކުރަން އިސްރާއީލު ސަރުކާރުން ނިންމައިފިއެވެ.
ޔަހޫދީންގެ އާބާދީ ޖޫލާންގައި އިތުރުކުރުމަކީ ސީދާ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫގެ މަޝްރޫއެކެވެ.
"މި މަޝްރޫއުގެ ދަށުން އިސްރާއީލުން ހިފައިފައިވާ ސޫރިޔާގެ ބިންތަކުގައި ވަޒަންވެރިކުރުވާ ޔަހޫދީންގެ އާބާދީ ދެގުނައަށް އިތުރުކުރާނަން،" ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި މަޝްރޫއަށް ކަނޑައަޅައިފައިވަނީ 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ)އެވެ. މި ފައިސާ ހަރަދުކުރަން ހަމަޖައްސައިފައިވަނީ ޔަހޫދީންނަށް ގެދޮރާއި ތައުލީމާއި އިއާދަކުރަނިވި ހަކަތަ އާއި އަދި ދަރިވަރުންގެ ވިލެޖެއް ގާއިމުކުރުމަށެވެ.
"ޖޫލާން ވަރުގަދަ ކުރުމަކީ އިސްރާއީލުގެ ދައުލަތް ވަރުގަދަކުރުން. އަދި މި ވަގުތަށް ހާއްސަކޮށް މި މަޝްރޫއުތައް މުހިންމު. ޖޫލާން ދޫކޮށެއް ނުލާނަން. އެ ތަން އާރާސްތުކުރާނަން. އެ ތަނުގައި ޔަހޫދީން ގެދޮރުވެރި ކުރާނަން،" ނަތަންޔާހޫ ބުންޏެވެ.
އެތައް ދަހަރެއް ވަންދެން އިސްރާއީލާ ހަނގުރާމަ ކުރަމުންއައި އެއް ގައުމަކީ ސޫރިޔާއެވެ.
ސޫރިޔާގެ ރައީސްކަމުން ބައްޝާރުލްއައްސަދު އިސްތިއުފާދެއްވައިފައި ފިއްލަވައިގެން ރަޝިއާއަށް ވަޑައިގަތުމުން ސޫރިޔާގެ ވެރިކަމާ މި ވަގުތު ހަވާލުވެވަޑައިގަތް ހުންނެވި ހައަޔަތު ތަހްރީރުއްޝާމު (އެޗް.ޓީ.އެސް)ގެ ލީޑަރު އަހްމަދު އައްޝަރާ ވިދާޅުވީ އިސްރާއީލުން ސޫރިޔާއަށް މިހާރު ދެމުންދާ ހަމަލާތަކާއި ސޫރިޔާގެ ބިންތަކަށް އަރައިގަތުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
"ނަމަވެސް ސޫރިޔާއަށް އާ ހަނގުރާމައެއްގެ ތެރެއަށް ވަދެވޭނެ ގާބިލުކަމެއް ނެތް. އެތައް އަހަރެއް ވަންދެން ހަނގުރާމަ ކުރުމުން ސޫރިޔާ ހަނގުރާމަވެރިން މިހާރު ވަނީ ވަރުބަލިވެފައި،" އޭނާ ވިދާޅުވިއެވެ.
"މިހެންވެ، މި މަރުހަލާގައި އަހަރެމެންނަށް އެންމެ މުހިންމު ކަމަކީ ގައުމު އަލުން އާރާސްތުކޮށް ގައުމުގެ އެތެރޭގެ ސުލްހަ ދެމެހެއްޓުން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
އޭނާގެ އެޗް.ޓީ.އެސް ޖަމާއަތަކީ ޓެރަރިސްޓް ގްރޫޕެއް ކަމަށް 2018 ގައި އެމެރިކާއިން ކަނޑައެޅިއަސް އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އިއްޔެ ބުނީ އެޗް.ޓީ.އެސްއާ އެމެރިކާއިން މުއާމަލާތްކުރަން ފަށައިފި ކަމަށެވެ.
"އެޗް.ޓީ.އެސް އާއި ސޫރިޔާގެ އެހެން ޕާޓީތަކާ މުއާމަލާތްކޮށްފިން،" މުއާމަލާތްކުރީ ކިހިނެތްކަން ހާމަނުކޮށް ބްލިންކެން ބުންޏެވެ.
ތުރްކިޔެގެ އިތުރުން އަރަބި ގައުމުތަކުގެ ޑިޕްލޮމެންޓުންނާއެކު އުރުދުންގައި ބްލިންކެން އިއްޔެ ވަނީ ސޫރިޔާއާ ބެހޭ ގޮތުން މަޝްވަރާ ބައްދަލުކުރުމެއް ބާއްވައިފައެވެ.
"އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ ހާލު، ހުރިހާ ޕާޓީތަކެއް ހިމެނޭ ގޮތަށް، ވަކި މަޒުހަބަކަށް އިސްކަން ދިނުމެއް ނެތި، ދެފުށްފެންނަ، ހުރިހާ އެންމެން ރަމްޒުކުރެވޭ ސަރުކާރެއް ގާއިމުކުރުމަށް ގޮވައިލަން،" މަޝްވަރާ ބައްދަލުވުމަށް ފަހު އެމެރިކާ، ތުރްކިޔެ އަދި އަރަބި ގައުމުތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ސޫރިޔާގެ ވެރިރަށް ދިމިޝްގަށް މިއަދު ޒިޔާރަތްކުރައްވައި، އދ.އިން ސޫރިޔާއަށް ކަނޑައަޅައިފައި ހުންނަ މަންދޫބު ގެއާ ޕެޑާސަން ބުނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް މިހާތަނަށް އަޅައިފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލަން ޖެހޭކަމަށެވެ.
"އަދި މި ވަގުތުން ވަގުތަށް، އިތުރު އެހީ ސޫރިޔާއަށް ފޯރުކޮށްދޭންޖެހޭ،" އޭނާ ބުންޏެވެ.



advertisment