Support Us

މި ހަފުތާގައި ކެމްބޯޑިއާގައި ބޭނި "މެކޮންގް ޖަޔަންޓް ކެޓްފިޝް" ބާވަތުގެ މަހެއް މެކޮންގް ކޯރަށް އަލުން ދޫކޮށްލަނީ

ދުނިޔެއިން ހުސްވަމުންދާ މެކޮންގް ޖަޔަންޓް ކެޓްފިޝްގެ 6 މަސް ފެނިއްޖެ

އާބާދީ 80 ޕަސެންޓަށް މަދުވެފައިވާ މެކޮންގް ޖަޔަންޓް ކެޓްފިޝްގެ ހަ މަސް ކެމްބޯޑިއާއިން ފަސް ދުވަސް ތެރޭގައި ފެނިއްޖެއެވެ.

ތިން މީޓަރު ދިގު އަދި 300 ކިލޯ ބަރުދަނުގައި ހުންނަ މި މަސް، ދެކުނު އިރުމަތީ އޭޝިއާގެ ޒުވާން ޖީލަށް މީގެ ކުރިން ފެނިފައެއް ނުވެއެވެ.

މިއީ ރީތި ފެނުގައި އުޅޭ އެންމެ ބޮޑު އަދި އެހާމެ ނުފެންނަ މަހެކެވެ. އުޅެނީ ދެކުނު އިރުމަތީ އޭޝިއާގެ މެކޮންގް ކޯރުގައެވެ.

މި ހަ މަސް މިހާރު ވަނީ ޓެގުކޮށްފައި އަނބުރާ ކޯރަށް ދޫކޮށްލައިފައެވެ. މި ހަ މަސް ފެނުމާއެކު ދުނިޔެއިން ހުސް ނުވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކުން ބުންޏެވެ.

ކުރީ ޒަމާނުގައި ޗައިނާއިން ފެށިގެން ވިއެޓްނާމާ ހަމައަށް މެކޮންގް ކޯރުން މި މަސް ފެނިފައިވެއެވެ. ނަމަވެސް 3،044 މޭލު ދިގު ކޯރުގައި ޑޭމްތައް ހެދުމުން އެ ސޮރުމެން ވިހެއުމަށް ބޭނުންވާ ހިސާބުތަކަށް މިހާރު ދަތުރުނުކުރެވޭތީ ދުނިޔެއިން ހުސްވެދާނެކަމުގެ ބިރު މިހާރު އެބައޮތެވެ.

މެކޮންގް ޖަޔަންޓް ކެޓްފިޝްގެ އާބާދީ އެހާ ބޮޑަށް ދަށަށް ގޮސްފައިވުމުގެ އަނެއް ސަބަބަކީ އަދަދަށް ބެލުމެއް ނެތި ބޭނުމެވެ.

މިހެންވެ ފަހުގެ ތާރީހެއްގައި މެކޮންގް ކޯރުގެ ވަސީލަތްތަކުން އާމްދަނީ ހޯދާ އެތައް މިލިއަން މީހުންނަށް މި މަހަކީ އެ މީހުންގެ ހަޔާތުގައި އަދި ނުވެސް ފެންނަ މަހެކެވެ.

"ފަސް ދުވަހުގެ ތެރޭގައި މީގެ ހަ މަސް ހިފުނު. މިއީ ކުރިން ދުވަހަކު ވެސް ނުވާ ކަމެއް. އަދި އެ ސޮރުމެން އަނބުރާ ކޯރުގެ ތެރެއަށް ދޫކޮށްލުމުން މި މަސް ކުރިމަގުގައި ވެސް އުޅޭނެކަމަށް މީހުން އަންނަނީ އުއްމީދުކުރަމުން،" ދަ ގާޑިއަނުން ރިޕޯޓްކުރިއެވެ.

މެކޮންގް ކޯރު ދެމޭ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ލައޮސް އާއި ތައިލެންޑް ވެސް ހިމެނެއެވެ.

"މި މަސް ހިމާޔަތް ކުރުމަށް އަދިވެސް އުއްމީދު އެބައޮތް،" ގައުމުތަކުން ގުޅިގެން މެކޮންގް ތަރައްގީކުރާ މަޝްރޫއު ހިންގާ އެމެރިކާގެ ޖަމިއްޔާއެއްގެ އިސްވެރިއެއް ކަމަށްވާ އެމެރިކާގެ ނެވާޑާ ރީނޯ ޔުނިވާސިޓީގެ ޑރ. ޒެބް ހޯގަން ބުންޏެވެ.

ވޭތުވެދިޔަ ދެ ދަހަރު ތެރޭގައި ކެމްބޯޑިއާ އާއި އެމެރިކާގެ އިދާރާތަކުން ގުޅިގެން މި މަސް ރައްކާތެރިކުރުމުގެ މަޝްރޫއުތައް ހިންގަމުންދެއެވެ. ނަމަވެސް މިހާތަނަށް ފެނިފައިވަނީ އަދި ޓެގް އެޅުވިފައިވަނީ އެންމެ 100 އެއްހާ މަހުގައެވެ. ޓެގް އެޅުވުމުގެ ބޭނުމަކީ މަސް ހިޖުރަ ކުރާގޮތާއި އުޅޭ ހިސާބުތަކާއި މަހުގެ ސިއްހީ ދުޅަހެޔޮކަން ދެނެގަތުމެވެ.

"މަގުސަދަކީ މަސް ދިރިއުޅޭ ތަންތަން ހިމާޔަތްކުރުން. އެއީ މަހުގެ އާބާދީ ރައްކާތެރިކުރުމަށްޓަކައި،" ޒެބް ބުންޏެވެ.

މެކޮންގް ޖަޔަންޓް ކެޓްފިޝްއަކީ ދެކުނު އިރުމަތީ އޭޝިއާގެ ސަގާފަތާ ގުޅިފައިވާ މަހެކެވެ. ކާބަފައިން މީގެ 3،000 އެއްހާ އަހަރު ކުރިން ވެސް ހޮހަޅަތަކުގައި މި މަސް ކުރަހައިފައިވެއެވެ. މެކޮންގް ކޯރުގެ މަސްތައް ކެއުމެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ކޯރުގެ އެހެނިހެން ވަސީލަތްތަކުން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް އަހަރަކު 10 ބިލިއަން ޑޮލަރު (154 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބެއެވެ.

މެކޮންގް ކޯރުން ފައިދާ ލިބިގަންނަ މަސްވެރިންނަކީ ތިމާވެށި ހިމާޔަތްކުރުމުގައި ވަރަށް ހޭލުންތެރި ބައެކެވެ. އެ ގޮތުން އާބާދީ މަދު މަހެއް ގަސްދުގައި ނޫން ގޮތަކަށް ވެސް ބޭނިއްޖެ ނަމަ ރަސްމީ އިދާރާތަކަށް އަންގައެވެ. އަދި އެ އިދާރާތަކުން އެ މަހެއް ޓެގްކޮށް އަލުން ކޯރަށް ދޫކޮށްލައެވެ. މިހެންވެ މެކޮންގް ކޯރު ހިމާޔަތްކުރުމުގައި މަސްވެރިންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެކެވެ.

"އަހަރެމެންކުރާ ދިރާސާތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް މަސްވެރިންގެ އެއްބާރުލުން ކޮންމެހެން މުހިންމު،" ކެމްބޯޑިއާގެ މަސް ދިރާސާކުރާ އިދާރާގެ ޑިރެކްޓަރު ހެންގް ކޮންގް ބުންޏެވެ.

މެކޮންގް ޖަޔަންޓް ކެޓްފިޝްގެ އިތުރުން މެކޮންގް ކޯރުގައި ސައިޒުން ބޮޑެތި އެހެން ބާވަތްތަކުގެ މަސް ވެސް އުޅެއެވެ. އޭގެ ތެރޭގައި ދުނިޔެއިން ނެތިގެން ހިނގައިދާނެ ބިރު އުފެދިފައިވާ މަސް ހިމެނެއެވެ. އެ ގޮތުން ޖަޔަންޓް ސްޓިންގް ރޭ ބާވަތުގެ މަޑިއެއްގެ އިތުރުން ދުނިޔެއިން ނެތިގެން ގޮސްފައިވާ ކަމަށް ބެލެވުނު ސެމަން ކާޕް ބާވަތުގެ މަހެއް މި އަހަރު ކުރީކޮޅު ފެނުނެވެ.

މި ފަހަރު ފެނުނު މެކޮންގް ޖަޔަންޓް ކެޓްފިޝްގެ ބާވަތުގެ ހަ މަހުގެ ތެރެއިން ހަތަރު މަސް ފެނިފައިވަނީ ހަތަރު ދުވަސް ތެރޭގައި ކަމަށްވުމަކީ އާދަޔާ ހިލާފު ކަމެއް ކަމަށް އެމެރިކާގެ ދެކުނު އިރުމަތީ އޭޝިއާގެ ތަރައްގީއާ ބެހޭ އިދާރާއަކުން ބުންޏެވެ.

"މިއީ މެކޮންގް ކޯރުގެ މި ގަރުނުގެ 'ބޮޑު ވާހަކަ'. މެކޮންގް ކޯރުގެ ތިމާވެއްޓަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކާއެކު ވެސް މަސްމަހާމެހި ދިރިއުޅެމުން އަންނަކަން މި ކަމުން ހާމަވޭ. މި ހަފުތާގައި މި ހަ މަސް ފެނުމުން މެކޮންގް ދައުރުވާ ގައުމުތަކާއި އަދި އެހެން ގައުމުތަކަށް ވެސް އެނގިގެން އަންނާނީ މެކޮންގްގެ މަހުގެ އާބާދީއަކީ ހާއްސަ މަހުލޫގުންތަކެއްކަމާއި އެ ސޮރުމެން ހިމާޔަތްކުރަން ޖެހޭކަން،" އެ އިދާރާގެ ޑިރެކްޓަރު ބްރަޔަން އައިލާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *