ޖޯޖިއާގެ އާ ރައީސްއަކަށް އިނގިރޭސި ޕްރިމިއަ ލީގުގެ މެންޗެސްޓާ ސިޓީގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މިކެލް ކެވަލަޝްވިލީ މިއަދު އިންތިހާބުކޮށްފިއެވެ.
އުމުރުން 53 އަހަރުގެ މިކެލްއަކީ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ އަދި ވެރިކަންކުރާ ޖޯޖިއަން ޑްރީމް ޕާޓީގެ ކުރީގެ ޕާލަމަންޓް މެންބަރެކެވެ.
ގާނޫނު ހަދާ މަޖިލީހުން މި ގޮތަށް ނިންމުމުން، ޔޫރަޕްގެ އިއްތިހާދުގައި ޖޯޖިއާ ބައިވެރިވުން މަޑުޖައްސައިލަން، ރަޝިއާއަށް ތާއީދުކުރާ ސަރުކާރުން ނިންމުމުން، ހުޅަނގަށް ތާއީދުކުރާ އިދިކޮޅު ފަރާތްތަކާ ދެމެދު ސިޔާސީ ކޯޅުންވަނީ ހޫނުވެފައެވެ.
މިކެލްއަށް އިންތިހާބު ކާމިޔާބުވެވަޑައިގަތީ 300 އިލެކްޓޯރަލް ކޮލެޖް މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 224 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ރައީސް ކަމަށް ކުރިމަތިލެއްވީ ހަމައެކަނި އޭނާއެވެ.
މިއީ ގައުމީ ފެންވަރުގެ އިންތިހާބެއް ނުބާއްވާ ސީދާ ޕާލަމަންޓުން ރައީސް ހޮވި ފުރަތަމަ ފަހަރެވެ. ޕާލަމަންޓް މެންބަރުންގެ އިތުރުން ލޯކަލް ގަވަންމެންޓްގެ މަންދޫބުން ވެސް ވޯޓުލިއެވެ. މިކެލްއަށް އިންތިހާބު މިހާ ފަސޭހަކަމާއެކު ކާމިޔާބު ކުރެވުނީ އޮކްޓޫބަރު މަހު ބޭއްވި އިންތިހާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހިގެން އެ ހިސާބުން ފެށިގެން މިހާތަނަށް ގައުމުގެ މައި އިދިކޮޅު ހަތަރު ޕާޓީން ޕާލަމަންޓް ބޮއިކޮޓްކޮށްފައިވާތީއެވެ.
މިކެލް ހުވާކުރައްވަން ހަމަޖައްސައިފައިވަނީ މި މަހު 29 ގައެވެ. ޖޯޖިއާގެ ރައީސްގެ މަގާމަކީ ސިޔާސީ ބާރެއް ނެތް ހަމައެކަނި ރަމްޒީ މަގާމެކެވެ.
މިކެލްއަކީ ހުޅަނގުގެ ގައުމުތަކަށް ފާޑުވިދާޅުވާ މީހެކެވެ. އޭނާ ރައީސްކަމަށް ވަޑައިގަތުމުން ޔޫރަޕްގެ އިއްތިހާދުގައި ބައިވެރިވާން ތާއީދުކުރާ ރައްޔިތުންނާއި ރަޝިއާއަށް ތާއީދުކުރާ ރައްޔިތުންގެ މެދުގައިވާ ބައިބައިވުން ބޮޑުވާނެކަމަށް ބެލެވެއެވެ. ޔޫރަޕްގެ އިއްތިހާދުގައި ބައިވެރިވުމާ ބެހޭ ވާހަކަތައް ހުއްޓައިލުމުން ވޭތުވެދިޔަ 16 ރޭގައި އެ ކަމާ އިހުތިޖާޖުކުރާ މީހުންވަނީ ވެރިރަށް ޓްބީލިސީގެ އެކި ސަރަހައްދުތަކުގައި ކޭމްޕްޖަހައިފައެވެ.

ގާތްގަނޑަކަށް 3.7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖޯޖިއާގެ ބޮޑުވަޒީރު އިރަކްލީ ކޮބަހިޑްޒޭ ވަނީ މިކެލްއަށް މަރުހަބާ ދަންނަވައިފައެވެ. އަދި ރައީސްކަމުން ވަކިވެވަޑައިގަތް ސަލޯމޭ ޒޫހާބިޝްވިލީއަށް ފާޑުވިދާޅުވެފައެވެ.
"ސަލޯމޭއަކީ ބޭރު ގައުމުތަކެއްގެ އެޖެންޓެއް،" ވަކި ގައުމެއްގެ ނަން ނުނަގެ، ހުޅަނގުގެ ގައުމުތަކަށް ތާއީދުކުރައްވާ ސަލޯމޭއާ ބެހޭ ގޮތުން އިރަކްލީ ވިދާޅުވިއެވެ.
"މިއަދު ނެގި ރިޔާސީ ވޯޓަކީ ޑިމޮކްރެސީއަށްކުރި މަލާމާތެއް،" އިދިކޮޅު ފަރާތްތަކުގެ އިހުތިޖާޖުތަކުގައި މިހާރު ބައިވެރިވެވަޑައިގަތްފައިވާ ސަލޯމޭ ވިދާޅުވިއެވެ.
މިއަދުގެ ވޯޓުގައި ކޮންމެ ނަތީޖާއެއް ނުކުތަސް މަގާމުން އިސްތިއުފާނުދެއްވާނެ ކަމަށް ސަލޯމޭ ރޭގައި ވަނީ ވިދާޅުވެފައެވެ.
"ޖޯޖިއާގައި ގާނޫނީ ހައިސިއްޔަތު ލިބިފައި މިހާރު ހުރި ހަމައެކަނި މުއައްސަސާއަކީ ރައީސްކަމުގެ މަގާމު. އަހަރެން މި ހުރީ މި ތާނގައި. އަހަރެން ހުންނާނީ މި މަގާމުގައި. އެއީ ހުރިހާ އެންމެންނާއެކު،" އޭނާ ވިދާޅުވިއެވެ.
މަގާމު ދޫނުކުރައްވައިފި ނަމަ ޖޯޖިއަން ޑްރީމް ޕާޓީން އަމަލުކުރާނެ ގޮތެއް އަދި ނޭނގެއެވެ. އޮކްޓޫބަރު މަހު ސީ.އެން.އެން.އަށް ދެއްވި އިންޓަވިޔުއެއްގައި، ސަލޯމޭގެ ފުރާނައަށް ނުރައްކަލެއް ނެތްކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަ ދައްކަވައިފައިވެއެވެ.
"ޖޯޖިއާގެ ކުރިމަގުހާ އަހަރެންގެ ކުރިމަގު އެހާ މުހިންމެއް ނޫން،" އޭނާ ވިދާޅުވެފައިވެއެވެ.
މިކެލްއަށް ފާޑުކިޔާ ފަރާތްތަކުން ވަނީ އޭނާގެ ސިޔާސީ ގާބިލުކަމާމެދު ސުވާލު އުފައްދައިފައެވެ. އެއީ ސިޔާސީ ބެކްގްރައުންޑަކަށްވުރެ ބޮޑަށް ކުޅިވަރުގެ ބެކްގްރައުންޑެއް އޭނާގައި ހުރީމައެވެ.
މިކެލް ސިޔާސީ ދާއިރާއަށް ވެންނެވީ 2016 ގައެވެ. އެއީ ޖޯޖިއާގެ ފުޓުބޯޅަ އިދާރާގެ ވެރިޔާއަށްވުމަށް ޑިސްކޮލިފައިވީމައެވެ. ޑިސްކޮލިފައިވީ އޭނާގެ މަތީ ތައުލީމު ނެތީމައެވެ.
"މިކެލްއަކީ ޖޯޖިއާގެ ރައީސްކަމަށް އެއްގޮތަކަށް ވެސް ކޮލިފައިވާވަރުގެ މީހެއް ނޫން. ޕާލަމަންޓުން އޭނާ އިންތިހާބުކުރުން ގިނަ ރައްޔިތުން ދެކެނީ އެއީ ގައުމަށްކުރި މަލާމާތެއްގެ ގޮތުގައި،" ޖޯޖިއާއިން ޔޫރަޕްގެ އިއްތިހާދަށް ކުރިން ކަނޑައަޅައިފައިހުރި މަންދޫބު ނޭތަލީ ސާބަނާޑްޒޭ ބުންޏެވެ.
"މިއީ އަމިއްލަ ވިސްނުން ގެންގުޅުމުގެ ގާބިލުކަމެއް ނެތް ގޮނޑިކޮއްކޮއެއް އިންތިހާބުކުރުން. މިއީ ހުޅަނދުގެ ނަޒަރިއްޔާތާ މުޅިން ދެކޮޅު ރައީސްއެއް ގެންގުޅޭނެ ކަމަށް ދިން ސިގްނަލެއް،" ނޭތަލީ އިތުރަށް ބުންޏެވެ.
ޖޯޖިއަން ޑްރީމް ޕާޓީގެ ވެރިކަމަށް 12 އަހަރުވެފައި، އޮކްޓޫބަރު މަހުގެ އިންތިހާބު ކާމިޔާބުވީ އެ ޕާޓީއަށް ކަމަށް ބުނާއިރު، އެ އިންތިހާބަކީ މިނިވަން އަދި ދެފުށްފެންނަ އިންތިހާބެއް ނޫންކަމަށް އިންތިހާބު ބެލެހެއްޓި ފަރާތްތަކުން ބުންޏެވެ. މިހެންވެ އަލުން މި އިންތިހާބު ބާއްވަން ޔޫރަޕްގެ އިއްތިހާދުގެ ޕާލަމަންޓުން ގޮވައިލިއެވެ.
އިރަކްލީ ކުރިން ވިދާޅުވެފައިވަނީ ޔޫރަޕްގެ އިއްތިހާދުގައި ޖޯޖިއާ ބައިވެރިކުރާނެ ކަމަށެވެ. ނަމަވެސް މި ދިޔަ މަހުގެ 28 ވަނަ ދުވަހު އެ ނިންމެވުން ވަނީ ބަދަލުކުރައްވައިފައެވެ. އެއީ ޖޯޖިއާގެ ރައްޔިތުންގެ ތެރެއިން 80 ޕަސެންޓް މީހުން ޖޯޖިއާ ޔޫރަޕްގެ އިއްތިހާދާ ގުޅެން ތާއީދުކުރިނަމަވެސްމެއެވެ.
ވޭތުވެދިޔަ މަސްތަކުގައި ޔޫރަޕްގެ އިއްތިހާދާ ޖޯޖިއާގެ ގުޅުންތައް ވަނީ ހީނަރުވެފައެވެ. އެއީ ޖޯޖިއާ ސަރުކާރުން ހުދުމުހުތާރު އަމަލުތައް ހިންގާ ކަމަށާއި ރަޝިއާއަށް ތާއީދުކުރާކަމަށް ތުހުމަތުކުރުމުންނެވެ.
ޔޫރަޕްގެ އިއްތިހާދުގައި ބައިވެރިނުވާނެ ކަމަށް ޖޯޖިއާ ސަރުކާރުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ބުނުމުން އެ ދުވަހުން ފެށިގެން ރައްޔިތުންވަނީ ކޮންމެ ރެއަކު ޕާލަމަންޓް ކުރިމަތީގައި އިހުތިޖާޖުކުރަން ފަށައިފައެވެ. އަދި ފުލުހުންނާއި މޫނު ނިވާކޮށްގެން ތިބޭ ސަލާމަތީ ބާރުތަކުން މުޒާހަރާކުރާ މީހުންނަށް އަނިޔާކުރަން ފަށައިފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. މި ކަމާ ގުޅޭ ގޮތުން ސީ.އެން.އެން.އިން ޖޯޖިއާގެ ދާހިލީ ވުޒާރާއާ ސުވާލުކުރުމުން ވަކި އެއްޗެއް ނުބުނިކަމަށް ސީ.އެން.އެން.އިން ރިޕޯޓްކުރިއެވެ. ނަމަވެސް ރޮއިޓާސްއިން ބުނީ ސަލާމަތީ ބާރުތަކުގައި ހިމެނޭ 150 އޮފިސަރުންނަށް އަނިޔާވިކަމަށް އެ ވުޒާރާއިން ބުނިކަމަށެވެ.
މިއަދަކީ މުޒާހަރާތައް ކުރިއަށްގެންދާތާ 17 ވަނަ ދުވަހެވެ. އިހުތިޖާޖުގައި ބައިވެރިވާ ބައެއް މީހުން ފުޓުބޯޅަތަކުގައި ފައިންޖަހާ މަންޒަރުތައް ފެނެއެވެ. ބެލެވޭ ގޮތުގައި މިއީ މިކެލް ރައީސްކަމަށް ގެންނަން ވޯޓުދިނުމުން ކުރާ މަލާމާތެކެވެ.



advertisment